ހުކުރު, 04 ސެޕްޓޭމްބަރ 2009 11:56
ރޯދަމަހަކީ
އާމިނަތު ފާއިޒާ -



ފުރިހަމަ އެތައް ގިނަ ސިފަޔަކުން ޒީނަތްވެގެންވާ ޟައިފެކޭ
     ހުރިހާ ގޮތުން މަތިވެރި އެއީ ތަހުޛީބުކޮށްދޭ ޔާރެކޭ

ހެޔޮ މީހުނަށް ހެޔޮކޮށް ހިތާ ހެޔޮހާ މަގެއް ހަމަލިއްބުވާ
     ހެޔޮގޮތް މަތިން މަދަދާ އެހީ ކުރިމަތި ކުރާއޭ މިތުރެކޭ

މިގޮތުން ނުބައިހާ މީހުނަށް އަލިފޯރުވާ އިރުޝާދުދީ
     އެގޮތުން އެހާ އިންސާފުވެރި ޚިދުމަތުގެ ހިންމަތްތެރިއެކޭ

ހިނިތުންވެ ހުރެ ބައްދަލުކުރަން އައުމުގެ ގޮތުން ދެގޮތެއް ނުވާ
     މިނިވަންކަމާއެކު އެންމެނަށް ތަރުޙީބުދޭ ބައިވެރިޔެކޭ

ހަމަކޮންމެ ފަހަރަކުވެސް އަލުން އާރޯކަމެއް ޙާޞިލުވެގެން
     ނަމަކަށް ބަދަލުނުވެ އަންނައޭ ހުރިހައި ގޮތުން އާ ފަރުދެކޭ

އެތަކެއް ގޮތުން އެތަކެއް ދަރުސް ދިނުމަށްޓަކާ އައުމުގެ ތެރޭ
     އެތަކެއް ދަރަޖަ އުފުލައިދެމުން ގެންދާ އެއީ އުސްތާޛެކޭ

ތެދުނިޔަތުގައި އޭ ކާކުކަން ދަނެގަންނަ ހުރިހާ މީހުނަށް
     ޢަދަދެއްނުވާ ގިނަ ހެޔޮކަމުން ހަދިޔާ ކުރާ ތެދުވެރިއެކޭ

އެއްހާސް މަހަށްވުރެ މާއިތުރު މަތިވެރި އުޖާލާ ފަހިރެއެއް
     އެއްވެސް އުޖޫރަކާ ނުލާ ދިނުމަށް ކެރޭ ބުރުހާނެކޭ

ސިފަކުރި މިފަދަ މެހެމާނަކީ މަތިވެރި އިލާހީ ޙަޟްރަތުން
     އުފަކާރަ ގުނަކޮށް ދެއްވުމަށް ކުރިމަތި ކުރައްވާ ވަގުތެކޭ

އަޅަމެންގެ މައްޗަށް ވާޖިބީ، ނަފްސާ ހިތާ ރޫޙުން އެކީ
     އަޅަމެއްގެ ޢަމަލުން ދެނެމިކަން، ޘާބިތު ކުޅައުމޭ އާނއެކޭ

ވޭތޯ ޝުކުރު ޢަމަލާ ދުލުން ހިންމަތްކުރަންވީ ހިތްވަރުން
     ވޭތޯ ސަމާލަތް ނަރަކައިން ދެންތޯ؟ އޮތީ އުންމީދެކޭ

ތައުފީޤު ދެއްވުން އަޅަމެނަށް އެދެމޭ މިމަތިވެރި މައްސަރަށް
     ބައުވުން ނުވާ ޞަލަވާތަކުން ޞަލަވާތް ކިޔައި އަދި ޙަމްދެކޭ