| ހޯމަ, 27 ޖުލައި 2009 22:01 |
| އަލްމަރުޙޫމް އަބޫބަކުރު އަޙްމަދު: ހެޔޮލަފާ އަޅުވެރިއެއް |
|
ޢަބްދުﷲ ސަޢީދު – އަޅުގަނޑުމެންނާއި ވަކިވެފައިވިޔަސް ހެޔޮލަފާ ރަނގަޅު މީހުންގެ ހަނދާންތައް އާކޮށް އެމީހުންގެ ޒިކުރާ އާކުރަން ޖެހެއެވެ. އެޝަހުސިއްޔަތުންގެ ހަޔާތުން ޢިބުރަތް ހާސިލުކުރަން ޖެހެއެވެ. މި ފަހަރު އެމްއެލްގެ މީހުންގެ ކޮލަމުގައި މި ހިމަނާލަނީ ނ. މަނަދޫ ދިލްޝާދުގޭ އަލްމަރުޙޫމް އަބޫބަކުރު އަޙްމަދު ( ސީނު އަބޫބެ ) އެވެ. އަބޫބެ އަކީ ދީންވެރި ހެޔޮލަފާ ބޭކަލެކެވެ. ސާފުތާހިރުކަމަށް ލޯބިކުރެއްވި އާދަޔާއި ޚިލާފު މުރާލި ދިރިއުޅުމެއް އުޅުއްވި ބޭފުޅެކެވެ. އަޅުގަނޑު ކުޑައިރު އަބޫބެއަކީ މާލޭގައި ދިރިއުޅުއްވަމުން ގެންދެވި ބޭކަލެކެވެ. އޭރު އަބޫބެ މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދޭތެރެ ދޭތެރެއިން ޗުއްޓީގައި މަނަދޫއަށް ވަޑައިގަންނަވައެވެ. އޭރުވެސް އަބޫބެ ގިނައިން ފެންނަނީ މިސްކިތުންނެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރެއްވުމަކީ އަބަދުވެސް އަބޫބެގެ ކިބައިން ފެންނަ އާދައެކެވެ. އަބޫބެއަކީ ސަރުކާރުގެ ޕެންޝަނަރެކެވެ. އަބޫބެ އަދާކޮށްފައިވާ ވަޒީފާތަކަށް ބަލާއިރު، އެންމެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޕެންޝަން ލިބިލެއްވުމަށްފަހު ދިރިއުޅުން އުފަންރަށް މަނަދޫއަށް ބަދަލު ކުރައްވާ ނ. އަތޮޅު އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއަދާކުރައްވަން ފެއްޓެވިއެވެ. އަބޫބެއާއެކު އެ އޮފީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ބައެއް ޑިއުޓީތަކުގައި އެކުގައި މަސައްކަތް ކުރީމެވެ. އަބޫބެއަކީ ހަވާލުކުރެވޭ ކޮންމެ ކަމެއް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވާ ބޭކަލެކެވެ. އަބޫބެއަކީ ހިތްހެޔޮ ބޭކަލެކެވެ. ތަފާތު އުމުރުގެ މީހުންނާ ގުޅޭ ބޭކަލެކެވެ. ޤަބޫލުކުރައްވާ އުސޫލުތަކުގައި ސާބިތުވެ ހުންނަވާ ޝަހުސިއްޔަތެކެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ 65 އަހަރުވެގެން ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުން ވަކިވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމުންނެވެ. އަބޫބެގެ ބައްޕާފުޅަކީ ސީނު އަޙަންމަދުބެއެވެ. މަންމާފުޅަކީ ނެވިގޭ ހައްވަދައިތައެވެ. އަބޫބެ އަކީ އަޅުގަނޑާ އާއިލީގޮތުން ތިމާގެ ބޭފުޅެކެވެ. އަޅުގަނޑުގެ ބައްޕަ ފަރާތު މުނިމާމަ ( ބައްޕަގެ މާމަ ) އަކީ ނެވިގޭ ކަމަނަ ދައިތައެވެ. ނެވިގޭ ކަމަނަ ދައިތަ އާއި އެއްބަޑު ނެވިގޭ ހައްވާކޮއި ( ހައްވަ ދައިތަ ) އަކީ އަބޫބެގެ މަންމައެވެ. އަބޫބެގެ އެއް ބަޑު އެއްބަފާ ހުރީ އެންމެ ބޭފުޅެކެވެ. އެއީ ޢުމަރު އަޙްމަދު އެވެ. ޢުމަރު އަޙްމަދު ވަނީ އަޅުގަނޑުގެ ބައްޕަ ފަރާތުގެ މުނިކާފަ ހާރޫނު ހާޖީ ( ހާޖީބޭ ) ގެ ހުދުދޯނި ގެއްލުނު ހާދިސާގައި ގެއްލިފައެވެ. އުމަރުބޭ އޭރު ކައިވެނި ބައްލަވައިގެން އުޅުއްވީ މަނަދޫ ހުސްނުހީނާގޭ ކަނބުލޮ ދައިތައާއެވެ. އަބޫބެގެ އެއްބަނޑުގައި ދެބޭފުޅުން ތިއްބެވިއެވެ. އެއީ ޢަބްދުލް މުހުސިން އާއި ސުރިއްޔާ ޢަލީއެވެ. އަބޫބެގެ އެއްބަޑު އަންހެން ބޭކަނބަލަކީ މަނަދޫ ދިލްޝާދުގޭ ސުރިއްޔާ ޢަލީ ( ސުރީ ދައިތަ) އެވެ. ސުރިއްޔާ ޢަލީ އާއި ފިރިކަލުން އިދުރީސް ޢުމަރާއި އެދެމަފިރިންގެ ބޭފުޅުންނަކީ އަބޫބެއަށް ވަރަށް ހެޔޮ އޯގާތެރިބައެކެވެ. އަބޫބެއަށް ދަރިން ލިބިވަޑައި ނުގަތުމުގެ ފަޅުކަން ފިލާފައިވަނީ އެބޭފުޅުންގެ އޯގާތެރިކަމުންނެވެ. އަބޫބެ ފުރަތަމަ މާލެ ފޭބީ ދޮށީބޭގެ ބޮޑުބެ ( އަޙްމަދުބެ ) އާ ދެބޭކަލުން އެކުގައެވެ. ބޮޑުބެ މަސައްކަތް ކުރެއްވީ ބޯޓް ކޮމިޝަންގައެވެ. އަބޫބެ ވެންނެވީ ރައީސް އޮފީހަށެވެ. އަބޫބެ ކައިވެނި ބައްލަވައިގެންނެވި ބޭފުޅުންގެ ތެރޭގައި މަނަދޫ ސޯސަންގޭ އަލްމަރުޙޫމާ ޙަލީމާ މުޙައްމަދު ( ދޮންކަބުލޮ ) އާއި މަނަދޫ ފިނިވާގޭ އަލްމަރުޙޫމް މަރީނާ މޫސާ އާއި މަނަދޫ ހުޅަނގުގޭ ޚަދީޖާ މޫސާ ހިމެނެއެވެ. އަބޫބެ އެންމެ ފަހުން ކައިވެނި ބައްލަވައިގަތީ ޚަދީޖާ މޫސާ އާއެވެ. އަބޫބެ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު އަނބިކަނބަލަކު ނެތެވެ. މަރީނާ މޫސާއަކީ އަޅުގަނޑު ދޮންމާމައެކެވެ. އަބޫބެ ދޮންމާމައާއި ކައިވެނި ބައްލަވައިގެންނެވިއިރު ދެބޭފުޅުންނަކީވެސް ދުވަސްވެފައިވާ ދެބޭފުޅުންނެވެ. ކައިވެނި ބައްލަވައިގެން ދެބޭފުޅުންވެސް ލޯތްބާއި އޯގާތެރިކަމާއެކު ހަޔާތް ވޭތިކުރެއްވިއެވެ. ދޮންމާމައަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިގެން އެބަލީގައި ދުވަސްކޮޅަކު ވަރަށް ވޭނުގައި އުޅުއްވުމަށްފަހު ނިޔާވީއެވެ. އަޅުގަނޑަށް އަބޫބެގެ ފަރާތުން އެދުވަސްވަރު ފެނުނީ އާދަޔާއި ޚިލާފު އޯގާތެރިކަމަކާއި އަޅާލުމެކެވެ. ދޮންމާމަގެ ތިއްބެވި އަބޫބެގެ ދޮންދަރިންނާމެދު ކަންތައްތައް ކުރައްވާފައިވަނީ އުފަން ދަރިންނާމެދު ބައްޕައަކު ކަންތައްތައް ކުރައްވާނެ ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އަޅުގަނޑަށް ފެނުނީ ދޮންމާމަ ނިޔާވުމަށްފަހުގައިވެސް އަބޫބެއާއި އަބޫބެގެ ދޮންދަރިންނާމެދު އާދަޔާއި ޚިލާފު ގާތްކަމެއް ބަހައްޓަވަމުން ގެންދެވިތަނެވެ. އެކުދިންގެ ފަރާތުންވެސް އަބޫބެއަށް ދަރިންގެ ފަރާތުން ލިބިގެންދާނެ އޯގާތެރިކަމާއި ލޯބި ދެމުންދިޔަ މަންޒަރު ފެނުނެވެ. އަބޫބެ މި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ ކުއްލިއަކަށް 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 8:45 ހާއިރު މަނަދޫ ސާދާގޭގައެވެ. މިއީ އަބޫބެގެ އެއްބަޑު ސުރިއްޔާ ޢަލީގެ އާއިލާ ދިރިއުޅުއްވާ ގެއެވެ. އެރޭ ފަތިހުވެސް އަބޫބެ ފަތިސް ނަމާދުގެ ޖަމާޢަތަށް އާދައިގެމަތިން ދުރުވިއެވެ. ފަތިސް ނަމާދުން ދުރުވެ ގޭގައި އުޅުއްވި އިރު ފައިގައި ރިއްސާ ވާހަކަ ދެއްކެވިއެވެ. ހޮސްޕިޓަލަށް ވަޑައިގެން ޑޮކްޓަރަށް ދައްކަވައި ގެއަށް ދުރުވީވެސް އަމިއްލައަށެވެ. ގެއަށް ދުރުވިތަނުން ފާޚާނާއަކަށް ދާންވެގެން ދުރުވީ ސުރިއްޔާގެ ފިރިކަލުން އިދުރީސްބެއާއެކުގައެވެ. ފާޚާނާކޮށް ނިމުމުން އިދުރީސްބެ، އަބޫބެ ފެންވަރުވައިގެން ކޮޓަރިއެއް ގެނެސްދިނެވެ. އަބޫބެގެ ޚަބަރެއް ނުވެ ކުޑަ އިރުކޮޅެއްވުމުން ޚަބަރު ބަލާލިއިރު އަބޫބެ އޮތީ ނިކަން ރީއްޗަށް ތައްޔާރުވެލައިގެން ނިދިކުރައްވާ އެނދުމަތީގައި ރީތިކޮށް އޮށޯވެ ނިދާފައެވެ. އެކަމަކު ކައިރިއަށްގޮސް ބަލާލިއިރު އަބޫބެވަނީ މިދުނިޔެ ދޫކުރައްވާފައިކަން އިދުރީސްބެއަށް ފާހަގަ ކުރެވުނެވެ. އޭރު ޖައްސަވާފައިވާ ދަތްޕިލާފުޅުވެސް އަމިއްލައަށް ނަންގަވާ މޭޒުމަތީގައި ބާއްވާފައި އޮތެވެ. އަބޫބެ އައީ ފުރަމޭގެ އާލާސްކަންފުޅަކަށް ބޭސްފަރުވާ ކުރައްވަމުންނެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާކުރައްވާ އެ އާލާސްކަންފުޅުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަބޫބެ ނިޔާވީ ކުއްލި އަކަށް ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އަބޫބެ ނިޔާވި ޚަބަރު ލިބުމާގުޅިގެން، މާލޭގައި ތިއްބެވި އާއިލާގެ ބައެއް މެންބަރުން ޖަނާޒާގައި ބައިވެރި ވުމަށްޓަކައި މަނަދުއަށް ދުރުވިއެވެ. އަބޫބެ ފަސްދާނުލެވުނީ މަނަދޫ ސަހަރާގައެވެ. އަބޫބެއަކީ ވަރަށް ސާދާ ދިރިއުޅުއްވުމެއް އުޅުއްވި، ހެޔޮލަފާ އަޅުވެރި ބޭފުޅެކެވެ. އާއިލާގެ ބޭފުޅުންނަށް ހެޔޮ ބޭފުޅެކެވެ. އަބޫބެ ވަނީ ހައްޖުގެ މަތިވެރި އަޅުކަންވެސް އަދާކުރައްވާފައެވެ. އެ މަރުހޫމްގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ. މިއީ އަބޫބެގެ ހަޔާތުނާމާ މިހާ ތަފްސީލުކޮށް ލިޔެވުނު ފުރަތަމަ ފަހަރެވެ. |
ކިޔުންތެރިންގެ ޚިޔާލް