| އާދިއްތަ, 06 ޑިސެމްބަރ 2009 10:45 |
| އަޅުގަނޑަށްވެސް ކަރުންމަތީ ޑޮކްޓަރަކަށް ވެވިދާނެ!!! |
|
އިޤްބާލް ހުސެއިން - ރާއްޖޭގައި ޑޮކްޓަރުންގެ ފެންވަރާއި ޑޮކްޓަރުންނަށް ކުރާ އިތުބާރަށް ކިލަނބުކަން ގެންނަ އަޑުތައް މިމުޖުތަމައުގައި ދޭތެރެ ދޭތެރެއިން އިވެއެވެ. އަޅުގަނޑު މިލިޔާ ވާހަކައަކީ ހަޤީޤީ ހާދިސާއެކެވެ.ޑޮކްޓަރުންނަށް އަމާޒުކޮށް، އެފަރާތްތަކުގެ ނަމަށް ހުތުރު ގެނައުމުގެ މަޤްސަދުގައި ޝާއިޢުކޮށްފައިވާ ވާހަކައެއް ނޫނެވެ. މިއީ ސިއްޙީ ދާއިރާއިން އަޅުގަނޑަށް މިދިމާވިފަދަ ދަތިކަމެއް އެހެން ފަރުދަކަށް ދިމާވިޔަ ނުދިނުމަށްޓަކައި އެފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން ލިޔެފައިވާ ވާހަކައެކެވެ.އަދި އަޅުގަނޑުގެ އިލްތިމާސްއަކީ މިވާހަކަ ކިޔާ ފަރާތްތަކުން ޑޮކްޓަރުންނާއިމެދު ގޯސްގޮތަކަށް ނުދެކުމަށެވެ. އެބޭފުޅުންނަކީ މިމުޖުތަމައުގައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތްތަކެއްކަން އަބަދުމެ ހަނދާންކުރުމަށެވެ. އާދައިގެ މަތީން އަޅުގަނޑު އަންހެނުން ބަލާ އޮފީސްދޮށަށް ގޮސްއިންދާ އޭނާ ނިކުމެއްޖެއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. " ކިހިނެއްވެފަ ތިހިރީ" އަޅުގަނޑު އަހާލީމެވެ. " ބުރަކަށީގައި ރިއްސާތީ މިއުޅެނީ ވަރަށް ބޮޑަށް ތަދުވޭއެބަ". އަޅުގަނޑު ބޭނުންވީ އެދުވަހުން އެދުވަހަށް ރަށުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް އޭނާ ގެންދިއުމަށެވެ. ނަމަވެސް ވަގުތުން ވަގުތަށް ނަންބަރެއް ހޯދައިގެން ޑޮކްޓަރަށް ދެއްކުމަކީ ދަތިކަމަކަށްވާތީ، އަޅުގަނޑު ނިންމީ އަމިއްލަ ފަރާތަކުން ހިންގާ ސިއްޚީ ޚިދުމަތްދޭ ތަނަކުން ޑޮކްޓަރަށް ދެއްކުމަށެވެ. މިގޮތުން އެދުވަހު އޮފީސް ނިންމާފައި، އަމިއްލަ ފަރާތަކުން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަނަކަށް ދިޔައީމެވެ.ކަށީގެ ޑޮކްޓަރަކަށް ދެއްކުމަށް ނަންބަރެއް ނެގުމަށްފަހު، ޑޮކްޓަރ ކޮޓަރި ދޮރުމަތީގައި ކިއުގައި ޖައްސައިފީމެވެ. މާގިނަ މީހުން ނެތްކަމުން އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެޑޮކްޓަރ ކައިރިއަށް ވަދެވިއްޖެއެވެ. އޭނާ އަންހެނުންނާއި ތަފާތު ސުވާލުތައް ކުރުމަށްފަހު ނިންމީ އެކްސްރޭ ނެގުމަށެވެ. އެއީ އުނަގަނޑު މަތީގެ އެކްސްރޭއަކާއި ކަރާ ދިމާލުގެ އެކްސްރޭއެކެވެ.އަޅުގަނޑަށް ހީވާގޮތުން މިއީ މުޅި މައިބަދައިގެ އެކްސްރޭއެކެވެ. އެކްސްރޭ ނެގުމަށްފަހު އޭނާ ކައިރަށް އައުމަށް ޑޮކްޓަރު ބުންޏެވެ. އެތައް އިރެއް ކިޔޫގައި ތިބުމަށްފަހު، އެކްސްރޭ ލިބުމުން އަނެއްކާވެސް ކަށީގެ ޑޮކްޓަރު ކައިރިއަށް ދިޔައީމެވެ.އެކްސްރޭއަށް ބަލަމުން " ބުރަކަށީގައި އެއްވެސް މައްސަލައެއް ނެތް.. ހީވަނީ ތިތަދަކީ މަސްގަޑަށް ވެފައި ހުރި ތަދެއްހެން....." މިހެން ބުނެ ޑޮކްޓަރު އެކްސްރޭއާއި ބޮޑަށް ކައިރިވެލިއެވެ. އަދި އިތުރަށް ކައިރިވުމުގެ ގޮތުން ގޮޑި އެދިމާލަށް ދަމާލުމަށްފަހު އެކްސްރޭ އަތަށް ނަގާ ކައިރިން ބަލަން އިނދެފައި އަޅުގަނޑުމެންނާއި ދިމާލަށް އެނބުރި އެކްސްރޭ ބޯމައްޗަށް ދިއްކޮށް ބަލަން ފަށައިފިއެވެ. " ކަރުގައި އެބަ އުޅޭ މައްސަލައެއް...އަހަންނަކަށް ޔަޤީނެއް ނޫން މިއީ ކޯއްޗެއްކަމެއް" އޭނާ އަތުގައި އޮތް ގަލަމުން އެކްސްރޭގައި އެބުނާ މައްސަލަ ހުރި ތަން އަޅުގަނޑުމެންނަށް ދައްކާލިއެވެ.ފެންނަ ފެނުމުން އެއީ ރުފިޔާ ފޮއްޗެއްވަރު އެއްޗެކެވެ.ކަށިގަނޑުގެ ކައިރިން ފަޅާފައި އިންއެއްޗެއްހެންވެސް ހީވެއެވެ. " ކަރުންމަތީ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުން" މޭޒުމަތީހުރި ފޯނާއި ދިމާލަށް އެނބުރެމުން އޭނާ ބުނެލިއެވެ. އަދި ކަރުންމަތީ ޑޮކްޓަރަށް ވެގެން އުޅޭގޮތް ކިޔައި ދިނުމަށްފަހު، މިކަން ބަލާ ދިނުމަށް އައުމަށް އެދިފައި އޭނާ ފޯނު ބާއްވައިފިއެވެ. " އަހަންނަކީ ކަށީގެ ޑޮކްޓަރެއް..ކަރުން މަތީ ޑޮކްޓަރަކަށް މިގުޅީ އެމީހުންނަށް ކަރުތެރޭގެ ކަންތައްތައް ރަގަޅަށް އެނގޭނީ. އަހަންނަށް ހީވަނީ ތިއީ ގްރޯތެއް ހެން..އަލްޓްރާ ސްކޭން ހެދީމަ ސާފުވާނެ ތިއީ ކޮންއެއްޗެއްކަން..އެކަމަކު ސެކަންޑް އޮޕީނިއަންއެއް ހޯދަން އެބަޖެހޭ." ޑޮކްޓަރު އެއީ ގްރޯތްއެކޭ ބުނުމުން އަޅުގަނޑަށް ދޭހަވީ އެއީ ގުދުރަތީގޮތުން އުފެދުމުގައިވެސް ކަރުގައި އިން އިތުރު މަސްކޮޅެއްކަމަށެވެ. ކަރުން މަތީ ޑޮކްޓަރ އައިސް ކޮޓަރިއަށް ވަނުމާއިއެކު އޭނާއަށް އެކްސްރޭ ދިއްކޮށްލިއެވެ. " ދުވަހަކުވެސް މިކަހަލަ އެއްޗެއް ނުދެކެން" އެކްސްރޭ ބެލުމަށް ހައިރާންވެހުރެ އޭނާ ނުންޏެވެ. އެކްސްރޭ ހޮޅިބުރިއާއި ދިމާލަށް ދިއްކޮށް ބެލުމަށްފަހު، އަންހެނުންގެ ކަރުގެ ވާތްފަޅީގައި މައްސަލައެއް ވޭތޯ ބަލަން ފެށިއެވެ. " ބަލާބެލުމަށް ބޭރުފުށުން އެއްވެސް މައްސަލައެއް ނެތް.އެކަމަކު އެކްސްރޭއިން އެބަދައްކާ ކަރުތެރޭގައި އެއްޗެއްވާކަން"..މިހެން ބުނެ އޭނާ އަވަސްވެގަތީ އެކްސްރޭގެ ފޮޓޯ އެއް ނެގުމަށެވެ. އަދި އަތުގައި އޮތް އައިފޯނުން، އެކްސްރޭ ލައިޓާއި ދިމާކޮށް ފޮޓޯ ނަގަންފެށިއެވެ. އެކި ގޮތްގޮތަަށް އެކްސްރޭ އަރިކޮށް ފޮޓޯ ނެގިއެވެ. " އަހަންނަށް ފެންނަނީ އަލްޓްރާ ސްކޭނެއް ހަދަން..މިވެދާނެ ނާރުގެ މައްސަލައެއް ކަމަށް..ނުވަތަ ގްރޯތެއްކަމަށް..ނުވަތަ ތައިރޮއިޑްގެ ކަމެއް ކަމަށް..". އޭނާ އަޅުގަނޑުމެންނާއި ވާހަކަ ދައްކާ ނިމުމުން ކަށީގެ ޑޮކްޓަރާއި ހިންދީބަހުން ވާހަކަތަކެއް ދެއްކުމަށްފަހު ނިކުމެގެން ދިޔައީއެވެ. ކަށީގެ ޑޮކްޓަރު އަލްޓްރާ ސްކޭން ހެއްދުމަށް މެމޯ ހަދާ ދިނުމަށްފަހު، ބުރަކަށީގައި އުނގުޅާނެ ބޭސްތަކެއް ލިޔުނެވެ. ދެން އަޅުގަނޑުމެން ދިޔައީ އަލްޓްރާ ސްކޭން ކޮޓަރިއާއި ދިމާލަށެވެ. ސްކޭން ހަދަން އޮތް މީހުންގެ ލިސްޓް ދިގުކަމުން އަޅުގަނޑުމެންނަށް ފުރުސަތު ލިބޭނީ 4 ހަފްތާ ފަހުންނެވެ. އިތުރު ތަނަކަށް އެދުވަހު ނުދެވޭނެތީވެ، އެތަނުން ސްކޭން ހެއްދުމަށް ނޯޓްކުރުމަށްފަހު ސްލިޕްކޮޅު ހިފައިގެން އަޅުގަނޑުމެން އައީ ގެއަށެވެ. އައިމަގުމަތީގައި އަޅުގަނޑުމެން ދެމަފިރިންވެސް ދެއްކީ ކަރުގައި އެވާ އެއްޗެއްގެ ވާހަކައެވެ. ކަރުގައި އެއްވެސް ރިހުމެއްނެތުމާއި ބޭރުފުށަށް އެކަން އެގެން ނެތުމުން ދެމީހުންވެސް ހައިރާންވިއެވެ. ގެއަށް ވަނުމަށްފަހު، އަންހެނުން އަވަސްވެގަތީ ކޮމްޕިއުޓަރ ހުޅުވުމަށެވެ. އަދި ކަރުގައި އެގޮތަށް އުފެދޭ ގްރޯތާއި ބެހޭ މަޢުލޫމާތު ގޫގްލް މެދުވެރިކޮށް ހޯދަން ފެށިއެވެ..ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަމުން އިނދެ މަޢުލޫމާތު ލިބޭވަރަކަށް އޭނާގެ ހާސްކަން އިތުރުވާން ފެށިއެވެ.. ކަރުގައި އުފެދޭ އެފަދަ ގޮބަކީ ކެންސަރގްރޯތަކަށް ވެދާނެކަމަށް ގިނަ ސައިޓްތަކުގައި ލިޔެފައިވެއެވެ.. އަދި ބައެއް ސައިޓްތަކުން އެއީ ތައިރޮއިޑްގެ ކަމެއްކަމަށް ލިޔެފައިވެއެވެ..އަނބިމީހާއެކޭ އެއްވަރަށް އަޅުގަނޑުވެސް ފިކުރުބޮޑުވާން ފެށިއެވެ. އޭރު ޑޮކްޓަރު ގްރޯތްއޭ ބުނުމުން އަޅުގަނޑަށް ވިސްނުނީ އެއީ ކަރުގައި އުފެދިފައި އިން މަސްކޮޅެއްގެ ގޮތުގައެވެ. އެކަމަކު އިންޓަރނެޓުން މިފެންނަ މަޢުލޫމާތުން އެއީ ކެންސަރ ގްރޯތެއްހެން އަޅުގަނޑަށް ވިސްނެންފަށައިފިއެވެ.ކަންވާނީވެސް އެހެންތާއެވެ. އަޅުގަނޑަކީ ޑޮކްޓަރުކަން ކިޔަވާފައި ހުރި މީހެއް ނޫނެވެ. އަޅުގަނޑުމެންނަށް ބައްޔާކާއިބެހޭ މަޢުލޫމާތު ސާފުކޮށްދެނީ ޑޮކްޓަރުންނެވެ. އެމީހުން ބުނާ އެއްޗަކަށް އަޅުގަނޑު ވަރަށް އިތުބާރު ކުރަމެވެ. ދެޑޮކްޓަރުންވެސް އަންހެނުންގެ ކަރުގައި މިވާ ގޮބު ފެނިފައި ހައިރާންވެގެން އުޅުނު ހަނދާން އަޅުގަނޑަށް ވާން ފަށައިފިއެވެ. އަނެއްކާ މިއީ ކިހާ ސީރިއަށް ކަމެއްބާއެވެ. އެދުވަހު އެއްކޮށް އަޅުގަނޑުމެން ތިބީ މާޔޫސްވެފައެވެ. ކެތްތެރިކަމާއި ނަމާދުން ވާގިހޯދުމަށް އަޅުގަނޑުމެން އެކަކު އަނެކަކަށް ނަސޭހަތްތެރިވީމެވެ.ކުރިއަށް އޮތީ ހުކުރު ދުވަހެވެ. ދެން ހޮނިހިރު ދުވަހެވެ. އިތުރު ތަނަކުން އަވަހަށް ސްކޭން ހެދޭތޯ ބަލަށް ފަށަށް އަޅުގަނޑު މަސައްކަތްކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ހޮނިހިރު ދުވަހު ހެނދުނު ރަށުގައި ހުރި އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލުން ކަރުންމަތީ ޑޮކްޓަރެއްގެ ނަމްބަރެއް ނަގަން މަސައްކަތްފެށީމެވެ.އާދީއްތަ ދުވަހަކަށް ނަމްބަރެއް ނުލިބުނެވެ. ފަތިހުން ފެށިގެން ކިއޫގައި ޖެހިގެން އަންގާރަ ދުވަހަށް ނަމްބަރެއް ނަގައިފީމެވެ. އަންގާރަ ދުވަހު އަޅުގަނޑުމެން ރަށުގައި ހުރި އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލަށް ގޮސް ކަރުންމަތީ ޑޮކްޓަރަކަށް ދެއްކީމެވެ. އެއީވެސް ބިދޭސީ ޑޮކްޓަރެކެވެ. އެޑޮކްޓަރު ބަލާކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައިވެސް އިންނެވީ ކަރުންމަތީ ޑޮކްޓަރެކެވެ. އެއީ ރާއްޖޭގައި ހުރި އެންމެ މޮޅު ކަރުންމަތީ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ މީހެއްކަމުގައި ބުނެވެއެވެ. ކަރުންމަތީ ބިދޭސީ ޑޮކްޓަރަށް ވެގެން އުޅޭގޮތް ކިޔައިދޭން ފެށިތަނާހެން އޭނާ ހަރަކާތްކުރަން ފަށައިފިއެވެ.. ބުނެވުނު ހާވެސް ބަހަކީ " މީނާގެ ކަރުގެ މައްސަލަ އުޅޭތީ މިއައީ..." މިހެންނެވެ. އިތުރު ވާހަކައެއް އެހުމެއް ނެތި " އައިނޯ އައިނޯ" މިހެން ކިޔާފައި ޑޮކްޓަރު ތަހުލީލުކުރަން ފަށައިފިއެވެ. އަންހެނުންގެ ކަރުގެ ބޭރާއި އަނގައިގެ އެތެރެ ބަލަން ފަށައިފިއެވެ. އަންހެނުން އެކްސްރޭއަށް އިޝާރާތް ކޮށްލުމުންވެސް ޑޮކްޓަރު ފޫހިކަން މޫނުމައްޗަށް ގެނެސް " ފުރަތަމަ އަހަރެން އަމިއްލައަށް ބަލާނީ...އެކްސްރޭ ބާއްވާ..ކަތުތެރެ ބަލާލުމުންވެސް ވާގޮތް މަށަށް އެނގޭނެ"..މިޑޮކްޓަރުގެ މޮޅުކަމާއިމެދު އަޅުގަނޑު ހައިރާންވިއެވެ. ވެގެން އުޅޭގޮތް ރަގަޅަށް ކިޔައިނުދެވެނީސް އޭނާއަށް ބަލަންފެށީއެވެ. ކޮންމެއަކަށް އަންހެނުންގެ ކަރުތެރެއަށް އެއްޗެއް ކޮށްޕާ ބެލުމަށްފަހު، " އެއްވެސް ކަމެއް ނެތް ކިހިނެއް ވެގެން ދެން ތިއައީ؟؟ ކަރުތެރޭގައި މައްސަލައެއް ނެތެއްނު". ޑޮކްޓަރު އެހެން ބުނުމުން އަޅުގަނޑު އެކްސްރޭއަށް އިޝާރާތްކޮށް ވެގެން އުޅޭގޮތް އަނެއްކާވެސް ކިޔައިދޭން މަސައްކަތްކުރީމެވެ. މިފަހަރު ޑޮކްޓަރު ކަނުލާ އަޑުއެހިއެވެ. " އާ..އާ..އެބައުޅޭ ދޯ މައްސަލައެއް..ގްރޯތެއް ކަހަލަ ކަމެއް..މަ ދުވަހަކުވެސް ނުދެކެން މިކަހަލަ އެއްޗެއް" މިހެން ކިޔާފައި އޭނާ އިތުރު ސުވާލުކުރަން ފެށިއެވެ.އޭނާގެ މޫނުމައްޗަށް ވެރިވެފައި ހުރި ފޫހިކަން ފިލައި، ހައިރާންކަމަށް ބަދަލުވިއެވެ. އަދި އަޑުގައި މަޑުމައިތިރިކަން ފާޅުވާން ފެށިއެވެ." އަލްޓްރާ ސްކޭން ހަދަން މަށަށް ފެންނަނީ..މިއީ ވަރަށް ބޮޑު އެއްޗެއް.މަށަށް ފެންނަނީ މިއެކްސްރޭ މިތަނުގައި ބާއްވަން.އިތުރު ޑޮކްޓަރުންނާއި މީޓިންއެއް ބާއްވާ މަޝްވަރާކޮށްލަން"..އަޅުގަނޑު އިތުރަށް ބިރުގެންފިއެވެ.ވެގެން އުޅޭގޮތް އެއްވެސް ޑޮކްޓަރަކަށް ނޭނގޭތީއެވެ. ކަރުގައިއެވަނީ ކޯއްޗެއްކަން ނޭނގޭތީވެ ބިދޭސީ ޑޮކްޓަރ އަވަސްވެގަތީ ޖެހިގެން އިން ކޮޓަރީގައި އިންނެވި ކަރުންމަތީ ޑޮކްޓަރުގެ ލަފާ ހޯދުމަށެވެ. އެއީ ތަޖުރިބާ ލިބިފައިވާ މޮޅު ޑޮކްޓަރެކެވެ. ބިދޭސީ ޑޮކްޓަރުގޮސް އެކޮޓަރިއަށް ވަދެ، އިރުކޮޅެއްފަހުން އައިސް އަލްޓްރާ ސްކޭން ހަދަންޖެހޭނެކަމަށް ބުންޏެވެ. "ސަރ ވެސް ބުނުއްވީ ސްކޭން ހަދަން. ސްކޭން ހަދައިގެން އަންނަންވާނެ އަހަރެން ކައިރިއަށް" ޑޮކްޓަރުގެ ކޮޓަރިން ނިކުތްއިރު އަންހެނުންގެ މޫނުމަތީގައިވާ ނުތަނަވަސްކަން އަޅުގަނޑަށް ފެނުނެވެ..އަޅުގަނޑު ވިސްނާލީމެވެ. އެވަރުގެ ބޮޑު ގޮބެއް އޭނާގެ ކަރުތެރޭގައިވާއިރު ކަރަށް ތަދު ނުވަނީ ކީއްވެގެންބާއެވެ؟ ކަރުތެރެ ބެލިއިރު އެއްޗެއް ނުފެނުނީ ކީއްވެގެންބާއެވެ؟ ކަރުގެ ބޭރަށް އެގޮބުގެ އެއްވެސް ނިޝާނެއް ނުފެންނަނީ ކީއްވެގެންބާއެވެ؟ ޑޮކްޓަރުން ބުނާ ވާހަކައަކާއި އެކްސްރޭއިން ފެންނަ އެއްޗަކާއި ދިމަލެއް ނުވެއެވެ. ދެވަނަ އެކްސްރޭއެއް މިހޮސްޕިޓަލުން ނެގުމަށް އަޅުގަނޑު ނިންމީމެވެ. މިއީ ރަށުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެކެވެ. ކުރިން ދިޔައީ އަމިއްލަގޮތުން ސިއްޙީ ޙިދުމަތްދޭ ތަނަކަށެވެ. މިފަހަރު މިއީ ބޮޑު ހޮސްޕިޓަލެވެ. ދެވަނަ އެކްސްރޭއެއް ނެގުމަށްޓަކައި ޑޮކްޓަރެއްގެ ލިޔުން ބޭނުންވާނެތީވެ، އެދުވަހު ކިއުގައި ޖެހިގެން އާއްމު ބަލިތަކާއިބެހޭ ޑޮކްޓަރެއްގެ ނަމްބަރެއް ނަގައިފީމެވެ. އެއީ ވެސް ދިގު ކިއޫއެކެވެ. ރަށްވަށާ ދެބުރު ޖަހާފައި އައިއިރު ނަމްބަރު ޖެހިއްޖެއެވެ. އެކޮޓަރީގެ އިން ޑޮކްޓަރަށް އެކްސްރޭ ދެއްކުމަށްފަހު ވެގެން އުޅޭގޮތް ކިޔައިދީފައި އަލުން އެކްސްރޭއެއް ނަގަން ބޭނުންވާ ވާހަކަ ބުނީމެވެ.ނަމަވެސް އެޑޮކްޓަރު ބުނީ އަޖައިބު ކުރުވަނިވި ވާހަކައެކެވެ. " މިއެކްސްރޭގައި އެއްވެސް މައްސަލައެއް ނެތެއްނު"..ޑޮކްޓަރު އެހެން ބުނުމުން އަޅުގަނޑު އެގޮބު އޭނައަށް ދައްކައިފީމެވެ. ޑޮކްޓަރު ހައިރާންވެއްޖެއެވެ. އަވަސް އަވަހަށް އެކްސްރޭ ނެގުމަށް ލިޔުމެއް ދީފިއެވެ. ދެވަނަ އެކްސްރޭ ނަގަން ދިޔަ މަގުމަތީގައި ރައްޓެހި ކަށީގެ ޑޮކްޓަރު ޖާރިމް ( އަސްލުނަމެއް ނޫން)އާއި ދިމާވެއްޖެއެވެ. އޭނާއަށް ވެގެން އުޅޭގޮތް ކިޔައި ދިނުމުން، އަޅުގަނޑުމެން އަތުގައި އޮތް އެކްސްރޭ ބެލުމަށްފަހު، އެއީ މައްސަލައެއްކަމާއި ކަރުއެތެރޭގައި ގޮބެއް ފެންނަކަމުގައި ބުންޏެވެ. " ސާރޖަރީ ޑޮކްޓަރަކަށް ދެއްކުން ރަގަޅު ކަންނޭނގެ.އެމީހުންނަށް މިކަހަލަ ކަންތައްތައް ބޮޑަށް އެނގޭނެ" އޭނާ ލަފާދިނެވެ. ދެވަނަ އެކްސްރޭ ނަގާ ވާހަކަ ބުނުމުން، އެއެކްސްރޭ ހިފައިގެން އޭނަކައިރިއަށް އައުމަށް ބުންޏެވެ. ދެން އޮތީ ދެވަނަ އެކްސްރޭގެ ވާހަކައެވެ. ދެވަނަ އެކްސްރޭގައި މިބުނާ ގޮބު ފެންނާކަށް ނެތެވެ. އަޅުގަނޑުގެ އަންހެނުންގެ ކަރުގައި އެއްވެސް މައްސަލައެއް ނެތްކަން އަޅުގަނޑަށް ޔަޤީންވިއެވެ.ސަބަބަކީ ކުރިން ނެގި އެކްސްރޭއާއި ޑޮކްޓަރުންގެ ތަހްލީލްތަކާއި ބަސްތަކާއި ދިމަލެއްނުވެއެވެ. މިއީ ކުރިން ނެގި އެކްސްރޭގެ މައްސަލައެއްކަން އަޅުގަނޑަށް ކަށަވަރެވެ. ދެން އަޅުގަނޑުގެ ހަނދާނަށް އައީ ރައްޓެއްސެއްގެ މާމައަށް ދިމާވި ކަމެއްގެ ވާހަކައެވެ. އޭމާމަގެ ބުރަކަށީގައި 7 ރެނދު ލާފައިވާކަން މިހޮސްޕިޓަލްގެ އެކްސްރޭތަކަކުން ނުދެއްކިއެވެ. ނަމަވެސް އެމާމައަށް ނުހިގޭ ވަރުވެގެން އިންޑިޔާއަށްގޮސް ނެގި އެކްސްރޭއިން މިބުނާ 07 ރެނދު ފާޅުކޮށް ފެންނަން ހުރިކަމަށްވެއެވެ. އަދި މައިބަދައިގެ އެބަދަ ބަދަލުކޮށް އޭނާއަށް ފަރުވާދީ ރަގަޅުވިކަމަށްވެއެވެ. އަޅުގަނޑުގެ އަންހެނުންގެ އެކްސްރޭއިން އެގޮބު ނުދެއްކީ އެއީ އަނެއްކާ މިހޮސްޕިޓަލްގެ އެކްސްރޭގެ މައްސަލައަކުން ބާއެވެ؟ ނުވަތަ ޕްރައިވެޓް ތަނުގެ އެކްސްރޭގެ މައްސަލަ އުޅެނީބާއެވެ؟ ކުރިން ދިމާވި ޑރ. ޖާރިމް ކައިރިއަށް އަޅުގަނޑުމެން ދިޔައީ ނުތަވަސްކަމުގެ ތެރޭގައި ތިބެގެނެއް ނޫނެވެ. ހަމަޖެހިގެންނެވެ. އޭނާ ބުނީ އެއީ ކުރީގެ އެކްސްރޭގެ މައްސަލައެއްކަމަށެވެ. އަދި ކުރީގެ އެކްސްރޭގައި ފުސްކަމެއް ހުރިކަމާއި މިއީ ދިމާވެދާނެކަމެއްކަމަށެވެ. އެކަމަކު ސާޖަރީ މީހަކަށް ދެއްކުން ބުއްދިވެރިކަމަށެވެ.ދެއެކްސްރޭއިން ދެގޮތަށް ފެންނާތީވެ އަލްޓްރާ ސްކޭން ކުރުމަށް އަޅުގަނޑުމެން ނިންމީމެވެ. ރައްކާތެރިވުމުގެ ގޮތުންނެވެ. އަލްޓްރާ ސްކޭން ކުރުމަށްޓަކައި އެޕޮއިންޓްމަންޓް ލިބުނީ ވިދިގެން އައި ހޮނިހިރު ދުވަހުއެވެ. ސްކޭން ކުރާ ކޮޓަރިއަށް ވަނުމުން އެތަނުގައި ހުންނެވި ރޭޑިއޮލޮޖީ ޑޮކްޓަރަށް އަޅުގަނޑުމެން އަތުގައި އޮތް ބޭސް ސިޓީ ދިއްކޮށްލީމެވެ. އެލިޔުން ކިޔުމަށްފަހު އެކްސްރޭ ދެއްކުމަށް ބުނުމުން އެކްސްރޭ ދައްކައިފީމެވެ. އެކްސްރޭއަށް ބެލުމަށްފަހު ޑޮކްޓަރު ހިނިއަތުވެއްޖެއެވެ. " މިއީ ސްކޭން ހައްދާވަރުގެ ކަމެއް ނޫނެއްނު..އެކްސްރޭ ނެގިއިރު އިސްތަށިގަނޑު ކަރުގެ ފަހަތަށް ވަދެ އޮޅިފައި އޮތީމަ މިހެން މިއޮތީ". ޑޮކްޓަރު މިހެން ބުނުމުން މިވީހާތަނަށް އަޅުގަނޑުމެންނަށް ދިމާވި ކަންތައްތަކުގެ ތަފްސީލް ކިޔައިދިނީމެވެ.އަދި ފަހުން ނެގި އެކްސްރޭގައި އެގޮބު ނެތްވާހަކަ ބުނީމެވެ. ފަހުގެ އެކްސްރޭ ނުގެނައީ ކީއްވެގެންކަން އޭނާއަށް ކިޔައިދިނީމެވެ. އެކްސްރޭއަށް ކުރާ އިތުބާރު ކުޑަވެއްޖެކަމާއި ކޮންމެ ގޮތަކަށް އެކްސްރޭއިން ދެއްކިއަސް ސްކޭން ކުރަން ބޭނުންވާ ވާހަކަ ބުނީމެވެ. " އެކަމަކު މިއީ ސްކޭން ހައްދާވަރުގެ ކަމެއްނޫން. ނަސީބެއްކަންނޭނގެ އަހަރެން މިތަން ދޫކޮށް އިންޑިޔާއަށް އެބުރި ދާން ނިންމިކަން...އާދޭ މަށާއިއެކު އެހެން ރޭޑިއޮލޮޖީ ޑޮކްޓަރެއްގެ ލަފާ ހޯދަން" އޭނާއަށް އެއެކްސްރޭގައި އެފެންނަ އެއްޗެއް ޔަޤީންވެފައިވިޔަސް، ބޭނުންވީ އަޅުގަނޑުމެން ހިތްހަމަ ޖައްސާށެވެ. ދެވަނަ ޑޮކްޓަރުވެސް އެކްސްރޭ ފެނުމާއިއެކު ކުރި ފުރަތަމަ ސުވާލަކީ " އެކްސްރޭ ނެގިއިރު އިސްތަށިގަނޑު ނިއުޅުވާލައިގެންތަ ހުރީ؟ " މިއެވެ. އޭނާއަށްވެސް އެއެކްސްރޭ ނެގުމުގައި އެދިމާވި މައްސަލަ އެނގެއެވެ. ކޮންމެއަކަށް ދެރޭޑިއޮލޮޖީ ޑޮކްޓަރުން އެއީ އިސްތަށިގަނޑުގެ ބައެއްކަމަށް ނިންމެވިޔަސް އަޅުގަނޑުމެން ނިންމީ ސްކޭން ހައްދާށެވެ. މައްސަލައެއް ނެތްކަން ޔަޤީން ކަށަވަރު ކުރުމުގެ ގޮތުންނާއި އެސްކޭނަށް ފައިސާ ދައްކާފައިވާތީއެވެ. ސްކޭން ހެއްދިއްޖެއެވެ. ނަތީޖާވެސް ރަގަޅެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެހުރިހާ ކަމެއް ނިމުމުން އަޅުގަނޑުމެން ހިތްހަމަ ޖެހުމުގެ ނޭވާއެއްލީމެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މިރަށުގައި މިވަގުތު ތިއްބެވި އެންމެ ފުންނާބުއުސް ކަރުންމަތީ ޑޮކްޓަރުންނަށް ނޭނގޭ މިންވަރު އަޅުގަނޑަށް އެގިއްޖެއެވެ. އެބޭފުޅުންނަށް ހައްލުނުކުރެވުނު ސިއްޙީ މައްސަލައެއް އަޅުގަނޑު ހައްލުކޮށްފީމެވެ. ދުނިޔޭގެ ރިކޯރޑެއް މުގުރާލައިފިނަމަ، އެރިކޯރޑް ހޯދިމީހާއަށް އެއްވަނަ ލިބެއެވެ. މިފަހަރު މިއީ އަޅުގަނޑުގެ ފަހަރެވެ. ކަރުންމަތީ އެންމެ މޮޅެތި ޑޮކްޓަރުންނަށް ހައްލުނުކުރެވުނު ކޭސްއެއް އަޅުގަނޑުގެ މިސިކުނޑިން ނިންމާލައިފީމެވެ. މިހާދިސާއަށްފަހު، ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ކަރުންމަތީ ޑޮކްޓަރަކީ އަޅުގަނޑުކަމުގައި ބައެއް ރައްޓެހިން ކިޔަން ފަށައިފިއެވެ. މިއީ އަޅުގަނޑަށް ދިމާވި ހަޤީޤި ހާދިސާއެކެވެ. ހަފްތާއެއްހާ ދުވަހުގެ ބޮޑު ނުތަނަވަސްކަމެކެވެ. އަތުން ހޭދަވި ފައިސާއެވެ. ގެއްލުނު ވަގުތުތަކެވެ.ކުރެވުނު މިންނަތް މަސައްކަތްތަކެވެ. ރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭތަންތަނަށް މީހުންކުރާ އިތުބާރު ގެއްލޭ މިފަދަ އެތައްއެތައް ކަމެއް ދިމާވެފައިވާނެކަން ޔަޤީނެވެ. އަދި އަޅުގަނޑުމެން މިއުފުލި ތަކްލީފަށްވުރެ މާބޮޑު ދަތިތަކާއި އުދަނގޫތަކެއް އެހެން ފަރާތްތަކުން ތަހައްމަލުކޮށްފައިވާނެއެވެ. އަޅުގަނޑަށް މިދިމާވި ހާދިސާގެ ޒިންމާ ނަގަންޖެހޭނީ ޑޮކްޓަރުންކަމުގައި އަޅުގަނޑު ނުދެކެވެ.އަޅުގަނޑު މިލިޔަނީ އަޅުގަނޑު ހިޔާލެވެ. ޒިންމާވާނެ ފަރާތް ކޮބައިކަން ނިންމަވާނީ ކިޔުންތެރިންނެވެ. ފުރަތަމަ އިގިލި ދިއްކުރެވެނީ އެކްސްރޭ ނެގި މީހާއަށެވެ. އެކްސްރޭ ނަގާއިރު އިސްތަށިގަނޑު ކަރުގެ ފަހަތަށް ވަންނައިރު އެއެކްސްރޭ ނަގަން ހުންނަ މީހާއަށް އެނގެން ޖެހޭނެއެވެ. އަދި އެކަން ރަގަޅުކުރެވެންވެސް ވާނެއެވެ. އެއްގޮތަކީ އޭނާއަށް ރަގަޅު ތަމްރީން ލިބިފައި ނުވުމެވެ. އަނެއްގޮތަކީ އޭނާ ފަރުވާކުޑަކުރުމެވެ. ދެން އިގިލި ދިއްކުރެވެނީ ސިއްޙީ ޚިދުމަތްދޭތަންތަނުގެ ރޭވުންތެރިކަމަށެވެ. އެކްސްރޭ ނުވަތަ އެހެން ތަހުލީލްތައް ކުރާ ތަންތަނުގައި އެކަންކަމާއިބެހޭ ޑޮކްޓަރުން ތިބުން މުހިއްމެވެ. މިހެން މިދަންނަވަނީ އަޅުގަނޑުމެންގެ އެކްސްރޭ ރޭޑިއޮލޮޖިސްޓަކަށް ދައްކާލުމުން އެއްވެސް ޝައްކެއްނެތި އެއީ އިސްތަށިގަނޑުގެ ބައެއްކަން ބުނަން އެނގުމުންނެވެ. ރާއްޖެއިން ބޭރުގައިވެސް ތަހުލީލު ކުރާ ތަންތަނުގައި ތިއްބަވާ ޑޮކްޓަރުން ރިޕޯރޓެއް ހަދައި އޭގައި ސޮއިކުރެއެވެ. އެބައްޔަކާއި ބެހޭ ހާއްސަ ޑޮކްޓަރު އެންމެ ފުރަތަމަ ބައްލަވާނީ ތަހްލީލް ރިޕޯރޓެވެ. އޭގައި އެއްވެސް މައްސަލައެއް ނެތްކަމަށް ސޮއިކޮށްފައިވާނަމަ އޭނާ އިތުރަކަށް ރިޕޯރޓްތަކެއް ނުބަލާނެއެވެ. އަދި އެފަދަ ތަހްލީލްތަކުގައި މައްސަލައެއްވާނަމަ، އެކަން އެރިޕޯރޓްގައި ފާހަގަ ކުރެވިފައިވާނެއެވެ. މިވާހަކަ ކިޔުމަށްފަހު، އެއްވެސް ކިޔުންތެރިއަކު ޑޮކްޓަރުންނާއި ދޭތެރޭ ގޯސްކޮށް ނުވިސްނުމަށް އެދެމެވެ. އަބަދުމެ ހަނދާންކުރަންވީ ކަމަކީ ޑޮކްޓަރުންނަކި މުޖުތަބައުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއްކަމާއި އެމީހުންނަށް ދޭންވާ ޤަދަރާއި އިޚްތިރާމް ދިނުމަށެވެ. ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، ލިބެން ހުންނަ ވަސީލަތްތަކާއި، އޮނިގަނޑު ރޭވިފައި އޮންނަ ގޮތުން ޑޮކްޓަރުންނަށް ދަތިތަކަކާއި ދިމާވެދާނެއެވެ. އެހެންނަމަވެސް، އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެމީހުންނަށް ހިތްވަރުދޭން ތިބީ ހަމަ އަޅުގަނޑު މެންނެވެ. ބަލިމީހާއާއި ޑޮކްޓަރުގެ ގުޅުން ރަގަޅުވުމަކީވެސް ދެފަރާތަށް ލިބޭ ހިތްވަރެކެވެ. މިފުރުސަތުގައި ރާއްޖޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުން އެކުރައްވާ ބުރަ މަސައްކަތަށް ސާބަސް ރައްދުކުރަމެވެ. |
ކިޔުންތެރިންގެ ޚިޔާލް