| ބުރާސްފަތި, 10 ޑިސެމްބަރ 2009 18:47 |
| ބައެއް މުއައްރިޚުންގެ ލިޔުންތަކުން "ދިވެހިރާއްޖެ" |
|
ޙުސައިން ޙަބީބް / ނ.ފޮއްދޫ - އާކިއޮލިޖިސްޓުންގެ ހޯދުންތަކަށް ބުރަވެ، ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅޭތާ މިހާރު ގާތްގަނޑަކަށް 2500 އަހަރު ވެދާނެއެވެ. މިއީ ޙަޤީޤަތެއްނަމަ ޤަބޫލުކުރެވެނީ އެދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ތާރީޚެއް އޮންނާނެކަމުގައެވެ. އަދި މިދެންނެވި ތާރީޚް ވާނީ ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ ވަޒަންވެރިންނާއި ވަޒަންވެރިންގެ ދިރިއުޅުމުގެ އާދަކާދައާއި ސަޤާފަތް ސިފަކޮށްދޭ ތާރީޚަކަށެވެ. ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚުގެ ޙަޤީޤަތް ހޯއްދެވުމަށް ގިނަ މުއައްރިޚުންތަކެއްވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުގެ ގިނަމުއައްރިޚުންނާއި ރާއްޖޭގެ މުއައްރިޚުން ހިމެނެއެވެ. ހަމައެހެން ރާއްޖެއިން ބޭރުގެ މުއައްރިޚުން ދިވެހިރާއްޖެއާއިބެހޭ ގިނަމަޢުލޫމާތު ހޯއްދަވައިފައިވަނީ އަވެއްޓެރި ޤައުމުތަކުންނާއި އެޤައުމުތަކުން ދިމާވި ރާއްޖެއަށް ގޮސް، އައިސް އުޅުނު ސައްޔާޙުންނާއި ވިޔަފާރިވެރިންގެ ކިބައިންކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ބޭރުގެ މުއައްރިޚުންނާއި ދިވެހިރާއްޖޭގެ މުއައްރިޚުން ގުޅިވަޑައިގެ ރާއްޖޭގެ ތާރީޚީ ހޯއްދެވުންތައް ހޯއްދެވުމަށް ޢަމަލީގޮތެއްގައި މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. ވުމާއެކު، އެބޭބޭފުޅުންގެ މަސައްކަތުން ލިބުނު ހެކިތަކުގެ އަލީގައި ވިދާޅުވެފައިވާ ވާހަކަތައް ހޯދާބެލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެގޮތުން ޤަދީމީ ތާރީޚްކަމަށް އަޅުގަނޑު ބަލާފައިވާނީ މީލާދީ 12 ވަނަ ޤަރުނުގެ ކުރީގައި ދިވެހިރާއްޖޭގެ ކަންތައްތަކާ ބެހޭގޮތުން މުއައްރިޚުން ބަޔާންކޮށްފައިވާ މަޢުލޫމާތަށެވެ. ޔުއާން ޗުވާން – 630 A.D. ޔުއާން ޗުވާންއަކީ ޗައިނާގެ މަޝްހޫރު ލިޔުއްވުންތެރިއެކެވެ. އޭނާ ދިވެހިރާއްޖެއާމެދު ޝަޢުޤުވެރިކަން ބަހައްޓަވާ، ރާއްޖޭގެ ހޯދުންތައް ހޯއްދަވާފައި ވެއެވެ. ޔުއާން ޗުވާން ދިވެހިރާއްޖެއާބެހޭ ހޯދުންތައް ހޯއްދަވާފައިވަނީ މީލާދީން 629 އިން 645 އަށް ދިވެހިރާއްޖެއާ ކައިރީގައިވާ އިންޑިޔާ ކޮންޓިނެންޓަށް ވަޑައިގެން ބުޑިސްޓް ދީން ދިރާސާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެއިންނެވެ. އާދެ! ބުޑިސްޓް ފޮތްތަކުންނާއި ސްރީލަންކާގެ ބުޑިސްޓުންގެ ކިބައިންނެވެ. އަދިހަމަ އެހެންމެ ރާއްޖެއަށް އަހިސް،ގޮސް އުޅުނު ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ ކިބައިންނެވެ. ބޮޑަށް ބަލާފައިވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވި ދުވަސްވަރާއި މީހުންގެ ސިފަތަކާ ބެހޭގޮތުންނެވެ. މިދެންނެވި ޔުއާން ޗުވާންގެ ހޯއްދެވުންތަކަށް ޙަވާލާދެއްވާ މިސްޓަރ ލާސް ވިލިގޯން ވިދާޅުވެފައިވަނީ ޗައިނާގެ ދަތުރުވެރިން ބީ ސީގެ 2ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އިންޑިޔާ ކަނޑުގައި ދަތުރުފަތުރު ކުރަމުން އަހިސްފައިވާކަމަށެވެ. އަދި މިފަދަ ދަތުރުތަކުގައި މޫސީމީގޮތުން ކުރިމަތިވާ ކަންތައްތަކެއްގެ ސަބަބުން ދިވެހިރާއްޖޭގައި މަޑުކޮށް ބޯފެނާއި ދަރާއި ބައެއް ވައްތަރުގެ ކާބޯތަކެތިލައި އޮޑި ބަރުކުރާކަމަށްވެސް އޭނާ ހާމަކުރައްވާފައިވެއެވެ. މިވާހަކަތަކަށް ބުރަވެ ބައެއް މުއައްރިޚުން ވިދާޅުވެފައިވަނީ ބީ ސީ ން 2000 އަހަރު ކުރިންވެސް ޗައިނާމީހުން ރާއްޖެ ފާހަގަކޮށްފައިވާކަމަށާއި އެދުވަސްވަރުވެސް ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެފައިވުމަކީ ވަރަށް އެކަށީގެން ވާކަމެއްކަމަށެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ މިތާރީޚްގައި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެފައި ވެދާނޭކަމާމެދު ގިނަ މުއައްރިޚުންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. އެއީ ޔުއާންގެ ލިޔުއްވުން ތަކުގައިވެސް ކަނޑައެޅިގެން އެދުވަސްވަރު (ބީ ސީ 2000އަހަރު ކުރިން) ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅުނުކަމަށް ބަޔާންކުރައްވާފައި ނެތީމައެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމުގެ ދުވަސްވަރާމެދު ވަހަކަތައް ކޮންމެގޮތަކަށް ހުރިނަމަވެސް "ކޮކްނަޓް އައިލެންޑް" އާއި ބެހޭގޮތުން ޗުއާން ލިޔުއްވާފައިވާ ލިޔުމުގައި އަންނަނިވި ޢިބާރާތްކޮޅު، ދިވެހިރާއްޖެއާއި އަދި އެރާއްޖޭގައި މީހުން ވަޒަންވެރިވެފައިވާކަމަށް ދެކެވޭ ވާހަކަގައި ގުޅުންހުރީ ކިހާމިންވަރަކަށްތޯ ބަލަންޖެހެއެވެ. އާދެ! އެ ޢިބާރާތްކޮޅުގައިވާގޮތުން "”Seng – Ka – La (ސިލޯނު) އިން 1000ލީ (600ކިލޯމީޓަރ) ދުރުގައި އޮންނަ “Na – Lo – Ki–Lo – Chou” އަށް މީހުން ގޮސް އުޅުނެވެ. އެމީހުންނަށް ފެނިފައިވާ މީހުން އިންސާނުންނާއި އެއްގޮތެވެ. އެރަށްތަކުގެ މީހުންގެ އިސްކޮޅު 3 ފޫޓަށްވުރެ ދިގެއްނުވާނެއެވެ. އަދި ލިބިފައިވަނީ ދޫނީގެ ތުންކަހަލަ އަނގަ އެކެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ ގޮވާމުގެ ބާވަތްތައް ނުހައްދާ ހަމައެކަނި ދިވެހިރުކުން ލިބޭއެއްޗަކުން ދިރިއުޅުމުގެ ބޭނުންތައް ފުއްދާކަމެވެ." މިވާހަކަތަކަށް ބަލާއިރު އުފެދޭ ސުވާލަކީ ޗުއާންއަށް ބުޑިސްޓުންނާއި ދަތުރުވެރިން މަޢުލޫމާތު އެދެއްވީ ހަމަ ދިވެހިރާއްޖެއާބެހޭ ގޮތުންބާވައެވެ؟ މިގޮތަށް ސުވާލު އުފެދޭ ސަބަބަކީ އެދުވަސްވަރު "ކޮކޮނަޓް އައިލެންޑް" ގައި އުޅުނުކަމަށް ބުނާ މީހުންގެ ސިފަތައް ދިވެހިންގެ ހަށިތަކުގައި ހުރިކަމަށް އެހެން މުއައްރިޚުންގެ ލިޔުންތަކުގައި ފާހަގަކޮށްފައި ނެތީމައެވެ. ހަމައެހެންމެ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ އިނޑޯއާރިޔަން ދަރިކޮޅުކަމަށް ގިނަމުއައްރިޚުން ވިދާޅުވާއިރު، މީލާދީން 645 ހާތާންގައި ޗުވާން އެވިދާޅުވާފަދަ ބަޔަކު އުޅެފާނެކަމާމެދު ޝައްކު އުފެދެއެވެ. ބަޔާންކުރެވިދިޔަ ސިފަތަކަށް އެއްބަސް ނުވެވޭ އެންމެ ބޮޑު ސަބަބަކީ، "ކޮކްނަޓް އައިލެންޑް" ކަމުގައި ޗުއާން އެބަޔާންކުރާ ރަށަކީ ބޭ އޮފް ބެންގަލޯރުގެ އަންޒަމާނާއި ނާގަބާޑީގެ ރަށްތައްކަމުގައި ވެދާނެކަމަށް ތާރީޚީ ހޯދުންތައް ހޯއްދަވާފައިވާ މަޝްހޫރު މުޙައްމަދު އިބްރާހިމް ލުޠުފީވެސް ވިދާޅުވެފައިވާތީއެވެ. މުއައްރިޚުގެ ހޯއްދެވުންތަކަށް ބަލާއިރު، ރަށްތަކުގެ އާއްމު ސިފަތައް އެއްގޮތްނަމަވެސް މިރާއްޖޭގައި މީހުން އުޅުނުކަމަށް އެވިދާޅުވާ ތާރީޚާއި މިހުންގެ ސިފަތަކާމެދު އެއްބަސް ވެވޭކަށް ނެތެވެ. އެއީ އާކިއޮލޮޖިސްޓްންގެ ހޯއްދެވުންތަކުން ރާއްޖޭގައި މީހުން އުޅުނުކަމަށް ލަފާކުރައްވާ 2500 އަހަރު ފަހަތަށް ދާއިރު، މީހުން ވަޒަންވެރިކަމަށް ބެލެވެނީ ގާތްގަނޑަކަށް ބީސީ 493 ގެ ދުވަސްވަރު ކަމުގައި ވާތީއެވެ. ހަމައެހެންމެ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިނާމެދު މުއައްރިޚުން އަދާ ހަމައަށްވެސް ދައްކަމުން އައި ވާހަކަތަކަށް ބާރު ހުރި އިތުރު ހެކިތަކެއް ލިބިފައި ނެތުމަކީވެސް، ޗުއާންގެ މަޢުލޫމާތު ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ޗުއާންގެ ހޯދުންތައްކަށް އިތުރަށް ބަހުޘްކުރުމެއް ނެތި ދެންއަންނަ ލިޔުމުގައި ޗައިނާގެ ސިޔާސީ ލިޔުންތެރިއެއް ކަމުގައިވާ ޑު ޔޫ ދިވެހިރާއްޖެއާމެދު، ފާޅުކޮށްފައިވާ ޚިޔާލަށް ބަލައިލުމަށް މިލިޔުން ކުރުކޮށްލަމެވެ. |
ކިޔުންތެރިންގެ ޚިޔާލް