| ހޯމަ, 14 ޑިސެމްބަރ 2009 12:36 |
| ''ހަޤީޤީ ޗެމްޕިއަނުންނަކީ'' އަދި ވެސް ހަމަ ދިވެހިރާއްޖެ! |
ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި އިއްޔެ ނިމިގެންދިޔަ މިސަރައްހައްދުގެ އެންމެބޮޑު ފުޓްބޯޅަ ޢީދު ސާފްޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ދިވެހިރާއްޖެ ބަލިކޮށް އަވައްޓެރި އިންޑިޔާ މިމުބާރާތުގެ ތަށި ހޯދުން ވެގެންދިޔައީ ދިވެހިންގެ ހިތްތަކަށް ޤަބޫލުކުރަން އުނދަގޫ ވޭނީ އިހުސާސެއް ކުރުވި ކަމަކަށެވެ. އިއްޔެގެ މެޗަށް ބަލާލާއިރު، އިންޑިޔާއިން ފައިނަލް މެޗަށް ތައްޔާރުވެފައިވަނީ ކޮންމެ ގޮތަކުންވެސް ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ. އެމީހުން ބޭނުންވީ ރާއްޖޭގެ ކުޅުން ހަލާކުކޮށްލައިގެން މަތީގައި ބޯޅަ ބާއްވައިގެން ރާއްޖޭގެ ޓީމަށް ކުޅެނުގަނެވޭނޭ ގޮތަށް މެޗްގެ އޮއިވަރު އަނބުރައިގެން މިގޮތުގައި ހިފެއްހެއްޓުމެވެ. އެގޮތަށް އެމީހުން ކުޅެފިއެވެ. އަދި އެކަން އެންމެފަހު ވަގުތު ކާމިޔާބުވެސް ކޮށްފިއެވެ. ދެން އޮތީ ޤައުމީ ޓީމްގެ ވާހަކަ އެވެ. މިފަހަރުގެ މުބާރާތަށް ރާއްޖެ ވަރަށްބޮޑަށް ތައްޔާރުވިއެވެ. މެންޓަލީ، ފިޒިކަލީ މިހުރިހާކަމަކަށް ޓީމް އޮތީ ހަޤީޤަތުގައިވެސް ތައްޔާރުވެފައެވެ. މުބާރާތަށް ތައްޔާރުުމުގެ ގޮތުން ކުޅުނު ޕްރެކްޓިސް މެޗުތަކުންވެސް މިކަން ސާބިތުވެއެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރަކު އެއްބަސްވި ގޮތުގައި ގައުމީ ޓީމްގައި އެހެންފަހަރުތަކާ އަޅާބަލާއިރު، މިފަހަރު މާބޮޑު މައްސަލަތަކެއް އުޅޭހެނެއް ހިއެއް ނުވެއެވެ. އެހެންނަމަވެސް ޓީމްގެ ކުޅުންތެރިންނަށް ތަށި ދިފާޢު ކުރަން ނުކުތުމުގައި އެދިމާވާ ފްރެޝަރެއް ކޮންމެވެސް ވަރަކަށް އޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަނެއްކޮޅުން މުބާރާތް ފެށުނީއްސުރެ މިސަރަޙައްދުގެ މީޑިޔާ ރާއްޖޭގެ ޓީމަށް ލޯއަޅާފައިވުން މިއީވެސް ދިމާވި ހުރަހެއް ކަމަށް އޭނާ އެއްބަސްވެލެއްވިއެވެ. އިއްޔެ ފައިނަލް މެޗްގައި އާބާދީގެ ގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ބައިބޯ ޤައުމު ކަމުގައިވާ ވަރުގަދަ އިންޑިޔާއިން މިކުޑަކުޑަ ދިވެހިރާއްޖެ އަތްދަށު ނުވިކަން މެޗް ބެލި ގިނަ ބަޔަކު ޤަބުލުކުރާނެއެވެ. މެޗްގެ ނުވަދިހަ މިނެޓް އެއްވަރުވެގެން، ފަނަރަ މިނެޓްގެ ދެހާފްގައި ވެސް ހަމަ އެކައްޗެއްވެސް އޮތީ ހަދާނުލެވިފައެވެ. އެކަމަކު މި ފަނަރަ މިނިޓްގެ ދެހާފްގައި ދިވެހިން އެބައިމީހުންގެ ފެންވަރު މުޅި ދުނިއަށް ދައްކައި މިސަރަޙައްދުގެ ފުޓްބޯޅައިގައި ''ރަސްގެފާނަކީ'' އަދިވެސް ދިވެހިރާއްޖެކަން ކަން އެވަނީ ސާބިތުކޮށްދީފައެވެ. މޮޅުވުމާއި ނުވުމަކީ ކުޅިވަރުގައި އޮންނަޖެހޭ އެއްޗެއްކަމުން ޕެނަލްޓީ ޖަހައިގެން 1-3 އިން ދިވެހިން ބަލިވުމަކީ ހަޤީޤަތުގައި ވެސް ލިބުނު ކާމިޔާބެއްކަމުގައި ނޫނީ ނުވެއެވެ. ބޭރުގެ މީޑިޔާތަކުންވެސް އެންމެ ފަހުވަގުތުވެސް ބުނެފައިވަނީ އިންޑިޔާ ތަށިގެންދިޔަ ނަމަވެސް ''ޙަޤީޤީ ޗެމްޕިއަނުން'' ނަކީ ދިވެހިރާއްޖެ ކަމުގައެވެ. މިއީ ސުވާލެއް އުފެދޭ ކަމެއް ނޫނެވެ. މިއީ އުންމީދު ގެއްލެންވީ ވަގުތެއް ނޫނެވެ. މިއީ ވަކިމީހަކު މެޗްބަލަން ގޮސްގެން ނުވަތަ ވަކި މީހަކު މެޗް ބަލަން ނުގޮސްގެން ވީކަމެއް ނޫނެވެ. މިފަހަރު އަހަރެމެންގެ ނަސީބު ހަމަނެތީއެވެ. |
ކިޔުންތެރިންގެ ޚިޔާލް