| ހޮނިހިރު, 14 ނޮވެމްބަރ 2009 11:36 |
| ދިވެހިރާއްޖޭގެ އިޤުތިޞާދުގައި ވޯރާއިންގެ ވިޔަފާރި |
ހުސައިން - ވޯރާއިންނަކީ އުތުރު އިންޑިޔާގެ ވިޔަފާރި ވެރިންނެވެ. ދިވެހިން އެމީހުންނަށް ކިޔަނީ "ބުންބާ" މީހުންނެވެ. އެބައިމީހުންނަކީ މާޒީވި ޤަރުނުތަކުގެތެރެއިން 19 ވަނަ ޤަރުނުގައި އިންޑިޔާކަނޑު ހުރަސްކޮށް ދުނިޔޭގެ އެތައްމިތަނަށް ވިޔަފާރިދަތުރުތައް ކޮށްއުޅު ބައެކެވެ. ޚާއްޞަކޮށް މޫސުމީ ވިޔަފާރި ދަތުރުތަކުގައެވެ. މިގޮތަށް ދަތުރުކުރުމުގައި ވިޔަފާރީގެ އިސްމީހުން ދަތުރުތަކުގައި ބައިވެރި ވަނީ މަދުފަހަރަކުއެވެ. އެމީހުން(ވޯރާއިން)ގެ އިސްމީހުން ތިބެނީ ސިލޯނުގައެވެ. ވިޔަފާރިކަމު އައިސް އުޅުނީ ވެރިންގެ ދަށުގައި މަސައްކަތް ކުރާ މީހުންނެވެ. ވޯރާއިން، އެބައިމީހުން ކުރި ވިޔަފާރިތަކުން ދަތުރެއްގައި ދިވެހިރާއްޖޭގައި މަޑުކުރަންޖެހުނުކަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ހާމަކުރައްވައެވެ. އެދަތުރުގައި ދިވެހިރާއްޖެއެއިން އެބައިމީހުންނަށް ފެނުނީ "ރަންދުނިޔެ" އެކެވެ. އެހެނީ، ހީވެސް ނުކުރާހާ ރަނގަޅަށް ވިޔަފާރިކޮށްގެން ލިބުނު މަހަށް ލަންކާގެ ބާޒާރުން ރަނގަޅު އަގެއް ލިބުނެވެ. އެސަބަބަށްޓަކައި "ދިވެހިރާއްޖެ" އެބައިމީހުންގެ ވިޔަފާރީގެ މަންޒިލަކަށް ހަދަން ބޭނުންވިއެވެ. ދިވެހި ތާރީޚަށް ބަލާއިރު، ވޯރާވިޔަފާރިވެރިން ދިވެހިރާއްޖެއަށް އައިސްފައިވަނީ މީލާދީން 1857 ވަނަ އަހަރުއެވެ. އޭރު، ދިވެހިރާއްޖެގެ ރަސްކަމުގައި އިންނެވީ ޞުލްޠާން މުޙައްމަދު މުޢީނުއްދީން 01ގެ ދަރިކަލުން ޞުލްޠާން މުޙައްމަދު ޢިމާދުއްދީން 04 (މުސްކުޅި ބަންޑާރައިން) ނެވެ. މިދުވަސްވަރަކީ، ކަކާގެ ޢާއިލާއާއި ގަލޮޅުގެ (ފަހުން އަތިރީގޭ) ޢާއިލާއާ ދެމެދު ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. ތާރީޚީ މަޢުލޫމާތުން ދޭހަވަގޮތުގައި ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނާއި ކަކާގޭ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނަކީ ސިޔާސީ، ވިޔަފާރީގައި އަބަދުވެސް ވަރަށް ބޮޑު ދެވާދަވެރިންނެވެ. މިވާދަވެރިކަމުގެ ތެރޭގައި ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ފުރިހަމަ އެހީތެރިކަން ލިބިގެން ފުރަތަމަ ވަޒަންވެރިވީ ވޯރާއިންގެ ޓީ އައި ޖޭ ނޫރު ބަހީ ކުންފުނީގެ ވިޔަފާރިވެރިންނެވެ. އަލީ ރަންނަބަނޑޭރި ކިލެގެ ފާނުންގެ ދަރިކަލުން މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޭނުމަކަށް ވެފައި އޮތީ ވިޔަފާރީގެ ގޮތުންނާއި ސިޔާސީގޮތުން ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ބަލިކޮށްލެއްވުމެވެ. އެކަން ކާމިޔާބު ކުރެއްވިއެވެ. ވޯރާ ވިޔަފާރިވެރިން މަޑަގަސްކަރައަށް ކުރި ދަތުރެއްގައި ލިބުނު ފައިދާގެ ބޮޑުކަމުގެ މައްޗަށް އިތުރު ފުރުޞަތަކަށް ބޭނުންވެފައި ތިބި ދަނޑިވަޅެއްގައި މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު ހުޅުވައިދެއްވި ދޮރުން ވަދެ، ކުރިން ދެންނެވި ނޫރަންބަހީ ކުންފުނީގެ ވޯރާއިން "ދިގުފިހާރައެއް" އަޅައި ވިޔަފާރިއެއް ފެށިއެވެ. މިވިޔަފާރި އިތުރަށް ފުޅާވެ އިތުރު ކުންފުނިތަކުން ރާއްޖޭގައި ވިޔަފާރިކުރަން ފެށިއެވެ. އެހެނީ އެކަމުގެ ވާދަވެރިކަމުގައި ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އިބުރާހިމް ދޮށިމޭނާ ކިލެގެފާނު، އެދުވަސްވަރު މުޅި ސިލޯނުގައިވެސް އެންމެ މަޝްހޫރު ކަރީމް ޖީ ޖައުފަރީގެ ކުންފުނި ވިޔަފާރިއަށް މަގުހުޅުވައިދިނެވެ. ނަތީޖާއަކަށްވީ ވޯރާއިންގެ އެގުރޫޕް މާލެ އައިސް، "ބޮޑު ފިހާރަ" އިގެ ނަމުގައި ވިޔަފާރި ފެށުމެވެ. ތެދު ތެދަށް ދަންނަވާނަމަ މިކަންތައްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދު ވޯރާއިންނަށް އޮތީ ހިތަކަށް ލިބިފައެވެ. ދިވެހިންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. (ނުނިމޭ) |
ކިޔުންތެރިންގެ ޚިޔާލް