އަންގާރަ, 09 ފެބްރުއަރީ 2010 11:45
2013ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން: (1)

-އަހާނަމަ-

2013ގައި ރައްޔިތު މީހާ ދޭނީ ކޮންޖަވާބެއް -

 

ގައުމުގެ އިސްވެރިއަކު އިޚްތިޔާރު ކުރުމުގައި މިހާރު ދިވެހިން ދަސްކުރަން ޖެހޭ ތަކެއްޗާއި އުގެނެން ޖެހޭ ތަކެތި ވަރަށް ގިނަ ކަން ފާހަގަ ކުރެވެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ދިވެހިންނަށް އިވުނު އަޑުތަކާއި ކުރެވުނު ފޮނި އުއްމީދު ތައް ދިމާ އިދިކޮޅަށް ކަންހިގަން ފެށުމުންނެވެ. އަދި އަމުދުން ސިޔާސީ ބޭފުޅުންގެ ގިނަވާހަކަތަކަކީ ފަލްސަފާއަކަށް ވުމުންނެވެ. އދި ކީއްތޯ އެވެ. ދިވެހީންނަށް އެންމެ ބޮޑަށް އޮޅޭ ގޮތްވަނީ ކޮންމެ ބޭފުޅަކުވެސް ވާހަކަފުޅު ދައްކަވަނީ ރައްޔިތު މީހާއަށް މޮޅުގޮތް ހޯދައި ދޭންކަމަށް ވިދާޅުވާތީއެވެ. އެވާހަކަ ދައްކަވާ ބޭފުޅަކު އެއްވެސް އެދުންފުޅެއް އޮވެގެން ނުވަތަ ކަމެއް ބޭނުންފުޅުގައި ދައްކަވާ ވާހަކަ ނޫން ކަމަށް ވިދާޅުވެ ދައްކަވާ "ފޮނި" ވާހަކަ ފުޅުތަކުންނެވެ. ވީމާ ، 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދިވެހިން ދސްކުރަންވީ ވަރަގިނަ ކަންކަމާއި ތަކެތި އެބަހުރިކަން ޔަޤީނެވެ.

2013 ވަނަ އިންތިޚާބަށް ދިވެހިން އެންމެ ބޮޑަށް ދަސްކުރަންވީ އެކައްޗަކީ ޤާނޫނުއަސާސީއެވެ. ޤާނޫނު އަސާސީގައި ރައީސުލްޖުމުހޫރިއްޔާ އަށް ނުވަތަ އެމަނިކުފާނުގެ ނައިބަށް ކުރެއްވެނީ ކޮން ކަންތައްތަކެއް ކަން ހަމަ ކޮންމެ ދިވެހިރައްޔިތަކުވެސް ދަސްކުރުން ލާޒިމް ވެއްޖެކަމަށް އަޅުގަޑު ދެކެމެވެ. އެއީ މިހާރު މިދިމާވެގެން އުޅޭ މިޑްޓާރމް އިލެކްސަންގެ ސަބަބުން އެކަން މުހިއްމު ކަމަށް ދެކެމެވެ. އާދެ!  ކެމްޕެއިން ދުވަސްވަރު ރައްޔިތުންގެ ވޯޓް ހޯއްދެވުމަށް ސިޔާސީ ބޭފުޅުންގެ ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންވާނެ ކަމަށްމިހާރުގެ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުން މިޑްޓާމް އިލެކްޝަނުގެ "އަވާގައި'' ޖެނުހު ބަޔަކު ރައީސް ނަޝީދަށް ވޯޓްދިނެވެ. 

މިހާރު އެކި ޤާނުނީ ވަކީލުން އެކަމާ ދައްކަވާ ވާހަކަ ފުޅު ތަފާތެވެ. ބައެއް ޤާނޫނީ ވަކީލުން މިޑްޓާމް އިލެކްޝަންގެ ފުރުޞަތު ނެތް ކަމަށް ވިދާޅުވެ ހުތްޖަތް ދައްކަވާ އިރު ދެންތިއްބެވި ވަކީލުން އެކަމަށް އެބަސްވެ ނުލެއްވުމަކީ ދިވެހިންނަށް މިއަދު ދިމާވެފައިވާ ޤާނޫނީ ބޮޑު އަރަތެކެވެ. ޤާނޫނޫއާއި ޤާނޫނު އަސާސީ މާނަކުރާ މުސްތަޤިއްލު ކޮމިޝަނެއް( ސްޕްރިމް ކޯޓް ފިޔަވައި ) އުފެއްދެވުން ވަރަށް މުހިއްމު ކަމަށް ދެކެމެވެ.( މިހާރު ކަންކަން ހިގާ ގޮތުން ނަމަ މިކޮމިޝަނަށް ދިވެހިބަސް އެއްގޮތަކަށް ނޭނގޭ ބޭފުޅުން ހަމަ ޖެއްސުމަކީ ޤާނުނުގެ މާނަ ދޭހަ ކުރުމަށް ފަސޭހަ ވާނެ ކަމެކެވެ. ) މިހާރުގެ ސަރުކާރާގުޅި ވަޑައިގެންފައިވާ ޤާނޫނީ ވަކީލުން ތަފާތު މީޑިޔާތަކުގައި ހިގާ ބަހުސްތަކުން އިވޭ އަޑުތަކުން މިޑްޓާމް އިލެކްޝަނުގެ އިންތިޒާރުގައި ތިއްބެވި  ދިވެހިރައްޔިތު މީހާގެ މިއަދު ބޮލު ފޮށާ އެޅިގެން ހިގައްޖެއެވެ.

 އެކި މީޑިޔާ ތަކުގައި ދެކެވޭ ވާހަކަތަކުން މިއަދު ދިވެހިން ބޮލުގެ އިތުރު ރިހުމެއް ނޫން އެހެންކަމެއް ނުވެއެވެ. ޚާއްޞަ ކޮށް އެމްޑީޕީގެ އެކި އެކި ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ދިވެހިން ވަނީ ހަޖަމް ކުރަން އުދަގޫ ވެ ހޮޑަށް އަންނަން ފަށާފައެވެ. މިސާލެއްގެ ގޮތުން ދިޓީވީ ފޮނުވި ޚަބަރުތެރެއިން ޕްރޮގްރާމެއްގައި އެމް ޑީ ޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްރި މެމްބަރަކު ވިދާޅުވި ވާހަކަ އަކުން އަޅުގަޑުގެ އިވުމުގެ ޙިއްސު ރަގަޅުބާވައޭ ހިތަށް އެރިއެވެ. އެމެމްބަރު ވިދާޅުވީ " މިޑްޓާރމް އިލެކްޝަންގެ ވާހަކަ ވިދާޅުވެފައިވަނީ ރައީސުލްޖުމުހޫރިއްޔާއެއް ނޫނެވެ. އެހެން ވިދާޅުވި އިރު ރައީސަކަށް ނުވެއެވެ. އެއީ މުޙަންމަދު ނަޝީދެވެ. ވީމާ ރައީސުލްޖުމުހޫރިއްޔާ ވެވަޑައިގެންފައި އޭގެ ކުރީން ވިދާޅުވެފައިވާ ކަންތައްތަކަށް އަމަލް ކުރާކަށް ނުޖޭނެއެވެ. މިއީ މިއަދު ޤާނުނު ހަދާ މަޖީލީހުގައި ތިއްބެވި ބޭފުޅުންގެ ވިސްނުން ހުރިގޮތެވެ. ސިޔާސީ ބޭފުޅުން ކަންކަމަށް "ހަމަ" އަޅުއްވާ ގޮތެވެ. ވީމާ ، މަޖިލީހުގެ މެމްބަރުން މެމްބަރަކަށް ވުމުގެ ކުރިން ކުރައްވާފައިވާ އެއްވެސް ކަމަކާ ސުވާލެއް ކުރެވިގެން ނުވާނެތާއެވެ. ރައީސުލްޖުމުހޫރިއްޔާ ކަމަށް ކެންޑިޑޭޓުން ހުށައަޅުއްވާ މެނިފެސްޓޯތަކަކީ އެބޭފުޅުން ރައީސުލްޖުމުހޫރިއްޔާ އަށް ވެވަޑައިގަތުމުގެ މާކުރިން ހުށައަޅުއްވާ ކަންކަމެވެ . ވީމާ އެކަންކަން ޤަބޫލު ކޮށްގެން ނުވާނެ ނޫންތޯއެވެ. ޤައުމު މިއޮތީ މިފަދަ ޙާލެއްގައެވެ. ވީމާ ، ރައީސުލްޖުމުހޫރިއްޔާ ކަމަށް ވޯޓް ލެއްވުމުގެ ކުރީން އެމީހާ ރައީސުލްޖުމުހޫރިއްޔާ އަކަށް ވެސް ހަދަންވެއްޖެ ކަމަށް ވަރަށް ބޮޑަށް ފެނެއެވެ.

ޤައުމު ދާންވީ ނުވަތަ ގެންދަން މިއުޅެނީ ކޮން މިސްރާބަކަށް ކަން ގިނަ ދިވެހީންނަކަށް އޮޅުންއަރާފައިވެއެވެ. ކަންކަމަށް ސަލާން ޖާހާކަށް ނުޖޭނޭ ވިދާޅުވާއިރު ކަންކަމަށް އެދި ރައްޔިތުމީހާ ފުރަންޖެހޭ ފޯމުގެ އަތްފައިގެ އިގިލި ތަކަށް ވުރެ ގިނަވެއްޖެއެވެ. ޖީބަށް ފައިސާ އިތުރު ކޮށްދޭނެމޭ ވިދާޅުވި އިރު ވަޒީފައިން ވަކިކުރާނެ ކަމަށް ނޯޓިސް ދެވުނު ރައްޔިތު މީހާ ގޭ ބޮޑުއަށީގައި އޮތީ ގެއަށް ގެނެސްދޭނެ ފައިސާގެ ސިޓީއުރައިގެ އިންތިޒާރުގަ އެވެ.  އެކަމަކު މިއީ ޑިމޮކްރަސީއަށް ފައްކާވެފައިވާ ގައުމެކޯލައެވެ.

ކަންކަން ހިންގުމަށް މާބޮޑު ޤަވާއިދެއް ޤާނޫނެއް މިޤައުމަށް ބޭނުން ނުވާ އަޑުއިވެމުން ދާއިރު އަމުދުން ޤާނޫނު ހަދާ މަޖީލީހުން އިއްވާ އަޑަކީ ރައްޔިތުން އަޑު ކަމަށް ބައެއްމީހުން ޤަބޫލްނުކުރާއިރު އެއަށް ސަރުކާރުން އަމަލް ކުރެވެން ނެތް ޙާލުގައި  ޤާނޫނު ހަދާ މަޖިލީހަށް ރައްޔިތުންގެ ފައިސާއިން ކުރައްވާ ޚަރަދު ހުއްޓާލައްވާ ނުހެދިފައިވާ ރިސޯޓްތައް  ހެދުމަށް އެފައިސާ ޚަރަދުކޮށްގެން ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ ފޮތި ގިނަ ކޮށް ޖީބު ބޮޑުކޮށްލެވޭތޯ ބަލާކަށް ނުވޭތޯ؟ އެއް ޖީބު ފުރިއްޖެނަމަ އަނެއް ޖީބުވެސް ފުރަން ރައްޔިތު މީހާ ބޭނުންވާނެއެވެ.

މިދެންނެވި ކަންކަމަށް ނަޒަރު ހިންގާލާއިރު އެނގި ދަސްވަނީ ސިޔާސީ މީހުންނަކީ މީހުންގެ ކުރިމަތީގައި ސަޅިބައިސާ ކެނޑުމުގެ އެއްވަނަ ކަމެވެ. ދައްކަވާ ވާހަކަ ފުޅާ ޢަމާލާ ދިމާ ނުވުމަކީ ސިޔާސީ މީހަކަށް ވުމުގެ ޝަރުޠެއް ކަމެވެ. ސިޔާސީ މީހަކަށް އެމީހާގެ އަމިއްލަ ނަފުސެއް ނޯންނާނެކަމެވެ. އަބަދުވެސް ދެލަފުޒުން އެއްލަފުޒަކީ ރައްޔިތު މީހާ ކަމެވެ. ބަހުން ސަޅި ޢަމަލުން ސުމެއް ދިނުމަކީ އާދަފުޅެއް ކަމެވެ. ކަންލިބުމުން ރައްޔިތު މީހާގެ މަތީން ހަދާން ނައްތާލުމަކީ ވާޖިބެއް ކަމެވެ. 

އަޅުގަޑު ދަންނަވަންޖެހެނީ 2013ވަނަ އަހަރު ވަރަށް ބާރަށް ކައިރިވަމުން ދެއެވެ. އެއަހަރު އެކިބޭފުޅުން ރަށްރަށަށް ވެސް ވަޑައިގަންނަވާނެއެވެ. "ފޮނި ބަސްތާ" ހިއްޕަވައިގެން ރައްޔިތު މީހާގެ ސިނކުޑިއަށް "ޗިޕެއް" ޖައްސަވަން ވަޑައިގަންނަވާނެއެވެ. ގޭގެ ބަދިގެތެރެއަށް ވަޑައިގެން ގޭގައި ހުރި ތެލިތަށި ދޮވެދޭނެއެވެ. ނަމަވެސް އިނގޭތޯ  ޗައިނާ ސަރުކާރުން ދެއްވާ 25000ފުލެޓުންނާއި ޔޫރަޕުން ވަޑައިގަންނަވާ 1000ޓީޗަރުން ބޭނުންފުޅު ކޮށްގެން ކެއްކެވޭނީ ރިހައެއް މިހާރަކު ނެތެވެ. ކައްކަވާ " ދޮންރިހާގައި" ކުޅިރަހަ ލައިފިނަ ލޮނު ރަހައެއް ނުލައެވެ. ހެޔޮކޮށް ގިނައިން ދަވިއްގަދު އެޅުމުން ރިހަތެލީގެ ރަހަ ވަނީ ގޯސްވެފައެވެ. ރަހަ ހުއްޓިފައެވެ.  ނުކޮށްދެވުނު ކަންކަމަށް މަޢާފް އަށް އެދެފިނަމަ ރައްޔިތު މީހާ އަފްއާމެއް ދެއްވާފާނެއެވެ. އެކަމަކު މިހާރު ދިވެހިން ތިބީ ހޭލައެވެ. ނަފްރަތަކުން ތާއިދެއް ނުހޯއްދެވޭނެ ދޮގެއްތޯ؟ ދިވެހިން ހިގާބިގާވެ އުޅެނީ ބޯކޮޅު މައްޗަށް ޖަހައިގެންނެވެ. ތިރިއަށް ބޯކޮޅު ޖަހައިގެން އުޅޭ ނަމަ މުންޑުލައިގެން އުޅޭ ދިވެހިންގެ ނިވާވެރިކަމެއް ވެސް ނުހުންނާނެ ނޫންތޯއެވެ. މިކަމަށް ވިސްނަންވާނެއެވެ. އާދެ! ސިޔާސީ ބޭފުޅުންނަށާއި 2013ގައި ރައީސުލްޖުމުހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ރިޔާސީ ކެންޑިޑޭޓުންނަށް ފިސާރި ރީތި ޖަވާބެއް ރައްޔިތު މީހާ ދޭނެ ކަން ޔަޤީނެވެ.

މިސުރުޚީގެ ދަށުގައި ހުރި އިތުރު އާޓިކަލްތައް
•    ސަލާން ޖެހުމާއި " ކަލަ '' ގޮވުން ގިނަވުން
•    ދިވެހިރާއްޖެ އޮންނާނެގޮތުގެ ކުރެހުމެއް ރައްޔިތުމީހާ ތައްޔާރު ކުރުން
•    ކަންމަތި ފިހާރަ ސޭޓް ވިސްނާ ހުރުން
•    ބަހާ އަމާލަ އެއްގޮތް ކުރާނެ " ވެކްސިނެއް " ސިޔާސީ ފަރާތްތަކަށް
•    ގަބުޅި ކަތީބުންގެ މައްޗަށް ބަރަވެލި ކައުންސިލަރުން އިސްކުރުން
•    އިޖްތިމާޢީ ފޭރަން ވީދި ނިވާވެރިކަމެއް ނެތުން.
•    ރކ ކޮމެޓީތަކުގެ ޖަނާޒާ ބޭއްވުން 


އެމްއެލްގެ ނޯޓް: މިލިޔުން ޝާއިއުކޮށްފައި މިވަނީ ސުލޫކީމިންގަނޑަށް ފެތޭގޮތަށް އެޑިޓްކޮށްގެންނެވެ.