| ހޮނިހިރު, 23 ޖެނުއަރީ 2010 03:33 |
| އަނިޔާގެ ވާހަކަ ދެއްކުމަކީ ބަދަލު ހިފުމެއް ނޫނެވެ. އެއަނިޔާ ތަކުރާރުވިޔަ ނުދިނުމެވެ. |
|
ވެލިދޫ މުޙައްމަދު ޙަލީމް – ދިވެހިރައްޔިތުންނަކީ އެތެރެއާއި ބޭރުގެ އަޅުވެތިކަމުގެ ދަށުގައި އެތައްޒަމާނެއް ވަންދެން "ފުނޑެމުން" "ހިމުންވަމުން" ދިޔަބަޔެކެވެ. އެތަކެއް ހަގުރާމަވެރި ލަޝްކަރު އެތަކެއް ފަހަރު މިރާއްޖޭގެ ރައްޔިތުންނާއި ތޮޅެން އައެވެ. ރައްޔިތުންނާއި ތޮޅުނެވެ. ދިވެހިންގެ ތެރެއިން އެތަކެއްބަޔަކު މެރިއެވެ. އެތައްބައެއްގެ އިއްފަތްެ ނަގާލިއެވެ. ދުއްތުރާތަކާ ވޭންދެނެވި އަނިޔާތައް ކުރިއެވެ. ދިވެހީންގެ މައްޗަށް ވެރިވެގަނެ މިދީބު އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އެމީހުންގެ ބޭނުމަކީ ރާއްޖެއިން ލިބެމުން އައި ނަފާ ޖަހައިގަތުމެވެ.ރާއްޖޭގެ ތާރީޚަށްބަލާއިރު ރާއްޖޭގެވެރިންނަކީ އެއްވެސް ދުވަސްވަރެއްގައި ރައްޔިތުންގެ މައްޗަށް ކުލުނުހުރި ބައެއް ނޫނެވެ. ރައްޔިތުންނަށް އަނިޔާކުރުމުގެ މިސާލުތައް ފަށާނީ ކޮންރަސްކަލެއްގެ ހިސާބުންކަން ނުވަތަ ކޮން ރައީސެއްގެ ވެރިކަމުންކަން އަންދާޒާ ކޮށްލުމަކީވެސް އަޅުގަނޑަށް ވަރަށްދަތިކަމެކެވެ. ރާއްޖެއިސްލާމްކުރެއްވި މަހާކަލަމިންޖާ ނުވަތަ އައްސުލްޠާން މުޙައްމަދު ބުނި ޢަބްދުﷲ ގެ ވެރިކަމުގެ ފޯކްލޯވެސް ފެށެނީ ބިކުރުވެރި އަންހެންކުދީންގެ ހައިރާންކުރަނިވި ވާހަކައިންނެވެ. "ފުރޭތަ" އަރާ މައުސޫމް ކުދީންތަކެއްގެ ނަފުސު ދުއްވާލާ އަސަރުހުރި ގޮތަކީ ވާހަކައިގެ މުގައްދިމާއެވެ. ވެރިކަމަކީ ﷲ އެކަލާނގެ މިންވަރު ކުރެއްވި އަޅަކަށް ދެއްވާ ނިޢުމަތެކެވެ. އެނިޢުމަތް ފިލާދަނީވެސް އެކަލާނގެ އަޒަލު ފުޅުގައި ކަޑައެޅިފައިވާ ގޮތެއްގެ މަތީންނެވެ. މިއީ ޝައްކެއް ކުރެވެން އޮތްކަމެއް ނޫނެވެ. އަދި ކިއެއްތަ ބަހުސެއްކޮށް ހުއްޖަތެއް ގާއިމު ކުރެވޭނެ ކަމެއްނޫނެވެ. ދިވެހިރާއްޖޭގެ ފަހުގެ ތާރީޚީއަށް ބަލާލާއިރު އިބްރާހީމް ނާޞިރަކީވެސް ރައްޔިތުންނަށް ވަރަށްގިނަ އަނިޔާތަކެއް ކުރެއްވުމުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ރައީސެކެވެ. އަދި ވަކީން ހާއްސަ ގޮތެއްގައި ތިނަދޫ ބަޣާވާތުގެ މައްސަލައިގައި އެމަނިކުފާނަށް ރައްޔިތުން ދެއްވި "އިޚްތިޔާރު" ގެ ބޭނުންކުރެއްވި ގޮތާއި މިންވަރާ ބެހޭގޮތުން ސުވާލު ކުރެވަންޖެހޭނެ ފަރާތެކެވެ. އަދިހަމައެފަދައިން ވިލިގިނލީޖަލާ އެޒަމާނުގެ މާލޭގެ ޖަލުގެ ކަންކަމާބެހޭގޮތުން ނާޞިރު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެއެވެ. ނަމަވެސް އިންސާފުވެރިގޮތުގައި މިކަންކަން ނުކުރެވި ރައީސް ނާޞިރުވަނީ ﷲ ގެ ރަޙުމަތަށް ދަތުރު ކުރައްވާފައެވެ. މާތް ﷲ އިބްރާހީމް ނާޞިރުގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލައްވާށިއެވެ. މައުމޫނުގެ ވެރިކަމުގެ ދިގުތިރީސް އަހަރަކީވެސް އަނިޔާއާއި ބޭއިންސާފުގެ ވާހަކަތައް ފެންމަތިވެފައިވާ ސަރުކާރެކެވެ. ކަރަޕްޝަނާ ޚިޔާނާތު ތެރެއިން ލާވެށޭ ގޮތުގައި މައުމޫނު ވެރިކަން ހިންގަވަމުން ގެންދަވާފައިވަނީ އެހިނދަކަށް މައުމޫނަށް ކުރިމަތިވި ކޮންމެހުރަހެއް ހުޝިޔާރުކަމާއެކު ނައްތާލައްވަމުންނެވެ. އީވާން ނަސީމާއި ޙުސައިން ޞަލާހުގެ މަރުގެ ހާދިސާތަކަކީ މާފަހުގެ ހާދިސާތަކެވެ. އެއިގެ ކުރީގައި މިފަދަ އެތައް މަރެއް، އެތައް ހާދިސާއެއް މައުމޫނުގެ ވެރިކަމުގައިވެސް ހިނގައިގޮސްފައިވެއެވެ. އެއީ ކަށަވަރުކަމެކަމެކެވެ. އަދި ފަހުގެ ތާރީޚުގައިވެސް ދިވެހީންނަށް ނީވޭ ކިތައްމެ އަޑެއް އެބަހުއްޓެވެ. އުނގޫފާރު އަތޮޅުގޭގެ ގުދަނެއްގައި މަރުވެދިޔަ އުމުރުން ސާދަފަނަރަ އަހަރުގެ ޒުވާނާގެ މަރުފަދަ އެތައްމަރެކެވެ. އެތައް އަނިޔާއެކެވެ. އެތައް ތަދެކެވެ. އެތަކެއް ވޭނެކެވެ. އެތައް ކަރުނައެކެވެ. އެތައް ރުޔުމެކެވެ. އެތައް އަސަރެކެވެ. މައުމޫނުގެ ވެރިކަމަކީ ދިވެހި ތާރީޚުގައި ސިޔާސީކުށްވެރިން އެންމެގިނައިން ހިފާ ހައްޔަރުކޮށް ހުރަގެއަށްލާ އަނިޔާކުރި ސަރުކާރެވެ. މިމީހުންގެ ތެރެއިން ބައެއްމީހުން ޖަލުގޭގެ އަނިޔާގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައިވާނޭކަމީވެސް ޝައްކެއް އޮތްކަމެއްނޫނެވެ. އެފަދަ މީހުންގެ ފާތިހާ ދުވަސް އިނގޭމީހަކު ހުރިނަމަވެސް ގައިރޯއްޖެވެ. އަޅުގަނޑަކީވެސް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަން އުމުރުން ހަތަރުފަސްއަހަރުގައި ދުށްމީހެކެވެ. "މައިޒާންކުވާކެރަފާ" ނަމުގައި މައުމޫނު ކުޅުއްވި ޑްރާމާގައި އަޅުގަނޑު އުފަން، އަޅުގަނޑުގެ ލޯބިވާ ވެލިދޫއަށް ލިބުނު ޝަރަފަކީ "ބާޣީންގެ ހާލި" ގަޑުގެ ޝަރަފެވެ. އަދި މިއާއެކު މައުމޫނު ސަރުކާރުން ފޮނުވިބަޔަކު ވެލިދޫއަށްއަރާ ވެލިދޫގައި ހުރި ކެރަފާ އާއިލާއަށް ނިސްބަތްވާ ބައެއް އޮޑިދޯނިފަހަރާއި ހަރުގެ ތަކުގައި ހަވަރުލައްވައި ހުޅުޖަހާ ރޯކުރިއެވެ. އަދި އަނެއްބައި އޮޑިދޯނި ފަހަރު އެބަޔަކަށް ކޮއްޕުނު ގޮތަކަށް ކޮއްޕާ ރަށުން ބޭރު ކުރިއެވެ. މިފަދަ އަނެއް ހާދިސާއަކީ 1983 ވަނަ ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވެލިދޫ ދޮންއަލި މުޙައްމަދު އޭނާ ވޯޓްކަރުދާސް ކޮޅުގައި ރަސްގެ ޖެހުމުން އޭނާއަށް ދިން އަނިޔާއެވެ. އޭނާ ރަސްގެ ޖެހި ވޯޓްކަރުދާސްކޮޅު ފޮއްޓަށް ވައްޓާނުލެވުނުތާގައި އެފަކީރަށް މައުމޫނުގެ ސަރުކާރުން ހާދައަނިޔާއެއް ދިނެވެ. ހާދަ ދުއްތާރެއް ޖެއްސިއެވެ. ދޮންއަލި މުހައްމަދުބެއާއި ބެހޭގޮތުން މީގެ 18 ވަރަކަށް މަސްކުރީން އަޅުގަނޑުވާނީ ފިޔެސް މަޖައްލާގައި "ދޮންއަލިމުޙައްމަދު: ޑިމޮކްރަސީގެ ބަޠަލެއް" މިމައުޟޫގައި ލިޔެފައެވެ. ހަގީގަތުގައިވެސް އެއީ ޑިމޮކްރަސީގެ ބަޠަލެކެވެ. އޭނާގެ އަށް "ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިކަން" ހަމަ ޙައްގެވެ. (އެމަރުހޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން) ޖަލުގައި މީހުންނަށް އަނިޔާކުރިކަން ފިސާރި ރަނގަޅަށް މައުމޫނަށް އެގޭނެއެވެ. އެކަމަށް މައުމޫނު އިޢުތިރާޟް ކުރާނަމަ ދިވެހިރައްޔިތުން ކުރި އިލްތިމާސްތަކާއި އާދޭހުގެ ސިޓީތަކާއި އަނިޔާތައް ލިޔެފައިވާ އެތައްސަތޭކަ ކަރުދާހަށް އޭނާ ހެއްދެވި ގޮތަކާމެދު ސުވާލު ވެވެންޖެހޭނެއެވެ. މައުމޫނު އުފެއްދި ރިޔާސީކޮމިޝަންތަކުގެ ރިޕޯޓްތަކަށް ހެއްދެވި ގޮތަކާމެދު ފަނޑިޔާރުގޭގައި ޖަވާބުދާރީ ވާންޖެހެއެވެ. މައުމޫނުގެ ސަރުކާރުން ނުވަތަ އެހެންވެސް ސަރުކާރަކުން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ ދެއްކުމަކީ ބަދަލު ހިފުމެއްކަމުގައި ހަމައެކަކުވެސް ގަބޫލުކޮށްގެންވާނެ ކަމެއްނޫނެވެ. އަދި ކިއެއްތަ، އެއީ އެފަދަ އަނިޔާވެރިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޮށާން އޮތް އެންމެ ރަނގަޅު މަގެވެ. ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއްގައި އޮވެއެވެ. "އަނިޔާލިބޭ މީހާއަށާއި އަނިޔާކުރާ މީހާއަށް ތިބާ ނަޞްރު ދޭށެވެ." މުރާދަކީ އަނިޔާ ލިބުނުމީހާއަށް އިންސާފު ހޯދައި ދޭށެވެ. އަނިޔާކުރިމީހާއަށް ޙައްޤު އަދަބު ދޭށެވެ. |
ކިޔުންތެރިންގެ ޚިޔާލް