| ބުދަ, 11 ނޮވެމްބަރ 2009 10:50 |
| ފުރަތަމަ ޖުމްހޫރީވެރިކަމަށް ނިމުން ގެނައީ އެތައް ސަބަބުތަކެއް އެއްވެގެން |
ޢަބްދުﷲ ސަޢީދު- ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއްގެ ބިންގާ އަޅުއްވައިދެއްވި ލީޑަރެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތް ރަސްކަން ފުރަތަމަ ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށްލެވި ޒަޢީމަކީ އެމަނިކުފާނެއެވެ. ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ " ޟަރޫރަތްތެރިކަން " ދިވެހިންގެ ހިތަށް ވައްދަވައިދެއްވީ އެމަނިކުފާނެވެ. ޒަމާންވީ އަސްކަން އުވާލައްވާ ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ރައީސަކަށް އެމަނިކުފާނު ވެވަޑައިގަތީ ރައްޔިތުންގެ ތާއީދު އޮވެގެންނެވެ.ހާލަތާއި ވަގުތު އެކިކަންކަމަށް ތަންދެމުން އެކިކަންކަމަށް މަގު ބަންދުކުރަމުން ދެއެވެ. ފުރަތަމަ ޖުމްހޫރީ ސަރުރކާރު ފެށުމާއި ނިމުން އައީ އެގޮތުގެމަތިންނެވެ. މީލާދީން 1934 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. އެހިސާބުން ރާއްޖޭގެ ވެރިކަން ކުރަމުން ދިޔައީ ވަލީ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. ދިވެހި ރަސްކަމުގެ ސަންދާނު ފަޅަށް ބަހައްޓައިގެންނެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ ފެނިގެންދިޔައީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިޙްތިރާމާއެކު 11 އޭޕްރީލް 1934 ގައި ދިވެހީން އެރުވިތަނެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ލިޔެވިފައިވާ ތާރީކުތަކުން ފެންނަގޮތުގައި މުޙައްމަދު އަމީން ދައުލަތް ހިންގެވުމާއި ޙަވާލުވެ ވަޑައިގަތީ އޭރު އޮތް ވަޒީރުންގެ މަޖުލީހުން ޙަސަން ފަރީދު ދީދީއަށް ޗުއްޓީއެއް އެރުއްވުމަށް ފާސްކުރެއްވި ފާސްކުރެއްވުމާއި ގުޅިގެން، ވަޒީރުއް ދާޚިލިއްޔާގެ ގާއިމް މަގާމް ގެ ނަމުގައެވެ. އެއަށްފަހު ޙަސަން ފަރީދު ދީދީ ހުންނެވި ކޮޅުބުގައެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ މިޞްރު ގައެވެ. ބުނެވޭ ގޮތުގައި މުޙައްމަދު އަމީން ވެރިކަން ހިންގަވަން އުޅުއްވީ އެދެބޭފުޅުންގެ ލަފާ ލިބިވަޑައިގަންނަވާ ގޮތެއްގައެވެ. އެދުވަސްވަރު އިވިގެންދިޔަ އެންމެ ހިތާމަވެރި ޚަބަރަކީ ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގަތުމުގެ ޚަބަރެވެ. ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގަތުމުން މުޙައްމަދު އަމީންނުގެ މުހިންމުކަން އިތުރަށް ރައްޔިތުންނަށް ބޮޑުވެގެންދިޔައެވެ. ބުނެވޭ ގޮތުގައި ޙަސަން ފަރީދުދީދީ ދަތުރުކުރެއްވި އެޗްއެމްއެސް މާލޮއީ ޖަޕާނުގެ ސަބްމެރީނަކުން ޓްރޮޕިޓޯ ޖަހައި ހަލާކުކޮށްލީއެވެ. ރާއްޖޭގެ ރަސްކަމަށް ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި އެކިލެގެފާނު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ހަގީގީ ބާރާއި މަސްއޫލިއްޔަތު މުހައްމަދު އަމީންގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 21 ފެބުރުއަރީ 1952 ގައި ސިލޯނުގެ ކޮޅުބުގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ. އެހެންކަމުން މިގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. މުޙައްމަދު އަމީންގެ ވެރިކަމުގެ ނިމުމުގެ ސަބަބެއް ކަމުގައި މަޝްހޫރު ލިޔުންތެރިޔާ އަދި އަދީބު އިބްރާހީމް ޝިހާބު ދެކިލައްވަނީ އަންނަނިވި ކަންތައްތަކެވެ. އޭގެ ތެރޭގައި ވެރިކަމުގެ އެންމެ އެތެރޭގައި އުފެދުނު ނޭއްގާނީ ކަމާއި، ހިތް ނުބައިކަން، އަދި ވެރިކަމުގެ ފަހުކޮޅު މުޙައްމަދު އަމީނަށް ޖެހިވަޑައިގަތް ދެއާލާސްކަންފުޅެއްގެ ތެރޭގައި ދިވެހި ދައުލަތް ހިންގަން ނުކުޅެދުން ހިމެނެއެވެ. އިބްރާހީމް ޝިހާބު ދެކިލައްވާގޮތުގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އައުމަށް ޢާންމު ބައެއް ސަބަބުތަކާއި ، ޚާއްޞަ ސަބަބުތަކެއް ހިމެނެއެވެ. ޢާންމު ބައެއް ސަބަބަކީ އޭރު ފާސްކުރެއްވި ހިންގާލެވުނު ބައެއް ގާނޫނު ތަކެވެ. އެގާނޫނު ތަކާއި ގުޅިގެން ކަންހިގަމުންދިޔަ ޢަމަލީ ގޮތެވެ. އެކަމަށް ރާއްޖޭގެ ރައްޔިތުން ތަރުޙީބު ދިނުމުގެ ބަދަލުގައި ހިތް ނުބައިވަމުން ދިޔަ ދިޔުމެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ބޮޑު ތަދާއި ދަތިކަމެވެ. އިގްތިޞާދީ މަސްއަލަ ތަކެވެ. ޚާއްޞަ ބައެއް ސަބަބުތަކަކީ ވެރިކަމުގެ އެތެރޭގައި އެކަކު އަނެކަކާ ދެމެދު ހިތް ނުބައިވުމެވެ. ދެވަނަ ސަބަބަކީ ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށްތިބި، ޒުވާނުންގެ ބަޔަކާއި، އެވެރިކަމާ ދެމެދު އޮތް ވިސްނުން ނުބައިވުމަކާއި، ނަފްރަތް ތެރި ކަމެކެވެ. ކޮންމެ އަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ ނިމިގެންދިޔައީ ރާއްޖޭގެ ސިޔާސީ ޙަޔާތުން އެފަދަ ކުލަތަކެއް ފެނުމަށް ނޭދޭ ފަދަ ގޮތަކަށެވެ. އެކަން ހިނގީ 21 އޮގަސްޓް 1953 ވީ ހުކުރު ދުވަހު ގުޅަކުޅޭ ފަސްގަނޑަށް މާލޭގެ ރައްޔިތުން އެއްވި އެއްވުމަކާއި ގުޅިގެންނެވެ. އެއީ ހިޖުރައިން 1372 ވަނަ އަހަރުގެ ޛުލްޙައްޖާ މަހުގެ 11 ވަނަ ދުވަހު އެވެ. މުޙައްމަދު އަމީންގެ ވެރިކަމަށް ނިމުން ގެނައީ އެތައް ސަބަބުތަކެއް އެއްވެގެންނެވެ. ކުރިމަތިވީ ބޮޑު ތަދުގެ ދަތިކަމެވެ. ވެރިކަން ދެމެހެއްޓުމަށް އެއްބާރުލާންޖެހޭ ބައެއްގެ އެއްބާރުލުން ކެނޑުމެވެ. އަދި މުހައްމަދު އަމީންގެ އާލާސް ކަންފުޅާއި ދިވެހިންގެ ރުހުން ގެއްލޭފަދަ ގޮތެއްގައި ހިނގި ބައެއް ކަންތައްތައް އެސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ޤާއިމު ކުރެވުނު ޖުމްހޫރީ ސަރުކާރާއެކު ޖުމްހޫރީ ވެރިކަން އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤައިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އިބްރާހީމް ނާޞިރެވެ. ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެނީ ދެވަނަ ޖުމްހޫރިއްޔާގެ ވެރިކަން ފެށުނު ދުވަހަށް ނިސްބަތްކޮށެވެ. ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި އިބްރާހިމް ނާޞިރަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ. ތިންވަނަ ރައީސަކީ މުޙައްމަދު ނަޝީދެވެ. މަޢޫލޫމާތު: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު |
ކިޔުންތެރިންގެ ޚިޔާލް