|
ހުކުރު, 22 ޖެނުއަރީ 2010 04:43 |
|
އަންހެން ޖިންނިން ފިރިހެނުންނާ އަވަލަވަނީ މަތިމަހުގެ ފުރިހަމަކަމުން ( ފުރަތަމަބައި) |
|
ލިޔުނީ ލާހޫރޭ -
ދުވަސްވަރަކީ ރާއްޖޭގާ އުވަޖަހައިގެން ގެދޮރު ބިނާކުރަންފެށި ދުވަސްވަރެވެ. ގުދާރު ބިންދާލައިގެން މިމަސައް ކަތް ކުރަން އުޅުނު ޒުވާނަކަށް ދިމާވި ހާދިސާއެއް ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ. އެއްދުވަހަކު އަހަރެން ބައްޕަޔާއެކު ރަށުގެ ދިގުމަގަށް ދިޔައީމެވެ. އެމަގާ ގުޅިފާވާ މެދުމަގު ކިޔާ މަގުން އަތިރިއަށް ފައިބާ ބައްޕަޔާ ދެމީހުން ދަރު ހޯދުމުގެ މަސައްކަތުގައެވެ. މިގޮތުން ވަލުތެރޭގެ އެތަން މިތަނުން ބޮޑެތި ގަސްބުޑާއި ބޮޑެތި މުޑަން ބުރިވަރުގެ ފަލަ ދަރު ނެރެ ބޯހުރާ ގައިވާ އުވަޖަހާ ސަރަހައްދައް ޖަމާކުރަންފަށިފީމެވެ. މިގޮތުން ދަރުއުފުލަމުން އައިސް އެއްފަހަރަކު އަހަންނަށް އުފުލަން ޖެހުނީ އެތާއޮތް އެންމެ ބޮޑު ގަސްގަނޑެކެވެ. އެއީ އެތައް ގޮފިތަކެއް ލާފާވާ ގަސްގަނޑަކަށްވުމުން ކޮނޑުގާ އުފުލަން ވަރަށް އުނދަގޫވެސް މެއެވެ. ކޮންމެއަކަސް ވެފާވާ ވަރުބަލިކާމައެކު އުވަވަޅުކައިރިއަށް އައިސް ދަރުފުނިތެރެއަށް ޕައްކިޔާފާ އެތިގަނޑު ވައްޓާލައިފީމެވެ. ހަމަ އެތިގަނޑުގޮސް ބިމުގާ ޖެހުމާއެކުހެން ލަކުޑިތައް ތެރެއިން ކަހަލަ ގޮތަކަށް މާ އަންހެނެއްގެ ރުއިމުގެ އަޑުއައެވެ. "އަސްތާ މަގޭ ދަރިފުޅު މަރާލީކާކުހެއްޔެވެ." މިއަޑާއެކު އަހަންނަށް ސިހުންލިބި ވަށައިގެން ބަލައިލެވުނުއެވެ. އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ކުއްލި ސިހުމަކާއެކު އަޑުއައި ދިމާއަށް ނަޒަރު ހިންގާލެވުނު ވަގުތު ދެވަނަފަހަރަށް އެއަޑުއައެވެ. އެހިސާބުން އަހަރެންގެ ހެޔަށް ގޮތްވާން ފެށިކަހަލައެވެ.
ހޭވެރިކަން ވީއިރު އޮތީ ގޭގެ ބޮޑުއަށިމަތީ އުއްޑުންނެވެ. އަދި ރަށުގެ ފަންޑިތަވެރިކަމަށް ދައުވާކުރާ މީހުން ތަފާތު މަންތިރި އަނބުރަމުން ގެންދެއެވެ. އޭރުވެސް ސިކުނޑި ހަމައަކަށް ނޭޅެއެވެ. ފަންޑިތަވެރިން ފެންކިޔަވާ އަތްފައިގާ ތަވީދުތައްއަޅާ ދަނޑިމަތި އަނބުރަމުން ދެއެވެ. އަހަރެންގެ މުޅި ހަށިގަނޑު އަށި މައްޗާއެކުވަނީ ތެމިފޯވެފައެވެ. މިހިސާބުން އަހަންނަށް ފެންނަމުންދިޔަ ޖިންނި ޝައިތާނުންގެ މަންޒަރުތަކަށް ވާހަކަ ބަދަލުކޮށްލާނަމެވެ. އުވަވަޅުޖަހަން ދަރުއެއްކުރާތަނަށް ދަރުބުރި ވައްޓާލިވަގުތު އަހަންނަށް އެހެން ކަހަލަ އިހްސާސެއް ކުރެވުނެވެ. އަދި ދަރުބުރިގޮސް ޖެހުނީ ދަރުފުނި ތެރޭގާވާ ކުޑަކުޑަ ފޫޓެއް ހުންނަވަރުގެ އެނބޫގަހެއްގައެވެ. އެގަސް ކުޑަނަމަވެސް އެގަސް ހެދިފާވަނީ ހަތަރު ގޮތްޕަކަށެވެ. ގަހުގެތެރެއިން އަންހެނެއްގެ ރުއިމުގެ އަޑު އިވުމުން ކުރިންބުނި ގަހަށް އަހަންނަށް އިހްތިޔާރުން ބޭރުގައިނަމަވެސް ނަޒަރު ހިންގާލެވުނެވެ. އެތަނުން ފެނުނީ ރަތް ދޮންކުލައިގެ ބުރުސޫރަ ރީތި އޮޅަލި އަންހެނެކެވެ. އޭނަގެ ހެދުންވަނީ ރަނުން ޖަރީކޮށްފައެވެ. އަތްފައިގާ އަޅާފައިވާ ގަހަނާއާއި ތަކަހޮޅިތަކާއި ލައިފާވާ ރަތްލިބާހުގެ ކަސަބުން ވިދާ ބަބަޅާ އަންހެންރީތި ސިފަތައް ބަޔާންވެގެންވެއެވެ. އޭނާގެ އަތްދަނޑިމަތީގާ ނުވަރޭފެނުގެ ތުއްތު ފިރިހެން ކުއްޖަކު ބާއްވާފާ އޮތެވެ. ދިރުމެއްނެތްހެން ހީވާފަދަ ގޮތަކަށެވެ. އެއަންހެން މީހާ ލޮލުން ހޯސްލާފާ ކަރުނަ ވައިބަމުން ދެއެވެ. އެއަންހެންމީހާ އަހަންނާ ދިމާއަށް ނުރުހުމުގެ ސިފައަކަށް ބަލަހައްޓައިގެން ހުރެ އަރުބެދިފައިވާ ރާގަކަށް ބުންޏެވެ. ކަލޭ އަހަރެމެންގެ މީހަކަށް ހަދާލާނަމެވެ. އިރުކޮޅެއްފަހުން އެތަނަށް ކަޅު ޖާނުން ބިޔަ ފިރިހެނަކު އައެވެ. އަދި ދަރިފުޅުގެ ފުރާނަނެތް ހަށިގަނޑާދިމާ ބަލާލާފާ ކަލޭ މަރާލާނަމޭ ސަލާމަތެއް ނުވެވޭނެއޭ ވަރަށް ރުޅިއައިސްގެން ހުރެ އަހަންނާ ދިމާއަށް އިނގިލިން އިޝާރާތްކޮށް ބުންޏެވެ. އެވަގުތު އެފިރިހެންމީހާ ގެ ފަހަތުންވަން އިސްކޮޅުންކުރު ފިރިހެން މީހާ އަހަރެންގެ ކަރުގާ ހިފާ ބާރުކޮށްލިއެވެ. އެއާއެކު އަހަރެން އަނގައިން ހުދުފޮނު ނިކުމެ އަރު ބެދުނެވެ. އަދި ތެޅިފޮޅެން ފެށުނެވެ. އެވަގުތު އަހަރެން ކައިރީ ތިބި އިންސާނުންތައް ބިރުން ދުރައް ޖެހިފަސްފަހަތަށް ޖެހެމުން ދިޔަކަން އިހްސާސްކުރެވުނުއެވެ.
އިރުކޮޅެއްގެފަހުން ކުރިން ބުނި އަންހެންމީހާ އައިސް އަހަރެން ކަރުގައިހިފާފާވާ މީހާ ދުރައް ލިއެވެ. އަދި މަށަށް ގޯނާ ނުކުރުމަށް ބުންޏެވެ. އަދި އަހަންނަށް ހައްޤް ވެގެންވާ އަދަބު ދޭނީ ރަސްގެފާނުންގެ ދަރުބާރުންކަމަށް ވެސް ބުނެތެވެ. ދެން އެދެފިރިހެނުންގެ ތެރެއިން އަހަރެންގެ ކަރުގައިހިފި ފިރިހެންމީހާ ކެޔޮގަހެއްގެ ފަތްކަހަލަ ފަތެއް ހިފައިގެން އައިސް މަރުވެފައިވާ ނުވަރޭފެނުގެ އެތުއްތުކުއްޖާ އެއަށްލާ އޮޅާލުމަށްފަހު އެހިފައިގެން ގެއިން ނުކުތެވެ. އަދި އަންހެން މީހާ އަހަންނާއިދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިގޮތަށް ހިނދުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ގޭގެ އެތެރެއަށްވަދެ އިރުކޮޅެއްގެފަހުން ސުފުރާއެއް ހިފައިގެން އައެވެ. އަހަރެންގެ ކައިރިއަށް އައިސް އެސުފުރާގެ މަތި ނަގާ އަހަންނަށް ބޯފެން ތައްޓެއް ފޯރުކޮށްލިއެވެ. އަހަރެން އެއްނޭވާއިން އެތަށި ބޯލުމުން ދެވަނަތައްޓެއްވެސް ފޯރުކޮށްލިއެވެ. އެތަށީގައިވަނީ ސަރުބަތެވެ. އޭގެފަހުން ފާޑުފާޑުގެ ތަކެތި ކާންތައްޔާރުކޮށް ކާންދޭން ފެށިއެވެ. އެތަބަކުގައިވާ ތައްޓެއް ފޯރުކޮށްލަމުން އޭނާ އަހަންނާއި ދިމާއަށް ބުނެތެވެ. ކަލެއަށް އަހަރެން މިކާންދޭ ތަކެއްޗަކީ ޖިންނިންގެ އެންމެ ދެރަ ކެއިން ބުއިންކަމަށާއި ގައިދީންނަށް ދޭ ކޮއްތުކަމުގާވެސް ބުންޏެވެ. އަންހެންމީހާ އަހަންނާ ވާހަކަދައްކަން ފެއްޓިއެވެ. އޭނާ ވަރަށް ހިތްހެވެ. ނަމަވެސް އަހަރެންގެ ފަރާތުން އެޢާއިލާއަށް މިލިބިގެންދިޔަ ބޮޑުހިތާމާއިގެ އަސަރުތައް އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. އަދި އޭނާ ބުންޏެވެ. އަހަރެމެންގެ ޢާއިލާއަށް ލިބުނު ފުރަތަމަ ދަރިފުޅުވެސް މަރުވެދިޔައީ އިންސާނެއްގެ މިހެން ބުނެ އިނގިލީގި އިޝާރާތުން ކަލޭމެންގެ މީހެއްގެ ސަބަބުންކަމަށް ބުނެތެވެ. އަދި އަހަރެމެންގެ މައި އެދުރު އަހިވަކުޖިންނި ބުނެފައިވާގޮތުގާ އަހަރެމެންނަށް ލިބޭނީވެސް ދެކުދީންނެވެ. އެހެންވީމާ ދެކުދީންވެސް ނެތިދިޔައީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ދެން ދަރިފުޅަކު އަހަންނަކަށް މިހަޔާތަކުން ސައިތާނަކާ އިނދެގެން ނުލިބޭނެއެވެ. އަދި ކަލެއަކީ މީހަކާ އިނދެގެންހުރި މީހެއްވެސް ނޫނެއްނޫންހެއްޔެވެ.
އަސްލު މިފަހަރު މިދަރިފުޅު މަރުގެ ޒިންމާ އަހަރެންގެ ބޮލުގައިވެސް އެޅޭނެއެވެ. އެކަމަކު ފިރިމީހާއަކަށް އެކަމެއް ނޭންގޭނެއެވެ. އެވަގުތު އަހަރެން އެއީ ކީއްވެތޯ ސުވާލުކުރީމެވެ. އެވަގުތު އެއަންހެންމީހާ ރަކިފާޑަކަށް މޫނު އަނެއްފަރާތަށް އަނބުރާލަމުން ބުންޏެވެ. އަހަރެން ކަލެއަށް ފާރަލާތާ މިއަދަށް ތިންދުވަސް ވެއްޖެއެވެ. އެކަން އެނގޭހެއްޔެވެ. ފުރަތަމަ މިތަނަށް އައިދުވަހުންފެށިގެންވެސް އަހަރެންގެ ނަޒަރު ހުންނަނީ ކަލޭ އުޅޭ ނޫޅޭ ގޮތްތައް ބެލުމުގައެވެ. ކަލެއަށް އިހްސާސް ނުކުރެވުނަސް ކަލޭގެ ހަށިގަނޑުގެ ވަސްޖެހޭފަށުގައި މިތިންދުވަހުވެސް އަހަރެން ހުންނަމެވެ. ދަރިފުޅުގެ ގައިމައްޗަށް އެދަރުބުރި ވެއްޓުނީވެސް އަހަރެން ކަލޭގެ ކަޅިރަވައަށް ބަލަހައްޓައިގެން ހުއްޓާ ދަރިފުޅަށް ނިދިފައިވުމުން ދަރިފުޅު ބާއްވަންޖެހޭ ތަންނޫން އެހެންތަނެއްގާ ބޭއްވުމުންނެވެ. އެވަގުތު އަނެއްކާވެސް ފިރިމީހާ ގެޔަށް އައެވެ. އަދި އޭނާއަށް ކާންހެދުމަށް ބުނުމުން އޭނާ އަހަރެން ކައިރިން ދިޔައެވެ. ދެން އަހަރެންގެ ހޭވެރިކަން ވިއެވެ. ލޯހުޅުވާލެވުނު ވަގުތު މަންމަ އަދި ބައްޕައާ ޢާއިލާމީހުން ގާތުގައި ތިއްބެވެ. އެވަގުތު ގަޔަށް އިންޖެކްޝަނެއް ޖެހިއެވެ. އޭގެފަހުން ނިދިޖެހުނުއެވެ.
އަހަންނަށް ހޭލެވުނީ އެރޭގެ މެންދަމު ދޭއްޖަހާލިވަގުގައެވެ. ހޭލެވުނުއިރު ކުއްލިއަކަށް އެއްކަލަ އަންހެންމީހާ އަހަރެންގެ ކައިރިއަށް އައެވެ. އަދި އައިސް ބުނީ އަތްފައިގާ އަޅާފާވާ ކަސްތަޅުތައް ނައްޓާލުމަށެވެ. އެތަކެތި ގަޑިހަމަނުވަނީސް އަހަންނަކަށް ކަލެއަކާ ކައިރި ނުވެވޭނެކަމަށް ބުންޏެވެ. މިހެންބުނުމުން އަހަރެންނަށް ހަރަކާތްކޮށްލެވުނެވެ. އިހްސާސްކުރެވުނީ ހަތަރެސްފައި ބަނދެފައިވާކަމެވެ. އެވަގުތު ދޫބަންދުވެ އަދި ކަޅިހުއްޓުން އެރިއެވެ. އަނެއްކާވެސް ޖިންނިންގެ ދިރިއުޅުން އަޑުއްސަވާށެވެ. އެރޭ ތިންގަޑިބައިހާއިރު އައީ ދެފިރިހެނެކެވެ. އެއީ ޖާނުންބިޔަ ކަޅު ބޮޑު ދެމީހެކެވެ. އެމީހުންއައީ އަހަރެން ބަލައެވެ. ނަމަވެސް ހަދާފައިވާ ބޫގަލުގެ ބާރުގައި އަހަރެން އެދެމީހުންނާ ދިމާއަށް ނުދާނަމޭ ބުނީމެވެ. އިރުކޮޅެއްފަހުން މީހުން ގިނަވާން ފެށިއެވެ. ފަހަރަކު ސަތޭކަމީހުންގެ ރޭޓުން ނެވެ. މިހެންދަމުންގޮސް ތިންހާސް މީހުން އައެވެ. އެމީހުން ދައްކާވާހަކަ އަހަންނަށް ބަރާބަރަށް ރޭކާލައެވެ. އެއެންމެންނަކީވެސް ކޮންމެވެސް ތާކުން އިންސާނަކު އަތުއަޅުވާލައިގެން އަދި ބައެއް މީހުން އިންސާނުންނާ ކައިވެނިކޮށްގެން އުޅޭމީހުންކަމަށް ފަހްރުވެރިކަމާއެކު ބުނަމުން ދެއެވެ. އަދި އިންސާނުންނާ އިނދެވުނީމާ އުޅެންވަރަށް ފަސޭހަކަމަށާއި ޖިންނިންނަށް ނުކުރެވޭ ގިނަކަންތައްތައް އިންސާނުން މެދުވެރިވެގެން ކުރެވޭކަމަށް ވެސް ބުނަމުންދެއެވެ. އަދި ޖިންނިންނަށްވުރެ ވަހާއި އިހްސާސްތައް އިންސާނުންގެ ފުރިހަމަކަމަށްވެސް ބުނަމުން ދެއެވެ. ފަތިސްނަމާދު ވަގުތު ޖެހެންއުޅުމުން އެންމެން އެތަނުން ދާން އުޅެފާމެ އެތަނުގައި ހުރި ރަތްދޮން ފިރިހެނަކު އަހަންނާއި ގާތްވެލާ މިފަހަރު ކަލޭ ސަލާމަތެއްނުވާނެޔޭ ބުނެތެވެ. ދެންއެންމެން އެތަނުންދިޔައެވެ.
އެދުވަހުގެ މެންދުރެއްހާއިރު އެއްކަލަ އަންހެންމީހާއައެވެ. އެވަގުތަކީ އެމީހުންގެ ވަގުތުކަމުގައި ބުންޏެވެ. އަދި އޭރުވަނީ އަހަރެން އަނދަގޮނޑިން ނަގާފައެވެ. ބައްޕައާ އަދި ބޭބެވެސް ގާތުގާއިނެވެ. އެވަގުތު ޖިންނިއަންހެންމީހާ ބުންޏެވެ. އަހަންނާއެކު ހިނގާށެވެ. މިހެންބުނެ އަހަރެންގެ އަތުގައި ހިފިއެވެ. އެވަގުތު އޭނާއާއެކު ދިއުމަށް ބައްޕައާ ބޭބެގެ އަތްފޮޅުވާލާ ދުއްވައިގަނެވުނެވެ. ގެއިން ބޭރުން މަގަށް ވިއްސަކަށް ފިޔަވަޅުނޭޅެނީސް އަނެއްކާވެސް ހޭވެރިކަން ދިޔައެވެ. މިފަހަރު މަންޒަރު ދުށްމީހެއްގެ އަޑުއައްސަވާށެވެ. އޭނާ ގެއިންނުކުމެގެން މަގުހުރިގޮތަށްދުވެފައި އައީ އަހަންނާދިމާއަށެވެ. އެވަގުތު އަހަރެން އެއަށްވުރެބާރަށް ދުވެފައިގޮސް ފަހަތުން އޭނާ އުފުއްލާ ބިމުން ކަޓްވާލީމެވެ. އެއާއެކު އޭނާގެ ބާރުހުސްވެގެން އަތްދަނޑިމައްޗަށް ދެމުނެވެ. އަހަރެން އެހެންމިހެދީ މޮޔަވެފާތިބޭމީހުން ފަހަތުންގޮސް ބިމުން ކަޓްވާލެވިއްޖެއްޔާމް އެމީހުންގެ ބާރު ކެނޑޭނޭތީ އެކަން އެނގޭތީއެވެ. ޒުވާނާގެ ވާހަކަ އަޑުއްސަވާށެވެ. މިގޮތަށް އަނެއްކާވެސް ކަސްތަޅުގައި ދުވަސްތަކެއްވުމަށްފަހު ދެއަތް މޮހާލިއެވެ. މިދުވަހު މޮހާލިގަޑިބަލާ ޖިންނިއައެވެ. އަދި އުނދަގޫކޮށް ހުރިހާ އިންސާނުން ފަހާލަން ބުންޏެވެ. އަހަރެންހެދިގޮތަކީ އަހަރެން ބާއްވާފައިވާ ބޮޑު އަށީގެ ކުނާގަނޑުނަގާ ހުރާލާފައި ބޮޑުއަށީގައި އަޅާފައިވާ މަޅުތައް މަގުމައްޗަށް އުކާލީއެވެ. ހަތަރުފޫޓްދިގު ތިންއިންޗިބޯ ބަނބުކެޔޮފިލާގެ މަޅުގަނޑުގަނޑު އެހޫރާލީ ދެއިނގިލީކުރިން އޭފޮރ ކަރުދާސްގަނޑެއް ވިހުރާލާ މިސާލުގައެވެ. މިމަންޒަރު ލާހޫރޭވެސް ހަމަލޮލުންދުށީމުއެވެ. ފުރަތަމަ މަޅުގަނޑުވެސް ފައިގެ ފަލަމަސްގަނޑުމަތީ ބާއްވާ ދެބުރިއަށް ބިންދާލިއެވެ. އަދި މަގުމައްޗަށް ހޫރާލިއެވެ. މިގޮތުން އަށީގެ ހައެއްކަގަނޑު މަޅު ބިންދާ ހޫރާލިއެވެ. ހޫރާލިޔޭބުންޏަކަސް ގާތަކަށް ނޫނޭވެ. ވިއްސަކަށް ތިރީހަކަށްފޫޓް ދުރަށެވެ. ދެންކޮންމެއަކަސް އެބާރުގަނޑު އައިސްފައި ހުންނަވަގުތު އެއީ އިންސާނުންގެ ހަށިގަނޑުން އުފެދޭވަރުގެ ބާރެއްނޫންކަންވެސް ބައެއް ފަހަރަށް ޤަބޫލުކުރެވެ. އެއީ އިންސާނީ ތޮބީއަތުގައި އެފަދަ ގަދަ ބާރު ފެންނަމުން ނުދާކަމަށްޓަކައެވެ. ދެން ކޮންމެއަކަސް މިދުވަހު މިހެން އުޅެއުޅެފައިގޮސް ގެއިން ނުކުމެގެން ދުއްވައި ގަތެވެ. ދުވެފައި އެދިޔަގޮތަށްގޮސް އެއްކަލަ އުވަވަޅު ޖަހަން ދަރު އެއްކުރިތަނުގައި އޮށޯތެވެ. އެވަގުތު ހެއަށްގޮތްވެ މީހާ ވާނުވާނޭންގުނެވެ. ދެން ހުރިހާ މީހުންވެގެން ނަގައިގަނެގެން ގެޔަށް ގެނެސް އަނެއްކާވެސް މަންތިރިތައް އަނބުރަން ފެށިއެވެ. އަދި ހަތަރެސްފައިގައި ހިލިހިލާ ޖަހައި މެދުނުކެނޑި ކިޔަވަން މީހުން ބޭއްތިއްބިއެވެ. މިގޮތެއްގައި ގިނަ ދުވަސް ތަކެއް ހޭދަވެ ޖިންނިންގެ އުނދަގުލުގެ އަސަރުތައް ކުޑަވެފައިވަނިކޮށް ސަފަރުމަހު 12ވަނަދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ނޭވަޔަށް އުނދަގޫތަކެއް ވާންފެށިއެވެ. އަދި ހިނދުކޮޅެއްގެތެރޭގައި އަހަންނަށް ފެންނަންފެށީ އެއްކަލަ ޖިންނިންތަކެވެ. –ނުނިމޭ-
|
ކިޔުންތެރިންގެ ޚިޔާލް