އާދިއްތަ, 12 ޖުލައި 2009 15:43
މައިކަލް ޖެކްސަންގެ މަރާމެދު ހައިރާންވާކަށް ނުޖެހެއެވެ.!




މައިކަލް ޖެކްސަން މަރުވި ޚަބާރު މުޅި ދުނިޔޭގެ ޚަބަރު ފަތުރާ ކުދިބޮޑު ހުރިހާ ވަސީލަތްތަކުން ކަވަރު ކުރިއެވެ. އޭނާ މަރުވިއިރު އުމުރަކީ 50 އަހަރެވެ. އެއީ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިއެކެވެ. މަޝްހޫރުކަމާއެކު އޭނާއަކީ ބޮޑު ފައިސާވެރިއެކެވެ. މައިކަލް ޖެކްސަން މަރުވި ޚަބަރާއެކު އެތައް ބަޔެއްގެ ލޮލުން ކަރުނަ ފޫއްދާލިއެވެ. ހިތާމައިގެ މާބޮޑިތަކާއި މެސެޖްތައް ލިޔެފައިވާ ކާޑުތައް ފޮނުވަންފެށިއެވެ. އެކަމަކު މިއަދު މައިކަލް ޖެކްސަންވަނީ އޭނާއަށް ލިބުނު ބޮޑު މުއްސަދިކަމާއި މަޝްހޫރުކަން ދޫކޮށް މި ދުނިޔެއަށް އަބަދަށްޓަކައި ލޯމަރާލާފައެވެ. ޤަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް ޙަޤީޤަތަކީ މިއީއެވެ.

އަހަރެންނަކީ މައިކަލް ޖެކްސަން ފޭނަކަށް ނުވިޔަސް އޭނާ އިސްލާމްވެއްޖެކަމަށް ދުނިޔޭގެ މީޑިއާގައި ޚަބަރު ފެތުރެން ފެށުމުން އޭނާގެ ފަސްބައި ބަލާލަން ބޭނުންވިއެވެ. އެދުވަސްވަރު އަހަރެންނަށް ޖެކްސަން ފެނުނީ މުއްސަދި ކަމާއި މަޝްހޫރުކަމާއެކުވެސް ހިތްދަތި ދިރިއުޅުމެއް އުޅެމުން ގެންދާ މީހެއްގެ ގޮތުގައެވެ. ބޮޑެތި ބަދުނާމުތަކެއްވެ އަބުރު ގެއްލިފައިވާ މީހެއްގެ ގޮތުގައެވެ. ޕޮޕް ސްޓާ މައިކަލް ޖެކްސަން މަރުވުމާއެކު އޭނާއާ ބެހޭގޮތުން ދުނިޔޭގެ އެތަންމިތަނުން ފަތުރަން ފެށި ޚަބަރުތަކާއި ކުރަންފެށި ރިޕޯޓުތަކާއެކު މައިކަލް ޖެކްސަން އަހަރެންނަށް މީގެ ކުޑަދުވަސްކޮޅެއް ކުރިން ފެނުނުގޮތާއި އެއްވެސް ތަފާތެއްނެތެވެ. އޭނާގެ ކުއްލި މަރާމެދު ފޭނުން ހިތްދަތިވެ، ކަންބޮޑުވެ، ހައިރާންވެގެން އުޅުނަސް މައިކަލް ޖެކްސަން އުޅެމުން ގެންދިޔަ ހިތްދަތި ދިރިއުޅުން މީޑިއާއަށް އެގިފައިވާ ވަރަށް އެގިހުރި މީހަކު ހައިރާނެއް ނުވާނެއެވެ.

މައިކަލް ޖެކްސަނަކީ ކަޅުނަސްލުގެ މީހެކެވެ. އެކަމަކު އޭނާ މަރުވެ ދިޔައީ ދޮން ނަސްލުގެ މީހެއްގެ ގޮތުގައެވެ. އޭނާގެ ހަމުގެ ކުލަ ބަދަލުކޮށް ޕްލާސްޓިކް ސާޖަރީ ހަދައިގެން މުޅިން އެހެން މީހަކަށްވިއެވެ. އާއިލާއާއެކު ލަވަކިޔަން ފެށި މައިކަލް ވަނީ ދުނިޔޭގެ އެތައް ރެކޯޑެއް މުގުރާލާފައެވެ. ލަވަޔާ ނެށުމުގެ ހުނަރުން ދުނިޔޭގެ އެހެން ލަވަކިޔުންތެރިންނަށް ގޮންޖަހާފައިވާ ޖެކްސަން މުގުރާލާފައިވާ ރެކޯޑްތައް ގިނައެވެ.  ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް އަމިއްލަ ލަވައެއް ރެކޯޑްކުރުމަށްފަހު މައިކަލް ޖެކްސަންވަނީ މައްޝޫރު އެތައް ލަވައެއް އާންމުންނާއި ހަމައަށް ގެނެސްދީފަ އެވެ. އެގޮތުން މައިކަލް ޖެކްސަންގެ އެންމެ މައްޝޫރުވި އަލްބަމްތަކުގެ ތެރޭގައި، 1979 ގަ ނުކުތް "އޮފްދަ ވޯލް"، 1982 ގެ "ޓްރިލާ"، 1987 ގެ "ބޭޑް"،1991 ގެ "ޑޭންޖަރަސް" އަދި 1995 ގައި ނުކުތް "ހިސްޓްރީ" މިއަލްބަމް ހިމެނެ އެވެ. 1991 ވަނަ އަހަރު ނުކުތް ޑޭންޖަރަސް މިއަލްބަމްގައި ހިމަނާފައިވާ " ހީލްދަވޯލްޑް" މިލަވައިގެ ސަބަބުން އިނގިރޭސިވިލާތުގަ އެކަނިވެސް މިއަލްބަމްގެ ހަތަރުލައްކަ ފަންސާސް ހާހަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ. މައިކަލް ޖެކްސަންގެ ލަވަތަކުގެ ތެރެއިން ހީލްދަ ވޯލްޑް، ބްލެކް އޯ ވައިޓް، ސްކްރީމް އަދި އާރތް ސޯންގް ފަދަ ލަވަތަކަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ ވަރަށް ބޮޑު މަޤްބޫލް ކަމެއް ލިބިފަ އެވެ. މައިކަލް ޖެކްސަން އަށް 13 ގްރެމީ އެވޯޑެއް ލިބިފައިވާއިރު އޭނާގެ 750 މިލިއަނެއްހާ އަލްބަމް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވިކިފައިވެ އެވެ. އެކަމަކުވެސް މައިކަލް ޖެކްސަން އުޅެމުންދިޔައީ ހިތްދަތި ދިރިއުޅުމެކެވެ.

މައިކަލް ޖެކްސަން އަކީ ދުނިޔޭގެ ސުލްހައަށާއި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކޮށް އޭނާގެ މުއްސަނދި މާލިއްޔަތުން ދުނިޔޭގެ ޔަތީމު އަދި ފަގީރު ކުޑަކުދިންނަށް އެތައް އެހީއެއްވެފައެވެ. އަދި އަމިއްލަ ދަރިންގެ އިތުރުން ނިކަމެތި ކުދިން އެޑޮޕްޓްކޮށް އެކުދިން ރަގަޅުގޮތުގައި ބަލަމުން ދިޔަ މީހެކެވެ. އޭނާގެ އުމުރުން އެންމެ 16 އަހަރުގައި މިލިއަނަރަކަށްވިއެވެ. އެކަމަކު އޭނާ އުޅެމުންއައީ ހިތްދަތި ދިރިއުޅުމެކެވެ.

އާއެކެވެ. މައިކަލް ޖެކްސަންވެސް މަރުވީއެވެ. އެތައް ފައިސާތަކެއް ދޫކޮށްލާފައި އޭނާ އެދިޔައީއެވެ. ހަމުގެ ކުލަ ބަދަލުކުރުމަކުން ބޮޑު ފައިސާވެރިއަކަށްވުމަކުން އަދި މަޝްހޫރުކަމަކުން އޭނާއަކަށް އުފާވެރިކަމެއް ނުގަނެވުނެވެ. އާއިލާއިން ތަކުރާރުކޮށް އޮޓޮޕްސީ ހެއްދިއެވެ. އެކަމަކު އަދިވެސް އޭނާގެ މަރުގެ ހަގީގީ ސަބަބު އޮތީ އެ ރިޕޯޓްތަކަށް މުޅިން ކަށަވަރު ނުވެފައެވެ. އެ ރިޕޯޓްތައް ނުހެދިނަމަވެސް އޭނާއަކީ ގިނައަދަދަކަށް ބޭސް ބޭނުންކުރާ މީހެއްކަން މާކުރިންވެސް އެގެއެވެ. ބޭސް ބޭނުންކުރުމަކީ ހަގީގީ ސަބަބަށްވެސް ވެދާނެއެވެ. ބޭސްތަކުގެ ބޮލުގައި މައިކަލް ޖެކްސަންގެ މަރުގެ ޒިންމާ އެޅުވުމުގެ ބަދަލުގައި ވިސްނާލުން ރަނގަޅަކީ އެބޭސްތައް އޭނާ ކާންޖެހުނު ސަބަބާމެދުގައެވެ. ހިތްހަމަ ޖައްސަން ހެއްޔެވެ؟ ތަދު ކަނޑުވަން ހެއްޔެވެ؟

ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔެއިން ފެންނަ ޙަޤީޤަތަކީ އަހަރެމެންގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމެވެ. އަހަރެމެންނަކީ އެކަލާނގެ އަޅުންކަމެވެ. ޤަބޫލުކުރަންޖެހެނީ އަހެރެމެންނަށް މަތިވެރި އިލާހުގެ ތަގުދީރާ ޚިލާފު ނުވެވޭނެކަމެވެ. "ލަވަޔާއި މިއުޒިކަކީ ފުރާނައިގެ ކާނާ " ކަމަށް ބަޔަކު ބުންޏަސް އެއީ ޙަޤީޤަތެއްނޫނެވެ. މަސްހޫރުކަމާއި މަޤްބޫލުކަން ހޯދާފައިވާ އެތައް ލަވަކިޔުންތެރިންނެއް ކުއްލި މަރުން މަރުވެފައިވާކަން ތާރީޚުން އެގެއެވެ. އެފަދަ  ކުއްލި މަރުތަކުގެ ޙަޤީޤަތް ހޯދުމަށް އަހަރެމެންވަނީ ނުކުޅެދިފައެވެ. ރާއްޖޭގައިވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. މިކަންކަމުން ހޯދަންވީ ޢިބުރަތެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+4
 
 
 
ރައްދު ދެއްވުމަށް
މިލިޔުމަކުން އޭނާއަކީ މުސްލިމެއް ކަމެއް، ޔަހޫދީއެއް ކަމެއް ނޫނީ ނަޞާރާއެއް ކަމެއް ނޭނގުނު. އެހެންވީމާ، ފަސްބައި ރަނގަޅަށް ބެލިފައެއް ނެތް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+3
 
 
 
ރައްދު ދެއްވުމަށް
ފަސްބައިގަ ކޯއްޗެއްތަ އޮތީ؟ ފަސްބައި ބެލިނަމަ މިހާ މައުލޫމާތު މަދެއްނުވާނެ.އަބްދުﷲ ސައީދަކީ މޮޅު ލިޔުންތެރިއެއް. މމައިކަލް ޖެކްސަނަކީ ކުރިން ކިތަންމެ މުއްސަނދި މީހަކަސް ފަހުން އޭނަ އުޅުނީ ވަރަށް ފަގީރު ކޮށް. ދަރަނިވެރިވެ ފައިސާގެ އެތައް މައްސަލަ ތަކަކާއި ކުރިމަތިވި. ޖެކްސަނަކީ އަޅުގަނޑު އެންމެ ސަޕޯޓްކުރާ ލަވަކިޔުންތެރިޔާ. އެހެންވެ އަބަދުވެސް މައިކަ؛ލްގެ ޚަބަރުތައް ހޯދަން. އެއީ ވަރަށް ރަންގަޅު އިންސާނެއް. އެނަގެ ލަވަތަކަށް ނިކަން ވިސްނާލަބަލަ. ވާހް
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...