| ހޮނިހިރު, 23 މެއި 2009 18:09 |
| އާދަމްމަނިކުބޭ: ވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރުމުގައި ޙަޔާތުން ބޮޑުބައެއް |
|
ލިޔުނީ: ޢަބްދުﷲ ސަޢީދު -
ރަށަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ޚިދުމަތްތެރިންގެ އަގު އަބަދުވެސް ވަޒަން ކުރަންޖެހޭނެއެވެ. އެކި މީހުން ރަށަށް ޚިދުމަތް ކޮށްދީފައިވަނީ ނުވަތަ ކޮށްދެއްވަނީ އެކިގޮތަށެވެ. އެކި ރޮނގުތަކުންނެވެ. މިފަހަރު މަނަދޫ ލައިވްގެ މީހުންގެ ކޮލަމްގައި މި ގެނެސްދެނީ މަނަދޫގެ ވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަނަދޫ ގުލްބަކާގޭ އާދަމް އަބޫބަކުރު ( އާދަމް މަނިކުބޭ ) އެވެ.މަނަދޫގެ ވެރިކަމުގެ ދާއިރާގައި އާދަމްމަނިކުބޭ ފުރަތަމަ އަދާކުރެއްވީ މުދިންކަމެވެ. އެއަށްފަހު ކަތީބުކަމެވެ. ކަތީބުކަމުގައި ހުންނަވާފައި ކުނޑިބެ މައްސަލަ ) ކުޑިގޭ ޢަބްދުއްލަތީފުގެ އަތޮޅުވެރިކަމުގައި މަނަދޫ މީހުންނާ ދެމެދު ޖެހުނު މައްސަލަ ) އިގައި އަމިއްލައަށް އިސްތިޢުފާ ދެއްވިއެވެ. އޭގެފަހުގައި އަޙްމަދު ކަލޭފާނުގެ ކަތީބުކަމުގައި މުދިންކަން އޭނާ ޤަބޫލުކުރެއްވިއެވެ. އަޙްމަދު ކަލޭފާނަށްފަހު ކަތީބުކަން ލިބިވަޑައިގަތީ އާދަމް މަނިކުބެއަށެވެ. ނާޞިރު ދައުރުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި މަނަދޫއިން ލިބުނު ނަތީޖާ ސަރުކާރުން ބޭނުންވިގޮތާ ދިމާނުވުމުން، ސަރުކާރުން ވަޒީފާއިން ދުރުކުރެއްވިއެވެ. ތިންއަހަރުފަހުން އަނެއްކާވެސް ސަރުކާރުން މުދިންކަން ދެއްވިއެވެ. މުދިންކަމުން ބަދަލުކުރެއްވީ ކުޑަކަތީބުކަމަށެވެ. މައުމޫނުގެ ދައުރުގައި އަތޮޅުވެރިކަން ކުރާ ރަށްރަށުގެ ރަށު އޮފީސްތައް އަތޮޅު އޮފީހުގެ ބައެއްގެ ގޮތުގައި ހިންގަން ފެށުމުން މަނަދޫގައި އޭރު ތިއްބެވި ކަތީބާއި ދެކުޑަކަތީބުންނަކީވެސް ކަތީބުންކަމަށް ހަމަޖެއްސެވުމުން އެފަހަރު އާދަމްމަނިކުބޭވެސް މަނަދޫ ކަތީބަކަށް ވެވަޑައިގެންނެވިއެވެ. މައުމޫނުގެ ވެރިކަމުގައި އަނެއްކާވެސް ރަށު އޮފީސްތައް އުފެއްދެވިއިރު، ކަތީބުކަން އާދަމްމަނިކުބެއަށް ދެއްވާ ދެން ތިއްބެވި ދެ ކަތީބުންކަމަށްވާ އަލްމަރުޙޫމް ހާރޫނު މޫސާއަށާއި ޙަސަން އިބްރާހިމް އަށް ކުޑަކަތީބުކަން ދެއްވިއެވެ. އާދަމް މަނިކުބޭ ވިދާޅުވި ގޮތުގައި އޭނާ ކަތީބުކަމުން އަތޮޅު އޮފީހުގެ އެހީތެރިޔާ ކަމަށް ބަދަލުކުރެއްވީ ތޮޅެންދޫ ޙަސަން ޤާސިމު ނ. އަތޮޅުވެރިޔާގެ ބަދަލުގެ މަޤާމުގައި ހުންނެވި ދުވަސްވަރުގައެވެ. މަނަދޫގެ ވެރިކަމުގެ ދާއިރާގައި 40 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ދެވަނަ ޕެންޝަން ލިބިވަޑައިގަތީ އެމަޤާމުގައި ހުންނަވަނިކޮށެވެ. އެއަށްފަހު އާދަމްމަނިކުބޭވަނީ ސަރުކާރުގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ. އާދަމް މަނިކުބޭއަކީ ޅ. ހިންނަވަރަށް އުފަން ބޭފުޅެކެވެ. ބައްޕާ ފުޅަކީ އެރަށު އަބޫބަކުރު ޙުސައިނެވެ. މަންމައަކީ އައިމިނާ މަނިކެއެވެ. އެރަށު މީހުން އައިމިނާ މަނިކެއަށް ކިޔަނީ ތުއްތުމަނިކެ އެވެ. އާދަމް މަނިކުބޭ މަނަދޫއަށް ހިޖުރަ ކުރެއްވީ ޢުމުރުފުޅުން 7 އަހަރު ނުވަތަ 8 އަހަރުގައެވެ. އާދަމްމަނިކުބޭ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ދޮންއައިސަ ހައްވަގެ ފާތުމައާއެވެ. އެއަށްފަހު ކަޅުބެ ސަންފަޔާ ކައިވެނި ބައްލަވައިގެންނެވިއެވެ. މި ދެބޭފުޅުންނަށްވެސް ދަރިކަލަކު ލިބިވަޑައެއް ނުގަންނަވައެވެ. ތިންވަނައަށް އާދަމްމަނިކުބޭ ކައިވެނި ބައްލަވައިގެންނެވީ ދޮންކަބުލޮ އާއެވެ. ހަތަރުވަނައަށް ކައިވެނި ބައްލަވައިގެންނެވީ ސީނުގެ ފާތުމަ އާއެވެ. ފަސްވަނަ އަށް ކައިވެނި ބައްލަވައިގެންނެވީ ޙަލީމާ ޢަބްދުއްރަޙުމާން ( ތުއްތުކަބުލޮ ) އާއެވެ. މިހާރު ދުނިޔޭގައި އިންނެވި އަނބިކަނބަލަކީ ތުއްތުކަނބުލޮ ދައްތައެވެ. މަނަދޫގައި މީހުން ދެއަނތްބަށް މީހުންނާ އިނދެގެން އުޅުމަކީ އާންމުކަމެއް ނޫނެވެ. ވެރިކަމުގެ ދާއިރާގައި އުޅުއްވަމުންވެސް އާދަމް މަނިކުބޭވަނީ ދެއަނތްބަށް ކައިވެނި ކުރައްވައިގެން އުޅުއްވާ، މަނަދޫއަށާއި ޤައުމަށް ޚިދުމަތްތެރިކުރާ ބޭފުޅުންތަކެއް ތަރުބިއްޔަތު ކުރައްވާފައެވެ. މިހާރު އާދަމްމަނިކުބޭގެ 10 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އާދަމް މަނިކުބޭއަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ޅެންވެރިއެކެވެ. މޮޅު ރާޒުވާ ކުޅުންތެރިއެކެވެ. އިމާމުވެ ހުކުރު ކުރެއްވި އިމާމެކެވެ. ހުދުކުލައިގެ ހެދުން ތުރުކުރެއްވުމަށް ލޯބިކުރައްވާ އާދަމް މަނިކުބޭއަކީ ކަތީބުކަން ކުރެއްވުމުގެ ކުރިން މަހަށްގޮސް ރާއަރާ ބުރަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަނަދޫ ކާޑުގެ ކާތިބުކަމާއި މެނޭޖަރުކަންވެސް ކުރެއްވިއެވެ. އާދަމް މަނިކުބެއަކީ ނާޞިރުގެ ވެރިކަމުގައި ވެރިކަމުގެ ސަނަދުނަގަށް ނ. އަތޮޅުން މާލެ ފޮނުވަން ނެގުނު ދެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން ނެންގެވި ބޭފުޅެކެވެ. ކަތީބުކަމުގެ ސަނަދު ނަންގަވައިގެން ރަށަށް ވަޑައިގެންނެވުމުން ދެއްވީ މުދިންކަމެވެ. އާދަމް މަނިކުބޭއަކީ މަސްވެރިކަމުގެ ފަންޑިތަ ހައްދަވާ އޮޑިދޯނި ފަހަރު ބޭލެއްވި ބޭފުޅެކެވެ. " އެކަން އަޅުގަނޑު ދަސްކުރީ އަޅުގަނޑުގެ ދޯންޏެއް ބާލައިދޭނެ މީހަކު ނުވެގެން މާފަރު ހޮޅި މުޙައްމަދު ، ހޮޅިބެ ކައިރިން " އަމިއްލަ ހަޔާތާބެހޭގޮތުން މިހާތަނަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި އާދަމްމަނިކުބޭ ވިދާޅުވިއެވެ. އާދަމް މަނިކުބޭއަކީ މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރެއްވި ބޭފުޅެކެވެ. މަނަދޫގައި ތަޢުލީމު ދޭނެ ސްކޫލެއް ނެތިގެން ސްކޫލެއް ފުރަތަމަ ބިނާކުރައްވާ ހިންގަވަން ފެއްޓެވީ އާދަމް މަނިކުބޭގެ ކަތީބުކަމުގައެވެ. " މަދަރުސާއެއް ނެތިގެން އަޅުގަނޑުގެ ކަތީބުކަމުގައި މަދަރުސާއެއް ހެދުނީ. އެއީ ކޮންމެ ދޯންޏަކުން މަސްބައެއް ނަގައިގެން، އެވިއްކައިގެން އުފެއްދި ފަންޑަކުން ފުރަތަމަ ޓީޗަރުންގެ ގޮތުގައި ދެމީހަކު ނައިފަރުން ގެނައީ. މާލެއިން ސަޢީދު ޤާސިމު ކިޔަވާ ވިދާޅުވެގެން ރަށަށް ވަޑައިގެން ދެން އޭނާ ސްކޫލްގައި ހުންނެވީ. 1979 މާޗް 1 ގައި ރައީސް މައުމޫން ހުޅުވައިދެއްވި މަދަރުސާއަކީ މަނަދޫ ރައްޔިތުން ދަނޑިފަނުން ވަރަށް ދެރަ ފެންވަރަކަށް އެޅި މަދަރުސާއެއް. އޭގެފަހުން މެދު ނުކެނޑި ސްކޫލް ހިނގަމުން މިދިޔައީ " މިހާރު 75 އަހަރުވެފައިވާ އާދަމް މަނިކުބޭ ވިދާޅުވިއެވެ. މަނަދޫގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވީ ހަމައެކަނި އާދަމް މަނިކުބޭ އެކަންޏެވެ. ސަރުކާރާއި މަނަދޫ ރައްޔިތުންނަށް މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރާއްވާފައިވާ ދެވަނަ ބޭފުޅަކު މިހާރަކު ދުނިޔެއަކުނެތެވެ. ވެރިކަމުގެ ދާއިރާގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރައްވާ، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ވަރުގަދަ އަޒުމަކާއި ނުގުޑާފަދަ ހިތްވަރަކާއެކު ދެމި ހުންނެވި އާދަމް މަނިކުބޭއަކީ އެދިގު މުއްދަތުގައި ޚިޔާނާތުގެ އެއްވެސް މައްސަލައެއް ދިމާވެ، ރައްޔިތުންގެ ކުރިމަތީގައި އަބުރު ގެއްލިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. ރައްޔިތުންނަށާއި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އާދަމްމަނިކުބޭ މަނަދޫ ލައިވް މެދުވެރިކޮށް ޒުވާނުންނަށާއި އެންމެހާ ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުވާލުކޮށްލީމެވެ. " އަޅުގަނޑު ދަންނަވާނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބެވިޔަސް، އެބަޔަކު އެންގެވިގޮތަކަށް އިޖާބަދީ، އިސްލާމްދީނާއި ޤާނޫނުތަކާ އެއްގޮތަށް އުޅޭށޭ. އޭރުންނޭ ކުރިއަށް ދެވޭނީ " އާދަމް މަނިކުބޭ ވިދާޅުވިއެވެ. އާލާސްކަންފުޅާ އުޅުއްވަމުންވެސް މަނަދޫ ލައިވްއަށް ބަސްދީ ގަތުމެއް ދެއްވިކަމަށްޓަކައި އާދަމްމަނިކުބޭއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި އާދަމް މަނިކުބޭއަށާއި އާއިލާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ. |
ކިޔުންތެރިންގެ ޚިޔާލް