| ހޮނިހިރު, 30 ޖެނުއަރީ 2010 09:26 |
| ޤައުމު "ބިކަވުން" – ހިތާމަހުރިކަމެއް |
|
ބީބުގެ ޤަލަމުން - ޓީޗަރުންނާއި ޑޮކްޓަރުންނަކީ ވަރަށް ޕްރޮފެޝަނަލްކޮށް ޙަރަކާތްތެރިވާ ފަންނީ އެންމެ ބޮޑުގުރޫޕްގެ މެންބަރުންނެވެ. ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގެ އެންމެ މުހިންމު އަދި ޒިންމާދާރު މީހުންނެވެ. އެހެންކަމަށްވުމާއެކު އެބައިމީހުންގެ ކަންތައްތަކާމެދު "ޤައުމު" ވިސްނާ ފިކުރުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ އިޖުތިމާޢީ ބަލިމަޑުކަމުންނާއި އަނދިރިކަމުން ޤައުމު ސަލާމަތް ކުރެވޭނީ އެމީހުންނަށް ކަމަށް ވާތީއެވެ. ނަމަވެސް ހިތާމަޔަކީ މިދެންނެވި މީހުންނަށް ޤައުމު މިއަދު ބޭނުން ނުވާކަމެވެ. ޤައުމުގެ ބާރުހުރި ގުނަވަންތަކުން އެމީހުން "ބިކަހާލު"ގައި ޖައްސަމުން ޚާއްޞަކޮށް ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ދޭމުންދާކަމީ ހިތާމަހުރިކަމެކެވެ. އަޅުގަނޑުވެސް ޤަބޫލުކުރާގޮތުގައި ޤައުމު ތަޙައްމަލުކުރަމުންދާ ވޭނުގައި އެޤައުމެއްގެ އެންމެންވެސް ޝާމިލުވާންޖެހޭނެއެވެ. އެކަމަކު އެފަދަ ޙާލަތްތަކުގައި ޤައުމަށް އާރާސްތުކުރުމުގެ ނަމުގައި ކުރެވޭމަސަކަތުގެ ލިސްޓުގެ ކުރިއަށް "ޓީޗަރުންނާއި ޑޮކްޓަރުން" ހިމަނައި ޤުރުބާންކުރުމުން ދެންވާނީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން އަދި ޚާއްޞަކޮށް ސިޔާސީ މީހުން އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާފަދައި އެމީހުން އުފެއްދި ޓީޗަރުންނާއި ބަލިވުމުން ފަރުވާ ކޮށްދޭ ޑޮކްޓަރުން އަބުރުވެރި ދިރިއުޅުމަކަށް ބޭނުން ނުވާނެހެއްޔެވެ؟ ބޭނުންވާނެކަން ޔަޤީނެވެ. އެކަމަކު މިކަމާ ހަމައެއްގޮތަކަށްވެސް ޤައުމުގެ "ސިޔާސީން" ނުވިސްނައެވެ. މިއީ ހިތާމަހުރިކަމެކެވެ. ކުރިއަށް އޮތްތަނުގައިވެސް ދައުލަތުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ އަމާޒަކީ ޓީޗަރުންނާއި ޑޮކްޓަރުން ކަމަށްވާނަމަ، އެދެވެނީ ޤައުމަށް ބޮޑުގެއްލުމެކެވެ. އެ އަޅަމުންދަނީ ނާމާންކަމުގެ ރަނގަބީލެކެވެ. އަލަމުން އެދަނީ ޅައެއްޗެކެވެ. އެކަމުގެ ހުރިހާވެސް ގެއްލުމެއްވާނީ ޤައުމުގައި ތިބި ނިކަމެތި ރައްޔިތުންނަށެވެ. ސިޔާސީންގެ ޖީބަށް ނުކަތާވަރަށް ވަންނަ "ދައުލަތުގެ ފައިސާއިން" އެމީހުންގެ ދަރިންނަށާއި ޢާއިލާގެ މެންބަރުންނަށް ބެންކޮކުންނާއި ސިންގަޕޫރުން ކިޔަވައިދީ ބޭސްފަރުވާ ކޮށްދެވިދާނެއެވެ. އެކަމަކު ނިކަމެތި މީހާގެ ދަރިންނަށް ކިޔަވައިދީ ބޭސްފަރުވާކޮށްދެން ތިބޭނީ، މިޤައުމުގައި ތިއްބެވި ޓީޗަރުންނާއި ޑޮކްޓަރުންނެވެ. ވުމާއެކު، "ސިޔާސީން" މިކަމުގައި ވަރަށް ބޮޑަށް ވިސްނުން މުހިންމެވެ. އަޅުގަނޑު މިދެންނެވި ނުކުތާއަށް މާޒީގައި ދައުލަތުން ނުވިސްނުމުގެ ސަބަބުން މިހާރުވެސް ޤައުމަށް ލިބިފައިވާ ގެއްލުން ނުހަނު ބޮޑެވެ. އެހެނީ ޞިއްޚީ ދާއިރާގައި ފަރުވާ ދިނުމަށް އައިސްތިބި ގިނަ ޑޮކްޓަރުން އިސްތިއުފާ ދިނުމަށްފަހު އެނބުރި އެމީހުގެ ޤައުމަށް ހިނގައްޖެއެވެ. މީޑިޔާތަކުގެ ތަފާތު ޚަބަރުތަކުން އެނގެނީ މިހާރުތިބި ޑޮކްޓަރުން ރާއްޖެއަށް ނުފުދޭ ކަމެވެ. ހަމަ މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހިންވެސް އަމިއްލަ ވިޔަފާރިއަށް ބަރޯސާ ވާންފަށައިފިއެވެ. ޞިއްޚީ ޚިދުމަތްދޭ ބައެއްތަންތަނުގައި ތިބި މަދު ޑޮކްތަރުންގެ ތަރުޖަމާނުންނަށް އެތަންތާ މަސައްކަތު އުޅޭ މީހުން ވަންނަން ފަށައިފިއެވެ. ދެން ލިބެންހުރި އެފަރުވާގެ ފެންވަރާމެދުވެސް ވިސްނުން ހުއްޓެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއިންވެސް މިއަދު ފެންނަނީ ހަމަ އެފަދަ މަންޒަރުތަކެކެވެ. ކިޔަވައިދިނުމުގައި ޙަރަކާތްތެރިވަމުންއައި ބިދޭސީ ޓީޗަރުން އިސްތިއުފާ ދޭންފަށައިފިކަމުގެ ޚަބަރުތައްވެސް އިވެންފަށައިފިއެވެ. ދިވެހިރާއްޖޭގެ މުދައްރިސުންގެ މޯޓިވޭޝަންވަނީ ގެއްލިފައެވެ. އެހެންކަމަށްވުމާއެކު ކޮންމެ ކަހަލަ ތަރާދަކުން ކިރިނަމަވެސް މިއަދު ފެންނާނީ ތަޢުލީމީ ފެންވަރު ދަށްވެފައިވާ ތަނެވެ. މިކަން މިހެން މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ ކުރިންވެސް ދެންނެވިފަދަ މައްސަލައެވެ. ފައިސާގެ މައްސަލައެވެ. މުސާރައިން ބޮޑުބައެއް އުނިކުރުމަށްފަހު، ދެމުންއައި އިނާޔަތްތައް ހުއްޓާލުމަކީ މި މައްސަލަތައް ކުރިމަތިވި މައިގަނޑު ސަބަބެވެ. އެހެންކަމަށްވުމާއެކު، މާލީ ދަތިކަމާހުރެ ޤައުމުގެ އުމުރާނީ ތަރައްޤީ ފަސްކުރުމަށްފަހުވެސް ނުވަތަ ސިޔާސީ ޕްރޮމޯޝަންތައް ފަސްކުރުމަށްފަހުވެސް މި މައްސަލަތަކަށް ޙައްލެއް ހޯދުމަކީ މިހާރުން މިހާރަށް ކުރަންވެފައިވާ ކަމެކެވެ. މިކަމުގައި ސިޔާސީ ފިކުރެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޤައުމުގެ ޙާލަތާމެދު ވިސްނާ ސިކުނޑިތަކެއްގެ ވިސްނުމެވެ. އެހެންނުވާނަމަ، ޤައުމުގެ ޙާލަތު ދުވަހުން ދުވަހަށް ދާނީ ގޯސްވަމުންނެވެ. ދަށަށެވެ. އެންމެފުހުން އުފެދޭނީ "އޮރިޔާންވެފައިވާ، އިޤުތިޞާދީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ" ވެށްޓެކެވެ. އޭރުން ހިތާމަކުރަންޖެހޭނީވެސް ހަމަ ނިކަމެތިންނެވެ. މިކަން ހަނދާންކޮށްދިނުމުން "ކޯފާވުމަކީ" ހައްލެއް ނޫނެވެ. |
ކިޔުންތެރިންގެ ޚިޔާލް
ދެންއޮތީ ކުރިއަށް އޮތްތަނުގެވާހަކައެވެ މުސާރަބޮދުވާންޖެހެނީ ޓީޗަރުންނާއި ޑޮކްޓަރުންނޯ ލާރި ޤަޢުމަށް ހޯދަންމިޖެހެނީ ރިސޯޓްގައި އުޅޭކުދިން. މިމީހުންގެ މުސާރަބޮޑެއްނުވެއެވެ
ވަކިލާރިކޮޅުވެސް ރަށްރަށު އެކައުންޓުން ގެނެވޭނެ ގޮތްތައް ރާވަން ޖެހިއްޖޭ
ހޯދިހާ ގިނަ މުދަލާއި ފައިސާ ރާކާފު ކޮމެޓީތައް އަތުގުޅާލާ
އޯގާވިސަރުކާރު ހެޔޮފުޅުކަމުން ގޮސް ކޮމެޓީތަކުގެ ދިޔަ ރަނގަޅަށް ފެލިއްޖޭ
އަތޮޅު ކައުންސިކަރުންނާ އެކީގާ ރަށްރަށުގެ ކައުންސިލަރުން އަތްޖަހާލާ
ބަނޑުވާދަމާލާ އާނހޫނ ޖެހީމާ ދެއްވާ މުސާރައިން ހިތްހަމަޖެހިއްޖޭ
ހަމައެކަނި ތިޔަ ގެނައީ ގަބުރެކޭ ފޯރާފަށަށް އަތް އަންބާ ކިޔާފާ
ޑޮލަރެއްގެ މިލިޔަން އެތަކެއް ޚަރަދުކޮށް ފަސްވައުދު އެކުގޢ ފުއްދާލެވިއްޖޭ
ކަންމަތީ އިސްޓޯރާ މިނޫންވެސް ދުއްކާނުތަކެއް ބަނގުރޫޓުކޮއްފާ
ފަސްހާސް ހަހާހުން ދިވެހިން ވަޒީފާއިން ވަކިކޮއްލެވޭތީ ހިތްހަމަޖެހިއްޖޭ
ވެރިކަމެއްގެ މި ހެޔޮކަން ފެނިއްޖޭ އަންހެންވެރިން މިސްކިތްތައް އުވިއްޖޭ
ހުރިހާ ސުކޫލެއް މަކްތަބްތަކާއެކު ކާޅާއި ވާލަށް ހިބަކޮށްދެވިއްޖޭ
ހަމަހެއެއްގާ ސައުވީސް ގަޑީގާ ތިބެގެން ނުވާނޭ ބުނެ ހާމަކޮށްފާ
އެތަކެއް މެޝިންތައް ބަނގުރާ އުފައްދާ އެކިރަށްރަށުން އަދު ހޯދާ ފެނިއްޖޭ
ހޭވިހާ ހަޑި އެރުވިޔަނުދޭން ތަށި ރީފާތަފާލުގަ ތެޅެނީ ތިހެން ދަނޑި
ރޭވެސް ނިދީގާ ފާހާނާތައްޓެއް އަންނީބެއަށް ހުވަފެނުގާ ފެނިއްޖޭ
އަތޮޅު ހިންގާ އެކިއެކި އޮފީސްތައް ރީންދޫ ހުމެއްގައި ބޯއަނބުރަމުންދޭ
ކަތުރާނު ދުމަކުން ނޫނީ މިރޯގާ ފިލުވާލެވޭކަށް ނެތްކަން އެނގިއްޖޭ
ފުލެޓްބަރިތައް ފައިބަން ފަށައިފިޔެ އަޑުފައް ކިޔާފައި ބިންގަނޑުގެ އަޑިއަށް
ނެޓްގައި ބުނާހެން މޫސުން އައީމާ ނެގުމަށް މިބައިވަރު ކޮންނަން ޖެހިއްޖޭ
މާރިޔާގަނޑު ލަޑަވާފޮޅާތީ ރީކޯގެ ރޭވުން ބޮއްސުން ވެދާތީ
ރާހީގެ އިރުވަރު ކެންސަލްވެދާތީ މާޒީގެ ފަތްފުށް އޮޅިގެން ހިނގައްޖޭ
ރީތިވާނީ ފަރުދޯނި އަންބާ އެންމެން ހިފާލާ ބާރަށް ކިޔަންޏާ
ރީތީގެ އެއްވަނަ ދިޔަވަތްރަނގަޅު އޮޑި ރާގުން މިއަންބާ އިއްވަން ޖެހިއްޖޭ