އަންގާރަ, 15 ޑިސެމްބަރ 2009 18:28
ބައެއް މުއައްރިޚުންގެ ލިޔުންތަކުން ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް

ޙުސައިން ޙަބީބް / ނ. ފޮއްދޫ -

ދިވެހިރާއްޖެއާ ގުޅުންހުރި ލިޔުންތައް ލިޔުއްވާފައިވާ ލިޔުންތަކުން ފެންނަން ހުރީ، އެލިޔުމެއް ލިޔުއްވި މުވައްރިޚެއްގެ ދާއިރާއާ ގުޅުންހުރި ކުލަވަރެވެ. އެގޮތުން ޗައިނާގެ ޑު ޔޫ ވެސް ލިޔުއްވާފައިވަނީ އޭނާގެ ދާއިރާއާ ގުޅުންހުރިގޮތަށް ބުރަވެ ހުންނަވައިގެންނެވެ. އެކަން ޑު ޔޫ ގެ މަޢުލޫމާތަށް ބުރަވެހުރެ، އަޅުގަނޑު ލިޔެފައިވާ ލިޔުމުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ޑު ޔު – 792 AD

ޑު ޔޫ(Du You)  އަކީ ޗައިނާގެ ސިޔާސީ ލިޔުންތެރިއެކެވެ. މި މުއައްރިޚު، ޗައިނާގެ ޑައިނާސްޓީގެ އެމްޕަރަރ ޑެ ޒޯންގ (De Zong)ގެ ޕްރައި މިނިސްޓަރެއްގެ ގޮތުން މަސްއަކަތް ކުރައްވާފައިވަނީ މީލާދީން 732 އިން 812 އަށެވެ. ލިޔުންތެރިއެއްގެ ގޮތުގައި ޑު ޔޫ މަސައްކަތް ކުރެއްވި ދުވަސްވަރު "ދުނިޔޭގެ ސިޔާސަތު" މިނަމުގައި ލިޔުއްވާފައިވާ ފޮތުގައި ދިވެހިރާއްޖެއާއި މަލިކާ ބެހޭގޮތުން ގިނަ ވަހަކަތަކެއް ބަޔާންކުރައްވާފައި ވާކަމަށް މުޙައްމަދު އިބްރާހިމް ލުޠުފީ ވިދާޅުވެފައި ވެއެވެ. ޑު ޔޫ އަކީ ސިޔާސީ ލިޔުންތެރިއަކަށް ވުމުން، ގިނައިން ލިޔުއްވާފައިވަނީ ރާއްޖޭގެ ސިޔާސީ ކަންތައްތައް ހިގަމުންއައި ގޮތެވެ. ނަމަވެސް މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުރި ނެތްގޮތްވެސް ބަޔާންކުރައްވާފައިވެއެވެ.

" އަންހެނުންގެ ރަށް " މި ސުރުޙީގެ ދަށުގައި ޑު ޔޫ ލިޔުއްވާފައިވާ ލިޔުއްވުމުން ދޭހަވާގޮތުގައި ޑައިނާސްޓީގެ ދުވަސްވަރު(580މ – 620މ) ގެ ޒަމާނުގައި އަންހެނުންގެ ރަށާއި ޑު ޔޫ ގެ ރަށާދެމެދު ގުޅުމެއް އޮވެއެވެ. އަންހެނުންގެ ރަށުގެ ރާނީއަކީ "ސުޕީ ( supi )" އެވެ. ފިރިކަލުންނަކީ "ޖިޖޫ ) jiju )" އެވެ. އަންހެނުންގެ ރަށްކަމަށް މުއައްރުޚުން ލިޔުއްވަނީ "ދިވެހިރާއްޖެ އާއި މަލިކު" އެވެ. ޑު ޔޫ އާއި ހާވާލާދެއްވާ މުޙައްމަދު އިބްރާހިމް ލުޠުފީ ވިދާޅުވާގޮތުގައި އެދުވަސްވަރު (580މ – 620މ) އެރަށު(ދިވެހިރާއްޖެ އާއި މަލިކު)ގެ ފިރިހެނުން ވެރިކަމުގެ ކަންތައްތަކާ ނުބެހޭއެވެ. އެބައި މީހުންގެ މަސައްކަތަކީ ރަށް ދިފާއު ކުރުމެވެ. ވެރިކަން ހިންގަވަނީ ރާނީއެވެ. ސަރުކާރުގެ އެހެނިހެން މަތީ މަޤާމަތަކަށްވެސް އިސްކުރެވެނީ އަންހެނުންނެވެ. ރާނީ މަރުވެއްޖެނަމަ އެންމެން އަތުން ފައިސާނަގައި ރަނިކަމަށް މީހަކު އިސްކޮށް އެމީހެއްގެ ޢައިލާއަށް އެފައިސާ ހަދިޔާކުރެއެވެ. މި ރަށް ހިމެނޭ ޤައުމުގެ އެހެންރަށްރަށުގައިވެސް "ސަބް' ރާނީން އައްޔަނަ ކުރެއެވެ.

ހަމައެހެންމެ އަންހެނުންގެ ރަށުގައި ސިޓީ( city)އެއް ވާކަމަށާއި އެސިޓީގެ އާބާދީއަކީ ގާތްގަނޑަކަށް10000 މީހުން ކަމަށާއި ރަށުގެ ބޮޑުމިނަކީ 6-5 [1]ލީ ކަމަށް ބަޔާންކުރައްވައެވެ. އަދި ރަނިކަމަނާ އުޅުއްވަނީ ބޮޑުގަނޑުވަރެއްގައި ކަމަށާއި އަރިހުގައި 100ބާންދީން ގެނަގުޅުއްވާ ކަމަށާއި ކޮންމެ 5 ދުވަހުން އެއްދުވަހު ދަރުބާރު ކުރައްވަން ރަނިކަމަނާ ނިކުމެވަޑައިގަނަކަމަށް ވެއެވެ. ރެޔާއި ދުވާލު އެތައް ފަހަރަކު ޖިންސީގުޅުން ހިންގުމަށް މިރަށްތަކުގެ އަހުލުވެރިން ޝައުޤުވެރިވެއެވެ. މިރަށްތަކުގެ އަންހެނުން ބޮލުގެ އިސްތަށިގަނޑު ގަތާފައި ތިބޭއިރު، ފިރިހެނުގެ ބޮލު އިސްތަށިގަނޑު ހުންނަނީ ދިގުކޮށްފައި ކަމަށްވެސް، ޑު ޔޫ އާއި ޙަވާލާދެއްވައި ލާސް ވިލްގޯން ބަޔާންކުރައްވާފައި ވެއެވެ.

ޑު ޔޫ ގެ ލިޔުއްވުމުގައި މީހުންގެ ދިރިއުޅުންވެސް ސިފަކުރައްވާފައި ވެއެވެ. އެގޮތުން އަންހެނުންނަށް ޚާދިމުން ގެންގުޅުމުގެ ފުރުޞަތު ލިބޭއިރު، ފިރިހެނުންނަށް ޚާދިމާއިން ގެންގުޅުމުގެ ފުރުޞަތު ނުލިބެއެވެ. ފާހަގަކުރެވޭ އަނެއްކަމަކީ ޢާއިލާގެ އެންމެ އިސްވެރިޔަކަށް އެޢާއިލާގައި ހިމެނޭ އެންމެ އާދައިގެ އަންހެންމީހާ ހަމަޖެއްސުމެވެ. ލިބޭ ކުދިން އަންހެނުންނަށް ނިސްބަތްކުރެއެވެ. ނަމަވެސް، މަޝްހޫރު ތާރީޚް ޢިލްމުވެރިޔާ މުޙައްމަދު އިބްރާހިމް ލުތުފީ ޤަބޫލުކުރައްވާގޮތުގައި ޑު ޔޫގެ ގިނަ ވާހަކަތައް ދިވެހިރާއްޖެއާއި މަލިކާ ގުޅުން ހުރިނަމަވެސް ބައެއް ވާހަކަތައް ގުޅިފައިވަނީ ކޮންމެވެސް އެހެން ރަށްތަކާ އެވެ.

މިބަޔާންކުރި ކަންކަމާމެދު މުއައްރިޚް (މުޙައްމަދު އިބްރާހިމް ލުޠުފީ) ގެ ޚިޔާލު އެހެން ހުރިނަމަވެސް، ބޮޑަށް ބުރަވެވެނީ ޑު ޔޫ ބަޔާންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ވާހަކަތައްކަމުގައެވެ. އެއީ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ވެރިކަމުގެ ބާރުތައް ޚަދީޖާރެހެންދީ، އެނދިމަރިޔަނބުފަދަ އަންހެންބޭފުޅުން ހޯއްދަވާފައިވުމާއި ޕިރާޑް ލިޔުއްވުމުގައިވެސް ދިވެހި އަންހެނުންގެ މިދންނެވި ސިފަތައް  ބަޔާން ކުރައްވާފައި ވާތީއެވެ. އަދި ޖޯގުރަފީގޮތުން ރާއްޖޭގެ ސިފަތަކާމެދު ދައްކަވާފައި ހުރިވާހަކަތައް މިހާރުގެ ސިފަތަކާ ދެމެދު މާކަބޮޑު ތަފާތެއް ނެތުމަކީވެސް ޤަބޫލުކުރެވޭ ސަބަބެކެވެ.  ޑު ޔޫ ގެ ވާހަކަތައްވެސް ކުރުކޮށްލުމަށްފަހު ޢަރަބި ސައްޔާހެއްކަމުގައިވާ ސުލައިމާނުގެ މަޢުލޫމާތަށް އެހެންފަހަރަކުން ބަލައިލުމަށް މިލިޔުން ކުރުކޮށްލަމެވެ. އިންތިޒާރު ކުރައްވާނެކަމަށް ހީކުރަމެވެ.