ހުކުރު, 05 ފެބްރުއަރީ 2010 01:19
އިޤުތިޞާދީ ޚާއްޞަ ޙާލަތުގައި ސިވިލްސާވަންޓުން "ތާށިވުން"

ބީބުގެ ޤަލަމުން -

ދުނިޔެއަށް ކުރިމަތިވި، އިޤުތިޞާދީ ދަތިތަކުގެ އަސަރު އެންމެ ބޮޑަށް ފޯރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއްޤައުމަކީ ދިވެހިރާއްޖެކަމުގައި އަދުގެ ސަރުކާރުން ބުނާ ބުނުމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. މިފަދަ ދަނޑިވަޅެއްގައި ޤައުމުގެ އިޤުތިޞާދު ރަނގަޅުކުރުމަށް ޤައުމުގެ ހުރިހާ ދިމާލަކުން ސަރުކާރުށް އެއްބާރލުންދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އަދިހަމައެހެންމެ ޤައުމު ހިންގުމުގައި ސަރުކާރުންވެސް ހަމަހަމަ ގޮތެއްގައި އެންމެންނަށް ކަމުގެ ތަކުލީފުޖެއްސުމަކީ އިންސާފުވެރި ގޮތްވެސް މެއެވެ.

ޤައުމުގެ ޙާލަތަށް، ޤައުމުގެ ރައްޔިތުން ވިސްނުމަށް ސަރުކާރުން ކެނޑިނޭޅި ގޮވަމުންދާއިރު، ދިވެހިރައްޔިތުންނަށް މިކަން ހަޖަމުނުކުރެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ މި މައްސަލައިގައި އިޙުތިޖާޖުކުރަމުން ދަނީ ކީއްވެހެއްޔެވެ؟ މި ސުވާލުތަކާމެދު ފުންކޮށް ވިސްނާލުމުން ހިތަށް އަންނަނީ ބަހާއި ޢަމަލު ދިމާނުވުމުގެ ސިޔާސަތުން ދިވެހިރައްޔިތުންގެ "ހޭއެރި" ކަމެވެ. އަދި މިކަމުގައި ސަރުކާރުން ގެންގުޅެމުންދާ "ދޯދިޔާ ވިސްނުމު"ގެ ސަބަބުން އެތައްބައެއްގެ އިންސާނީ ޙައްޤުތައް ގެއްލި މާލީގޮތުން ނުރަނގަޅު އަސަރުތަކެއް ކުރަންފެށުމެވެ. "އަޑުގަދަމީހާއަށް ރުއްގިނަވާ އުސޫލުން" ކަންތައްތައް ނިމިދާތީއާއި ނިކަމެތިންގެ ޙައްޤުތައް ވެއްޔާ މޮޑެވިގެން ދިޔުމަކީވެސް "އިޤުތިޞާދީ ޚާއްޞަ ޙާލަތު" ހަޖަމު ނުކުރެވި، އިޙުތިޖާޖުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔަ ސަބަބެކެވެ.

ދުރުތިބީންނަށް ފެންނަ ބޮޑު މަންޒަރުން މިއަދު ސިފަވަނީ އަތްނުފޯރާފަށަށް "ޤައުމުގެ ޙާލަތު" ބަދަލުވެ، "އިޤުތިޞާދީ ޙާއްޞަ ޙާލަތު" "ބޮޑު ޖޯކަކަށް" ބަދަލުވެފައިވާތަނެވެ.  އެހެންވުމާއެކު، ކަންމިހެންވުމަށް މެދުވެރިވި ސަބަބުތަކަށް ބަލައި ޚިޔާލެއް ފާޅުކުރުމަކީ، ހަމައެންމެ ރަނގަޅުކަމެއް ކަމުގައި ދެކެމެވެ. 

ދިވެހި ކޮންމެ ރައްޔިތަކު ޤަބޫލުކުރާނެފަދައިން، "އިޤުތިޞާދީ ޚާއްޞަ ޙާލަތު"ގެ ބަލިމަޑުކަމެއް މިއަދުވަނީ ޤައުމަށް ފެތުރިފައެވެ. މިބަލި ފެތުރިފައިވާ ކަމުގެ "ސިޤުނަލު" ދެމުންދިޔައީ ދުނިޔޭގެ މާލީ އިދާރާއިންނެވެ. އަދި މިކަމަށް އޮތް ފަރުވާވެސް އެބައިމީހުން ބުނެދެމުންދާކަމަށް ދިވެހިރާއްޖޭގެ މާލީ ވުޒާރާއިން ދަނީ ހާމަކުރަމުންނެވެ. އެކަމަކު އެފަރުވާ ވެފައިވަނީ، ބާރުލިބިފައިވާ ފަރާތްތަކުގެ "ނުލަފާކަން ދައްކާލުމަށް" ލިބިފައިވާ ހަތިޔާރަކަށެވެ. އެހެނީ، މާލީ އިދާރާގެ ލަފާގެމަތިން ދިވެހިރާއްޖޭގެ އިޤުތިޞާދު ރަނގަޅުކުރުމަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ "ސިވިލްސާވަންޓުންގެ" ޙައްޤުތައް ނިގުޅައިގަތުމޯލައެވެ. އަޖައިބަކީ، މިނިވަން މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކުގެ ދަތްތަކާއި ވަކިތައް ވަރުގަދަވެ، އައި އެމް އެފް ބިރުގަތްކަމެވެ. އެހެނީ ސަރުކާރުން އަބަދުވެސް ފާހަގަކުރައްވަނީ ސިވިލްސާވަންޓުންގެ މުސާރައާ ކުޅުމުގެ ފަރުވާއެވެ. 

މިމޭރުމުން ވާހަކަދެއްކުމުން ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އިންކާރުކޮށްފާނެއެވެ. ބަހަނާއަކަށް "ތިމަންނާމެންގެ މުސާރަށްވެސް ބައެއް އުނިކުރި" ކަމަށް ބުނެފާނެއެވެ. އެކަމަކު، ސިޔާސީ މީހުންގެ މުސާރައިން ފަނަރަ ޕަސަންޓު އުނިކޮށްފައި އަނެއްކޮޅުން "ފޯނު އެލަވްނަސް"ގެ ނަމުގައި އެ ފަނަރަޕަސަންޓު ސިޔާސީންނަށް ދިނުމަށް އައި އެމް އެފް އިން ބުނެފާނެ ބާވައެވެ؟ މިކަންވެސް ވަނީ މިމަގުން ހިނގާފައެވެ. އެހެނީ، ރަށްރަށުގެ ކައުން ސިލަރުންނަށް ފޯނު އެލަވްނަސްގެ ނަމުގައި އުނިކުރި ފަނަރަ ޕަސަންޓް ފޯރުކޮށްދީފައިވަނީ ހަމަ "އިޤުތިޞާދީ ޙާއްޞަ ޙާލަތު"ގައެވެ.

ދެންއޮތީވެސް ހަމަ އެފަދަ ވާހަކައެކެވެ. އެއީ ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ މުވައްޒަފުންގެ ޖަނަވަރީ މަހުގެ މުސާރަ، ކަމާބެހޭ ބޭފުޅުން "ފިލާތިބެ" ޖަމާކުރުމުން ޚަރަދު ބޮޑުވި ވާހަކައެވެ. އެހެނީ ރާއްޖޭގެ އަތޮޅުތަކުން ބައެއްރަށްރަށުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ބެންކުހުރި ރަށްރަށަށް ފައިސާ ބަލާދާންޖެހުނީ ވަކި ވަކިންނެވެ. މާނައަކީ ޝަރުއީ ދާއިރާ، ސްކޫލް ދާއިރާ ހެލްތު ދާއިރާ ހޯމް އެފެއާޒްގެ ދާއިރައިން އެދަތުރުކުރީ ވަކިންނެވެ. މިއީ އައި އެމް އެފް އިން ޚަރަދުކުޑަކުރުމަށް އަންގަވާފައިވާ "ސިޔާސަތުގެ ދަށުން" ޚަރަދުކުޑަކުރުމަށް އެޅި ރަނގަޅު ފިޔަވަޅެއް ބާވައެވެ؟ ނޫނެކެވެ. މިއީ، ހަމަ "އިޤުތިޞާދީ ޙާލަތް" ކުރިމަތިވެގެން އެޅުނު ޅައެއްޗެކެވެ. 

މިފާހަގަކުރި ސިލްސިލާގެތެރެއަށް އިތުރުވި އަނެއް "ބޮޅަކީ" އިޤުތިޞާދީ ޚާއްޞަ ޙާލަތާ ގުޅިގެން އައި އެމް އެފް އިން އިންޒާރުތައް ދެމުންދަނިކޮށް މަތިލުއި ސަރުކާރެއް ހިންގުމަށްޓަކައި ސިޔާސީސީ 22 މަޤާމެއް އުފައްދައި 1.5 މިލިއަން ރުފިޔާ މަހަކު ޚަރަދުކުރުމަށް ނިންމި ނިންމުމެވެ. މިކަމަކީ، ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ބާވައެވެ؟ މިހުރީ ހައްތަހާވެސް އަޅުގަނޑު ކުރިން ދެންނެވި އިޤުތިޞާދީ ޚާއްޞަ ޙާލަތު ދިވެހިރާއްޖެއަށް ކުރިމަތި ވެފައިވާކަމަށް ދިވެހިންނަށް ޤަބޫލުނުކުރެވޭ މައިގަނޑު ސަބަބުތަކެވެ.
ދައުލަތުން ޚަރަދުކުރާ ބައެއް ފަރާތްތަކުގެ މުސާރައާއި އެލަވަންސުން "ލޯލާރިއެއް"ވެސް އުނިކޮށްގެން ނުވާނެކަމަށް ދުނިޔޭގެ މާލީ އިދާރާއިން ބުނެފައި ވޭހެއްޔެވެ؟ އެބައިމީހުންގެ މުސާރައިން ބައެއް އުނިނުކޮށް ހަމައެކަނި "ސިވިލް ސާވަންޓުން"ގެ މުސާރައިން ބައެއް އުނިކުރުމަށް އައި އެމް އެފްއިން ލަފާދީފައިވާނަމަ، އެކަން ވެގެންދާނީ މިފަދަ ޑިމޮކްރެޓިކް ވެއްޓެއްގައި އެފަދަ އިދާރާއަކުން ފެތުރި ނާތަހުޒީބީ، ނަސްލީ ތަފާތުކުރުމުގެ ނަމޫނާ ޢަމަލަކަށެވެ. ހަމަ މިފަދަ ދަނޑިވަޅެއްގައި "ކާފަމާމައަށްދޭ" ދެހާސް ރުފިޔާއިން ޕަސަންޓެއް އުނިނުކުރުމަކީވެސް ކިހާބޮޑު އަރަތެއް ހެއްޔެވެ؟ ކާފަމާމައަށް ދިނުމަށް ވައުދުވު ދެހާސްރުފިޔާއިންވެސް ފަނަރަޕަސަންޓު އުނިކުރުމަކީ ހަމަ ރަނގަޅުކަމެކެވެ. ފަހަރެއްގައިވެސް ރީންދުލުން ނުލަށް ބަދަލުވާނޭ ކަމެއް ނޫނެވެ.

މިހުރިހާ ވާހަކަތައް އަޅުގަނޑު ލިޔަންޖެހުނީ ދިވެހި ސަރުކާރުގެ "ސިވިލް ސާވަންޓުންނަކީ" ޤައުމުގެ އިޤުތިޞާދުގައި އަޅާފައިވާ "ބައްޔެއް"ކަމަށް ސަރުކާރުން ސިފަކުރަމުން ދާތީއެވެ. ޚާއްޞަކޮށް ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހުންނާއި މަޖިލީހު ބައެއް މެންބަރުންގެ ވާހަކަތަކުން "ސިވިލް ސާވަންޓުން"ނަށް ބަހުގެ ހަމަލާތައް ދޭތީއެވެ. އެމީހުންގެ ވާހަކަތަކަށް ބަލާއިރު، ފާހަގަކުރެވޭ އެއްކަމަކީ ޤައުމުގައި ހަމަޖެހިގެން ދިރިއުޅެންވީ ހަމައެކަނި މިނިވަން މުއައްސަސާތަކާއި ސިޔާސީ މީހުންންކަމެވެ. އެކަމަކު، އަޅުގަނޑު ހަނދާންކޮށްދެން ބޭނުންވަނީ މިޤައުމަކީ ހުރިހާ ދިވެހިންގެ ޤައުމެއްކަމެވެ. އެހެންވީމާ އެންމެންވެސް އަބުރުވެރި ދިރިއުޅުމަށް ބޭނުންވާނެވެ. މިކަމުގައި ސިޔާސީމީހެއް މިނިވަން މުއައްސަސާގެ މެންބަރެއް ސިވިލް ސާވަންޓެއް ތަފާތެއް ނެތެވެ. ކާމިޔާބު ލިބެން އޮތީ ތެދުނިޔަތުގައި އެންމެންގެ ޙާލަތަށްވެސް ވިސްނައިގެން މަސައްކަތްކުރުމުންނެވެ. އެހެންނޫންނަމަ ހައްތާވެސް ފެންނާނީ ދެކެން ބޭނުންނުވާ މަންޒަރުތަކެވެ. 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިސަރުކާރު ހިންގުމަށް އޮތް ފުރުސަތެއް ނިކަން ކޮބައިތޯ ދިވެހި ރައްޔިތުން ނިކަން ވިދާޅުވެ ދެއްވަ ބައްލަވާށެވެ. 60 ރިޒޯޓް ކުއްޔަށް ހަދަންދީ ކުލީގެ %15 އެޑްވާންސަށް ނެގީ ކޮންބަޔަކު ތޯ އެވެ.. އެރިޒޯޓްތައް ހެދިއްޖެ ތޯއެވެ! ރައްޔިތުންނަށް ވީ ފައިދާއެއް ކޮބައިތޯއެވެ. އެފައިސާ ތަކަށް ވީ ކިހިނެއް ތޯ އެވެ. ސަރުކާރުގެ ކުންފުނިތަކުން ކުރިއަށް އޮތް އަހަރަށް ލިބޭނެ ފައިދާ ބަޖެޓަށް ކުރިއަށް ނެގީ ކޮންބަޔަކު ތޯ އެވެ. ދެންޖެހިގެން އަންނަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނީ މަތިން ބާވައިލެއްވި އެއްޗެއް ތޯ އެވެ. ކަތީބުންނާ ސިޔާސީ އެތައް މަޤާމެއްގަ ތިބި މީހުން ސިވިލްސަރވަންޓުންގެ ގޮތުގައި ހަމަޖައްސައި 100 އަހަރުން ބަޔަކަށް ޙަޢްގުވާ ޕްރޮމޯސަން ގޯންޏެއްގައި އޮއްސާލީ ކޮންބަޔަކު ތޯ އެވެ. މިހާ ޒިންމާ ދާރު ކުޑަ، ދޯހަޅި ގޮތަކަށް ޤައުމުމެއްގެ ސިޔާސަތު އެކަށައަޅައި އެކަން ހިންގަމުން ގެންދާނެ ކަމީ އެއްވެސް ބަޔަކު އެކަން އެގޮތަށް ކޮށްފާނެ ކަމަށް ހީކުރާނެ ކަމެއްތޯ އެވެ. ޤައުމު އެލް.ސީ.ޑީން ޑިވޮލޮފިންގ ކަންޓްރީއަކަށް ބަދަލު ވާން ތައްޔާރު ވެފައިވާއިރު މިކިޔާ "ކޮންކްރީޓް" ގެ ތަރައްޤީން އެކަނި މިޤައުމަށް ފުއްދާލެވޭތޯއެވެ. ދެން މިކަން ކަމުގެ ޒިންމާ ނަގަންވީ ކޮންބަޔަކު ތޯ އެވެ. ޑިމޮކުރަސީ މިދަނޑިވަޅުގައި އައިސް ބަޔަކު މިނިވަން ވީ ވީ ނޫން މިއޮތް ސަރުކާރަށް ޖެއްސުން ކުރަމުން ދާއިރު ކޮންބަޔަކު ތޯ އެކަން ކަމުގެ ޒިންމާ ނަންގަވާނީ ވިދާޅުވެ ދެއްވާށެވެ. އެތައް މިލިޔަން ޙަރަދު ކުރަންޖެހޭ ބިލްތައް ފާސްކުރީމަ ލާރި މަތިން ފާބަނީ ތޯ އެވެ. ހަމައެކަނި އިމްޕޯޓް ޑިއުޓީއާއި ޓްއަރިޒަމް ޓެކްސުން އާމްދަނީ ލިބޭ މިޤައުމު މި ބޮޑު ބަދަލަށް ތައްޔާރު ވެފަ އޮތީ ކިހިނެއްތޯ އެވެ. އަމިއްލަ އުފެއްދުން ތެރިކަން ކޮބައިތޯ އެވެ. ޓުއަރިޒަމުން ޤައުމުގެ މުޅި ރައްޔިތުންނަށް ފައިދާ ތަކެއް ވޭތޯއެވެ. އެނދެއް 5000 ޑޮލަރަށް ވިއްކާފަ ސަރުކާރަށް ބެޑް ޓެކްސްގެ ގޮތުގައި 8 ޑޮލަރ ދިނީމަ ޤައުމު ހިންގޭނެ ތޯ އެވެ. ކޮމާޝަލް ލޯނު ނަގާ ބޮޑު ދަރަނި ބޮލުގައި އެޅިފައިވާއިރު ހަމައެކަނި އިންޓަރެސް ފައިސާ ދައްކާލީމަ ލޯނު ފައިސާ ދެން ދައްކާނީ ކޮން ލާރި އަކުންތޯ ވިސްނާލިން ތޯއެވެ. ޤައުމަށް އާމްދަނީ ލިބޭ ހަތަރު ބިލިޔަން ރުފިޔާއިން ބޮޑުބައި ދަރަންޏަށް ދައްކާ ޙަލާސް ކުރަން ޖެހިފައިވާއިރު ރައްޔިތުންގެ ތަރައްޤީއަށް ބަޔަކުކޮށް ދޭނީ ކޮންކަމެއްތޯ އެވެ. 50 ބިލިޔަނުން ބަޖެޓް ތައްޔާރުކޮށް ނުލިބޭ ފައިސާ އަކުން ޤައުމު ހިންގީމާ ދިވެހި ފައިސާގެ އަގުވެއްޓި އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގުބޮޑު ވީމާ އެއީ ކާކު ނަގަންޖެހޭ ޒިންމާ އެއްތޯ ދިވެހިން ނިކަން ވިދާޅިވެ ދެއްވަ ބައްލަވާށެވެ. ރައްޔިތުންނޭ މިހުރިހާ ސުވާލެއްގެ ޖަވާބު ދޭނެ މީހަކު ހުރިތޯ އާއި މީ މިކަމާ މީހަކު ޒިންމާ ވާން ޖެހޭ ކަމެއްތޯ މިސުވާލަށް ނިކަން ޖަވާބު ދެއްވަ ބައްލަވާށެވެ... ނޫނީ ޙުދްމުހްތާޜު ޤާނޫނު އަސާސީގެ ބަޔާން ދިވެހިރައްޔިތުން ނަގަންވީތޯ.. ރައްޔިތުންނޭ ވިސްނާ ވިސްނާ... ޤައުމު ނިމިދިޔަ 30 އަހަރު މިއޮތީ ހަމަ ފުޑާ ލާފަ އޭ މިބުނަނީ އަދިވެސް އެތައް އެތައް ބައިވަރު ސަބަބުތަކާއި ހެދި އޭ.. ދިވެހިން ވިސްނާ....
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...