| ހުކުރު, 11 ސެޕްޓޭމްބަރ 2009 14:40 |
| ރޯދަވެރިޔާއަށް ބޭނުންތެރި ސާޅީސް ސުވާލާއި އޭގެ ޖަވާބު |
|
މުޙައްމަދު ޝަހީމު ޢަލީ ސައީދު - ކީރިތި ﷲ އަށް ޙަމްދުކުރަމެވެ. އަދި ލޮބުވެތި ނަބިއްޔާ މުޙައްމަދުގެ ފާނަށާއި އެކަލޭގެފާނުގެ އަޞްޙާބުންނަށާއި އާލުބައިތުންނަށް ޞަލަވާތާ ސަލާމް ލެއްވުމަށް އެދި ދުޢާ ދަންނަވަމެވެ.މިފުރްޞަތުގައި ރޯދަވެރިޔާއަށް މުހިންމު ބައެއް ސުވާލުތަކުގެ ޖަވާބު ހުށަހަޅާލުމުގެ އުފާވެރިކަން ލިބިގަންނަމެވެ. މިޖަވާބުތައް އެކުލަވާލެވިފައިވަނީ ތިޔަ ބޭފުޅުންގެ މިނިކަމެތި އަޚުގެ ދިރާސާއާއި އިސްލާމީ ވެބްސައިޓްތަކުން ހޯދާފައިވާ މަޢްލޫމާތާއެކު އިސްލާމީ ފިޤްހުގެ އަލީގައެވެ. މީގައިވާ އެއްވެސް ނުކުތާއެއް ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި، އުންމަތުގެ ދަންނަބޭކަލުންގެ އިޖްމާޢާއި ޚިލާފުވެފައިވާކަމަށް ސާބިތުވެއްޖެނަމަ އެނުކުތާއެއްގައި ކޮޅުފައި ޖައްސަވާށެވެ! އަދި ﷲ ގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތުގައި ހިއްޕަވާށެވެ! އެފަދަ ކަމެއްވާނަމަ އެއީ އަޅުގަނޑުގެ ކުށަކުން ކުރެވުނު ކަމެކެވެ. އެއާއެކު ރަނގަޅު ގޮތް އަޅުގަނޑަށް އަންގާލަ ދެއްވާށެވެ. އަޅުގަނޑު މަސައްކަތްކޮށްފައިވަނީ ދީނުގެ ޙުކުމް ބަޔާންކޮށް ދިނުމަށެވެ. ތިޔަބޭފުޅުންގެ ހެޔޮދުޢާ އަށް އަބަދުވެސް އެދެމެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާތައްވަނީ ތިޔަ އަޚުންނާއި އުޚުތުންނާއެކުގައެވެ. 1- ފަރުޟު ރޯދައިގެ ނިޔަތް ދުލުން ކިޔުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟ ޖ.ނިޔަތުގެ މަޙައްލަކީ ހިތެވެ. ނިޔަތް ގަންނަންވާނީ ހިތުންނެވެ. ކޮންމެ ކޮންމެ އަޅުކަމެއްގައި ދުލުން ނިޔަތް ކިޔުން ނޯވެއެވެ. ދުލުން ނިޔަތް ކިޔުމަކީ މުސްތަޙައްބުވެގެންވާ ކަމެއްކަމަށް ޝާފިޢީ މަޒުހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވީ ނަމަވެސް މުޙައްޤިޤުން ވިދާޅުވާގޮތުން ނަމަ، އެއީ ބަލިކަށި ރައުޔެކެވެ. ނަމާދާއި ރޯދައާއި ވުޟޫފަދަ އަޅުކަމުގައި ދުލުން ނިޔަތް ކިއުމީ ސުއްނަތުން ސާބިތުވާ ކަމެއްނޫނެވެ. ހިތުން ރޯދައަށް ޢަޒުމް ކަނޑައެޅުމުން ނިޔަތް ގަނެވުނީއެވެ. ފަރުޟު ރޯދައަށް ނިޔަތް ގަތުންވަނީ ރޭގަނޑުގައެވެ. 2- ރޭގަނޑު ފަޖުރުލުމުގެ ކުރީން ރޯދައަށް ނިޔަތް ގަނެފައި ފަޖުރުގެ ކުރީން ކައިފި ނަމަ ރޯދައަށް އަސަރެއް ކުރާނެ ހެއްޔެވެ؟ ޖ. ފަޖުރު ލުމުގެ ކުރީން ނިޔަތް ގަނެފައި، ފަޖުރުލުމުގެ ކުރީން ކެއުމަކީ މައްސަލައެއްނޫނެވެ. އެމީހެއްގެ ރޯދައަށް އަސަރެއް ނުކުރާނެއެވެ. މައްސަލައަކަށް ވާނީ ފަޖުރުގެ ފަހުން ކެއި ނަމައެވެ. ފަޖުރުގެ ފަހުން ކައިފި ނަމަ ރޯދަ ގެއްލޭނެއެވެ. 3- އަޅުގަނޑު ޢާއްމު ގޮތެއްގައި ރޯދަ ހިފަނީ ހާރު ކެއުމަކާ ނުލައެވެ. މިކަމުގައި ދީނުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޖ. ހާރު ކެއުމަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމުގައި ދަންނަބޭކަލުން އިއްތިފާޤު ވެވަޑައިގަންނަވައެވެ. ނަމަވެސް ހާރު ނުކާ މީހާ އަކަށް ފާފަވެރިކަމެއް ނެތެވެ. ދަންނާށެވެ! ހެޔޮކަންވަނީ މާތް ނަބިއްޔާގެ ސުންނަތުގައި ހިފުމުގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަ ކަށަވަރުން ހާރުކެއުމުގައި ބަރަކާތް ލެއްވިގެން ވެއެވެ." އެހެނީ އެއިގެ ސަބަބުން ރޯދަ އަށް ހުންނަ އިރު ހަށިގަނޑަށް ވަރުގަދަ ކަން ލިބި، ވަރުބަލިކަމުން ދުރުކުރެއެވެ. ވީމާ ހާރު ކެއުން އާދަ ކުރާށެވެ. 4- ދުވާލު ދަތުރުކުރުމަށް ވިސްނައި ރޭގަނޑު ރޯދައަށް ނިޔަތް ނުގަނެ ހުރެ، ދުވާލު ވުމުން ދަތުރު ނުކުރުމަށް ނިއްމައި ރޯދަ އަށް ހުރެއްޖެ މީހާގެ ރޯދަ ޞައްޙަ ވާނޭ ހެއްޔެވެ؟ ޖ. ރޭގަނޑު އޭނާ ޤަޞްދުކޮށްފައިވަނީ ދުވާލު ދަތުރުކުރުމަށެވެ. މިހެންކަމުން އޭނާގެ ނިޔަތެއް ނެތެވެ. ރޯދައަށް ނިޔަތް ނުގަތުމުގެ ސަބަބުން އޭނާގެ ރޯދަ ޞައްޙައެއް ނުވާނެއެވެ. ދުވާލުގައި ފަރުޟު ރޯދައަށް ނިޔަތް ނުގަނެވޭނެއެވެ. އޭނާ އެ ރޯދަ ޤަޟާ ކުރުން ވާޖިބު ވެގެން ވެއެވެ. މިއީ އިމާމުއްޝާފިޢީއާއި، އިމާމު އަޙްމަދުގެ ރައުޔެވެ. 5- ހަ ގަޑިން ހަ ގަޑިން އިންޖެކްޝަން ޖަހަން ޖެހޭ ބަލި މީހާ އަށް ރޯދަ ދޫކޮށްލެވިދާނެ ހެއްޔެވެ؟ ޖ. އެ ބައްޔަށް ޝިފާ ނުވަތަ ފަރުވާ ލިބިދާނޭ ކަމަށް ބެލެވޭ ބައްޔެއްހުރި ބަލިމީހާ އަށް ރޯދަ ދޫކޮށް ލެވިދާނެއެވެ. އެއީ ބަލިން ސަލާމަތްވުމުން ރޯދަ ޤަޟާކުރުމުގެ މަތިންނެވެ. މިހެންކަމުން ތިޔަ ބަލިމީހާއަށް ރޯދަ ދޫކޮށްލެވިދާނެއެވެ. ނަމަވެސް އޭނާ ބަލިން ސަލާމަތްވުމުން ރޯދަ ޤަޟާކުރުން ވާޖިބުވެގެން ވެއެވެ. 6- ރޯދަ އަށް ހުއްޓާ ހޮޑު ލައިފި މީހާގެ ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. ބޭއިޚްތިޔާރުގައި ހޮޑުލެވުމަކީ ރޯދަގެއްލޭ ކަމެއް ނޫނެވެ. ނަމަވެސް އަމިއްލައަށް ގަދަކަމުން ހޮޑުލައިފިމީހާގެ ރޯދަ ގެއްލޭނެއެވެ. އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ." އަމިއްލަ އިޚްތިޔާރަކާ ނުލައި ހޮޑު ލެވިއްޖެ މީހާގެ މައްސަލައެއް ނެތެވެ. ނަމަވެސް ހޮޑު ގެނެސްގަނެގެން ހޮޑުލާ މީހާ ރޯދަ ޤަޟާކުރުން ހުއްޓެވެ." 7- ފަޖުރުލުމާ ވިދިގެން ޙައިޟުން ޠާހިރު ވެއްޖެ އަންހެނާ އަށް އެދުވަހުގެ ރޯދަ ލިބޭނެ ހެއްޔެވެ؟ ޖ. ފަޖުރުގެ ކުރީން ލޭ މަނާވެއްޖެނަމަ، ހިނައިގަތުން ލަސްކުރިޔަސް އެނާ އަށް އެދުވަހުގެ ރޯދަ ލިބޭނެއެވެ. އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. ނަމަވެސް ފަޖުރުލުމުގެ ފަހުން ލޭ އަތުވެއްޖެނަމަ އެދުވަހުގެ ރޯދަ ހިފުން އޭނާ އަށް ހުއްދަވެގެން ނުވެއެވެ. 8- އަޅުގަނޑު ވިހެއީ ރޯދަ މަހުގެ ކުރީންނެވެ. ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ނިފާސް ކަމުގެ ލޭ ކެނޑިއްޖެއެވެ. ނަމަވެސް ސާޅީސް ހަމަ ނުވެއެވެ. ވީމާ އަޅުގަނޑަށް ރޯދަމަހުގެ ބާކީ ރޯދަތައް ހިފިދާނެ ހެއްޔެވެ؟ ޖ. ދަންނާށެވެ! ވިހެއުމާ ވިދިގެން އަންނަ ނިފާސްކަމުގެ ލޭގެ ދިގު މުއްދަތަކީ ފަސްދޮޅަސް ދުވަހެވެ. މެދުމިނަކީ ސާޅީސް ދުވަހެވެ. ކަނޑައެޅިގެންވާ ކުރު މުއްދަތެއް އޭގައި ނުވެއެވެ. އެއް ދުވަހުންވެސް ހުއްޓިދާނެއެވެ. މިހެންކަމުން ނިފާސްކަމުގެ ލޭ ހުއްޓުމާ އެކު ރޯދަ ހިފަންވީއެވެ. ސާޅީސް ދުވަސް ވަންދެން އިންތިޒާރުކުރުމެއް ނެތެވެ. 9- ރަމަޟާންމަހުގެ ދުވާލު ޤަސްތުގައި ޖިމާޢުވި މީހާގެ ޙުކުމަކީ ކޮބާ؟ ޖ. ރޯދަ މަހު ފަރުޟު ރޯދައަށް ހުރެފައި ޤަޞްތުގައި ޖިމާޢުވެއްޖެ ފިރިހެނާގެ މައްޗަށްވަނީ އެ ރޯދަ ޤަޟާކުރުމާއި ކައްފާރާ ދިނުމެވެ. އަންހެނާއަށް އޮތީ ހަމައެކަނި ޤަޟާކުރުމެވެ. އަދި ތައުބާވުމެވެ. ކައްފާރާ އަކީ އަޅަކު މިނިވަން ކުރުމެވެ، މިކަމަށް ނުކުޅެދިއްޖެ މީހާ ޖެހިޖެހިގެން ދެމަސް ދުވަހު ރޯދަ ހިފުމެވެ. މިކަމަށް ނުކުޅެދިއްޖެ މީހާ ފަސްދޮޅަސް މިސްކީނުންނަށް ކާން ދިނުމެވެ. މިސްކީނަކީ އޭނާގެ އަސާސީ ބޭނުންތައް ފުދޭ މިންވަރަށް ނުލިބޭ މީހާއެވެ. 10- މަތިންދާ ބޯޓުން ދަތުރުކުރާ މީހާއަކީ އުނދަގުލަކާ ކުރިމަތިވުމެއް ނެތި ދަތުރުކުރާ މީހެކެވެ. މިފަދަ މީހުންނަށް ދަތުރުމަތީގައި ރޯދަ ދޫކޮލެވިދާނެހެއްޔެވެ؟ ޖ. އެދަތުރަކީ ހުއްދަ ދަތުރެއްނަމަ ޝަރުޢީ ގޮތުން އޭނާ އަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެކަން އޮތީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. މަތިންދާ ބޯޓެއްގައިވިޔަސް، ކަނޑު ބޯޓެއްގައިވިޔަސް، އެއްގަމު ދުއްވާ އެއްޗެއްގައި ވިޔަސް، ޖަމަލެއްގައި ވިޔަސް މިކަމުގެ ޙުކުމަކީ އެއް ޙުކުމެކެވެ. ރޯދަ ދޫކޮށްލުމަކީ ދަތުރުވެރިޔާ އަށް ދެއްވާފައިވާ ލުއިފަސޭހަ ކަމެކެވެ. އެ ލުއި ފަސޭހަ ކަމުގައި ހިފުމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެކެވެ. އޭނާ ރޯދަ ދޫކޮށްލި ނަމަ، ފަހުން އެ ރޯދަ ޤަޟާކުރުން ވާޖިބެވެ. 11- ރެސްޓޯރަންޓްތަކާއި، ސައި ހޮޓާތައް ރޯދަމަހުގެ ދުވާލު ހުޅުވާފައި ހުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ޖ. ރޯދަ މަހަށް އިޙްތިރާމްކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކުގެ ވެރިން އެތަންތަން ރޯދަމަހުގެ ދުވާލު ހުޅުވާފައި ބަހައްޓައިގެން ނުވާނެއެވެ. ރޯދަ ވީއްލާ ވަގުތަށް ތައްޔާރު ކުރުމަށްޓަކައި ހުޅުވުމީ އެންމެ ރަނގަޅު ކަމެކެވެ. 12- ފަރުޟު ރޯދަ ހިފުމުން އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވޭނެ ހެއްޔެވެ؟ ޖ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. " އީމާންކަމާ އެކު، ﷲ ގެ ޙަޟްރަތުގައިވާ ޘަވާބާ ދަރުމައަށް އެދިގެން ރަމަޟާން މަހު ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވައެވެ. " މިޙަދީޘުގެ މުރާދައެއް ކަމުގައި ދަންނަބޭކަލުން ވިދާޅުވަނީ ހަމައެކަނި ކުދި ފާފަ ތައް ފުއްސަވާނޭ ވާހަކައެވެ. ބޮޑެތި ފާފަތަކުގެ ވާހަކައެއް ނޫނެވެ. 13- މީހަކު ރޯދަ ހިފައެވެ. ނަމަވެސް އޭނާ ނަމާދެއް ނުކުރެއެވެ. އޭނާގެ ޙުކުމަކީ ކޮބައިތޯއެވެ. ޖ. އޭނާގެ ރޯދަ ޞައްޙަވާނޭ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަޅުގަނޑު ދަންނަވަމެވެ. އޭނާ އެވަނީ ނުރައްކާތެރިކަން ބޮޑު ޙާލަތެއްގައެވެ. އެހެނީ ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދު ޤަޞްދުގައި އަޅައިފި މީހާ ކާފިރުވެދާނޭ ކަމުގައި އައިސްފައިވެއެވެ. ވީމާ އޭނާގެ މައްޗައްވަނީ ތައުބާވުމެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ޢަމަލަކީ ނަމާދެވެ. ނަމާދުން ފެއިލްވެއްޖެމީހާގެ އެހެނިހެން ޢަމަލުތައް ފެއިލްވެދާނެތެވެ. 14- އަޅުގަނޑުގެ ބައްޕަ ނިޔާވި އިރު ބައްޕަ ހިފަންޖެހޭ ފަރުޟު ރޯދައެއް ވެއެވެ. ބައްޕަގެ ބަދަލުގައި އަޅުގަނޑަށް އެރޯދަ ޤަޟާކުރެވިދާނެހެއްޔެވެ؟ ޖ. އިމާމު ބުޚާރީއާއި މުސްލިމު ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. " މީހަކު މަރުވި އިރު އޭނާ ހިފަންޖެހޭ ރޯދައެއް ވާނަމަ، އޭނާގެ ވާރުތަވެރިޔާ އޭނާގެ ފަރާތުން އެރޯދަ ހިފާނީ އެވެ" މިޙަދީޘްއިން ބަޔާންކުރާ ގޮތުގައި މައްޔިތާ ހިފަންޖެހިފައިވާ ވާޖިބު ރޯދައެއް އޭނާގެ ބަދަލުގައި އޭނާގެ ވާރުތަވެރިޔަކަށް ހިފިދާނެއެވެ. އަދި ވާރުތަވެރިޔާ ނޫނަސް އެހެން މީހަކަށް ވެސް ހިފިދާނެއެވެ. 15- ސެންޓް ނުވަތަ އަތަރު ނުވަތަ މީރުވަސް ދުވާ ސައިބޯނި ފަދަ އެއްޗެހީގެ ވަސްޖެހުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. ސެންޓް، އަތަރު ފަދަ މީރު ވަސްދުވާ ތަކެތީގެ ވަސްޖެހުމަކުން، ނުވަތަ ވަސް ބެލުމަކުން ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް މިފަދަ ތަކެތީގެ ވަސް ބެލުމަކީ މަކްރޫހަ ކަމެއްކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ މަކްރޫހަ ކަމެއް ނޫންކަމަށެވެ. 16- ގޭގައި ތަރާވީޙު ނަމާދު ކުރެވިދާނެ ހެއްޔެވެ؟ އަދި ވިހި ރަކުޢަތަށްވުރެ ގިނައިން ކުރެވިދާނެ ހެއްޔެވެ؟ ތަރާވީޙަކީ " ޤިޔާމު ލައިލް" ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ޖ. ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެކެވެ. އަދި އެއަށް " ޤިޔާމް ލައިލް" ރޭގަނޑުގެ ނަމާދު ވެސް ކިޔައެވެ. ޢިޝާ ނަމާދުގެ ފަހުން ފަތިސް ނަމާދާ ދޭތެރޭ ކުރެވޭ ކޮންމެ ނަމާދަކަށް ރޭގަނޑުގެ ނަމާދު ކިޔެއެވެ. ތަރާވީޙް ނަމާދު ގޭގައި ވެސް ކުރެވިދާނެއެވެ. މިސްކިތުގައި ވެސް ކުރެވިދާނެއެވެ. އެކަނި ވެސް ކުރެވިދާނެއެވެ. ޖަމާޢަތުގައި ވެސް ކުރެވިދާނެއެވެ. އަދި ވިހި ރަކުޢަތަށްވުރެ އިތުރަށް ވެސް ކުރެވިދާނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން ތަރާވީޙުގެ މަދުމިނީ އަށް ރަކުޢަތެވެ. ގިނަވެގެން ވަކި ޢަދަދެއް ނެތެވެ. ވިހިވެސް ކުރެވިދާނެއެވެ، އެގާރަވެސް ކުރެވިދާނެއެވެ. ތޭރަ ވެސް ކުރެވިދާނެއެވެ. އެއަށް ވުރެ އިތުރަށް ވެސް ކުރެވިދާނެއެވެ. 17- ރޯދައަށް ހުރެ އަނބިމީހާގެ ގައިގައި ބޮސް ދެވިދާނެ ހެއްޔެވެ؟ ޖ. އެއީ ހުއްދަ ކަމެކެވެ. ނަމަވެސް ޝަހުވަތް ތެރިކަން މަތަ ނުކުރެވޭ މީހާގެ މައްޗައް ހުއްދައެއް ނޫނެވެ. 18- ރަމަޟާން މަހު ރޯދަ ހިފުމަށް ފަހު ފިޠުރު ޒަކާތް ނުދޭ މީހާގެ ޙުކުމަކީ ކޮބާ؟ ޖ. ފިޠުރު ޒަކާތް ދިނުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އެއީ އޭނާގެ ބޮލުގައި އެޅިފައިވާ ދަރަންޏެކެވެ. 19- ފިޠުރު ޒަކާތް ނެރުމުގެ ވަގުތަކީ ކޮބާ؟ ޖ. ޢީދުގެ އެއް ދުވަސް ކުރީން، ނުވަތަ ދެދުވަސް ކުރީން ފިޠުރު ޒަކާތް ނެރެވިދާނެއެވެ. ރޯދަ މަހުގެ ކުރީ ކޮޅު، ނުވަތަ ފަހުކޮޅު، ނުވަތަ ރޯދަމަހުން ކޮންމެ ދުވަހެއްގައިވެސް ފިޠުރު ޒަކާތް ނެރުން ހުއްދަކަމުގައި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ. ފިޠުރު ޒަކާތް ނެރުމުގެ ފަހު ވަގުތަކީ ޢީދު ނަމާދަށް މީސްތަކުން ނިކުތުމުގެ ކުރިއެވެ. 20- ބާލިޣުވެފައިވާ ދަރިފުޅުމަތިން ބައްޕަ ފިޠުރު ޒަކާތް ނެރެން ޖެހޭނެ ހެއްޔެވެ؟ ޖ. އެދަރިފުޅަކީ އަމިއްލަ އަށް މަސައްކަތްކުރާ ކުއްޖެއް ނަމަ، އޭނާގެ ޒަކާތް ދޭންވާނީ އޭނާގެ އަމިއްލަ މުދަލުންނެވެ. 21- ފައިސާ އިން ފިޠުރު ޒަކާތް ދެވިދާނެ ހެއްޔެވެ؟ ޖ. އިމާމު އަބޫޙަނީފާއާއި، އިމާމު ޙަސަނުލްބަޞްރީއާއި، އިމާމު ސުފިޔާން ޘައުރީއާއި، އިމާމު ބުޚާރީއާއި، ޚަލީފާ ޢުމަރު ބުނި ޢަބްދުލްޢަޒީޒާއި، އިމާމު ޢަޠާއު، އާއި މާލިކީ މަޒްހަބުގެ ބައެއް ދަންނަބޭކަލުންނާއި، ޝާފިޢީ މަޒުހަބުގެ ދަންނަބޭކަލުންނާއި މިއެންމެހައި ބޭކަލުން ވިދާޅުވަނީ ފައިސާ އިން ފިޠުރު ޒަކާތް ނެރުން ހުއްދަކަމުގައެވެ. އެއީ ފަޤީރު މީހާގެ މަޞްލަޙަތައް ބަލައެވެ. އެހެނީ އެއްފަހަރާ ގިނަ ކާތަކެތި ލިބުމަށް ވުރެ ފައިސާ ލިބިއްޖެނަމަ އޭނާ އަށާއި އޭނާގެ އަބިދަރީންނަށް ބޭނުންވާ ޟަރޫރީ އެހެން ތަކެތި ގަތުމުގެ ފުރްޞަތު ބޮޑުވެގެން ދެއެވެ. މިހެންކަމުން ފައިސާ އިން ފިޠުރު ޒަކާތް ނެރުމަކީ ހުއްދަވެގެންވާ ކަމެކެވެ. 22- އަންހެނާ އަށް ގޭގައި އިޢްތިކާފަށް އިދެވިދާނެ ހެއްޔެވެ؟ ޖ. އިޢްތިކާފަކީ މިސްކިތައް ޚާއްޞަވެގެންވާ އަޅުކަމެކެވެ. އެއީ އަޅުކަމުގެ ނިޔަތުގައި މިސްކިތުގައި އިނުމެވެ. އެހެންކަމުން އަންހެނަކުވިޔަސް އިޢުތިކާފަށް އިންނަންވާނީ މިސްކިތުގައެވެ. 23- ރޯދަ އަށް ހުރެ ލޮލުގައި އަނދުން އެޅުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ވެއެވެ. ބައެއް ބޭކަލުން ދެކިލައްވަނީ އެއީ މަކްރޫހަ ކަމެއް ކަމުގައެވެ. މިއީ އިމާމު އަޙްމަދުގެ ރައުޔެވެ. ނަމަވެސް އެހެން ބޭކަލުން ވިދާޅުވަނީ އެއީ ހުއްދަކަމެއް ކަމުގައެވެ. އެއީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. " އިތުރު އެކަލޭގެފާނު ރޯދަ އަށް ހުންނަވައިގެން އަނދުން ތުރުކުރެއްވިއެވެ." މިއިން ދޭހަވަނީ އެއީ ހުއްދަވެގެންވާ ކަމެއްކަމެވެ. ލޮލުލުގެ ތެރެއިން އެތެރަހައްޓަށް އަނދުނެއް ނުދާނެއެވެ. ރޯދަ ގެއްލުންވަނީ އެތެރެހައްޓަށް ވާޞިލުވާ ދޮރަކުން އެއްޗެއް ވާޞިލު ވެއްޖެ ނަމައެވެ. މިހެންކަމުން ފައިގައި ހީނާފަތް އެޅުމާއި، ލޮލުގައި އަނދުން އެޅުން ފަދަ ކަންކަމުން ރޯދަ ނުގެއްލޭނެތެވެ. 24- ރޯދަވެރިޔާ ކުރުން ސުންނަތްވެގެންވާ ކަންތައްތަކަކީ ކޮބައިހެއްޔެވެ؟ ޖ. ރޯދަވެރިޔާކުރުން ސުންނަތްކަން ގަދަވެގެންވާ ތިންކަމެއްވެއެވެ. އެއީ: 1- ހާރުކެއުން 2- ހާރުކެއުން ފަސްކުރުން 3- ރޯދަވީލުން އަވަސްކުރުން ކީރިތި ރަސުލާ ޙަދީޡްކުރައްވާފައި ވެއެވެ: { تسحروا فإن في السحور بركة ، ولا يزال الناس بخير ما عجلوا الفطر ، و أخروا السحور } މިބަސްފުޅުގެ މާނައަކީ : '' ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތްހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން ) އަވަހަށް ރޯދަވީއްލުމާއި، ( ވީހާވެސް ވަގުތާއި ގާތްކޮށް ) ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުންފިލައިނުދާނެއެވެ. އަދި ހަމަ އެހެންމެ ކަދުން ރޯދަވީއްލުމަކީ ސުންނަތްވެގެންވާގޮތެވެ. ދެންފަހެ ކަދުރު ނުލިބިއްޖެމީހާ ފެނުން ރޯދަވީލުމަށްވެސް ސުންނަތުގައި އިރުޝާދު ދެއްވާފައިވެއެވެ. 4- ކަދުރުން ރޯދަ ވީއްލުން. ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވެއެވެ: { إذاكان أحدكم صائما فليفطر على التمر ، فإن لم يجد فعلى الماء فإنه طهور } މިބަސްފުޅުގެ މާނައަކީ : '' ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމިހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ. ( މީގެ މުރާދަކީ އެހެންތަކެތީގައި ނެތްފަދަ، ޠަހޫރުކަމުގެ ސިފަތައް އޭގައި ފުރިހަމަވެގެންވާ އެއްޗެކެވެ. ) 5- ރޯދަވީއްލާއިރު މި ދުޢާކިޔުން. އަދި ހަމަ އެހެންމެ ރޯދަވީއްލުމާއެކު މިފަދައިން ދުޢާކިއުންވެސް ސުންނަތްވެގެންވެއެވެ. { اللهم إني لك صمت ، وبك آمنت ، و عليك توكلت ، وعلى رزقك أفطرت } މިދުޢާގެ މާނައަކީ'' އޭ ހައްދަވައިބޮޑުކުރެއްވި ރަސްކަލާއްކޮ ! މިއަޅާ އިބަރަސްކަލާންގެ ކިބަފުޅައް ރޯދަހިފީމުއެވެ. އަދި އިބަރަސްކަލާންގެ އަށް މިއަޅާ އީމާންވަމުއެވެ. އަދި އިބަރަސްކަލާންގެ އަށް ވަކީލުކުރަމެވެ. އަދި އިބަރަސްކަލާނގެ ދެއްވި ރިޒުގުން ރޯދާ ވީލަމެވެ.'' އަދި މިނޫނަސްވެސް ތިމާއަށާއި، ތިމާގެ މައިންބަފައިންނަށައި އަނބިދަރީންނާއި އެންމެހައި އިސްލާމުންނަށް، އެވަގުތުގައި ހެޔޮދުޢާކުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެވަގުތަކި ދުޢާ އިޖާބަކުރެއްވޭ ވަގުތެއްވެސް މެއެވެ. 25- ފުރަގަސް ފަރާތުން ޖަހާ ބޭހަކުން ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. ބަލިމީހާ އެފަދަ ފަރުވާ އަކަށް ބޭނުންވެގެން ފުރަގަސް ފަރާތައް ޖަހާ ބޭހަކުން ރޯދަ ނުގެއްލޭނޭ ކަމުގައި ގިނަ ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. 26- ކަންފަތަށް ނުވަތަ ނޭފަތަށް ނުވަތަ ލޮލަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. އެއިން ގުނަނަކަށް ބޭސް އަޅައިގެން ކަރުތެރެއަށް ބޭސް ވާޞިލުވެއްޖެ ނަމަ އަވަހަށް ކަރުކަހައި ބޭސް އަނގަޔަށް ގެނެއް ބޭރުކުރުން ވާޖިބުވާނެއެވެ. މިގޮތަށް އަނގަޔަށް ބޭސް ގެނައުމަކާ ނުލައި ކަރުން އެތެރެއަށް ބޭސް ހިނގައްޖެ ކަމުގައިވާނަމަ ރޯދަ ގެއްލޭނެއެވެ. އަދި އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. 27- ރޯދައަށް ނިޔަތްގަތުމަށް ފަހު ފަޖުރު ނުލާ ކަމަށް ހީކޮށް އަޅުގަނޑު ޖިމާޢު ވެއްޖައީމެވެ.އަޅުގަނޑު ޔަޤީންކުރީ ފަޖުރު ނުލާ ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އަޅުގަނޑު ޖިމާޢުވި ވަގުތު ބަންގި ގޮވައިފިއެވެ. ދެންވެސް އަޅުގަނޑު ހިނައިގަނެގެން، ޖަމާޢަތުގައި ފަތިސް ނަމާދު ކުރީމެވެ. މިކަމުގައި މައްސަލައެއް އެބަ އޮތް ހެއްޔެވެ؟ ޖ. ޖިމާޢުވި ވަގުތު ފަޖުރުގެ ވަގުތު ވަނުމާމެދު ތިބާއަށް ޝައްކުވީއެވެ. ޔަޢުނީ ފަޖުރުލައިފިތޯ ނުވަތަ ނޫންތޯ މިކަމާމެދު ތިބާއަށް ޝައްކުވީއެވެ. އެހެންކަމަށްވަނީ ނަމަ ތިބާގެ ރޯދަ ޞައްޙަވާނެއެވެ. އެއީ ޝަރުޢީ ޤަވާޢިދުގައިވަނީ " ޔަޤީންކަމެއް ޝައްކަކުން އުވާނުލެވޭނެއެވެ" މި މައްސަލައިގައި ޔަޤީންކަމަކީ ޖިމާޢުވި ވަގުތު ރޭގަނޑު ދެމިއޮތްކަމަށް ތިބާ ޔަޤީންކުރުމެވެ. ފަޖުރުލުމާމެދު ތިބާ ޝައްކުވީއެވެ. މިޙާލަތުގައި ރޯދަ ޞައްޙަ ވާނެއެވެ. ނަމަވެސް ޖިމާޢުވި ވަގުތު ތިބާގެ ވިސްނުމުގައި ފަޖުރުލައިފި ކަމަށް ބޮޑަށް ބުރެވެ ހުރެ، ޝަހުވަތު އޭގެ މައްޗައް ގަދަވެ، ޖިމާޢުވި ނަމަ ތިބާގެ މައްޗައްވަނީ ތައުބާވުމާއި، ޤަޟާކުރުމާއި ކައްފާރާ ދިނުމެވެ. ތިބާ އެވަގުތު ހުރި ޙާލެއް މޮޅަށް އެނގޭނީ ތިބާ އަށެވެ. 28- އަޅުގަނޑުގެ ގޭދޮށު މިސްކިތުގައި ތަރާވީޙުގައި ކުރަނީ އެގާރަ ރަކުޢަތެވެ. ނަމަވެސް އެހެން މިސްކިތެއްގައި ވިހި ރަކުޢަތް ކުރެއެވެ. އަޅުގަނޑު ދާންވީ ކޮން މިސްކިތަކަށް ހެއްޔެވެ؟ ޖ. ތަރާވީޙު ނަމާދުގައި ވިހި ރަކުޢަތަށްވުރެ މަދު ނުކުރެވޭނޭ ކަމަށް ދުށުމާއި، އެގާރަ، ނުވަތަ ތޭރަ ރަކުޢަތަށް ވުރެ ގިނަ ނުކުރެވޭނޭ ކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި މިއިން ގޮތައް ދެކި އަނެކުން ކުށްވެރިކުރުމަކީ ޝަރުޢުގެ ދަލީލުތަކާ ޚިލާފަށް ކުރެވޭ ކަމެކެވެ. ޞައްޙަ ޙަދީޘްތަކުން ދަލީލުކޮށްދެނީ ރޭގަނޑުގެ ނަމާދުގެ ރަކުޢަތުގެ ޢަދަދަކީ ތަނަވަސް ވެގެންވާ އެއްޗެއްކަމެވެ. ކަނޑައެޅިގެން އެއާ ޚިލާފު ނުވެވޭނޭ ވަކި ޢަދަދެއް މިކަމުގައި ޝަރުޢުގައި ކަނޑައަޅުއްވާފައި ނެތެވެ. ކީރިތި ރަސޫލާގެ އަރިހުން އެކަލޭގެފާނު އެގާރަ ރަކުޢަތް ކުރެއްވިކަމާއި، ބައެއް ފަހަރު ތޭރަ ރަކުޢަތްކުރެއްވިކަމާ އަނެއްބައިފަހަރު ސަތާރަ ރަކުޢަތް ކުރެއްވިކަމަށް ސާބިތުވެފައިވެއެވެ. ރޭގަނޑުގެ ނަމާދާ ބެހޭ ގޮތުން އެކަލޭގެފާނާ ސުވާލު ކުރެއްވުނު ހިނދު، ޙަދީޘްކުރައްވާފައިވެއެއެވެ. " ރޭގަނޑުގެ ނަމާދުވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. ފަޖުރުލައިފާނޭ ހެން ހީވެއްޖެ ނަމަ އެއް ރަކުޢަތުން ވިތުރިކޮށްލާށެވެ" ރޯދަމަހުގައި ވިޔަސް، އެނޫން ދުވަސްތަކުގައި ވިޔަސް މިކަމުގައި ވަކި ޢަދަދެއް ކަނޑައަޅުއްވާފައި ނެތެވެ. މިހެންކަމުން ޢުމަރުގެފާނުގެ ޒަމާނުގައި އަޞްޙާބު ބޭކަލުން ބައެއް ފަހަރު ތޭވީސް ރަކުޢަތް ކުރައްވާފައިވެއެވެ. އަނެއްބައި ޙާލަތްތަކުގައި އެގާރަ ކުރައްވާފައިވެއެވެ. މިހުރިހާ ގޮތްތަކެއް އަޞްޙާބު ބޭކަލުންގެ އަރިހުން ސާބިތުވެފައިވެއެވެ. ބައެއް ސަލަފުން ރޯދަ މަހުގައި ތިރީސް ހަ ރަކުޢަތް ކުރައްވައި ތިން ރަކުޢަތުން ވިތުރި ކުރައްވާފައިވެއެވެ. އަދި ބައެއް ބޭކަލުން ވިތުރީގެ ފަސްރަކުޢަތާއެކު ސާޅީސް އެއް ރަކުޢަތް ކުރައްވާފައިވެއެވެ. ޝައިޚުލްއިސްލާމް އިބުތައިމިއްޔާއާއި އެހެނިހެން ދަންނަބޭކަލުން މިޚަބަރުތައް ސަލަފުންގެ ކިބައިން ނަޤުލުކުރައްވާފައިވެއެވެ. އަދި މިކަމަކީ ތަނަވަސް ވެގެންވާ ކަމެއް ކަމުގައި ޝައިޚުލްއިސްލާމް ބަޔާންކުރައްވާފައިވެއެވެ. އަދި ވެސް ޝައިޚްލްއިސްލާމް ބަޔާންކުރައްވައެވެ. ކިޔެވުން ދިގުކޮށް، ރުކޫޢު ސުޖޫދު ދިގުކުރާނަމަ، ހެޔޮކަންބޮޑީ ރަކުޢަތްތަކުގެ ޢަދަދު މަދުކޮށްލުމެވެ. ކިޔެވުން ކުރުކޮށް ރުކޫޢު ސުޖޫދު ދިގު ނުކުރާމީހާ ރަކުޢަތްތަކުގެ ޢަދަދު އިތުރުކޮށްލާނީއެވެ. އިސްވެ ބަޔާންވެ ދިޔަ ވާހަކަތަކުން ބަޔާންކޮށްދެނީ ވިއްސަށް ވުރެ މަދުވިޔަސް އެގާރަ ނުވަތަ ތޭރަ އަށް ވުރެ އިތުރު ވުމަކުން ޝަރުޢީ ގޮތުން މައްސަލައެއް ނެތްކަމެވެ. ނުވަތަ މިދެންނެވި ޢަދަދު ތަކަށް ވުރެ އިތުރުވުމަކުން ވެސް މައްސަލައެއް ނެތްކަމަށެވެ. އިމާމާ އެކު ތަރާވީޙް ކުރާ މީހާ އަށް އެންމެ މާތް ގޮތަކީ އިމާމާ އެކު ނިންމުމެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅުގައި ވެއެވެ." އިމާމާ އެކު ނަމާދުކުރާ މީހާ، އިމާމު ނިމެންދެން އިމާމާއެކުހުރެ ނިންމައިފި ނަމަ ރޭގަނޑެއްގެ އެއްކޮށް އަޅުކަންކުރި ސަވާބު ލިބޭ ހުއްޓެވެ. " 29- އަޅުގަނޑު ދައްތަ އަކީ ބަލި މީހެކެވެ. ހަގަޑިން ހަގަޑިން މުޅި ޢުމުރު ބޭސްކާން ޖެހެއެވެ. ނޫން ނަމަ އޭނާގެ ފުރާނައަށް ގެއްލުން ކުރިމަތިވެއެވެ. ނުވަތަ އެޑްމިޓް ކުރަން ޖެއެވެ. ޑޮކްޓަރުން ވިދާޅުވަނީ ދައްތަ އަށް ރޯދަ ނުހިފޭނޭ ކަމުގައެވެ. މިހެންކަމުން ދައްތަ ރޯދަ މަހުގައި ރޯދަ ނުހިފައެވެ. މިކަމުގައި ޢަމަލުކުރަންވީ ގޮތަކީ ކޮބާ ހެއްޔެވެ؟ މުޅި ޙަޔާތުގައި ވެސް ދައްތަ ރޯދަ ނުހިފަންވީ ހެއްޔެވެ؟ މީގެ ސަބަބުން ދައްތަ ފާފަ ވެރިވާނޭ ހެއްޔެވެ؟ ޖ. ދާއިމީ ބައްޔެއްގެ ސަބަބުން ރޯދަ ނުހިފޭނޭ ކަމަށް އިތުބާރު ހުރި ޑޮކްޓަރުން ވިދާޅުވެއްޖެނަމަ، ތިޔަ ބަލިމީހާގެ ޙުކުމަކީ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ބަލި މީހާގެ ޙުކުމެވެ. އޭނާގެ މައްޗައް ރޯދަ ހިފުން ވާޖިބެއް ނޫނެވެ. އޭނާގެ މައްޗައް ވަނީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. މިފަދަ ބަލި މީހާ އެޙާލުގައިވާ ހާ ހިނދަކު ޙުކުމަކީ މިއީއެވެ. އޭނާ އަކަށް ފާފައެއް ނެތެވެ. އެހެނީ އެއީ ޢުޒުރުވެރިއެކެވެ. 30- އަޅުގަނޑަކީ ހަކުރު ބަލީގެ މީހަކީމެވެ. އަޅުގަނޑު ބޭސް ބޭނުން ކުރަމެވެ. އަޅުގަނޑުގެ ހަށިގަނޑުގައި ހަކުރުގެ މިންގަނޑު 250 އާއި 400 އާއި ދެމެދަށް ބައެއް ފަހަރު ހުރެއެވެ. އަޅުގަނޑު ރޯދަ ހިފަންވީތޯއެވެ؟ ނުވަތަ ރޯދަ ނުހިފަންވީތޯއެވެ؟ ނުވަތަ ކައްފާރާ އަކީ ކޮބައި ހެއްޔެވެ؟ ޖ. ތިބާ ރޯދަ ހިފަން ކުޅަދާނަ ވެގެން ނުވާ ނަމަ، އަދި ރޯދަ ހިފުމުން ތިބާ އަށް ގެއްލުން ވާނޭ ކަމަށް އިތުބާރުހުރި ޑޮކްޓަރުން ވިދާޅުވާނަމަ، އަދި ބައްޔަށް ފަސޭހަ ނުވާނެ ނަމަ، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ތިބާގެ މައްޗައް ވެއެވެ. ރޯދަ ހިފުމެއްނެތެވެ. 31- އަޅުގަނޑުގެ ބައްޕަ އަކީ ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އަދި ބައްޕަގެ އެއް ފަޅި ވަނީ ޕެރަލައިޒް ވެފައެވެ. ރޯދަ ހިފުމަކީ ބައްޕަ އަށް ކުޅަދާނަ ވެގެންވާ ކަމެއްނޫނެވެ. ބައްޕަ ރޯދަ ހިފައިފި ނަމަ ބައްޕަގެ ބަލި ބޮޑު ވެއެވެ. ޙުކުމަކީ ކޮބާ ހެއްޔެވެ؟ ޖ. އެބައްޔަކީ ޝިފާ ލިބުމެއް ނުވާ ބައްޔެއްކަމުގައި ޑޮކްޓަރުން ނިންމައިފިނަމަ، ވާޖިބުވެގެންވަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކަށް، މިސްކީނަކަށް ކާން ދިނުމެވެ. ބައްޕަގެ މައްޗައް ރޯދަ ހިފުމެއް ނެތެވެ. ބައްޕަގެ ބައްޔަށް ޝިފާ ލިބޭނޭ ކަމުގައި ޑޮކްޓަރުން ވިދާޅުވާނަމަ، ބައްޕަގެ މައްޗައް އޮތީ ޝިފާ ލިބުމުން ރޯދަ ޤަޟާކުރުމަށް މަޑު ކުރުމެވެ. ކާން ދިނުމެއް ނެތެވެ. 32- ބުއްދި ގޯސްވެ، ހަނދާން ނުހުންނަ، މީހާގެ މައްޗައް ރޯދަ ވާޖިބުހެއްޔެވެ؟ ޖ. ބުއްދި ގޯސްވެ، އަދި ހަނދާން ނުހުންނަ މީހާގެ މައްޗައް ރޯދަ ވާޖިބެއް ނޫނެވެ. ރޯދަވާޖިބުވެގެންވަނީ ބުއްދި ހަމަ ބާލިޣުވެފައިވާ، އަދި ޤާއިމުވެހުރި، ހެޔޮ ޙާލުގައިވާ، މުސްލިމު މީހާ އަށެވެ. މިއިން ޝަރުޠެއް ގެއްލިއްޖެނަމަ ރޯދަ ވާޖިބުވެގެން ނުވެއެވެ. 33- ރޯދަމަހުގެ ފުރަތަމަ ރޭ ރޯދައަށް ނިޔަތް ގަތުމުން އެނިޔަތް މުޅި ރޯދަމަހަށް ފުދޭނޭ ހެއްޔެވެ؟ ކޮންމެ ރެޔަކު ނިޔަތް އާކުރަންޖެހޭނެ ހެއްޔެވެ؟ ޖ. ތިޔައީ ދަންނަބޭކަލުންގެ އަރިހުގައި ކޮންމެވެސް ވަރެއްގެ އިޚްތިލާފެއް އޮތް މައްސަލައެކެވެ. އިމާމު މާލިކުފާނާއި އަޙްމަދުގެފާނު ވިދާޅުވަނީ ރޯދަމަހުގެ ފުރަތަމަ ރޭ މުޅި ރޯދަމަހުގައި ރޯދައަށް ނިޔަތް ގަނެވިދާނެ ކަމަށެވެ. ކޮންމެ ރެޔަކު ނިޔަތް އާކުރުމަކީ ލާޒިމު ކަމެއްނޫންކަމަށެވެ. ނަމަވެސް ޚިލާފުން ސަލާމަތް ވުމަށްޓަކައި ނިޔަތް އާކޮށްލުން ރަނގަޅު ކަމުގައި އެބޭކަލުން ވެސް ވިދާޅުވެއެވެ. އަދި ރޯދަމަހު ރޯދަ ދޫކޮށްލުމަށް މެދުވެރިވާ ޢުޒުރެއް ދިމާވުމަށް ފަހު އަލުން ހިފަން ވެއްޖެމީހާ ނިޔަތް އާކުރަން ޖެހޭނެކަމަށެވެ. ނަމަވެސް މިމައްސަލާގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ ކޮންމެ ރޯދައަކަށް ވަކިން ނިޔަތް ގަންނަންޖެހޭނޭ ކަމަށެވެ. އެއީ ރޯދަމަސް ކަމުގައި ވިއަސް ވެހެވެ. މާތްﷲ ރުއްސުންލެއްވި ޙަފްޞަތުގެ ފާނުންގެ އަރިހުން ބުޚާރީއާއި މުސްލިމުން ފިޔަވައި ހަތަރު އިމާމުން ރިވާކުރައްވާފައިވާ މިހަދީސުގައި އައިސްފައި ވެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. مَنْ لَمْ يُبَيِّتْ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ މާނައީ: ރޯދައަށް ފަޖުރު ލުމުގެ ކުރިން ނިޔަތް ނުގަންނަ މީހާގެ ރޯދައެއް ނުވެއެވެ. މިއެވެ. މިޙަދީޘުން ސާބިތުވާ ފަދައިން ރޭގަނޑުގައި ނިޔަތް ނަގުތުން ވާޖިބުވެފައި ކޮންމެ ރޯދައަކީ މުސްތަޤިއްލު ވަކި ރޯދަ އަކަށް ވަކި އަޅުކަމަށް ވާއިރު ބޮޑަށް ބުރަވެވެނީ ކޮންމެ ރެއަކު ފަޖުރު ލުމުގެ ކުރިން ނިޔަތް ގަންނަންޖެހޭނޭ ކަމަށެވެ. 34- ރޯދަ މަހުގެ ދުވާލު ޝަހުވަތު ހިލި، އަދި ކޮންޓްރޯލް ކުރުމަށް ކުޅަދާނަ ނުވެ، އަމިއްލަ އަށް އެދުން ފުއްދުން ނޫން ގޮތެއް ނެތި، އެކަން ކޮށްފި ނަމަ ރޯދައިގެ ޙުކުމަކީ ކޮބާ؟ އޭނާގެ މައްޗައް ވަނީ ޤަޟާކުރުން ހެއްޔެވެ؟ ނުވަތަ ކައްފާރާއެއް ހެއްޔެވެ؟ ޖ. ފުރަތަމަ ބުނަމެވެ. އަމިއްލަ އަށް އެދުން ފުއްދުމަކީ ރޯދަމަހުގައި ވެސް ނުވަތަ އެނޫން ދުވަސްތަކުގައި ވެސް ޙަރާމް ކަމެއް ކަމަށް ގިނަ ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. ރޯދަ މަހުގެ ދުވާލު މިޢަމަލު ހިންގައިފި މީހާގެ މައްޗައްވަނީ ތައުބާވުމާއި، އެޢަމަލު ހިންގި ދުވަހުގެ ރޯދަ ޤަޟާކުރުމެވެ. އޭނާގެ މައްޗައް ކައްފާރާއެއް ނުވެއެވެ. އެހެނީ ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކައްފާރާ އައިސްފައިވަނީ ޖިމާޢު ވެއްޖެމީހާގެ މައްޗަށެވެ. އެނޫން ކަމަކަށް ކައްފާރާއެއް ނޯވެއެވެ. އަޅުގަނޑުގެ ނަޞީޙަތަކީ ޙަލާލު ގޮތުގައި ތިމާގެ ޝަހުވަތުގެ ކަންތައް ފުއްދުމަށްޓަކައި ތިބާ ހަޔާތުގެ ރަނގަޅު ބައިވެރިޔަކު އިޚްތިޔާރުކުރުމަށެވެ. 35- ކުޅު ދިރުވުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. ރޯދަ ނުގެއްލޭނެއެވެ. 36- ދަތް އުގުޅާ ބޭހުގެ އަސަރު ކަރުތެރެއަށް ގޮސްފި ނަމަ ރޯދަ ގެއްލޭނެ ހެއްޔެވެ؟ ޖ. ނުގެއްލޭނެއެވެ. ނަމަވެސް ކުޅާއެކު ބޭސް ކަރުން އެތެރެއަށް ހިނގައްޖެ ކަމުގައި ވާނަމަ ރޯދަ ގެއްލޭނެއެވެ. 37- ރޯދަވެރިޔާ ލޭހަދިޔާކުރަން ރަނގަޅު ވަގުތަކީ ކޮބާ؟ ޖ. ލޭ ހަދިޔާކުރަން ރަނގަޅީ ރޯދަ ވީއްލުމަށް ފަހުގައެވެ. 38- ރޯދަ އަށް ހުރެ ފެތުމަކީ ކޮން ކަހަލަ ކަމެއްހެއްޔެވެ؟ ރޯދައަށް ހުރެ ފެތުމަކީ ހުއްދަކަމެކެވެ. ނަމަވެސް ކަރުތެރެއަށް ފެން ދިއުމާމެދު ރައްކާތެރިވުން ހުއްޓެވެ. 39- ރޯދަ މަހުގެ ގެއްލިފައިވާ ރޯދައެއް ހުއްޓާ ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެ ހެއްޔެވެ؟ ޖ. ދަންނަބޭކަލުންގެ މެދުގައި މިކަމާމެދު ޚިލާފެއް އެބަ އޮތެވެ. އެބަސްފުޅުތަކުގެ އަލީގައި ދެންނެވޭނީ އެންމެ ހެޔޮކަން ބޮޑު ގޮތަކީ ޤަޟާކުރަންޖެހޭ ފަރުޟު ރޯދަ ސުންނަތް ރޯދައިގެ މައްޗައް އިސްކުރުމެވެ. ޙަދީސްގައިވެސް އައިސްފައިވަނީ " ފަރުޟު ރަމްޟާން މަހު ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ. " މިހެންކަމުން ރަމަޟާން މަހުގެ ރޯދަ ތަކުގެ ތެރެއިން ޤަޟާކުރަން ޖެހޭ ރޯދައެއް ވެއްޖެ ނަމަ، އޭނާ ޖެހޭނޭ އެރޯދަތައް ފުރިހަމަ ކުރުމަށެވެ. އެހެނީ އެއީ ފަރުޟެވެ. ހަ ރޯދަ އަކީ ސުންނަތް ރޯދައެކެވެ. ﷲ ގެ ދަރަނި އަދާކުރުން ވާޖިބެވެ. މިދެންނެވީ އައުލާވެގެންވާ ގޮތެވެ. ފަރުޟު ރޯދަ ޤަޟާކުރުމުގެ ކުރީން ސުންނަތް ރޯދަ ހިފުމަކުން ވެސް މައްސަލައެއް ނެތެވެ. 40- ޝައްވާލު މަހުގެ ރޯދަ ހިފަންޖެހޭނީ ރޯދަ މަސް ނިމުމާއެކު ޖެހިގެން ހެއްޔެވެ؟ ނުވަތަ އެ ހަ ރޯދަ ޝައްވާލު މަހުގެ ދުވަސްތަކަށް ބަހާލެވިދާނެ ހެއްޔެވެ؟ ޖ. ޝައްވާލުމަހުން ހިފަންޖެހޭ ހަ ރޯދަ ޖެހިޖެހިގެން ހިފުން ލާޒިމު ވެގެން ނުވެއެވެ. އެ ހަ ރޯދަ ޝައްވާލު މަހުގެ ދުވަސް ތަކަށް ބަހާލެވިދާނެއެވެ. އަދި ޖެހިޖެހިގެން ވެސް ހިފިދާނެއެވެ. މިއިން ކޮންމެ ގޮތަކީ ވެސް ހުއްދަ ވެގެންވާ ގޮތެކެވެ. އިސްވެ ދެންނެވުނީ މިވަގުތައް ބޭނުންތެރި ސުވާލުތަކުގެ ޖަވާބުކަމުގައި ޔަޤީންކުރަމެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް ތިޔަ އަޚުންނާއި އުޚުތުންނަށް އަޅުގަނޑަށް ވެވުނު މިންވަރަކުން މަޢްލޫމާތު ފޯރުކޮށްދޭނަމެވެ. މާތް ﷲ ތިޔަބޭފުޅުންނާއި އަޅުގަނޑަށް ހެއު ތައުފީޤް ދެއްވާށިއެވެ. އާމީން. |
ކިޔުންތެރިންގެ ޚިޔާލް