| އާދިއްތަ, 20 ޑިސެމްބަރ 2009 02:47 |
| ބައެއް މުއައްރިޚުންގެ ލިޔުންތަކުން ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް |
|
ޙުސައިން ޙަބީބް / ނ. ފޮއްދޫ – ސުލައިމާން - AD 850 ސުލައިމާނަކީ މީލާދީން 9ވަނަ ޤަރުގައި އުޅުއްވި ޢަރަބި ސައްޔާޙެކެވެ. ނިސްބަތްވަނީ އިރާނަށެވެ. އޭނާ ދިވެހިރާއްޖެއަށް ވަޑައިނުގަތް ކަމުގައިވިޔަސް، ރާއްޖެއާ ބެހޭގޮތުން ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ ކިބައިން މަޢުލޫމާތު ހޯއްދަވައި، އެމަޢުލޫމަތުތައް ހިމަނައި ފާރިސީބަހުން ފޮތެއް ލިޔުއްވާފައިވެއެވެ. ޖޯގުރަފީގޮތުން ދިވެހިރާއްޖެ އުފެދިފައި އޮތް ސަރހައްދާއި ފެންނަންހުރި ކަންތައްތައް ސިފަކޮށްދެއްވުމަށް އޭނާ ބަޔާންކުރައްވާފައިވާ ވަހަކަތައް ވަރަށް ގިނައެވެ. ސުލައިމާނާ ހަވާލާދެއްވާ މުޙައްމަދު އިބްރާހިމް ލުޠުފީ (1992) ވިދާޅުވާގޮތުގައި ސީ އޮފް ހާރކެޑް (ބޭ އޮފް ބެންގޯލް) ގައި ގާތްގނޑަކަށް 1900ރަށް އޮވެއެވެ. މިރަށްތަކުގެ ވެރިކަންކުރަނީ އަންހެނެކެވެ. މިރަށްތަކުގައި ދިވެހިރުއް ހައްދާފައި ހުރެއެވެ. އެއްރަށާއި އަނެއްރަށާ ދެމެދުގައިވާ ދުރުމިނަކީ ގާތްގަނޑަކަށް 3.2 މޭލެވެ. މިރަށްތަކަށް ކަނޑުން މާވަހަރު ލައްގައެވެ. މިރަށްތަކުގެ މީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ އަސްލަކީ ފަޅުން ހިލާ ބޮއްޔެވެ. ސުލައިމާނާ ހަވާލާދެއްވައި ލާސް ވިލްގޯން ލިޔުއްވާފައިވާ ލިޔުމަކުން ދިވެހިން ބޮލިހިލައި އުޅުނުގޮތް ވަރަށް ރަނގަޅަށް ހާމަވެއެވެ. އެލިޔުމުގައިވާގޮތުން، " އެބައިމީހުން ބޮލިނަގަނީ ކަނޑުގެސަޠަހުންނެވެ. އެތެރޭގައި ދިރޭ މަސްގަނޑެއް އޮންނަ މިބޮލިތައް ނަގަނީ ރުކުގެ ފަންތައްކެއް މޫދަށް އަޅައި އެފަންތަކުގެ އެހީގައެވެ. އެއަށްފަހު، މިބޮލިތައް ވެލިގަނޑުގައި ވަޅުލައި ކުނިވަސް ފިލުވައެވެ. އަދި ރާނީގެ ޚަޒާނާގައި މިބޮލިތައް ރައްކާކުރެއެވެ. މިބޮއްޔަށް ކިޔަނީ "ކަބްތަޖް" (kabtaj ( އެވެ." މިފަދަ ވާހަކަތަކަށްފަހު، ދެން ބަޔާންކުރައްވާފައިވަނީ "ސަރަންދީބު" (ސްރީލަންކާ) އާ ގުޅުންހުރި ވާހަކަތަކަށްވާތީ އެބައި ދޫކޮށްލަމެވެ. މިދެންނެވި ކަންތައްތަކުގެ ގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ ޤަދީމީ ދިވެހިންގެ މަސައްކަތްތެރިކަމާއި ދިރިއުޅުން ސިފަކޮށްފައިވާ ގޮތެވެ. އެދުވަސްވަރުގެ ދަތުރުވެރިންނާއި ޙަވާލާދެއްވާ ސުލައިމާނު ބަޔާންކުރައްވާފައިވާ ގޮތުގައި އަތްތެރިމަސައްކަތަށް މިރަށްތަކު (ދިވެހިރާއްޖޭގެ ރަށްތަކުގެ) ގެ މީހުންނަށްވުރެ ވަކީން ކުޅަދާނަބަޔަކު ނުވެއެވެ. ފޭރާންވިޔެއެވެ. ފޭރާމުގެގޮތުގައި ވިޔަނީ ލިބާހާއި ފޭއްޔެވެ. އޭގައި އަތްކަން އަޅައެވެ. ނައުޒޯރު އަމިއްލައަށް ހަދައި މުދާ އަރުވައި އެ އޮޑިފަހަރު ބަރާކުރެއެވެ. ގެދޮރުވެސް ޢިމާރާތްކުރަނީ ދިވެހިން އަމިއްލައަށެވެ. ![]() ސުލައިމާނުގެ މި ހޯދުންތަކަށް ބަލާއިރު، ޖޯގުރަފީގޮތުން ރާއްޖެ އޮތްހިސާބާއި ރަށްތައް އެތުރިފައިވާގޮތާއި ރާއްޖޭގެ ވަޒަންވެރިންގެ ވެރިކަމުގެ ބާވަތައި ވެރިކަމުގެ ބާރު އޮތްފަރާތް އަދި މަސައްކަތްތެރިކަން ހާމަކޮށްދިނުމަށް ދައްކަވާފައިވާ ވާހަކަތަކަށް ދޮގު ކުރުމުގެ ޖާގައެއް ނެތެވެ. އެއީ އެތައް މުއައްރިޚުންނެއް މިކަންކަމަށް އިޢުތިރާފްވެވަޑައިގެންފައި ވާތީއެވެ. ޚާއްޞަކޮށް ދިވެހިންގެ ގެދޮރު ޢިމާރަތްކުރުމާއި މަސައްކަތްތެރިކަން ސުލައިމާނުގެ ބަޔާނާންކުރައްވާފައިވާ ގޮތްތައް، މިހާރުވެސް ދިވެހިން މުޖުތަމަޢިން ފެންނަން ހުރީމަކީ އެވާހަކަތައް ޤަބޫލުކުރެވޭ އެންމެ ބޮޑު ސަބަބެވެ. ވުމާއެކު، ސުލައިމާންގެ ހޯދުނަތައް ކުރުކޮށްލުމަށްފަހު އެހެންފަހަރަކުން އަބުލް ޙަސަން ޢަލީ އަލްމަސްޢޫދީގެ ހޯދުންތަކަށް ބަލައިލުމަށް ކުރުކޮށްލަމެވެ. |
ކިޔުންތެރިންގެ ޚިޔާލް