ހޯމަ, 21 ސެޕްޓޭމްބަރ 2009 00:03
ފެތުނު އޮޑީ ރިޔާދަށުވި ޒުވާނާ ( ދެވަނަބައި )

ލާހޫރޭ -

އަންހެނުން މާލެގެނެސް ދިރިއުޅުން އެއްކޮށް ދައްތަގެގެއަށް ބަދަލުކޮށްފީމެވެ. ވަރަށް ކުޑަކުޑަ ޚަރަދެއްކޮށްގެން އެގޭގައި ދިރިއުޅެމުން ގެންދަނިކޮށް އަންހެނުންގެ ނުފޫޒާއި ބާރު އަހަރެންގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި އޮހެންފެށިއެވެ. އަދި ބައެއް ފަހަރު އެގޭ ދައްތަޔާއި ދެބަސްވެވި އަންހެނުންނާ މަށާ ދެމެދުވެސް ބަހުގެ ހަމަލާތައް ބަދަލުކުރެވެން ފެށިއެވެ. ހިތައް އަރަމުންދަނީ މިމީހަކާ އިނދެގެން ދެނެއް ނޫޅެވޭނެޔެވެ. އަދި ހަމަ މީހުންނާ އިނދެގެންއުޅޭ ހުރިހާ މީހުންވެސް އުޅެނީ މިފަދަ ހާލެއްގައި ބާވައެވެ. ނަމަވަސް ލާހޫރޭ މެންކަހަލަ ރަހްމަތްތެރިންގެ ބަސް ޤަބޫލުކޮށް ދަރިފުޅަށްޓަކައި ކެއްކުރެވޭތޯ ބަލަމުންދިޔައީމެވެ.

އަހަރެން މަސައްކަތްކުރާ ތަނުގެ ހުރިހާ އެންމެންގެވެސް އެހީތެރިކަމާ އެއްބާރުލުން ވަރަށް ރަނގަޅަށް އަހަންނަށް ލިބެއެވެ. އަންހެނުންނާއި ދެމީހުންގެ ދޭތެރޭގައި ޖެހޭ ތަފާތު މައްސަލަތައް ހައްލުކުރުމުގަ އާއި މާލީގޮތުންވެސް މެއެވެ. ދުވަސްތައް މާޒީއާ އެކުވަމުން ގޮސް އަންހެނުންވެސް ވަޒީފާއެއް ޚިޔާރުކޮށް ބުކްޝޮޕްކަށް ވަޒީފާއަށް ދާންފެއްޓިއެވެ. ގޭގެ ދައްތަ އަހަރެންގެ ދަރިފުޅު އެމީހުންގެ އަމިއްލަ އުފަންދަރިއަކުފަދައިން ބަލަމުން ގެންދެއެވެ. އެއީ އަންހެނުން ވަޒީފާގައި ވާގަޑިތަކުގައާއި އެހެނިހެންވެސް ވަގުތުތަކުގައެވެ. ދެމަފިރިންގެ ދޭތެރޭގެ މައްސަލަތައް އޭގެ އިންތިހާ އަށް އަރައިފިއެވެ. އަންހެނުންނަކީ އަހަރެން ބުނާ ބަހެއް އަހާ އަދި އެއްވެސް މީހަކު ބުނާ ބަހެއް ޤަބޫލުކުރާ މީހެއްނޫނެވެ. އޭނާ އުޅެމުން ގެންދަނީ އޭނާހިތުހުރިގޮތަކަށެވެ. ދަރިފުޅަށްވެސް ފާޑުފާޑުގެ ގޯނާ ކުރާކަމަށް ދައްތަ އަހަރެން ކައިރީ ބުނަމުން ދެއެވެ. ކަންތައް މިހިސާބަށްގޮސްފާވަނިކޮށް އެއްދުވަހަކު ލާހޫރޭ އެގެއަށް އެއްޗެއް ހިފައިގެން އަހަރެން ފޮނުވީމެވެ. މިހިސާބުން ލާހޫރޭގެ ވާހަކަ އަޑުއައްސަ ވާށެވެ.

އެއީ ސުކޫލުގެ ބޭނުމަކަށް ހޯދާފައިވާ އެއްޗެކެވެ. އެގޭދޮރުމައްޗަށްއަރާ ސަލާމްގޮވާލުމުން އެގެއިން ނުކުތީ ދެބައި އުމުރުގެ އަންހެނެކެވެ. އެނގުނުގޮތުގައި އެއީ އެގޭ ދައްތައެވެ. އެވަގުތު އަހަންނަކީ މިވެނި މީހެކޭ ބުނެ ތައާރަފްވެ ހުސެއިން ދިން އެތި އެދައްތަޔާ ހަވާލުކޮށް ނުކުންނަށް އުޅެނިކޮށް ހުސެއިންގެ ދަރިފުޅު އާޒިމް ފެނުމުން އަހަރެން އެހީމެވެ. މީނަގެ މަންމަ މިއަދު ކޮބާހެއްޔެވެ. އެވަގުތު އެދައްތަ ބުންޏެވެ. މަންމަވީ ބޭރުގައެވެ. އެސޮރަށްހެވޭ މަންމަނެތަސް މިހެން ބުނުމުން އަހަންނަށް ހުއްޓެވެވުނެވެ. އަދި އެހީމެވެ. ތެދެ އެޔޯ؟ އަނެއްކާ ދައްތަގެ ވާހަކަ ފެއްޓިއެވެ.

ކުޑަކުޑަ އާޒިމް ގޮވައިގެން އެހެން ދުވަސްދުވަހާ ޚިލާފަށް ވަރަށް ރަނގަޅު މޫޑެއްގާހުރެ ކުރީދުވަހު ފެންވަރުވަން ގިފިއްޔަށް ވަނެވެ. އަދިފެންވަރުވައިގެން އާރޓިފިޝަލް ބީޗަށް ދާނަމޭ ކިޔައިގެން ވަރަށް ބޮޑަށް އާޒިމް ރުއްސައިގެންވެސްމެއެވެ. ފެންވަރުވަން ވަންތާ އިރުކޮޅެއްފަހުން ގިފިލިތެރެއިން އާޒިމް ވަރަށް ބާރަށް ރޮއިގަތެވެ. ހީވީ ބިރެއް ފެނުން ހެންނެވެ. އަހަރެން އާޒިމް ރޯލެއްގަދަކަމުން ގިފިލިކައިރިއަށް ދިޔައީމެވެ. ދޮރުހުރީ ތަންޑުއަޅާފައެވެ. އެވަގުތު ދޮރުފަތުގައި ކޮޅުފައިން ޖަހާ ދޮރުގަނޑު ހުޅުވާ އާޒިމް އާ ދިމާ ބަލާލެވުނެވެ. އެވަގުތު އައިޝާގެ އަތުގެތެރެއިން ވެއްޓުނީ ޗިސްޗިސްވެފާވާ ބޮޑު ރަތްގިތެޔޮ މިރުހެކެވެ. އެވަގުތު އެހިސާބުގެ ގެތަކުގެ މީހުންވެސް އަޑުގަދަކަމުން އެތަނަށް އަތުވެއްޖެއެވެ. އެދުވަހުވެސް އައިޝާ ހެދި ގޮތަކީ އާޓިފިޝަލް ބީޗަށް ދާން ފެންވަރަށް ހިނގާށޭ ބުނެ ގޮސް ސައިބޯނި ލަނީކަމަށް ހަދާ އެގިތެޔޮމިރުސް ދަރިފުޅުގެ ބުރަކަށީގާ ކޭއްތީއެވެ. ކޮންމެއަކަސް އަހަންނަށް ކިޔުނީ ސުބުހާނަﷲ އެވެ. އަހަރެން އެ ހޫނުކަންމަތީއައިސް ހުސޭނަށް އެވާހަކަ ކިޔައިދިނީމެވެ. އަދި މިހާރުގެ ތިޔަދިރިއުޅުން ނިމުމަކަށް ގެންނަން އިރުޝާދުދިނީމެވެ. އަހަރެންވެސް މަސައްކަތްކުރަނީ ހުސޭނާ އެއްއޮފީހެއްގާކަމުން ތަނުގެ ފޯނުތައް އަބަދުހުންނަނީ ބިޒީވެފައެވެ. ހުސޭނު ހޯދަން އައިޝާ ގުޅާވަރުންވެސް މެއެވެ.

ފޯނުނަގާ ކޮންމެމީހެއްގެ ގާތުގައި ޝަކުވާގެ ބަސްތަކުން ފޯނު ގިނައިރުކުރެއެވެ. ދުވަސްތަކަކަށްފަހު އަހަރެން އައިޝާ ވަރިކުރީމެވެ. ވަރިކޮށްފައިވަނިކޮށް އެހެން ދުވަހެއްގައި ލާހޫރޭ އެއްޗެއް ދީފައި  އެގެއަށް ފޮނުވީމެވެ. އަނެއްކާވެސް ލާހޫރޭގެ ވާހަކަ އަޑުއައްސަވާށެވެ. އަހަރެން އެގެއަށްދިޔަތަނާ އައިޝާއާ ދިމާވިއެވެ. އަދި ވަރަށް އަސަރާއެކު ހުސޭނު އޭނާއާ ދޭތެރޭ ކަންތައްތައްކުރާ އިހާނެތިގޮތުގެ ވާހަކަތައް ދައްކަން ފެއްޓިއެވެ. ނަމަވެސް އަހަރެންނަށް ދެކޮޅުވެސް ފެންނާތީ ރައްދުގައި ތިޔައީ އައިޝާގެ ވިޔާނުދާކަމުން ގޮތްދޫނުކުރާކަމުން ވާހާ ކަންތައްތައް ކަމުގައި ބުނެ ދިޔަކަންތައް ނިންމާފާ އަވަހަށް ސަލާމަތްވެގެން އައިސްފީމެވެ. އަދި ހުސޭނަށް މިވާހަކަތައް ކިޔައިދިނީމެވެ. ވަރިކުރުމަކުންވެސް އައިޝާގެ އުނދަގުލުން ސަލާމަތެއް ނުވިއެވެ. ކޯޓަށް މައްސަލަހުށަހަޅާ ޚަރަދު ހޯދަން އެދުމުން ޚަރަދުގެގޮތުގައި ދޭފައިސާގެ ތިންގުނަ އަހަރެން ވަރިކުރިންސުރެވެސް މިއަންނަނީ ދެމުންނެވެ.

ކޮންމެއަކަސް ދުވަސްތަކަކަށްފަހު އައިޝާއާ ދަރިފުޅު އެމީހުންގެ ރަށަށް އެނބުރި ދިޔައެވެ. އޭގެ ހަތަރުމަސްފަހުން އަނެއްކާ މާލެއައެވެ. މާލެއައުމުން ދަރިފުޅުގާތަށް އަހަރެން ހަފްތާއަކު ދޭއް ނުވަތަ ތިންފަހަރު ދަމެވެ. އަދި ބުނާހާކަމެއްކޮށްދީ ހަދަމެވެ. ބޭނުންވާހާ ތަކެއްޗެއް ހޯދައިވެސް ދެމެވެ. ދަރިފުޅަކީ ކޮންމެވެސް ވަރަކަށް ބަލިކުއްޖަކަށްވެފައި ދޭތެރެ ދޭތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކުރެވުމުން އެތަނަށް ގޮސް މަޑުކޮށްލާހަދަމެވެ. އެއްދުވަހަކު އޮފީހުގައި ހުއްޓާ ކުއްލިއަކަށް ހޮސްޕިޓަލުން ފޯނުކޮށް ދަރިފުޅު ބަލިވެގެން އެޑްމިޓްކުރެވިއްޖެޔޭ އަވަހަށް އައިސްދޭށޭ ޑޮކްޓަރ ކޮންމެހެންވެސް ބައްދަލުކޮށްލަން ބޭނުމޭ ބުންޏެވެ. ހަމަ އެވަގުތު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރާ ބައްދަލުކުރީމެވެ. އަދި އަހަރެން އަކެހެރިކޮށް ޑޮކްޓަރ ބުނީ މިއީ މައްސަލައެކޭ ދަރިފުޅުގަޔަށް ވަނީ ހޫނުފެން ގަސްދުގައި އަޅާފައޭ މިމައްސަލަ ބަލަންޖެހޭނެ އޭ އެވެ. އެވަގުތު އެތަނަށް އައިޝާ އައެވެ. އަދި އައިސް ހޫނުފެން އެޅީ ދަރިފުޅު އަމިއްލައަށްކަމުގައި ބުންޏެވެ. ދެން ދަރިފުޅު އެޑްމިޓުން ސަލާމާތްވުމުން އަހަރެން މައްސަލަ ޖެއްސީމެވެ. އެމައްސަލާގައި ދަރިފުޅު ބަލަހައްޓާ އެއްކަލަ ދައްތަ ހާޒިރުކުރުމުން އޭނާވެސް ހެކިބަސްދިނީ ގަސްދުގައި އަޅާފާނެކަމަށާއި އެފަދަ ގޯނާތައް އާޒިމްއަށް އައިޝާ ކުރިމަތި ކުރުވާ ކަމުގައެވެ.

ދެމީހުންގެ ވަރި ސާބިތުކުރެވުނެވެ. ދެމީހުން ކޯޓަށް ހާޒިރުކުރާ ކޮންމެ ދުވަހަކުވެސް މުޅި ކޯޓް ހައިރާންކުރުވައެވެ. ސަބަބަކީ ކޮބާތޯއެވެ. އަންހެން ކުއްޖާގެ ނުބައި ނުލަފާކަމެވެ. ކޯޓްތެރޭގައިވެސް ހުސޭނުގައިގާ ޖަހައެވެ. އަދި ކޯޓަށް އެކިއެކި ކަންކަމުގައި ހާޒިރުވެތިބޭ މީހުންނަށް އޭނާގެ ރަނގަޅުވާހަކަ އާއި ހުސޭނުގެ ނުބައި ނުލަފާ ވާހަކަ ކިޔައި އަޑުގަދަ ކުރެއެވެ. ނަމަވެސް ވަރިކުރިފުޅު ކިތަންމެ ގޯނާއެއް ކުރިޔަސް ދިފާއުގައި އަނގައިން ބުނުންނޫން އެހެންގޮތެއް އަހަންނަކަށް ކުރެވޭކަށް ނޯވެއެވެ. ދެތިންދުވަހެއްގެ ފަހުން އައިޝާ ދަރިފުޅުގެ ހައްޤު ހޯދުމަށް ކޯޓަށް ހުށަހެޅިއެވެ. ކޯޓަށް ހުށަހެޅުމުގެ ކުރިންވެސް ދަރިފުޅަށް މަހަކު ފަނަރަސަތޭކަ ރުފިޔާ ދެމެވެ. ވަރިކުރިތާ ދެއަހަރުވަރު ވީފަހުން އަހަރެން ދަރިފުޅު ހޯދުމަށް ކޯޓްގައި އެދެފީމެވެ. އަދި ދަރިފުޅަށް ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނިގޮތުންވެސް ލިބިފައިވާ ގެއްލުންތަކުގެ ރިޕޯރޓްތައްވެސް ކުޑަކުދިންގެ ހައްޤްތަކާއިބެހޭ ޔުނިޓަށާއި އަދި އެފަދަ އެހެނިހެން މުއްސަސާތަކަށް ވެސް ހުށަ ހެޅީމެވެ. ނަމަވެސް ކޮންމެ ތަނަކުންވެސް ދެނީ އެއްޖަވާބެކެވެ. ކޮންމެ ފަހަރަކު ވަނީ އަހަރެންގެ ކޮޅު ބައްޔެވެ. އަދި ވަކީލާއަކަށް ބޮޑު ޚަރަދެއްކޮށް ދަރިފުޅު ހޯދަންކުރިމަސައްކަތް ނާކާމިޔާބުވުމުން ދަރިފުޅު ހޯދަން ފަހަކުން މަސައްކަތެއް ނުކުރަމެވެ. އަދި އަހަރެންވެސް މިހާރު އެހެން ހަޔާތެއްފަށައި ދިރިއުޅުން ހަރުދަނާކޮށްފީމެވެ. ފެތުނުއޮޑީ ރިޔަދަށުވެ އަދިވެސްއެއޮޑީގައި މިއަދާހަމައަށްވެސް އުޅެންޖެހިފައިވާހާލު ކިޔުންތެރިންނާ ހިއްސާކުރަމުންއައި މިފަލްސަފާ ކުރުކޮށްލަމެވެ.  (ނިމުނީ)

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ކޮން އައިޝާ އެއްތަ؟ މީނައަށް ކިޔަނީ އާސިޔަތު... އާންމު ކޮށް މީހުން ކިޔާ އުޅެނީ އާސީ..މިީ ދަންނަ ކުއްޖެއް..އަސްލު ދަރިފުޅަށް ކިޔަނީ އަޒާން އެއްނު ދޯ؟؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...