| ހޮނިހިރު, 16 މެއި 2009 15:18 |
| އަތިރިމަތީގެ ހައްވަދައިތަ: މަސައްކަތްތެރި މުރާލި އަންހެނެއް |
|
ލިޔުނީ: ޢަބްދުﷲ ސަޢީދު -
![]() ޙައްވާ ޢަލީއޭ ބުނުމުން އެއީ ކާކުކަން ނޭނގުނަސް މަނަދޫ އަތިރިމަތީގެ ޙައްވަދައިތައޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ ހަމަ އެކަކުވެސް މަނަދޫއަކު ނުހުންނާނެއެވެ. މަނަދޫ އަތިރީގޭ ޙައްވާ ޢަލީ ( އަތިރިމަތީގެ ޙައްވަ ދައިތަ ) މަނަދޫލައިވް ގެ މީހުންގެ ކޮލަމްގައި ޖެހުމަށްޓަކައި ހައްވަދައިތައާ ވާހަކަ ދައްކާލަން އަޅުގަނޑު ދިޔައިރު ޙައްވަ ދައިތަ އިންނެވީ މެންދުރު ނަމާދުކުރައްވާށެވެ. ނަމާދުކުރައްވާ ނިންމަވާލެއްވުމުން ބައްދަލުކޮށް ވާހަކަ ދައްކާލީމެވެ.ޙައްވަ ދައިތަގެ މަންމައަކީ ހައްވާކޮއި މުޙައްމަދުގެ ސަންފަ ( ސަންފަދައިތަ ) އެވެ. ބައްޕައަކީ ދޮންއުބޮށޭމުގެ ޢަލީއެވެ. ޙައްވަ ދައިތައަކީ ޒުވާން ދުވަސްވަރު ވަރަށް ރީތި އަންހެނެކެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނުގެ ދުވަސްވަރު ބޭއްވި ރީތީގެ މުބާރާތަށް ހޮވުނު އަންހެން ކުދިންގެ ތެރޭގައި ހިމެނިގެން ފޮޓޯވެސް ނަންގަވާފައިވެއެވެ. އެކަމަކު އޭރުގެ އެއްވެސް ފޮޓޯއެއް ހައްވަދައިތަ އަތަކު މިހާރަކުނެތެވެ. ޙައްވަ ދައިތަ ބުނުއްވި ގޮތުގައި ރީތި މުބާރާތަށް އަސްލުގައި މަނަދޫން އެފަހަރު ހޮވުނީ އާގޭސިއްތިގެ ފާތުމައެވެ. ޙައްވަ ދައިތައަކީވެސް ރީތި ކުއްޖަކަށްވާތީ އަމީންދީދީ ހިތްޕުޅާވެގެން މުބާރާތަށް ނެންގެވި ކުދިންގެ ތެރޭގައި ހިމެނުއްވީއެވެ. ހައްވަދައިތަ ތިން މީހުންނާ ކައިވެނި ކުރެއްވިއެވެ. ފުރަތަމަ ލިބާސް ލެއްވިތަނުން ކައިވެނި ކުރެއްވީ ޙަސަންކުބޭގެ ޢަބްދުއްރަޙްމާނާއެވެ. ދެވަނައަށް އިނީ ކަޅު މުޙައްމަދާއެވެ. ތިންވަނައަށް އިނީ އަތިރިމަތީގެ ތުއްތުބޭ ނުވަތަ މުޙައްމަދު ޢަލީ އާއެވެ. ޙައްވަދައިތަ ބުނިގޮތުގައި ފުރަތަމަ ކައިވެނި ކުރެއްވީ އޭރުގެ ސަގާފަތާއެއްގޮތަށެވެ. ލިބާސްލެއްވި ދުވަހު ފުރަތަމަ ޙައްވަދައިތަގެ ކުރިކެނޑި މީހަކީ ޢަބްދުއްރަޙުމާނުބޭ ވީމާ އިންނަން ޖެހުނީއެވެ. އެކައިވެންޏަށްވީ ބަރާބަރު ތިންރެއެވެ. ޙައްވަ ދައިތަ ، ތުއްތުބެއާއެކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެދެމަފިރިންގެ ދެވަނަ ކައިވެނީގައެވެ. ޙައްވަދައިތަގެ އުފަންދަރިއަކު ދުނިޔެއަކު ނެތެވެ. އެހެން ނަމަވެސް ޙައްވަ ދައިތަ ބުނުއްވި ގޮތުގައި އުފަންދަރިން ކަހަލަ ކުދިން އޭނާގެ އެބަތިއްބެވެ. ޙައްވަދައިތައާއި ތުއްތުބެއަށް އަންހެން ކުއްޖަކު ލިބިލެއްވި ކަމަށް ޙައްވަދައިތަ ބުނުއްވިއެވެ. " އެކުއްޖާ އުފަންވީއިރު އޮތީ މަރުވެފަ. އެކުއްޖާއަށް ނަންދިނީ އަމީނާ ގެ ނަމުން " ޙައްވަ ދައިތަ ބުނުއްވިއެވެ. ޙައްވަދައިތައަކީ މަސައްކަތްތެރިކަމުގެ ގޮތުން ލާމަސީލު މިސާލެކެވެ. މަނަދޫގައި މަސައްކަތްތެރިކަމުގެ ރޮނގުން ނޫފުދޭފަދަ ކުޅަދާނަ މަސައްކަތްތެރިއެކެވެ. ތަފާތު ވައްތަރުގެ އެކިއެކި ފަންނުތަކުގެ މަސައްކަތްތައް ކުރައްވާ އަދި މީހުންނަށް ދަސްވެސް ކޮށްދެއްވާފައިވެއެވެ. ފަންނިވުމާއި، ރޯނުވެށުމާއި، ކުނާވިޔުމާއި، ސާންތިވިޔުމާއި، މުށޯޅިވިޔުމާއި، ތޮށަލި ވިއުމުގައި ހައްވަދައިތައަކީ ކުޅަދާނަ ހުނަވެރިއެކެވެ. ދިގުހެދުން ފެހުމާއި ފިރިހެނުންގެ ގަމީސް ފެހުމާއި ކަސަބު ގެތުމާއި، ބަގިޔާޖެހުމުގައި ހައްވަދައިތައަކީ އަތްމަތި އަވަސް އެ މަސައްކަތްތައް ރީއްޗަށް ކުރައްވާ ބޭކަބަލެކެވެ. މާލޭގައި ސިފައިންގެ ފަށްއެޅި ގަމީހާ ޔުނީފޯމުވެސް ފައްސަވާ ހެއްދެވިއެވެ. މީހުން ހިނެވުމާއި ކަށުކަމާކެމީގެ މަސައްކަތް ހިލޭ ސާބަހަށް ކުރެއްވި ޚިދުމަތްތެރިއެކެވެ. ޕްލާސްޓިކުން ތަކެތި ވިރުވާއެޅި ކުޅަދާނަ ހުނަވެރިވެރިއެކެވެ. 1980 ގެ ފަހުކޮޅުގެ އަހަރުތަކުގައި ޙައްވަދައިތަ ޕްލާސްޓިކުން ތަކެތި ވިރުވާ އަޅައިގެން އުފެއްދެވިއެވެ. އޭގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބިލެއްވީ ޕްލާސްޓިކުން ހައްވަދައިތަ ވިރުވާއެޅި ރޮށިދަމާ ތަކެއްޗަށެވެ. އޭރު މާލޭގެ ނަން މަޝްހޫރު ބައެއް ގޭގެއަށް އޯޑަރު ދީގެން ހައްވަދައިތަ އެކިއެކި ޑިޒައިން ތަކަށް ޕްލާސްޓިކް ތަކެތިވަނީ ތައްޔާރުކޮށް ދެއްވާފައެވެ. އެ މަސައްކަތުގެ ހަނދާނެއްގެ ގޮތުން ހައްވަ ދައިތަ އަޅުގަނޑަށް ދައްކާލެއްވީ ޕްލާސްޓިކުން މުއްގަނޑު ހަދާފައިވާ ވަޅިއެކެވެ. ޙައްވަދައިތައަކީ ކުރިންވެސް ދެންނެވިހެން މޮޅު ފެހުންތެރިއެކެވެ. ހައްވަ ދައިތަ ފަހާފައިވާ ކުޑަދަބަހެއް އަޅުގަނޑަށް ދެއްކެވިއެވެ. އެއީ ފަސްވަތްގަނޑު ހުރި ދަބަހެކެވެ. އެދަބަހުގައި ފައިސާ ރައްކާކުރާ ވަތްގަނޑު އަޅުގަނޑަށްވެސް ފެނުނީ ހައްވަދައިތަ ދެއްކެވީމައެވެ. އެދަބަހުގެ ވަތްގަނޑުތައް ހައްދަވާފައިވާގޮތާއި ދަބަސް ފަރުމާކުރައްވާފައިވާ ގޮތުން ހައްވަދައިތަގެ ކުޅަދާނަކަން ފާހަގަކުރެވުނެވެ. ޙައްވަދައިތަގެ ދުރު ހަނދާންތަކުގެ ވާހަކަ އަހާލުމުން ބޮޑުތަދުގެ ވާހަކަ ކިޔައިދެއްވިއެވެ. ބޮޑުތަކުގެ ދުވަސްވަރު އަމީންދީދީ މަނަދޫއަށް ފުރަތަމަ ވަޑައިގެން ދަތުރުފުޅުވެސް ހައްވަދައިތަ ހަނދާން އެބަހުއްޓެވެ. " އެދުވަހު ހައްވަދައިތަ އެތަން ބަލަންއަރާގޮތީ އަތިރިމަތީގައި އޮތް ގަހަކަށް " ހައްވަދައިތަ ހީލަމުން ބުނުއްވިއެވެ. ހައްވަ ދައިތަ ބުނުއްވި ގޮތުގައި އެދުވަސްވަރަކީ މަނަދޫގައި މަރުވާ މީހުން ވަޅުލާ އޮބިނޯވެފައިއޮތް ދުވަސްވަރެކެވެ. ޙައްވަދައިތަ ކަށުކަމާ ކެމީގެ ކަންތައްތަކުގެ ތެރެއަށް ނިކުންނެވީ އިޖްތިމާޢީ ވާޖިބެއް ކަމަށް ދެކިގެންނެވެ. ހައްވަދައިތަ ބުނުއްވި ގޮތުގައި ހައްވަދައިތަމެން އެމަސައްކަތް ކުރަން ނިކުންއިރުވެސް އެއްދުވަހާ ތިން މީހުންވެސް ވަޅުލަން ޖެހިފައިވެއެވެ. ހައްވަ ދައިތަ ބުނުއްވި ގޮތުގައި ރާއްޖޭގައި އަންހެނުން ކުރާ ހުރިހާ މަސައްކަތެއްވެސް ހައްވަދައިތަ ކުރިއެވެ. އަދި އެމަސައްކަތްތައް ހަމައެކަނި ކޮށްލުމުގެ ބަދަލުގައި އެމަސައްކަތްތައް ހައްވަދައިތަ ކުރައްވާފައިވަނީ ފަށުވި ކަމާއި ރީތި ކަމާއި ނަލަކަމާއެކުގައެވެ. ހައްވަދައިތަ ބައެއް މަސައްކަތްތައް އެހެން މީހުންނަށް ދަސްކޮށްދެއްވުމަށްވެސް މަސައްކަތް ކުރެއްވިއެވެ. " އޭރަކީ މިހާރުހެން ކޯސް ހިންގާ ޒަމާނެއްނޫން. ދަސްކުރަން ޝައުޤުވެރިވެގެން އައި ކުއްޖަކަށްވިއްޔާ ހުންނާނީ ދަސްކޮށްދީފަ. އަދި ބައެއް ކުދިންނަށް ހުންނާނެ ބުނެކިޔައިގެންވެސް ދަސްކޮށްދީފަ. އެކަކަކު ޙައްވަދައިތަ ކުރަން ދަންނަ ހުރިހާ މަސައްކަތްތަކެއް ދަސްކޮށްދެއްވިފައެއްނެތް. ކުދިން ޝައުޤުވެރިކަންވެސް ނުހުންނަނީ" އަސަރާއެކު ހައްވަދައިތަ ބުނުއްވިއެވެ. މިހާރުގެ އަންހެން ކުދިންނަށް ޙައްވަދައިތަ ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތްތޯ އަހާލުމުން ހައްވަދައިތަ ބުނުއްވިއެވެ. " ހަމައެކަނި ސްކޫލުން ކިޔެވިއަކަސް އަދި ނުފުދޭނެ. މަސައްކަތް ދަސްކޮށް މަސައްކަތް ކުރަން ޖެހޭނެ. އެހެންނޫނީ ފުރިހަމަ އަންހެނުންނަކަށް ނުވާނެ " ޙައްވަދައިތަ ބުނުއްވިއެވެ. ޙައްވަދައިތައަކީ ދީނީ ކަންތައްތަކަށް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ބޭކަނބަލެކެވެ. އާއިލީ އެކުވެރިކަން ދަމަހައްޓަވާ، އާއިލާގެ ގޭގެއަށް ޒިޔާރަތްކުރައްވާ، ހިތްހެޔޮ ބޭކަނބަލެކެވެ. މިހާރު ޢުމުރުން 73 އަހަރު ވެފައިވާ ޙައްވަދައިތައާ ބައްދަލުވެ މިގޮތަށް ވާހަކަތައް އަހާލާ ހެދުމުން ފާހަގަ ކުރެވުނު ކަމަކީ ޙައްވަދައިތައަކީ ކޮންމެ ކަމެއްވެސް ވަކި ތަރުތީބަކުން ކުރައްވާ، އުޅުންތެރި ދިރިއުޅުއްވުމެއް އުޅުއްވާ، އޯގާތެރި ބޭކަނބަލެއް ކަމެވެ. ޙައްވަ ދައިތައަށް އުފާވެރިކަމާ ބާއްޖަވެރިކަމަށް އެދެމެވެ. އަދި ދެއްވި ވަގުތުކޮޅަށްޓަކައި ނިހާތަށް ޝުކުރު ދަންނަވަމެވެ. |
ކިޔުންތެރިންގެ ޚިޔާލް