ހޮނިހިރު, 12 ޑިސެމްބަރ 2009 22:25
ފައިނަލް މެޗް – ދިވެހިންގެ އުއްމީދާއި ގުޅިފައި

އެމްއެލް ޓީމް -

ސާފްޗެމްޕިއަން ޝިޕްގެ ފައިނަލަށް ރާއްޖެ ދިއުން ވެގެންދިޔައީ ދިވެހިން ކުރަމުން އައި އުއްމީދެއް އަނެއްކާވެސް ޙަޤީޤަތަކަށް ވުމަށް މަގުފަހިވި ކަމަކަށެވެ. ސެމީފައިނަލްގެ އެންމެފަހު ކަށިގަނޑު ފުމެލުމާއެކު އެންމެން އުފަލުން ފޮޅުނެވެ. ހަމައެވަގުތުން ފެށިގެން ފައިނަލްމެޗަށް ތައްޔާރުވުމުގެ މަސައްކަތް ޤައުމީ ރޫހާއި ޖޯޝާއި ފޯރީގައި ކުރަން ފެށުނެވެ. ބައެއް މީހުން ގޭގެ ސިޓިންގ ރޫމްގައި ހުރި ޓީވީ ބަދަލުކޮށްލިއެވެ. ގޯޅިގޯޅިއާ މަގުތައް ޤައުމީ ދިދައިގެ ކުލަތަކުން ޖަރީވެގެން ދިޔައިރު، އަނެއް ބަޔަކު ޕްރޮޖެކްޓަރ ހޯދައި ބޮޑު ސްކްރީނުން ފައިނަލް މެޗް ބަލައިލާން ތައްޔާރު ވާންފެށިއެވެ.

ފައިނަލް މެޗަށް ތައްޔާރުވަމުން ދިޔައިރު އެންމެ ބާރުބޮޑީ ޓީމްގެ ޖާޒީއަށެވެ. ޖާޒީ ވިއްކާ ބައެއް ފިހާރަތަކުގައި ޖާޒީ ހޯދަން ގޮސްތިބި މީހުންގެ ކިޔު ބޮޑުކަމުން ސޮނީ އާއި އޯލްސްޕޯޓްސް މިރޭގެ ނުވަގަޑި ބައިނުވަނީސް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ޖާޒީ ވަގުތުން ތައްޔާރުކޮށްދޭ އީވް ގާމެންޓްގައިވެސް ހާލަތުހުރީ އިއްޔެ އާއި މިއަދާއި މިރޭވެސް ހަމަ އެގޮތުގައެވެ. އެތަނުގެ މުވައްޒަފުންނަށް ނޭވާލާނެ ވަގުތެއްވެސް ނުވެޔޭ ދެންނެވުމަކުން ގޯހަކަށް ނުވާނެއެވެ. އެހާވެސް ބާރުބޮޑެވެ.

މީގެއިތުރުން ޤައުމީ ދިދަ އާއި ރަތް ފުށްޕާހަމުގެ ވިޔަފާރި މިރޭ ރަނގަޅުކަމަށް މިތަކެތި ވިއްކާ ފިހާރަތަކުން ބުނެއެވެ. ދިދަ ވިއްކާ ފިހާރައަކުން މިއަދު ބުނީ އެމީހުން ގެނައި ދިދައިގެ ސްޓޮކް ހުސްވުމަކަށް ކައިރިވެފައިވާ ކަމަށެވެ. ޤައުމީ ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި އާންމުން މަސައްކަތްކުރާ ތަންތަނުގައި މާދަމާ ރަތް ކުލައިގެ ހެދުމެއްގައި ނުވަތަ ޓީމް ޖާޒީގައި މަސައްކަތްކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

ކޮންމެއަކަސް މާދަމާއަކީ ބޮޑު ދުވަހަކެވެ. ﷲގެ ރަޙުމަތްފުޅުން ފައިނަލް މެޗުން މޮޅުވެ ޗެމްޕިއަންކަން ރާއްޖެއަށް ލިބުން ވެގެންދާނީ އަނެއްކާވެސް ޤައުމަށް ބޮޑު ޢީދެއް އައިސްގެން އުޅޭހެންނެވެ. އެހާވެސް ފޯރިގަދަވާނެއެވެ. މިއީ އަހަރެމެންގެ އުއްމީދާއި ގުޅިފައިވާ ކަމެއްވީމައެވެ. އެމްއެލް ޓީމް ވަނީ ޤައުމީ ޓީމާއެކުއެވެ.