| އަންގާރަ, 11 އޮގަސްޓް 2009 21:17 |
| ޑރ. ބިލާލް ފިލިޕްސްގެ ތާރީޚީ ތަގުރީރު |
|
ޢަބްދުﷲ ސަޢީދު- ޑރ. އަބޫއަމީނާ ބިލާލް ފިލިޕްސް އަކީ މަދީނާގެ ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ރިޔާޒުންވެސް ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ޖަމްޢިއްޔަތުއް ސަލަފުން އިންތިޒާމް ކުރެއްވި " ދަ ކޯލް" ގައި ތަޤުރީރު ކުރައްވާށެވެ. އަލިމަސްއުފާ ކާނިވަލުގައި ދެރޭމަތިން ދެއްވި ތަޤުރީރުގެ އިތުރުން ރާއްޖޭގައި އެމަނިކުފާނު ހޭދަކުރެއްވި ދެދުވަހު ވަރަށް އަވަދިނެތި މަސައްކަތް ކުރެއްވިއެވެ. އެކިއެކި ފަރާތްތަކާ ބައްދަލުކުރައްވާ އިސްލާމްދީނާބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ކެނެޑާއަށް އުފަން ޑރ. ބިލާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅާމެދު އަޅުގަނޑު ދަންނަވާނީ އެއީ ދިވެހި ޒުވާނުންގެ މެދުގައި އުފެދިފައިވާ ދީނީ ރޫޙަށް ލިބުނު ހިތްވަރެއް ކަމަށެވެ. ދިވެހި މުޖުތަމަޢުގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން މަސްތުވާ ތަކެއްޗަށް ދެވިހިފާ، ހަލާކުވެފައިވިޔަސް މި މުޖުތަމަޢަކީ ދީނަށް ލޯބިކުރާ ޒުވާނުންވެސް ދިރިއުޅެމުންދާ ތަނެކެވެ. ދީނީ ޚިޔާލުގެ ޒުވާނުން ދީނަށްޓަކައި މަސައްކަތް ކުރަމުންދާ ތަނެކެވެ. ދީން ފަތުރާ ދީނީ ލޯބި ވަރުގަދަކޮށް ދީނީ ޝިއާރު މަތިވެރި ކުރުމަށް މަސައްކަތް ކުރަމުންދެއެވެ. ޖަމްޢިއްޔަތުއްސަލަފުން ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަވައިގެން ކުރެއްވި މަސައްކަތަށް ތަޢުރީފާއި ޝުކުރު ޙައްޤެވެ. ބޯމަތިވަމުން އަންނަނީ ބަރަކާތްތެރި ރަމަޟާންމަހެވެ. ދިވެހިންގެ މެދުގައި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި " ދަކޯލް" ގެ ސަބަބުން ދީނީ އޮއިވަރެއް އުފެދިއްޖެއެވެ. ދީނީގޮތުން ކުރިން ވިސްނަމުންނުދާ ކަންތައްތަކަކަށް ލޯހުޅުވާލައިދީފިއެވެ. ކުރިން އާންމުންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައިނުވާ މައްސަލަތަކާމެދު އާންމު ތަންތަނުގައި ވާހަކަ ދައްކަން ފެށިއްޖެއެވެ. " އިސްލާމް އެންޑް މޮޑަނިޒަމް" ( ޒަމާނީ ތަރައްޤީ އާއި އިސްލާމްދީން ) އަދި " ހޫ އިޒް ޔޯ ލޯޑް " ( ކަލޭގެ ކަލާނގެއަކީ ކާކު؟ ) މި ދެ މައުލޫއަށް ޑރ. ބިލާލް ފިލިޕްސް ކުރެއްވި ދެ ތަޤްރީރުގެ އިތުރުން އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރެވުނު ސުވާލުތަކަށް އެމަނިކުފާނު ދެއްވި ސާފު ސާދާ ޖަވާބުތަކުން ރާއްޖޭގެ ދީނީ ޢިލުމުވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި އެވާހަކަފުޅާ އަޅާކިޔާލަން ފުރުސަތު ލިބުނެވެ. ރާއްޖޭގެ ދީނީ ޢިލުމުވެރިންގެ ތެރޭގައި ޑރ. ބިލާލް އާއި އެއް ފަދައިން ވާހަކަދައްކަވާ ޢިލުމުވެރިން އެބަތިއްބެވިއެވެ. އަދި ހަމަ އެހެންމެ ބައެއް މައްސަލަތައް އަޅުގަނޑަށް ފާހަގަ ކުރެވުނީ ރާއްޖޭގެ ބައެއް ދީނީ ޢިލުމުވެރިން ދެކެވަޑައިގަންނަވާ ގޮތާ ޑރ. ބިލާލްގެ ވާހަކަފުޅު ތަފާތުވެގެން ގޮސްފައިވާތަނެވެ. މައްސަލަތަކާބެހޭގޮތުން ޑރ. ބިލާލު ވާހަކަ ދެއްކެވި ސާދާ ގޮތް ފެނިފައި، އެއީ ދީނީ ޢިލުމުވެރިން ދަސްކޮށް ހިފަހައްޓަންޖެހޭ ގޮތެކޭ ހީވިއެވެ. ދީނީ މައްސަލަތަކާމެދު ވާހަކަ ނުދައްކާ، ހިތުގައި އުފެދިފައިވާ ސުވާލުތަކާމެދު ހިތާހިތާ ސުވާލުކޮށްކޮށް ތިބި ޒަމާން ފަސްދީ ހިގައްޖެއެވެ. ސުވާލުކޮށް ޖަވާބު ހޯދަން ބޭނުންވާ ފަރާތްތަކަށް މަގުވަނީ ހުޅުވިފައެވެ. ރާއްޖޭގައި ދުވަހަކުވެސް ނެތްވަރަށް ދީނީ ޢިލުމުވެރިން މިހާރު އެބަތިއްބެވިއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ދާއީން ރާއްޖެ ވަޑައިގެން ދިވެހިންނަށް ދީނީ ދަރުސް ދެއްވާ ހެއްދެވުމަކީ އަޅުގަނޑުމެންގެ ދީނީ މަޢުލޫމާތު އިތުރުވެގެންދާނެ ކަމެކެވެ. ތަފާތު ދީންތައް ކުރިއަރުވަން އެދީންތަކުގެ މީހުން މަސައްކަތް ކުރާއިރު އެވާހަކަ ދައްކަން ތިބުމުގެ ބަދަލުގައި ޢަމަލީގޮތުން އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރަންވަނީ ޖެހިފައެވެ. ދީނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް އުފެއްދުމުގެ ބޭނުމަކަށްވާންވާނީ މިކަމެވެ. އިސްލާމްދީން ފަތުރައި، އިސްލާމްދީނަށް ނަޞްރުދިނުމެވެ. ދީނަށް ލޯބިކުރާ ޒުވާނުން އުފެއްދުމެވެ. މަގު ތަނަވަސް ކޮށްދިނުމެވެ. މަގު ދެއްކުމެވެ. އިސްލާމީ ނޫރު ފޯރުކޮށްދިނުމެވެ. ދިވެހި ޒުވާނުންވަނީ ޒަމާނީ ވެށްޓެއްގައެވެ. ރާއްޖޭގެ ގިނަ ދީނީ ޢިލުމުވެރިން އެވެށްޓާ ބީރައްޓެސެވެ. ނަމަވެސް ޑރ. ބިލާލް ފިލިޕްސްގެ ތަގުރީރު ޖަމްޢިއްޔަތުއްސަލަފުން އަމާޒުކޮށްފައިވަނީ ޒުވާނުން ދިރިއުޅޭ ޒަމާނީ ވެއްޓަށްކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. |
ކިޔުންތެރިންގެ ޚިޔާލް