| އާދިއްތަ, 30 އޮގަސްޓް 2009 10:28 |
| އެސް.އެމް.އެސްގެ އިތުބާރެއްނެތް |
|
ޢަބްދުﷲ ސަޢީދު- ވެރި ފަރާތަށް ނޭނގި، އެ މީހުންގެ ފޯނު ނަންބަރުން އެކި މީސްމީހުންނަށް ތަފާތު މެސެޖްތައް ފޮނުވަމުން އެބަދެއެވެ. މިއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟ ކޮންމެ މީހަކަށްވެސް މި ބިރު އެބައޮތެވެ. އެމީހާގެ ފޯނު ނަންބަރުން ކޮންމެ ކަހަލަ މެސެޖެއްވެސް އެހެން މީހަކަށް ފޮނުވަފާނެއެވެ. އަޅުގަނޑުމެން އެސްއެމްއެސް ތަކަށް ނުހަނު ބޮޑަށް އިތުބާރު ކުރަމުންދާ ދުވަސްވަރެއްގައި މިއީ އިޖްތިމާޢީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. މިއީ އާންމު ރައްޔިތުން ހޭލުންތެރިވާންޖެހިފައިވާ މައްސަލައެކެވެ. އަޅުގަނޑުގެ ރައްޓެއްސަކަށް އޭނާގެ އޮފީހުގައި އުޅޭ ކުއްޖަކު ފޮނުވާފައިވާ " ފޭކު " މެސެޖެއް އަޅުގަނޑަށް ދެއްކިއެވެ. އޭގައި ހުރީ މުޅިންވެސް ހަޑިހުތުރު ވާހަކަތަކެވެ. ވަޒީފާއިން ވަކިކޮށްދިނުމަށްވެސް އެދިފައިވެއެވެ. އެމެސެޖުގެ ޢިބާރާތް ތަކަކީ ފޯނުގެ ވެރިޔާގެ މިޒާޖާއި ސުލޫކާއި ޚިލާފު ވާހަކަތަކެއްކަން އޭނާގެ އޮފީހުގެ ވެރިޔާއަށް ޔަޤީނެވެ. އޮފީހުގެ ވެރިޔާ ނިންމައިގެންހުރީ އޭނާގެ ފޯނު ކޮންމެވެސް ތާކު އޮއްވާ ކޮންމެވެސް އެހެން މީހަކު ކޮށްފައިވާ ޖެއްސުމެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ އޮފީހުގެ ވެރިމީހާއަށް އެހެން ގޮތަކަށް ވިސްނުނުނަމަ އެކުއްޖާގެ ވަޒީފާ ގެއްލުންވެސް އެކަށީގެންވެއެވެ. ވަޒީފާ ގެއްލުމާއި އާއިލާތައް ރޫޅުމާއި އެނޫންވެސް އިޖްތިމާޢީ އެތައް މައްސަލަތަކެއް މި ކަމުގެ ސަބަބުން ފެތުރިގެން ދިއުމަކީ ގާތްކަމެކެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުންތައް ހީނަރުވެ، އެކުވެރިން ހަތުރުންނަށްވެގެން ހިގައިދާނެއެވެ. އެހެންކަމުން މިވާގޮތެއް ބަލާލަން އެބަޖެހެއެވެ. ފޯނުގެ ވެރިފަރާތަށް ނޭނގި އެފޯނުގެ ނަންބަރުން އެސްއެމްއެސް ފޮނުވަމުންދަނީ އިންޓަރނެޓް މެދުވެރިކޮށެވެ. މިކަމަށް ހުންނަ ޚާއްޞަ ސޮފްޓް ވެއާއެއް ގަނެގެން މި ފަރާތްތަކުން މިހިންގާ " ޖަރީމާ" އާ މޯބައިލް އޮޕަރޭޓަރުންނާ އެއްވެސް ގުޅުމެއް ނުވެއެވެ. މި ސޮފުޓްވެއާ އަކީ ބޭނުން ނަންބަރެއް ޖަހައިގެން ބޭނުން ނަންބަރަކަށް އެސްއެމްއެސް ފޮނުވޭ ސޮފުޓްވެއާއެކެވެ. ފޯނުގެ ވެރިފަރާތަށް ނޭނގި ބަދަލުވަމުންދާ އެސްއެމްއެސްތައް އެއީ ފޭކް އެސްއެމްއެސްތަކެއްކަން އެނގެނީ އެންމެ ގޮތަކުންނެވެ. އެއީ މެސެޖް ފޮނުވި ކަމަށް ދައްކާ ފޯނުގެ ލޮގުން އެ މެސެޖް ނުދައްކާތީއެވެ. އެކަކަކު އަނެކަކާ ޖެހޭ ކަހަލަ އަދި އިޖުތިމާޢީ ފޭރާން ފުނޑުފުނޑުވެގެންދާފަދަ ޢަމަލުތަކެއް ހިންގަމުންދާއިރު އެކަން އަދި ކަމާބެހޭ ފަރާތްތަކުގެ މާބޮޑު ސަމާލުކަމަކަށް ނާދެއެވެ. މިހާރުން މިހާރަށް އެޅިދާނެ އެއް ފިޔަވަޅަކީ ސޮފްޓް ވެއާއެއް ބޭނުންކޮށްގެން ފޯނުގެ ވެރިފަރާތަށް ނޭނގި އެ ފޯނުގެ ނަމުގައި އެސްއެމްއެސް ފޮނުވަމުންދާކަން އެންމެންނަށްވެސް އެނގުމެވެ. އަންގައިދިނުމެވެ. |
ކިޔުންތެރިންގެ ޚިޔާލް