| ބުދަ, 13 ޖެނުއަރީ 2010 00:41 |
| ބޭސްފަރުވާގެ ވަޢުދު .... މިހާރު ފުދިއްޖެ!؟ |
|
ލިޔުނީ: މަސްދަރު - ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަކީ އެމް ޑީ ޕީގެ މައިގަނޑު ފަސް ވަޢުދުގެ ތެރެއިން އެއް ވަޢުދެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަށްޓަކައި މިސަރުކާރުން ވަރަށްގިނަގުނަ މަސައްކަތްތަކެއް އެބަކުރެއެވެ. އޭގެތެރޭގައި އެންމެ މުހިންމު އެއްކަމަކީ، މަދަނަ ޕްރޮގްރާމެވެ. ނަމަވެސް ދަންނަވާލެވެން އޮތީ މަދަނަ ޕްރޮގްރާމަކީ ކުރީގެ ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެއްކަމަށެވެ. އެސަރުކާރު ނިމުމަކަށް އައިއިރު ސަރުކާރުގެ ހުރިހައި މުވައްޒަފުންނާއި، ދައުލަތުގެ ޕެންޝަނަރުންނާއި، ޢުމުރުން ފަސްދޮޅަސް ފަސްއަހަރުން މަތީގެ އެންމެން ވަނީ މިޕްރޮގްރާމްގައި ބައިވެރި ކޮށްފައެވެ. މިހުރިހާ އެންމެން މިޕްރޮގްރާމްގައި ބައިވެރި ކޮށްފައިވަނީ އެމީހުންގެ އަތުން އެންމެ ލޯލާރިއެއްވެސް ނުނަގައެވެ. އެސަރުކާރުން ހަމަޖައްސާފައިވަނީ 2010 ގެ ނިޔަލަށް މަދަނަ ސްކީމްގައި ރާއްޖޭގެ އެންމެން ބައިވެރިކޮށް ނިންމާގޮތަށެވެ. ނަމަވެސް މިހާރުގެ ސަރުކާރު އައިފަހުން މަދަނާގައި ބައިވެރިވުމަށް ކޮންމެ ރައްޔިތެއްގެ އަތުން ދެހާސް ރުފިޔާ ނަގަމުން ގެންދެއެވެ. އަދި މަދަނަ ޕްލަސްއޭ ކިޔާފައި އިތުރު ފަނަރަސަތޭކަ ރުފިޔާވެސް ގެންދަނީ ނަގަމުންނެވެ. ސަރުކާރުން ބޭސްފަރުވާގެ އެހީއަކަށް އެދޭ ކޮންމެ މީހަކު މަދަނަ ސްކީމްގައި ބައިވެރި ވުމަކީ މިހާރު މަޖުބޫރު ކަމެކެވެ. މިޕްރޮގްރާމްގައި ބައިވެރި ނުވެ ސަރުކާރުން އެންމެ ލޯލާރިއެއްވެސް އެހީގެ ގޮތުގައި ނުދޭގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.މިސަރުކާރު ވެރިކަމާ ޙަވާލުވެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހާމަކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ތިންލައްކަ ރައްޔިތުންގެ ތެރޭގައި ދުވާލަކަށް 21 ރުފިޔާ ނުލިބޭ އެއްލައްކަ ދިހަހާސް ރައްޔިތުން ދިރިއުޅެއެވެ. މިއީ އާބާދީގެ ކޮންމެ ތިންމީހެއްގެ ތެރެއިން އެކެކެވެ. މިކަން ސަރުކާރަށް އެނގިހުރެ، މިއޮތް ބޮޑު ފަޤީރު އާބާދީއަށް މަޖުބޫރުކޮށްފައި މިވަނީ އަހަރަކަށް ދެހާސްރުފޔާ ނުވަތަ ތިންހާސް ފަސްސަތޭކަ ރުފިޔާ ދީފައި މަދަނަ ސްކީމްގައި ބައިވެރިވުމަށެވެ. މިމީހުން ކުރިން ބޭސްސިޓީއެއް ހިފައިގެން ސަލާންޖަހަން އުޅުމުން އެކަން ހުއްޓުވުމަށް މިސަރުކާރުން އެޅި ފިޔަވަޅުގައި މިހާރު މިޖެހުނީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މަދަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ފައިސާހޯދުމަށް ސަލާންޖަހަން ނުކުންނާށެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަށް މަދަނަ ޕްރޮގްރާމްގައި މަޖުބޫރުން މީހުން ބައިވެރިކުރުވުމަކުން މިކަމަށް ޙައްލެއް ނުފެނެއެވެ. ރާއްޖެއިން މީގެ ކުރިން ލިބެމުންދިޔަ ބޭސްފަރުވާގެ ޚިދުމަތް މިއަދު މިވަނީ އެތައް ދަރަޖައަކަށް ފަހަތަށް ސޮއްސާލާފައެވެ. ސިވިލް ސާރވިސްގެ މުވައްޒަފުންނާހެދި މިސަރުކާރަށް ވަނީ ވަރަށް ބޮޑު އުނދަގުލަކަށް ވެފައެވެ. އެމީހުންނަށްދޭންޖެހޭ މުސާރައަކީ ދިވެހި ރައްޔިތުންނަށް ދޭންޖެހޭ އެއްޗެއް ކަމަކަށް މިމީހުންނަކަށް ނުވިސްނެއެވެ. މުސާރަތައް ކުޑަކުރުމުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އެތައް ޑޮކްޓަރުންނެއް މިހާރު ވަނީ ވަޒީފާ ދޫކޮށް ރާއްޖެއިން ފުރައިގެން ގޮސްފައެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލްތަކުން ރައްޔިތުންނަށް ދެމުންއައި ޚިދުމަތްތައް ވަނީ ހުއްޓިފައެވެ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގައި މާބަނޑު މީހަކު ދައްކާލާނެ ޑޮކްޓަރަކު ނެތެވެ. ކުޑަކުއްޖަކު ދައްކާލާނެ ޑޮކްޓަރަކު ނެތެވެ. އަދި އެހެންވެސް ރަނގަޅު ޑޮކްޓަރެއް ނެތެވެ. މިއީ ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގެ ޙާލު މިހާރު ހުރިގޮތެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކު ވިހަން ބަނޑުގައި ރިހެން ފެށުމުން ހުޅުމާލޭ ހޮސްޕިޓަލަށް ދާދިފަހުން ދުވަހެއްގައި ދިއުމުން، މިތަނުގައި ޑޮކްޓަރަކުނެތޭ އަވަހަށް މިތަނުން ދާށޭ ކިޔާ ފޮނުވާލީއެވެ. އެފަކީރަށް ޖެހުނީ ބަނޑުގައި ރިހިރިހި އޮއްވާ ބައިގަޑިއިރުގެ ކަނޑުދަތުރެއް ކޮށްގެން މާލެ ދާށެވެ. އެހެން ދުވަހަކު ކުޑަދަރިފުޅު ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ދިއުމުންވެސް ޑޮކްޓަރަކު ނެތިގެން ފޮނުވާލީއެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުވައި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ދޭނެކަމަށް ވަޢުދުވެގެން އައި ސަރުކާރުން މިއަދު މިފެންނަނީ ހޮސްޕިޓަލްތަކުން ކުރިން ހިލޭ ދެމުންއައި އެތައް ޚިދުމަތަކަށް އަގުނަގާގޮތަށް ހަމަޖެއްސިތަނެވެ. މިސަރުކާރުގެ ހުރިހާވެސް އަމާޒަކީ ރައްޔިތުން އަތުން ލާރި ނެގުމެވެ. މުސާރަތައް ކަނޑައި، މުވައްޒަފުންތައް ވަކިކޮށް، ކަރަންޓާއި، ފެނުގެ އަގުބޮޑުކޮށް، ޞިއްޙީ ޚިދުމަތްތަކަށް އަގުނަގައި، ރައްޔިތުންނަށް ދަތިވާފަދަ އެތައްކަމެއް ކޮށްފިއެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަކީ މިއީތޯއެވެ. ސަލާންޖަހައިގެންވެސް ލިބޭނެ ބޭސްފަރުވާއެއް މިޤައުމުގައި ނޯންނަ ދަރަޖައަށް ކަންތައްތައް ގެންދިއުން ތޯއެވެ؟ |
ކިޔުންތެރިންގެ ޚިޔާލް
2 މަދަނައިގެދަށުން ލިބެނީ އެތަނުން ފާމަސީއަށް ފޮނުވާފައިވާލިސްޓެއްގައިވާ ބޭސްތަކެވެ. ވަރަށް މިހިއްމު ގިނަބޭސް މަދަނައިގެދަށުން ނުލުބެއެވެ. މިސާލަކަށް ކަށީގެ ބަލިތަކަށް ވަރަށްގިނައިން ޑޮކްޓަރުން ލިޔާބޭހެއްކަމަށްވާ ޖޮއިންޓޭސް ގުޅަ ހިމެނެއެވެ. މިއީ ވަރަށް އަގުވެސްބޮޑުބޭހެކެވެ.