| ހުކުރު, 15 ޖެނުއަރީ 2010 00:50 |
| "ޓޯޗަރ ވިކްޓިމްސް އެސޯސިއޭޝަން" ރިޔާސީ ކޮމިޝަން ފެލްވެފައިވާކަމުގެ ފުރަތަމަ ހެކި |
|
ބީބުގެ ޤަލަމުން - ޓޯޗަރ ވިކްޓިމްސް އެސޯސިއޭޝަން އަކީ ވޭތުވެ ދިޔަ 30 އަހަރުގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައި ދިނުމުގެ ނަމުގައި އުފެއްދުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. އިސްވެ ޙަރަކާތްތެރިވަނީ "ގޮށްރީންދޫގެ" އެކްޓިވިސްޓުންނެވެ. ސިލްސިލާ ބައްދަލުވުންތައް ފޯރީގައި ބާއްވަމުން ދަނީ ޤައުމުގެ ރައްޔިތުންނަށް ކަންތައްތަކެއް އޮޅުވާލުން ކަމުގައި ޤަބޫލުކުރުމުގެ ޖާގަ އެބައޮތެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލަންޖެހޭ އެއްކަމަކީ މިބައިމީހުންގެ ޙަރަކާތުގައި ސިޔާސީ ކުލަޖެހިގެންނުވާކަމަށް ބުނާ ބުނުމުގައި ހުރި ޙަޤީޤަތްތަކެވެ. ސިޔާސީ ކުލައެއް ޖެހިފައި ނުވާކަމަށް ބުނާއިރު، ވަކި ދައުރެއްގެ ވަކި ބޭފުޅެއްގެ ވެރިކަމުގައި މީހުންނަށް ލިބެމުން ގޮސްފައިވާ އަނިޔާތަކަށް މިޖަމާޢަތުން އިސްކަން ދިނީ ކީއްވެހެއްޔެވެ؟ ވެލާނާގޭ އިބްރާހިމް ނާޞިރުގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތަކުގައި އަތްއަޅާ، 30 އަހަރުގެ ވެރިކަމުގެ އަނދިރިފަރާތް ދިވެހިރައްޔިތުންނަށް ދައްކަން އުޅޭ އުޅުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. މިކަމުން އަންގައިދެނީ ސިޔާސީގޮތުން މައުމޫނަށް އޮތް ތާއިދު ނަގާލުމަށް ވަގުތުގެ ބޭނުން ހިފަނީ ކަމުގައެވެ. އަދި މައުމޫނާމެދު ވަކިބައެއްގެ ހިތުގައި އުފެދިފައިވާ ޒާތީ ތައައްޞުބާއި ރުޅިވެރިކަންވެސް މިޙަރަކާތުން ހާމަކޮށްދެއެވެ. މިޙަރަކާތުގެ ދެވަނަ ބޭނުމަކީ ފާއިތުވި ގިނަދުވަސްތަކުން ރައީސް އައްޔަން ކުރި ރިޔާސީ ކޮމިޝަނުން ކުރިމަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުގެ އިތުރުން، އެބައިގަނޑަށް ކިޔަމުންދާ ފާޑާއި ނުރުހުމުގެ ބަސްތަކުން އަވަހަށް ސަލާމަތްވުމެވެ. އެހެނީ، ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު ޙަސީނާއި ވެރިޔާ ޙުސައިން ރަޝީދުގެ ހިތަށާއި ފިތަށް ކެތްނުވެ، އެހެރަ ދައްކަވާ ވާހަކަތަކުން އެނގެނީ ރިޔާސީ ކޮމިޝަނުގެ ޢަމަލުތަކާމެދު ރައީސުލުޖުމްހޫރިއްޔާ ހަމައެއްގޮތަކަށްވެސް ހިތްޕުޅު ހަމަ ނުޖެހޭކަމެވެ. ގަދަކަމުން ކުރީގެ ރައީސް ރިޔާސީ ކޮމިޝަނަށް ޙާޟިރުކުރަން އުޅުމުން ވީ ފަޟީޙަތާއި ބޭޒާރުން ގަންނާކުރައްވާ ލަދު އޮއްބާލުމަށް އެންމެ އެކަށީގެންވާ ޙަރަކާތަކީވެސް މިއީ ކަމުގައި ދެންނެވި ދާނެއެވެ. ހަމައެހެންމެ ރިޔާސީ ކޮމިޝަނުގެ ފޫނެތްފަޔަށް ފެންފުރުމުގެ ނަތީޖާއަކަށްވާނީ ވެދުންކޮށްފައިވާ މަޤާމުތައް ނިގުޅައިގަތުންކަން އެނގޭތީ ރައީސުލުޖުމްހޫރިއްޔާއަށް ވައިއަޅުވަން މިއަށްވުރެ ރަނގަޅު ޙަރަކާތެއް ނެތްކަމަ އެބޭފުޅުންނަށް އެނގެއެވެ. ނަމާދަށްތިއްބާ ޖަލަށްލައި އަނިޔާކުރިކަމަށް ބުނާ މީހުންނާ ބެހޭގޮތުން ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނުފަދަ ދެއުޅިއެއްނުވާ ލޯޔަރުން ސާބިތުކޮށްދިނުމަށް ނަގާނެ ޤާނޫނީ ޕޮއިންޓްތަކުގައި ހުންނާނެ ބާރުވެރިކަމާމެދު އެތައްބަޔަކު ސުވާލުކުރާނެއެވެ. އަޅުގަނޑުގެ ހިތުގައިވެސް ސުވާލު އުފެދެއެވެ. އަދި ބަރަވެލި ހިނގުމުގެ ދުވެލީގައި އޮތް ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނުގެ ސޯޓު އިތުރަށް ބޭލި ފަޟީޙަތްވުން ނޫންކަމެއް ވާނެކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. މިބުނެވިދިޔަ މަގުން ކަންތައް ހިނގައިފިނަމަ އަނެއްކާވެސް ރިޔާސީ ކޮމިޝަން ފަޟީޙަތް ވާނެއެވެ. އެއީ ހާދަހާވާ ބޮޑު ލަދެކެވެ. ތިންވަނައަށް ފާހަގަކޮށްލެވޭ ކަމަކީ މިޙަރަކާތުގެ އެހީގައި "ރީންދުލައިގެން މަރުދޭމީހުން" ފޫހިވިޔަނުދީ ހިފެހެއްޓުމެވެ. އެހެނީ ރިޔާސީ ކަމިޝަނުގެ ބުރަދަނެއް ނެތްނަސައްކަތަކުގެ ނަތީޖާ ހިތިވުމުންނާއި ވެރިޔާގެ ބަހާއި ޢަމަލު ދިމާނުވާތީ ފޫހިވާ މީހުންދަނީ އިތުރުވަމުންނެވެ. މިކަން މިހާރު އެއްވަމުންދާ މުޒާހަރާތަކުންވެސް ހާމަވާނެއެވެ. ވުމާއެކު، އެމްޑީޕީގެ "ޖަޑިބުން"ގެ ކޮމިޓީއަކުން މިފަދަ ޙަރަކާތެއް ހިންގާނަމަ، އެބުނާ ރޫޙު އާވެ، އަނެއްކާވެސް ޕާޓީއަށް މަރުދޭނެ އެތައްބަޔަކު އިތުރުވާނެއެވެ. އެކަމަކު ހަނދާންކުރަންވީ ކިތަންމެ ފުރިހަމަ ޙަރަކާތެއް ހިންގިނަމަވެސް މިހާރު ޚިދުމަތްކުރަމުންދާ ސިވިލްސާވަންޓުގެ ކަރުބުޑުގައި ލައްވަމުންދާ "ހިތިރަހަ" ފިލުވައި ނުލެވޭނޭ ކަމެވެ. ގަދަކަމުން ކުރުވަމުންދާ ސޮއިތަކުން ލިބޭ މާއްދީ ނަފަޔަށް ވުރެ، ފަހުން ލިބޭ ނަތީޖާ މާދެރަވާނެއެވެ. މިއަދު ސިވިލް ސާވަންޓުން ތިބޭނީ އެފަދަ ދަނޑިވަޅަކަށް ފާރަލާލައެވެ. ޓޯޗަރ ވިކްޓިމްސް އެސޯސިއޭޝަން ވުޖޫދަށް ގެނައުމުގެ މަޤުޞަދުތައް މި ބުނެވިދިޔަ ރޫޙަށް ހުރިއިރު، އުފެދޭ ސުވާލަކީ ބައިނަލް އަޤުވާމީ ކޯޓުތަކުއި ތިބޭނީ ހަމަ "ގަމާރުން" ބާވައެވެ. ޒާތީ ޙަސަދައާއި ސިޔާސީ ކުލަޖެހިގެން ހިންގާ މިފަދަ ޙަރަކާތައް އިންސާފުކުރުމަށް ތިބޭނީ ހަމަ ދެއުޅި އެއްނުވާ މީހުން ބާވައެވެ. އެހެންކަމަށް ވާނަމަ ކާމިޔާބު އޮތީ ބުނެވި ދިޔަ ޓޯޗަރ ވިކްޓިމްސް" ޙަރަކާތަށެވެ. އެކަމަކު ހަނދާންކުރަންވީ ކަމަކީ ނަމާދަށް ސަޖިދައަށް ތިއްބާ ހައްޔަރުކުރިކަމަށް ބުނާ ހީލަތްތެރިންނާއި ވެރިކަމުގެ ދަހިވެތިވެގެން އުޅުނު ބާޤީންނަށާއި ބޮޑެތިކުށްތަކާއި ޖަރީމާތަކުގެ އަނިޔާވެރިންނަށް ހިމާޔަތްދޭ ކޯޓެއް އަދި ދުނިޔޭގައި އުފެދިފައި ނުވާކަމެވެ. ބުނެވިދިޔަމީހުންނަށް އަދަބު ދިނުމަކީ ހަމަ ކޮންމެ ސަރުކާރަކުންވެސް ކުރާނެކަމެއްކަމެވެ. ވުމާއެކު ޓޯޗާރ ވިކްޓިމްސްގެ ހުރިހާވެ މަޤުޞަދަކީ މައުމޫނުގެ ސަރުކާރުން ނަފާނުލިބުމުން އުފެދުނު ޒާތީ ޙަސަދާއާއި ރުޅިވެރިކަމެވެ. ރިޔާސީ ކަމިޝަން ފޭލްވުމުން ދެން ކުރާނެ އިތުރުކަމެއް ނެތިގެން މަންޒަރު ބަދަލުކޮށްލުމެވެ. ބަހާއި ޢަމަލު ދިމާނުވާތީ، ރައްޔިތުން ޕްރެޝަރަށް ދިޔަނުދީ ރީންދޫކުލައަށް މީހުން ހިތް ޖެއްސުމެވެ. ދަންވަން އޮތީ މިހަރަކާތުން ރިޔާސީ ކޮމިޝަނައި ގޮށްރީންދޫގެ ބައެއް މީހުން އިތުރަށް ފަޟީޙަތްވޫން ނޫން ކަމެއް ނުވާނެކަމަވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް މިއީ ޙަޤީޤަތެވެ. |
ކިޔުންތެރިންގެ ޚިޔާލް