| ހުކުރު, 01 ޖެނުއަރީ 2010 09:35 |
| ޔުޓިލިޓީ ކުންފުނީގެ މައްސަލައިގައި މަނަދޫ ރައްޔިތުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި |
|
ރައްޔިތުންގެ އިންޖީނުގެ ނޯތު ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމާބެހޭ މަޝްވަރާތައް ކުރުމަށް މަނަދޫ ރައްޔިތުންގެ ތެރެއިން ކޮމެޓީއެއް ހޮވުމަށް ބޭއްވި ބައްދަލުވުން ބޮޑު ހަމަނުޖެހުމަކަށްފަހު ނަތީޖާއެއް ނުނެރެވި ނިންމާލައިފިއެވެ. މަނަދޫ ރައްޔިތުންނާ މަނަދޫ އޮފީހުގެ ފަރާތުން ބައްދަލުކުރި މި ބައްދަލުވުމުގައި ނ. އަތޮޅުގެ ކައުންސިލަރ މުޙައްމަދު މާހިދާއި ނ. އަތޮޅުގެ މުއާވިން ޢަބްދުﷲ ޢަބްދުލްވާޙިދާއި މަނަދޫ ކަތީބު ސަޢީދު ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަނަދޫ ކަތީބު ވިދާޅުވީ މަނަދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމާމެދު މަޝްވަރާ ކުރުމަށް ކޮމެޓީއެއް އެކުލަވާލުމަކީ އިންސާފުވެރިކަމާއެކު އެތެރެ ފެންނަގޮތަށް ކަންތައްތައް ކުރުމުގެ ބޭނުމުގައި އެކުލަވާލާ ކޮމެޓީއެއް ކަމަށެވެ. މި ބައްދަލުވުމުގައި ނ. އަތޮޅުގެ މުއާވިން ޢަބްދުﷲ ޢަބްދުލްވާޙިދު ދެއްކެވި ވާހަކަފުޅުގައި މަޝްވަރާ ކުރުމަކީ ގޯހެއް ނޫންކަމަށާއި މަޝްވަރާކުރުމަށް ކޮމެޓީއެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ލެއްވެވިއެވެ. މިބައްދަލުވުމުގައި ހަމަނުޖެހުން އުފެދުނީ ކޮމެޓީއެއް އެކުލަވާލުމަށް ބައެއް މީހުން ދެކޮޅު ހެދުމުންނެވެ. ޑީއާރުޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައީ ޔުޓިލިޓީސް ކުންފުނި ތަކަކީ ޣައިރުޤާނޫނީ ކުންފުނިތަކެއް ކަމަށާއި ސަރުކާރުން ރަށްކުރިއަރުވާ ކޮމެޓީތައް ވަނީ އުވާލާފައިކަމުން އިތުރު ކޮމެޓީއެއް ނެގުމުގެ ބޭނުމެއް ނެތްކަމަށެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކާނީ ހުރިހާ ރައްޔިތުން ކަމަށްވެސް އެމީހުން ބުނަމުން ދިޔައެވެ. މި ބައްދަލުވުމުގައި ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޚިޔާލު ތަފަތުވެ ޒުވާބުކޮށް ހަމަނުޖެހުން ހިނގާފައިވެއެވެ. އަދި ބައެއް މީހުން ރުޅިގަދަވެގެން އުޅުނުއިރު އަނެއް ބަޔަކު ވަނީ އެމީހުން ހިފެހައްޓާ ދުރުކޮށްފައެވެ. އަދި ބައެއް މީހުން އަނެއް ބަޔަކު ފަހާ ދުވިތަންވެސް ފެނިފައިވެއެވެ. މަނަދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ރޭ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މަނަދޫ ކަތީބު ސަޢީދު ޤާސިމް ވިދާޅުވީ އިންޖީނުގެ ހަވާލުކުރެވެންވާނީ އަދުލުވެރި ބަދަލެއް ރައްޔިތުންނަށް ލިބިގެންކަމަށް ޤަބޫލުކުރައްވާ ކަމަށާއި މަނަދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރިކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ. މިވަގުތު ޗުއްޓީ ދަތުރުފުޅެއްގައި މަނަދޫ ކައުންސިލަރ ޙުސައިން ޝިޔާމް ހުންނެވީ މާލޭގައެވެ. |
ކިޔުންތެރިންގެ ޚިޔާލް