| ހޮނިހިރު, 28 ނޮވެމްބަރ 2009 11:05 |
| ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާންވެސް ޖެހިދާނެކަމެކޭ. |
|
ޙުސައިން ޞަލާޙުއްދީން - ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީގެ ފެންފުށީ ގަނޑުވަރު ޢަލީދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖެއަކު ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮގަސް އިންޑިއާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ ތިމަންނަގެ ކާފައިކިލެގެފާނުންގެ ބަފައިކަލުންށަވި އައްސުލުޠާނު މުޙައްމަދު ޣިޔާސުއްދީނު ރަދުންނެވެ. މިރަދުން ބަނބުކެޔޮގަސް ގެންނަވައިގެން އުޅުއްވިއިރު އެއިގެ ތެރެއިން ގަހެއް މިރަށު ( ޔައުނީ ފުވައްމުލަކު ) ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުވައިފިއެވެ. ގަސްގެނައިމީހާ އެނދުރުމަނިކުފާނުގެ އަރިހުގައި ދެންނެވި ބަހަކީ ، ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.ދެން އެދުރުމަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީ ފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅެއް ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. ބަލިޖެހިއްޖެ މީހަކު ލައި އުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރުމަނިކުފާނުންގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުން ބޮޑުކަމުން ވަލަށްދާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަގެއެއް އަޅާފައި އެގެއަށް ލައިގެން އެދުރުމަނިކުފާނުންގެ ދަރިވަރުން ދަންފަޅި ބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އެބައުޅެތޭ. މިދުވަސްވަރު އެއްކަލަ ގަހުން ދިގު އެއްޗެހިތަކެއް ނުކުންނާން ފަށައިފިޔޭ. މިވާހަކަ އެދުރުމަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިޔޭ. ކޮބާ ނިކަން ތިޔަ ގެނެސްބަލާށޭ. ދެން އެދުރުމަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނުކައްކައިގެން ކާންއުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެއަކަށް މިއެއް ނުދިޔައެވެ. ދެން އެދުރުމަނިކުފާނުން ވިދާޅުވިޔޭ. ތިޔަ ތަކެތި ދެން އުކާލާށޭ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާޔޭ. ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަ ދުވަސްކޮޅަކުން ފަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރުމަނިކުފާނުން ވިދާޅުވިޔޭ. އާނ އާނ ތިޔައިގެ މޮޅު އެއްޗަކީ ތިޔަ ނުކުންނަނީ ތޯއްޗެކެވެ. ދޮންވެގެން ވެއްޓެންދެން ތިބޭށޭ. މިހެންވެފައި އޮއްވާ އެއްރެއަކު ދަންވަރު މިގަސްދަށުން ބުންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާތިބި ދެތިންކުދީން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރުއަރާންދެން ތިބެއްޖައޫއެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގައި އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑު ކަމުގައި ވެއްޖެއެވެ. ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރުމަނިކުފާނަށް ދެއްކީމާ ވިދާޅުވިޔޭ. ކާންވީ އެއްޗަކީ މިއޮތީ ކަމަށޭ ވާނީ ކޮންމެ އެއްޗެއްގެވެސް އެންމެ މޮޅުވާނީ އެންމެ އެތެރޭގައި އޮންނަ ތަނެއް ވިއްޔާޔޭ. ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނިއަޅައިގެން ކައްކައިފޫއެވެ. އެދުރުކަލޭފާނުން މިފަރީއްކުޅުއްވައިފޫއެވެ. އެރޭ އެދުރުމަނިކުފާނަށް ވީގޮތަކީ ނުލާހިކުވަރަށް ބޭރަށް ހިންގައި ވަޑައިގަތުމެއް އަތުވެއްޖެޔޭ. ދެތިންދުވަހު ބޭރަށް ހިންގާފައި އެދުރުމަނިކުފާނުންގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފޫއޭ. ތިޔައެއްޗަކީ ވަރަށް މޮޅު އެއްޗެކޭ. ތިޔައީ ދުޅަބަލީގެ ބޭހެވެ. ދެން މިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅަޔެއް ނުލަތެވެ. މިހެން އެތައް ދުވަހެއް ވީފަހުން ރަށުގައި ފެންބޮޑުވެ ރަށް ތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރުމަނިކުފާނުގެ ކައިރީގައި ދަންނަވައިފޫއެވެ. މިގަހުންވެރޭ ތަކެތި މިތާކު އުޅޭ މުސްކުޅި ދައިތަޔަކު ގެންގޮސްގެން އެގޮތްމިގޮތް ހަދައިގެން ކައި އެބައުޅެޔޭ. އެދައިތަ ގޭތެރެ ވަރަށްވެސް ތިޔާގެވެ. ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިޔޭ. އަޅުގަނޑު އެއްރެއަކު ފަތިހު ހީކަރުވައި ގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާން ފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައިއޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭތި ރަހަބެލިއިރު ވީވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނުކައްކައިގެން އެގޮތްމިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ. ދެން އެދައިތާގެ ކިބައިން އެދުރުމަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅު ކުރައްވައިފިއެވެ. ދެން އެތަން މިތާނގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެޔޭ މިބުނަނީ ޖާހިލު ކަމަކީ ބަނބުކެޔޮ ކަރުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކެވެ. އެމްއެލްނޯޓް: މި ވާހަކައަކީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ " ދިވެހިންގެ ވާހަކަ" މިފޮތުން ނަގާފައިވާ ވާހަކައެކެވެ. އެމްއެލްގައި މި ވާހަކަ ޝާއިޢުކޮށްފައި މިވަނީ އެއްޗެއް އުނިއިތުރެއް ނުގެނެސް އެމަނިކުފާނު ލިޔުއްވާފައިވާގޮތަށެވެ. |
ކިޔުންތެރިންގެ ޚިޔާލް