| ބުދަ, 18 ނޮވެމްބަރ 2009 03:02 |
| ކޮރަޕްޓް ވެފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒެއް ނޫނެވެ!! ކަމުގެ ޙަޤީޤަތް ހޯދާށެވެ!! |
ޢަބްދުލްހާދީ ހުސައިން - ބަނގުރާގެ މައްސަލައިގައި މުޖުތަމަޢު ކަންބޮޑުވެފައި ވަނިކޮށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒާއި ޢަދާލަތު ޕާޓީގެ އަގުވައްޓާލައި، މިނިސްޓްރީގެ އިސްވެރިންނާއި، މިނިސްޓްރީއަށް ނިސްބަތްވާ ޤަދަރުވެރި ޢިލްމުވެރިންގެ އިތުބާރާއި އަބުރު ގެއްލުވާލުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. މިއީ ބަނގުރަލާ ދެކޮޅަށް އަޑު އުފުލުމުގެ ސަބަބުން ބަޔަކު ކުރާ ނަފުރަތަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. މިސިލްސިލާގެ ދަށުން އެންމެ ފަހުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ވެރިންނާއި ޢަދާލަތު ޕާޓީގެ ބޮލުގައި ކޮރަޕްޝަނަށް ތުހުމަތުކޮށް ބަޔަކު ދޮގު ބަދުނާމު އަޅުވާފައިވެއެވެ. އިސްލާމިކް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު އަށާއި ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީގެ ނާއިބު ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އަދި ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީގެ މެމްބަރު ފަޟީލަތުއްޝައިޚް އިބްރާހިމް ރުޝްދީ އަށް އެމިނިސްޓްރީގެ ދީނީ ކަންތައްތަކަށް ޚަރަދުކުރާ އެކައުންޓަކުން 15300 ދިވެހި ރުފިޔާ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތައް ސަރުކާރުގެ ފައިސާއިން ދީފައިވާ ކަމަށް ބުނެ، ބަޔަކު އެމައްސަލަ އެންޓި ކޮރަޕްޝަން ބޯޑަށް ހުށަހަޅާފައިވާ ކަމަށް ދިޓީވީއިން ވަނީ 16 ނޮވެމްބަރ 2009 ގައި ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ފަތުރާފައެވެ. އަދި ބައެއް ނޫސްތަކުގައިވެސް ވަނީ މި ޚަބަރު ފަލަސުރުހީގައި ޖަހާފައެވެ. ވީމާ މިކަމާ ގުޅޭ ގޮތުން ޚަބަރު ފަތުރަމުންދާ މުއައްސަސާތަކުގެ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދީނީ ގޮތުން ކުރައްވަމުން ގެންދަވާ އެއްވެސް މަސައްކަތަށް އެއްވެސް އުޖޫރައެއް ސަރުކާރުގެ ފައިސާއިން މިހާތަނަށް ނަންގަވާފައިނުވެއެވެ. 11 ނޮވެމްބަރ 2008 ވަނަ އަހަރުން ފެށިގެން އަދާ ހަމައަށް އެންމެ ގިނަ ހުކުރު ޚުޠުބާ ލިޔުއްވާފައިވަނީ ވެސް ހަމަ އެމަނިކުފާނެއެވެ. އަދި މިނިސްޓްރީގެ ފަރާތުން ނެރުއްވާފައިވާ އިސްލާމް ދީނާ ބެހޭ އެންމެ ގިނަ ފޮތްތައް ލިޔުއްވާފައި ވަނީ ވެސް ހަމަ އެމަނިކުފާނެއެވެ. އަދި، ޓީވީ ރޭޑިއޯ މެދުވެރިކޮށް ފޮނުވޭ ގިނަގުނަ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި މިފަދަ އެއްވެސް ކަމެއްގައި އެމަނިކުފާނު އެއްވެސް އުޖޫރައެއް މިހާތަނަށް ނަންގަވާފައިނުވެއެވެ. މިކަންކަން އެމަނިކުފާނު ކުުރައްވަމުން ގެންދަވަނީ އެމަނިކުފާނާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ދަށުން، މަޤާމުގެ މުސާރައިގެ އިތުރުން އެހެން އެއްވެސް އުޖޫރައެއް އެލަވަންސެއް ސަރުކާރުގެ ފައިސާއިން ނެންގެވުމެެއްނެތިއެވެ. މިނިސްޓްރީގެ ބަޖެޓް ސެކްޝަނުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދަކީ، މީގެ 20 އަހަރުކުރީން ފެށިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ ލީބިޔާގެ ސަރުކާރުގެ ބައިނަލްއަޤުވާމ އިސްލާމީ މުއައްސަސާއެއްކަމުގައިވާ "ވޯލްޑް އިސްލާމިކް ކޯލްސޮސައިޓީގެ" ފަރާތުން ރާއްޖޭގައި ތިއްބަވާ ތިން ޢިލްމުވެރިންގެ ތެރެއިން އެއްބޭފުޅެކެވެ. އެޖަމިއްޔާގެ ޝަރަފްވެރި މަންދޫބުންގެ ގޮތުގައި އޯއައިސީގެ ޤައުމުތަކުގައި އެޤައުމުތަކުގައި ފާހަނގަކޮށްލެވޭ ޢިލްމުވެރިން ތިއްބަވައެވެ. އެޖަމިއްޔާއިން ޢިލްމުވެރިން ހޮއްވަވަނީ ސަރުކާރުގެ ބެއްލެވުމުގެ ދަށުންނެވެ. އެޖަމިއްޔާއިން ޢިލްމުވެރިން ބޭނުންފުޅުވެގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ ލަފާފުޅަކަށް އެދި ދެންނެވުމުން، އެޖަމިއްޔާއަށް އެމަނިކުފާނު ހުށަހެޅުއްވި ތިން ބޭފުޅުންގެ ތެރޭގައި ފަޟީލަތުއްޝައިޚް މުޙަމަދު ޝަހީމު ޢަލީ ސަޢީދުއާއި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އާއި ފަޟީލަތުއްޝައިޚް އިބްރާހިމް ރުޝްދީ ހިމެނެއެވެ. އެއީ މި ބޭފުޅުންނަކީ މެެދުމިނުގެ އިސްލާމީ ވިސްނުމަށް ލޯބިކުރައްވާ ބޭފުޅުންނަށްވާތީއާއި، ދީނީ ހޭލުންތެރިކުރުމުގައި ބައިވެރިވާ މިންވަރާއި، ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް އޮތް މިންވަރު ބެއްލެވުމަށް ފަހުގައްޔާއި، ސަރުކާރުން އިތުބާރު ކުރެއްވުމާއި، ރާއްޖެއިން ބޭރުގައި ބޭއްވޭ ޢިލްމީ ފިޤުހީ ސެމިނަރ ތަކުގައި ބަޙުޘްކުރުމުގެ ޤާބިލުކަން ލިބިގެންވާ ޝަޚުޞިއްޔަތަކަށް ވުމާއި މިފަދަ އެތައް ކަމެއް ބެއްލެވުމަށް ފަހުގައެވެ. މިތިން ބޭފުޅުން އެޖަމިއްޔާގެ މަންދޫބުންގެ ގޮތުގައި އެޖަމިއްޔާއިން ޤަބޫލުކުރައްވާ އެކަމަށްޓަކައި އެޖަމިއްޔާއިން ހަމަސް ދުވަހުގެ އެލަވަންސެއް ކަނޑައަޅުއްވައި ފުރަތަމަ އެފައިސާ ފޮނުއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒަށެވެ. އެއަށް ފަހު، އެފައިސާ އެތަނުން ފޮނުއެްވީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށެވެ. އެއީ ކުރީން ޢަމަލުކުރަމުން ގެންދަވާ އުޞޫލަށް ވާތީކަމަށް މައުލޫމާތު ލިބެއެވެ. ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މިހާރު ދީނީ މަސައްކަތުގެ ތެރެއަށް ވަދެވަޑައިނުގަންނަވާތީވެ، އެ އޮފީހުން އެފައިސާ ޖަމާކުރީ މިިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށެވެ. އެގޮތައް 3 ޢިލްމުވެރިންގެ ފައިސާ ކުރީގެ ސަރުކާރާ ޙަވާލުކުރައްވާތާ 20 އަހަރު ވެފައިވާ ކަމަށާއި، މީގެ ކުރީން އެފައިސާ އަށް ވާ ގޮތެއް އެޖަމިއްޔާ އަށް އެނގިނުލައްވާ ކަމަށް އެޖަމިއްޔާއިން ހާމަކުރައްވާފައިވެއެވެ. މިހެންކަމުން ތިން ޢިލްމުވެރިންނަކީ ކޮންބައެއްކަން ވެސް މީގެ ކުރީން އެޖަމިއްޔާ އަށް އެނގިފައިނުވާ ކަމަށް ބުނެ އެޖަމިއްޔާއިން ވަނީ ސަރުކާރުގައި ޝަކުވާ ދަންނަވާފައެވެ. އެޖަމިއްޔާގެ އެދިވަޑައިގަތުމަށް ރާއްޖޭއިން ބޭރުގެ ޖަލްސާތަކުގައި ރާއްޖެ ތަމްސީލުކުރެވޭ ފަދަ ޤާބިލް ތިންބޭފުޅުން މިނިސްޓްރީން ކަނޑައެޅުމުން ހަމަސް ދުވަހުގެ އެލަވަންސެއް އެބޭފުޅުންނަށް މިނިސްޓްރީ މެދުވެރިކޮށް ދެއްވުމަށް ފޮނުވާފައިވުމުން އެކަން އޮގޮތައް ގެންދެވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ނިންމަވާފައިވެއެވެ. ނަމަވެސް މިފައިސާއަކީ ސީދާ މިނިސްޓްެރީއާ ގުޅުންހުރި ކަމަކަށް ނުވާތީވެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވަނީ އެ އެލަވަންސް މިނިސްޓްރީ މެދުވެރިކޮށް މީގެ ފަހުން ނުދެއްވުމަށް އެޖަމިއްޔާއަށް އަންގަވާފައެވެ. މިކަމާގުޅޭ ގޮތުން ހިނގާފައިވާ އެންމެހައި މުޢާމަލާތުތަކެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ލިޔެކިޔުމުން ފައިލްކުރެވިފައިވާނެކަމަށް މައުލޫމާތު ލިބެއެވެ. ވީމާ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކަމުގެ ޙަޤީޤަތް އޮޅޭ ގޮތައް މިނިސްޓްރީގެ އިސްވެރިންނާއި، ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް ލިބިގެންވާ ޢިލްމުވެރިން ބަދުނާމު ކުރަމުންދާ ފަރާތްތަކުން ﷲ އަށް ބިރުވެތިވުމަށާއި، ކަންކަމުގެ ޙަޤީޤަތް އޮޅޭ ގޮތައް ޚަބަރު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. މާތް ﷲ އިރާދަފުޅާއެކު އިސްލާމް ދީނާއި މި ޤައުމުގެ ދިފާޢުގައި މިނިސްޓްރީ އާއި ޢަދާލަތު ޕާޓީގެ ޝައިޚުން މަސައްކަތް ކުރައްވާނެ ކަން ޔަޤީނެވެ. ފޭލި ވާނީ ދީނުގެ ޢަދުއްވުންނެވެ. |
ކިޔުންތެރިންގެ ޚިޔާލް