| ބުދަ, 02 ސެޕްޓޭމްބަރ 2009 12:42 |
| ލޯބިވެރިޔާ ހާސިލުވޭތޯ ކުރި ދުޢާ އިޖާބަ ކުރެއްވި |
|
ލިޔުނީ: އޭ.އާރު - އެއީ މީގެ 10 އަހަރު ކުރިއެވެ. ރާއްޖޭގައި ދީނީ ކަންތައްތައް މިހާރު މިއޮތްހާ ބޮޑަށް ހުޅުވާލެވިފައެއްނުވެއެވެ. ދީނީ ގޮތުން ވާހަކަ ދައްކާ މީހުން ވާހަކަ ދައްކަނީ ބިރުން ތިބެގެންނެވެ. ޚާއްޞަކޮށް ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި އެއްގޮތަކަށްވެސް އޭރު ވާހަކައެއް ނުދެކެވެއެވެ. ސަރުކާރުގެ ސިޔާސަތާ ބެހެވިދާނެތީ ބުރުގާގެ ވާހަކަ ދައްކަން ދީނީ ޢިލުމުވެރިން އޭރު ޖެހިލުންވެއެވެ. އޭރު އަހަރެންނަކީ ނަށާ ގުރޫޕެއްގައި ނަށަމުންދިޔަ ޒުވާން އަންހެން ކުއްޖަކީމެވެ. ރިސޯޓްތަކާއި ބޮޑެތި އޯޕަން ސްޓޭޖްތަކުގައި ފިރިހެނުންގެ ހިތްތަކާ އަހަރެން އޭރު ކުޅެމުން ގެންދިޔައީމެވެ. ގްރޫޕާއެކު ރާއްޖޭގެ ރިސޯޓަކަށް ޕާފޯމް ކުރަންދިޔަ ރެއެކެވެ. އަހަރެމެން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އެއީ އާއަހަރު ފެށޭރެއެވެ. ރިސޯޓްވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. މީގެ ކުރިންވެސް އަހަރެން އެތައް ފަހަރަކު މި ރިސޯޓަށް އައީމެވެ. މިރޭ ހީވަނީ އެހެން ރިސޯޓެއް ހެންނެވެ. އަހަރެމެން ރިސޯޓަށް އައީ އިރު އޮއްސުނު ފަހުންނެވެ. ރިސޯޓަށް ފޭބިގޮތަށް އަހަރެމެން އުޅުނީ ތައްޔާރީތައްވުމުގައެވެ. އާންމުކޮށް ގޮސްއުޅޭ ރިސޯޓަކަށްވާތީ އަހަރެމެން އެރިސޯޓަށް ފަރިތައެވެ. ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރަށް ހަމަޖެހިގެން ހިގައްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ސްޓޭޖް އައިޓަމްތައް ފެށިދާނެއެވެ. އަހަރެމެން ހުރިހާ ކުދިން އެއްތަނެއްގައި ތިބެފައި އަހަރެން ދިޔައީ ފާޚާނާއަކަށް ދާންވެގެންނެވެ. ހިނގައިގަތްތަނުން އެ ރިސޯޓުގައި އުޅޭ ކުއްޖަކާ ދިމާވެއްޖެއެވެ. އެއީ ހިލުމީ ( އަސްލުނަމެއްނޫން ) އެވެ. މި ރިސޯޓަށް އަންނަ ކޮންމެ ފަހަރަކުވެސް ބައްދަލުވެ ވާހަކަ ދައްކާ ހަދާ މަޖާ މިޒާޖެއްގެ ޒުވާނެކެވެ. އަހަރެން ކޮޓަރިއަށްވަދެ ފާޚާނާ ކޮށްގެން ނިކުންއިރުވެސް ހިލުމީ ހުއްޓެވެ. އަހަރެން ހައިރާންވިއެވެ. ހިލުމީ ހީލިއެވެ. " ވަރަށް ދެރަވޭ މީނާ ނަށަށް އުޅޭތީ " ހިލުމީ ބުންޏެވެ. އެއީ ކީއްވެގެންތޯ އަހަރެން އެހީމެވެ. އަހަރެން ނަށާތީ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ކަމަށް މީގެ ކުރިންވެސް ބުނެފައިވެއެވެ. އެމީހުން އެހެންބުނާތީ އަހަރެން ހުންނަނީ ކުޑަކޮށް ފޮނިވެފައެވެ. އެމީހުން ބުނާގޮތުގައި އަހަރެން ކަހަލަ ރީތި ކުއްޖަކު ނަށަން އުޅޭތީ ކަމުނުދަނީއެވެ. " ދީނުގައި ތިއީ ހުއްދަކަމެއް ނޫން " ހިލުމީ ބުނި އެއްޗަކުން އަހަރެން ހުއްޓުން އެރިއެވެ. ވިސްނާކަށްވެސް އަދި އެކަމާމެދު ޖަދަލުކުރާކަށްވެސް އެރޭ ވަގުތެއް ނުލިބުނެވެ. ގަޑިޖެހިއްޖެއެވެ. ތަފާތު ކުލަތަކުގެ އަލީގެ ތެރޭގަޔާއި ކަނު އަދިރީގައިވެސް އެރޭ އަހަރެން ނެށީމެވެ. އެދަތުރަށްފަހު އަހަރެންނަށް ހިލުމީ އެބުނި އެއްޗަކާމެދު ވިސްނެން ފެށިއްޖެއެވެ. ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ނަށާ ހަދައެވެ. އަންހެނުންނާއި ފިރިހެނުން އެކުއެކީގައިވެސް ނަށައެވެ. ޓީވީންވެސް އެމަންޒަރުތައް ދައްކައެވެ. އެއީ ދީނުގައި ހުއްދަކަމެއް ނޫންނަމަ އެ މަންޒަރުތައް އެގޮތަށް ދައްކާނެ ހެއްޔެވެ؟ އަހަރެން ބޭނުންވީ ދީނުގައި އޮތްގޮތެއް ސާފުކުރާށެވެ. އަހަރެންގެ ޒަމީރު ބުނަމުން ދިޔައީ އަހަރެން އާމުދަނީ ހޯދަން މިކުރަނީ ރަނގަޅު ކަމެއް ކަމަށް ދީނީ ޢިލުމުވެރިންވެސް އެއްބަސްވާނެ ކަމަށެވެ. ކަންދިމާވީ އެހެނެއްނޫނެވެ. އަހަރެމެން އާއިލާގައި ދީނަށް ލޯބިކުރާ ދައްތައެއް އުޅެއެވެ. އަހަރެން ނަށަން އުޅޭތީ އެ ދައްތަ ކަންބޮޑުވެ ވާހަކަ ދައްކައެވެ. އެ ދައްތަ މެދުވެރިކޮށް ދީނީ ޢިލުމުވެރިއަކާ ބައްދަލުކޮށްފީމެވެ. ދީނީ ގޮތުން އޮޅުންފިލުވަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުންނެވެ. އަހަރެން އެ ޢިލުމުވެރިޔާގެ ގެއަށްގޮސް ބައްދަލުކޮށްފީމެވެ. އަހަރެން ފެނުމާއެކު އޭނާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އަހަރެން ގޮސްވަނީ ދައްތަގެ ނިވަލަށެވެ. އޭރު އަހަރެންގެ ހެދުމުގެ ކަރު ބޮޑެވެ. ލައިގެން ހުރީ ގަޔަށްބާރު ހެދުމެވެ. ކަކުލުން ތިރި އޮތީ ހާމަކޮށް ފެންނާށެވެ. ދެއަތުގެ ގޮޑު ހުޅުން ތިރިވެސް އޮތީ ހާމައަށެވެ. ދައްތަ ހުރީ ބުރުގާ އަޅައިގެންނެވެ. އެރޭ އަހަރެންގެ މުޅި ޒަމީރު ބަދަލުވެއްޖެއެވެ. އަހަރެންގެ ދިރިއުޅުމުގެ އެއްބައި އޮތީ ދޫކޮށްލެވިފައިކަން ޔަގީންވެއްޖެއެވެ. މައްސަލައަކީ ހަމައެކަނި ނެށުމެއްވެސް ނޫނެވެ. ނަމާދެއްވެސް ނުކުރެވެއެވެ. އަހަރެންގެ ހަޔާތުން ރޫޙާނީ ބައިވަނީ އުނިވެފައެވެ. ގެއަށްގޮސް ހިލުމީއަށް ގުޅީމެވެ. އެއީ އަހަރެން ހިލުމީއާ ފޯނުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ހިލުމީ ފޯނު ނަންބަރު އަހަރެން ހޯދީ ހިލުމީ މަސައްކަތްކުރާ ރިސޯޓުންނެވެ. އަހަރެން ނެށުން ހުއްޓާލި ވާހަކަ ހިލުމީ ކައިރި ބުނީމެވެ. އެކަމާ ވަރަށް ބޮޑަށް އުފާ ކުރާކަމަށް ހިލުމީ ބުންޏެވެ. އެރޭ އަހަރެން ނިދަން އޮތްއިރު ސިފަވަމުންދަނީ ހިލުމީގެ މޫނެވެ. ތުނިތުނި ތުބުޅިއެކެވެ. ސާފު ދޮން މޫނެކެވެ. ހިތްހެޔޮ ހިނިތުންވުމެކެވެ. އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރުގައި ހިލުމީގެ ނަން ލިޔެވިއްޖެއެވެ. މެންދަމުން އަލިވެ ތިނެއް ޖެހިއިރުވެސް އަހަރެން އޮތީ ނިދިން މަހުރޫމުވެފައެވެ. ހިލުމީއާ ގުޅާލަން ހިތަށް އަރައެވެ. އެކަމަކު އޭނާއަށް އުދަގޫ ވެދާނެތީ ފޯނު ކުރާކަން ނުކެރެއެވެ. މީގެ ކުރިން އަހަރެންނަކީ ތުބުޅި ބަހައްޓައިގެން އުޅޭ މީހުންދެކެ ވަރަށް ބޮޑަށް ނަފުރަތުކުރާ މީހަކީމެވެ. އަހަރެންނަށް ހީވެފައި އޮތީ އެއީ ކަޓު ގޮތެއް ކަމަށެވެ. އެއީ ނާހަތުޒީބު ބައެއްކަމަށެވެ. އެމީހުން އެއުޅެނީ މީގެ އެތައް ސަތޭކަ އަހަރެއް ފަހަތުގައޭވެސް ހިތަށް އަރައެވެ. އެކަމަކު މިހާރު އެހެން ތިބޭ ޒުވާނުންނަށް ހިތުގައި ގަދަރު ދެވެން ފަށައިފިއެވެ. މިވަނީ ކީއްކަމެއް ނޭނގެއެވެ. އަހަރެން ހިލުމީއާ ފޯނުން ވާހަކަ ދައްކަމެވެ. ނަމާދުކޮށް ހެދުމަށް އޭނާ ވަރަށް ހިތްވަރުދެއެވެ. ބުރުގާ އެޅުމަށް އޭނާ އެދުނެވެ. އަންހެނާގެ އައުރައަކީ މުޅި ހަށިގަނޑުކަމަށް ބުންޏެވެ. އަހަރެން ތެދު ހިތުން ހިލުމީގެ ވާހަކަތައް ޤަބޫލުކުރީމެވެ. ކޮންމެ ވަގުތަކު ފޯނުކުރިއަސް ހިލުމީ އޭނާއަށް އެނގޭ އެއްޗެއް ވިއްޔާ ކިޔައިދެއެވެ. އަދި ނޭނގޭ ކަމެއް ވިއްކާ ފަހުން ކޮންމެވެސް ގޮތަކުން ސާފުކޮށްފައި ބުނެދެއެވެ. މިހެން އުޅޭތާ މަހެއްހާ ދުވަސްވީއިރު އަހަރެންގެ ހިތް ހިލުމީގެ މިލުކަކަށް ހަދައިފިއެވެ. އެކަމަކު އަހަރެންނަށް އެއްކަމެއް ފާހަގަ ކުރެވެއެވެ. ލޯބީގެ އެއްވެސް ވާހަކައެއް ހިލުމީ ނުދައްކައެވެ. ދެމީހުންގެ އަމިއްލަ ހަޔާތުގެ ވާހަކައެއް ނުދެއްކެއެވެ. ހީވާގޮތުން ދެމީހުން އެތައްވުރެވެސް ގާތީއެވެ. އެއަހަރުގެ ރޯދަމަހު ފުރަތަމަ ދުވަހު އަހަރެން ބުރުގާ އަޅާނެ ވާހަކަ ހިލުމީ ކައިރި ބުނީމެވެ. އޭނާ ވަރަށް އުފާވިއެވެ. އެދުވަހު އުފާވެރި ޚަބަރެއް އޮތް ވާހަކަ ހިލުމީވެސް ބުންޏެވެ. އަހަރެން ހިތް ތެޅިގަތެވެ. ހިލުމީ ބުނީ އޭނާ އާއި އޭނާގެ އަންހެނުން މި ރޯދަމަހު އުމުރާއަކަށް ދާންއުޅޭ ވާހަކައެވެ. އަހަރެންގެ ހިތަށް ހީވީ މީހަކު ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. އެތައް އިރަކު ވާހަކަ ނުދެއްކިފައި ހުރީމެވެ. އެކަމަކު ހިތްވަރުކޮށްފައި އެކަން ފޮރުވޭތޯ މަސައްކަތްކުރީމެވެ. އެދުވަހު ހިލުމީ ބުނީ އަހަރެންނަށް ހެޔޮ މަގު ދެއްކެވި ކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވާ ކަމަށާއި އެކަމަކުގައި ހިލުމީއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. އުމުރާއަށް ދިއުމުގެ ކުރިން ހިލުމީގެ އަންހެނުންނާއި އެދެމީހުންގެ ދަރިފުޅާ އަހަރެންނާ ބައްދަލުވިއެވެ. ހިލުމީ އަންހެނުންނަކީ ވަރަށް ހިތްހެޔޮ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. އޭނާ އިނީ މޫނު ބުރުގާ އަޅައިގެންނެވެ. އަހަރެމެން ވާހަކަ ދައްކަން ކޮޓަރިތެރެއަށް ވަނުމަށްފަހު އޭނާ މޫނު ބުރުގާނެގިއެވެ. ޝިފާނާ ( އަސްލުނަމެއްނޫން ) ގެ މޫނު ފެނިފައި އަހަރެން ލަދުގަތެވެ. ޝިފާނާ ކަހަލަ ރީތި ކުއްޖެއްގެ ކައިރި އަހަރެންނަކީ ކާކުހެއްޔެވެ؟ އެދުވަހު އިރުކޮޅަކުން ހިލުމީ ކޮންމެވެސް ތަނަކަށް ދާންވެގެން ހިގައްޖެއެވެ. ޝިފާނާ އާއި އަހަރެން އެކިކަހަލަ ވާހަކަ ދެއްކަން ތިބީމެވެ. އަހަރެން ޒަވާޖީ ހަޔާތެއް ފެށުމާބެހޭގޮތުން އޭނާ ވާހަކަ ދެއްކިއެވެ. އިތުބާރު ކުރެވޭ ރަނގަޅު ކުއްޖަކުނެތް ކަމަށް އަހަރެން ބުނީމެވެ. ރަނގަޅު ކުއްޖަކު ހޯދުމުގައި ޝިފާނާ މަސައްކަތްކޮށްދޭނެ ވާހަކަ ބުންޏެވެ. ހިލުމީ އާއި ޝިފާނާ އުމުރާއިން އައިއިރު އަހަރެންނަށް ވަރަށް ގިނަ ހަދިޔާ ގެނެސްދިނެވެ. ރަނގަޅު ކުއްޖަކު ހޯދި ވާހަކަވެސް ޝިފާނާ ބުންޏެވެ. އަހަރެން ހީކުރީ މަދީނާ ޔުނިވަރސިޓީގައި ކިޔަވާ ކުއްޖެއްކަމަށެވެ. ފޮޓޯއެއް ނަމަވެސް ބަލާލާހިތްވިއެވެ. ފޮޓޯއެއް އޮންނާނެ ކަމަށާއި އެފޮޓޯ ދޭނެ ކަމަށް ބުންޏެވެ. މިހާރު އަހަރެންނާއި ޝިފާނާއާވެސް ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައެވެ. ޖެހިގެން އައި ދުވަހު ޝިފާނާ ހޯދި ކުއްޖާގެ ފޮޓޯ ބެލުމަށް އަހަރެން އެގެއަށް ދިޔައީމެވެ. ޝިފާނާ ދިއްކޮށްލީ ސިޓީ އުރައެކެވެ. އަހަރެން ސިޓީއުރަ ހުޅުވާލާ ފޮޓޯގަނޑު ނެގީމެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ހައިރާންވިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އިސްއުފުލާލާފައި ޝިފާނާއާ ދިމަ ބަލާލާކަށްވެސް ނުކެރުނެވެ. އެއީ ހިލުމީގެ ފޮޓޯގަޑެކެވެ. އަހަރެން ހިލުމީއާ ކައިވެނިކުރީ ދެއަނތްބަށެވެ. އަހަރެންގެ ދުއާ ﷲ އިޖާބަ ކުރެއްވިއެވެ. އަހަރެންގެ ލޯބި އަހަރެންނަށް ލިބުނެވެ. ޝިފާނާއާ ބެހޭގޮތުން އަހަރެން ބުނާނެ ވާހަކައެއްނެތެވެ. އުމުރުގެ ގޮތުން ތަފާތެއްނެތަސް ޝިފާނާއަކީ މަންމައެއް ކަހަލައެވެ. އަހަރެމެންގެ މެދުގައި ދުވަހަކުވެސް މައްސަލައެއް ނުޖެހެއެވެ. އޭނާއަށް އަހަރެން ޝުކުރުއަދާކުރަނީ ކިހިނެއްހެއްޔެވެ؟ ( ނިމުނީ ) |
ކިޔުންތެރިންގެ ޚިޔާލް
އެ އަންހެން ކުއްޖާޔަށް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި!އާމީން