އާދިއްތަ, 09 އޮގަސްޓް 2009 19:36
އާޅެން: ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟



ޅޮހީ އަބްދުއްރަޙީމް-

ދުނިޔެއާއި މެދު ވިސްނާލީއިރު
ދުނިޔެ ހާދަ ބޮޑެވެ.
ދުނިޔެ ހާދަ އަޖައިބު ކުރުވަނިވިއެވެ.
މިއީ އަނެއްކާ ކޮންކަހަލަ ފާލަމެއް ހެއްޔެވެ؟

ފައިސާއާއި މެދު ވިސްނާލީއިރު
ފައިސާއަކީ ދުވަހަކުވެސް ގިނަނުވާ އެއްޗެކެވެ.
ފައިސާ ކިތަންމެ ގިނައިން ހުރި ކަމުގައިވިޔަސް މެއެވެ.
ފައިސާގެ މައްޗަށް ދަހިކުރުވާ ލަންބުވާ އެއްޗެއްމެއެވެ.
މިއީ އަނެއްކާ ކޮންކަހަލަ ކަރުދާސްތަކެއް ހެއްޔެވެ؟

މަރާމެދު ވިސްނާލީއިރު
މަރުވަނީ ތިމާއާ ވަރަށްވެސް ކައިރީގައެވެ.
މަރުވަނީ ފައިވާނުގެ ވަދަށްވުރެވެސް ކައިރީގައެވެ.
މިއީ އަނެއްކާ ކޮންކަހަލަ ނިމުމެއްބާވައެވެ؟

އާޙިރަތާމެދު ވިސްނާލީއިރު
އާޙިރަތަކީ ކޮންމެވެސް ވަޤުތަކުން ކަށަވަރުކަމެކެވެ.
އާޙިރަތް ބަޔެއްމީހުން ދޮގުކުރާ ހާލުގައިވެސް މެއެވެ.
އާޙިރަތާމެދުގައި އިޤުރާރުވެސް ނުވެވޭ ހިނދުއެވެ.
އަނެއްކާމިއީ ކޮންކަހަލަ ދުވަހެއް ހެއްޔެވެ؟

އިންސާނާއާއި މެދު ވިސްނާލީއިރު
އިންސާނާ ދުނިޔެ ފަހަތުން ކަށިހަފަމުން ދުވަނީއެވެ.
އިންސާނާ ފައިސާއާއި މެދު ދެބަސްވެ ބުޅާ ކޯޅޭހެން ކޯޅެނީއެވެ.
އިންސާނާ މަރުހަނދާންނައްތާލައި ކިއްލާތަކުގެ ނިވަލަށް ވަންނާން ގަދަ އަޅަނީއެވެ.
އިންސާނާ އާޙިރަތް ހަނދުމަނެތިކޮށް ދުނިޔޭގެ ވެރިކަމާމެދު މަރުދަން ޖެހެނީއެވެ.

މިއީ އަނެއްކާ ކޮންކަހަލަ އިންސާނެއްބާއެވެ؟