ބުރާސްފަތި, 19 ނޮވެމްބަރ 2009 01:12
14 އަހަރުގެ ކުޑަކުއްޖަކު މަރާލަން އުޅުނު ހާދިސާ.

އޭނާ އޮތީ ހަތަރެސްފައި ބަނދެ އަނގަޔަށް ކަރުދާސް ކޮއްޕާފައި.


ކުޑަކުޑަ އައްޒާމް އެތަނަށްދިޔައީ ބަޔަކު އޭނާ ހިފަހައްޓާ މަރާލަނެ ކަމަކަށް ވިސްނައިގެނެއްނޫނެވެ. އޭނާގެ ޅަސިކުނޑިޔަށް އެފަދަ ގޮތަކަށް ކަމެއް ހިނގާފާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ. ފިލްމުތަކުން މީހުން މަރާތަން ފެނުނަސް އެފަދަ މަންޒަރެއް ހަމަލޮލަކުން ނުފެނެއެވެ. ރަށްރަށުގައިވެސްފޭރުމާއި ވައްކަންކުރުމާއި ވަޅިން ބިރުދެއްކުން އިތުރުވެފައި ވީނަމަވެސް ހަމަ ކުއްލިއަކަށް މީހެއްގެ ފުރާނަޔަށް ނުރައްކާ ކޮއްލާފަދަ ބަޔަކު އުޅެފާނެ ކަމަކަށް 14 އަހަރުގެ އައްޒާމަކަށް ގަބޫލެއްނުކުރެވެއެވެ. އެކަމަކު މިހާރު އެވަނީ އެކަން ބަދަލު ވެފައެވެ.


މިއީ އަވައްޓެރި ގައުމެއްގައި ހިނގި ކަމެއްނޫނެވެ. އައްޑު އަތޮޅު މަރަދޫ ވީވަރު އަބްދުﷲ އައްޒާމް ބޭރުގައި އުޅެފައި ގެއަށް އައި މަގުމަތީގައި ގުރޫޕަކުން އޭނާ ހިފެހެއްޓިއެވެ. އެއީ ހަވީރުގެ ވަގުތެވެ. އެ ގުރޫޕުން އައްޒާމް ހިފަހައްޓާ ފަޅުގޯއްޗަކަށް ގެންގޮސް އަތާއި ފައިބަނދެ އަނގަޔަށް ކަރުދާސް ކިލަޔާއި އެއްކޮއްފައި ކޮއްޕާ އަނގަމަތި ބޮލުގެ ފުރަގަހުން ބަނެވެ. އަދި ވަކަރުގަނޑެއް ޓީޝާޓްގެ ތެރެއިން ވައްދާ ކަރުގެ ކާއެއްޗިހި ހިނގާ ހޮޅީގައި ވިއްދާފައި ވަކަރުގަނޑުގެ ފުރަގަހަށް ބަނެވެ. އަދި އެތަނަށް ވާނޭ އެއްޗެއްވާން އޭނާ ދޫކޮއްލިއެވެ.
ޖުލައި 17 ވަނަ ދުވަހު އަސުރު ނަމާދުން ފައިބައިގެން އައްޒާމް ގެއަށް ދިޔައެވެ. ހެދުން ބަދަލު ކޮއްލައިގެން އޭނާ ދިޔައީ ގެ ކައިރީގައި އޮންނަ ކުދިވެރިން ފުޓްބޯޅަ ކުޅޭތަނަށެވެ. ކުރީ ދުވަހު ނުކުޅެ ދިއުމުން އެދުވަހު އެމީހުން އައްޒާމެއް ނުލެއްވިއެވެ. އެހެންވެ އެތަނުގައި އިނދެފައި އޭނާ އައީ ގެއަށެވެ. ހުރިހާ ކަމެއްވެސް ބަދަލުވީ އެހިސާބުންނެވެ.

އައްޒާމް ގެއަށް އައި މަގުމަތީގައި ގުރޫޕަކުން އޭނާ ހިފެހެއްޓީއެވެ. ފުރަގަހުން އައިސް ލޯމަތީ އަތް އަޅައިގެން ގަދަކަމުން ގެންގޮސް ވަލުމިސްކިތުގޯޅި އާއި ދިމާލުން ގަސްހެދިފައި އޮތް ފަޅު ގޯއްޗަކަށް ވެއްދިއެވެ. ދެން އެމީހުން އުޅުނީ އައްޒާމް މަރާލާށެވެ.

އައްޒާމް ބުނީ އޭނާ މަރާލަން އުޅުނީ ދެމީހުން ވެގެން ކަމުގައެވެ. ފަޅުގޯއްޗަށް އޭނާ ވެއްދިއިރު އެތަނުގައި މީހަކު ހުއްޓެވެ. އެމީހާ ފެނުނީ ފުރަގަހުން ކަމުން އެމީހާ ފާހަގަ ކުރާކަށް އައްޒާމަކަށް ނޭގުނެވެ. އައްޒާމް ބުނީ އެތަނަށް އޭނާ ދަމާ ގެންދިޔައީ ކާކުކަން ބުނަން ނޭނގުނަސް އޭނާގެ ސިފަ ކޮންމެވެސް ވަރަކަށް
އެނގޭކަމުގައެވެ. އެއީ އިސްތަށިގަނޑު ދިގު، ކަޅު މީހެކެވެ. ކަރުގައި ރިހިފަށެއް އޮތެވެ. އައްޒާމަށް އެމީހުން އަނިޔާކުރަމުން ދިޔައިރު އޭގެތެރެއިން އެކަކުވެސް ވާހަކަ ނުދައްކަ ކަމަށް ވެއެވެ. އަތުން ހެދުނު އެއްޗެއް ހަދާފައި މީހުން ބުނީ އެންމެ ވާހަކައެކެވެ. "ކަލޭގެ ބައްޕައަށް ވެސް ހަދާނީ މިހެން"

އައްޒާމްގެ އާއިލާގެ ފަރާތުން އޭނާގެ މަންމަ ހައްވާ ޒާހިރާ ބުނީ އައްޒާމް ބޭރުތެރޭގައާއި، ސްކޫލުން ގެއަށް އައިސް ގޭތެރޭގައިވެސް އުޅޭނީ ވަރަށް މަޑުމައިތިރިކޮށެވެ. " ވަރަށް ބަސް އަހައިގެން އުޅެނީ. ގްރޫޕް ހަދައިގެނެއްވެސް ނޫޅޭނެ."

އައްޒާމް ގެއިން ނިކުމެގެން ދިޔަ ވަގުތަކީ ހަވީރުގެ ވަގުތުކަމުން އޭނާ ނުފެނިގެން އާއިލާގެ ފަރާތުން ނުހޯދާ ކަމަށް ވެއެވެ. އެދުވަހު އަސުރު ނަމާދުކޮއްގެން ގެއަށް ދިޔަ މަގުމަތީ އައްޒާމްގެ ބޭބެ މަރަދޫ ކަތީބު ހަސަން ރަޝީދަށް އޭނާ ފެނުނު ކަމަށް ވެއެވެ. އައްޒާމް މަރުން ސަލާމަތްވީ އޭނާ ފިރުކެމުން މީހުން އުޅޭ ހިސާބަށް ނިކުމެވުނީމައެވެ. ހަތަރެސްފައި ބަނދެ އެއްލާލާފައި އޮއްވާ ފުރަތަމަ އޭނާ ފެނުނީ އެރަށު ދުންފިނިގޭ ފަރުދިއްޔާ އަށެވެ. ހަވީރު 5:20 ހާއިރު ފަރުދިއްޔާއަށް ވިނަގަނޑު ތެރޭގައި ކުއަޖަކު އޮތްހެން ހީވެގެން ބަލާލިއެވެ. އަދި އެރަށު ގަނދަ ކޯޅިމާގޭ އަސްމާއަށް ގޮވިއެވެ. އެމީހުން ފުރަތަމަ ހީކުރީ އެއީ އެތަނަށް ފިލަން ވަދެ އޮތް ކުއްޖެއްކަމަށެވެ. އެމީހުންނަށް ފެނުނީ އޭނާ ހަރަކާތްކުރާތަނެވެ. އަސްމާ އެކުއްޖާ އޮތްތަނަށް ގޮސް ހަޅޭއްލަވަމުން ނުކުތްތަނުން އައްޒާމުގެ މަންމަވެސް އެހިސާބަށް އަރާ ހަމަވަނީއެވެ. އައްޒާމްގެ މަންމަ ދިޔައީ ފިހާރައަކަށް ދާށެވެ. އަސްމާ އެގޭ ކުއްޖާއޭ ބުނުމުން އައްޒާމްގެ މަންމަވެސް އެމީހުނާ އެކީ އެތަނަށް ދިޔައެވެ. އޭނާ ލައިގެންހުރި ޗޮކްލެޓްކުލައިގެ ޓީޝާޓާއި އަޅިކުލައިގެ ސޯޓް ފެނުމުން އެއީ އައްޒާމް ކަން ރަނގަޅަށް އެނގުނެވެ.
"އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނު. ދަރިފުޅުއޮތީ އަނގަ ބަނދެފަ އަނގައިގެ ތެރެއަށް ކަރުދާހާއި ފޮތި ކޮއްޕާފަ. އޮތީ ދެލޯބޮޑުވެ ކަޅި ހުއްޓިފަ." ހައްވާޒާހިރާ ކިޔައިދިނެވެ.

އައްޒާމްގެ އަނގަޔަށް ކޮއްޕާފައި ހުރި ފޮއްޗާއި ކަރުދާސް ނަގަން އުޅެނިކޮއް މަންމަ އަނބުރައިގަނެގެން ވެއްޓިއްޖެއެވެ.
"ދެން ވީގޮތެއް ނޭގުނު. ދަރިފުޅު ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަކަން ފަހުން އެނގުނު."
އައްޒާމްގެ މަންމަ ބުނީ ވަރަށް އޮލަކޮށް ހުރި ތެލެއްވެސް އެސޮރުގެ އަނގަޔަށް އަޅާފައި ހުރިކަމަށެވެ. މާނަޔަކީ އެމީހުން އުޅުނީ އައްޒާމްގެ ގައިގާ ރޯ ކޮއްލާށެވެ.
" ރޯކޮއްލާނެ ކަމަށްބުނެ އެމީހުން އިންޒާރުވެސްދިން. ވާރޭ ވެހޭތީ ރޯނުކޮއްލެވުނީ ކަމަށް ލަފާ ކުރެވެނީ." އައްޒާމް ކިޔައިދިނެވެ.
އައްޒާމް ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވޭނަކަށްލައިގެން ގެއާ ކައިރީ ހިސާބު މީހުންނެވެ. އައްޒާމްގެ ބައްޕަ ރަފީގަށް އެހަބަރު ލިބުމާއި އެކީ ވަގުތުން ހޮސްޕިތަލަށް ދިޔައެވެ.

އައްޑު އަތޮޅު ރީޖަނަލް ހޮސްޕިޓަލުން އައްޒާމް ބަލާފައި ޑޮކްޓަރު ބުނުއްވީ އައްޒާމް ނުފެނި އެއަށްވުރެ ލަސްވިނަމަ މަރުވާނެއެވެ. އައްޒާމްގެ ހަށިގަނޑުގެ މަސްތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރަފީގާއި ހައްވާ ޒާހިރާގެ ހަތްދަރިން ތިބެއެވެ. އައްޒާމަކީ އޭގެ ތެރެއިން 4 ވަނަ ކުއްޖާއެވެ. ރަފީގު ބުނީ މިހިނގި ކަންތަކުގެ ސަބަބުން އައްޒާމަށް ނަފުސާނީ ބައްޔެއް ޖެހިފާ ވާކަމަށެވެ.

ރަފީގު ބުނީ އޭނާގެ ދަރިފުޅު ބަޔަކު މަރާލަން އުޅެންޖެހޭނެ ސަބަބެއް ނުވިސްނޭކަމުގައެވެ. "އަހަރެންގެ ދުޝްމަނުންނެއް ނުތިބޭނެ. އަހަރެންގެ ދަރިންނަށް އަދާވާތްތެރިވާ ބަޔަކު ނުތިބޭނެ."

ރަފީގު ބުނީ އައްޒާމަށް އަނިޔާ ކުރިކަމަށް ވަރަށް ބޮޑަށް ޝައްކުވާ ބަޔަކު އެބަ އުޅޭ ކަމުގައެވެ. " އެއީ އެ ޝައްކުވާ މީހުން ބޯދިގުކޮއްހުއްޓާ އަނެއްދުވަހު ބޯކޮށާލުމާއި، ދެބުމަ ދޭތެރެ ބޭލާ ސިފަ ބަދަލު ކުރުން ފަދަ ކަންތައް ތަކެއް އެބަހުރި އެނގެން"

ކުށެއް ނެތް މީހުންގެ ފުރާނަޔަށް ނުރައްކާ ވާފަދަ ގޮތް ގޮތަށް އުޅޭމީހުން ހިފެހެއްޓިގެންނޫނީ އަމާންކަމާއި އެކީ އަހަރެމެންނަށް ދިރި އުޅެވޭކަށް ނެތެވެ. މިއީ ހައްލު ކުރަން ޖެހިފައިވާ ވަރަށް ސީރިޔަސް މައްސަލައެކެވެ.

ނޯޓް: މިއީ އުދަރެސް މަޖައްލާއިން ނަގާފައިވާ ލިއުމެކެވެ. މިހާދިސާ އަކީ މީގެ ގާތްގަނޑަކަށް 4 އަހަރު ކުރިން ހިނގާފައިވާ ހާދިސާއެކެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+32
 
 
 
ރައްދު ދެއްވުމަށް
ެނޭގިނަމަވެސް އަހަރުމެންނާ ކުޅިލަބަލަ .. ދުނިޔޭގެ ދެކޮޅު ރަގަޅަށް ފެންނާނެ އޭރުން .. އައްޒާމް މެން އާއިލާ ކެތްގަދަ..
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިއީ ހުސް ދޮގު މަދަށްނަން ދުންފިނިގޭ ފަރުދިއްޔާ މަ ދަންނަަން މަގުޅާފަ ބެލިއިރު މިއިން ކަމެދަންނަކަމަކަށް ނުވި އަދި ކުބާ ހޮސްޕިޓަލަށް ގެންދިޔާއިމަ އެމީހުން ރޯކޮށް ލާނަމޭ އައްޒާމް މި ބުނަނީ މީގެ ކުރިން އެމީހުން ވާހަކަ ދެއްކިކަމައް ނުވޭ ހަމަ އެކަނި ބުނިހާވެސް އެއްޗަކީ އޭނަގެ ބައްޕަ މަރާލާނަމޭ....ތިއޭ މައްސަލައަކީ
"ލާހޫރޭގެ ކޮއްކޮ"
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...