| އަންގާރަ, 08 ސެޕްޓޭމްބަރ 2009 00:36 |
| މުސްލިމުންގެތެރެއަށް އަލަށް އައިސްގެން އުޅޭ ދީނީ ހަރުކަށި އުޞޫލުތަކާއި އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް |
|
އަބޫ އުމާމާ އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން ، ކަރަންކާގެ ށ ފޯކައިދޫ - ޙައްދުފަހަނައަޅާ ދިއުމުގެ މާނަ: ކޮންމެ ކަމަކީވެސް އެކަމަކާބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން އޭގެ ޙަޤީޤަތް ހޯދަންޖެހޭނެ ކަމެކެވެ. ބަހުގެގޮތުންނާއި ޝަރުޢީގޮތުން އަދި އެހެނިހެން ގޮތްތަކުން އޭގެ މާނަކުރެވޭ ގޮތާމެދު އެންމެ އިސްކަމެއް ދޭންވާނެއެވެ. އެހެނީ ކަމަކާމެދު ގޮތެއް ނިންމުމަކީ އޭގެ ޙަޤީޤަތް ދެނެގަނެފައިނޫނީ ކުރޭވެނެމަކަށް ނުވާތީއެވެ. ޢަރަބިބަހުގައި ޙައްދުފަހަނައެޅުމަށް ކިޔަނީ اَلْغلُو(އަލްޣުލުއްވު) އެވެ. މިބަހުގެ ލުޣަވީ މާނައަކީ : ކަމެއްގައި ކަނޑައެޅިފައިވާ އިން ފަހަނައަޅާ ދިޔުމެވެ. އަލްޖައުހަރީ ޞިޙާޙުގައި ވިދާޅުވިއެވެ. " اَلْغلُو " އަކީ ކަމެއްގެ އިން ފަހަނައަޅާދިޔުމެވެ. މިލަފްޒުގެ ހުރިހާ މާނައެއްވެސް އެނބުރެނީ ކަމެއްގެ އިންފަހަނައަޅައިދިޔުމާއި ، އިތުރުވުމާއި އެއްޗެއްގެ ޢާންމުގޮތް ނުވަތަ ޠަބީޢީގޮތާ ޚިލާފުވުމުގެ މާނައިގައެވެ. اَلْغلُو ގެ އިޞްޠިލާޙީ މާނައަކީ : شيخ الإسلام ابن تيمية رحمه الله ވިދާޅުވިއެވެ." الغلو : ގެ މާނައަކީ ޙައްދުފަހަނައަޅާދިޔުމެވެ. އެއީ އެއްޗަކަށް ޙައްޤުވެގެންވާ ވަރަށްވުރެ ބޮޑަށް ޘަނާކިޔުމުން ނުވަތަ ޤަދަރުދަށް ކުރުމުގެ ގޮތުން އެއްޗަކަށް އިތުރުކުރުމެވެ. محمد بن عبد الوهاب رحمه الله ގެ ދަރިކަލުން الشيخ سليمان بن عبد الله رحمه الله ވެސް މިބަހުގެ މާނައިގައި ވިދާޅިވެފައި ވަނީ ހަމައެފަދަ ބަސްފުޅެކެވެ . الحافظ ابن حجر رحمه الله ވިދާޅުވަނީ " އެއީ ކަމެއްގައި ކަނޑައެޅިފައިވާ އިމުން ބޭރުވެ ހަރުކަށިވުމެވެ. الإمام الشاطبي رحمه الله ވެސް ވިދާޅުވެފައިވަނީ މިފަދަ ޢިބާރާތެކެވެ. އިސްވެދިޔަ ތަޢުރީފުތަކުން އެނގެނީ ޙައްދުފަހަނަ އަޅާދިޔުމަކީ ޝަރުޢުގައި ކަނަޑައެޅިފައިވާ މިންވަރަށް އުނި އިތުރު ކުރުންކަމެވެ. މީހާ ހަރުކަށިވެ ޙައްދުފަހަނައަޅާދާފަދައިން ޝަރުޢުގައިހުރިކަންތައްތައް އެއީ ނެތްކަންކަމުގައިހަދާ ފަރުވާކުޑަކުރުމަކީވެސް ޙައްދުފަހަނައަޅާދިޔުމެވެ. އެހެނީ ޝަރުޢު އައިސްފައިވަނީ މެދުމިނުގައިއެވެ. މެދުމިނަކީ މާތް ﷲ ޝަރުޢުގައި ބަޔާންކުރައްވާ އަންގަވާފައިވާ މިންވަރަށްވުރެ އިތުރު ނުކުރުމާއި ، ހަމައެފަދައިން ޝަރުޢުގައި އަންގަވާފައިވާ އެއްވެސް ކަމަކީ ނެތްކަމެއްކަމުގައި ނުހަދާ މާތްﷲ ބާވައިލެއްވި ގޮތަށް ބަލައިގަތުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ( النساء: ١٧١ މާނައީ : އޭ އަހުލުކިތާބީންނޭވެ! ތިޔަބއިމީހުން ތިޔަބައިމީހުންގެ ދީނުގައި ޙައްދުފަހަނައަޅާ ނުދާށެވެ! އަދި ﷲ އާއި މެދު ޙައްޤުބަހެއް ނޫނީ ނުބުނާހުށިކަމެވެ. " މިއާޔަތުގެ ތަފްސީރުގައި އަލްއިމާމުލް ޤުރުޠުބީ ވިދާޅުވިއެވެ" ޔަހޫދީން ޢީސާގެފާނަކީ ޒިނޭގެދަރިއެއްކަމަށް ބުނެ މަރްޔަމްގެފާނަށް ޒިނޭގެ ތުހުމަތުކުރިއެވެ. ނަޞާރާއިން އެކަލޭގެފާނަށް އުލޫހިއްޔަތުގެ ދަރަޖަދީ ރައްބުކަމުގައި ދެކުނެވެ. ފަހެ ހަމަ މިނަށްވުރެ މައްޗަށް އުފުލުމާއި އެކަލޭގެފާނަށް ދޭންޖެހޭ ޤަދަރަށްވުރެ ދަށް ކުރުން މި ދެގޮތަކީވެސް ނުބައި ދެގޮތެވެ. އަދި އެއީ ކުފުރެވެ. 5 1 - اقتضاء الصراط المستقيم لمخالفة أصحاب الجحيم لشيخ الإسلام ابن تيمية رحمه الله ، ج1 ، ص 289 - تيسير العزيز الحميد ص 256 - فتح الباري ج13 ، ص 278 - الاعتصام ، ج3 ، ص 304 5 - تفسير القرطبي : 6 21/ ޙައްދުފަހަނައަޅައިދިޔުން ބެހޭ ބައިތައް : ޢަޤީދާގައި ޙައްދުފަހަނައަޅައިދިޔުން . ޢަޤީދާގައި ޙައްދުފަހަނައަޅާ ދިޔުމުގެ މާނައަކީ މާތް ﷲ ޝަރުޢު ނުކުރައްވާކަމެއް ޢަޤީދާއެއްގެގޮތުގައި ޤަބޫލުކުރުމެވެ. ޢަޤީދާގެގޮތުން ޙައްދުފަހަނައަޅާ ދިޔުމަކީ ޙައްދުފަހަނައަޅާދިޔުމުގެ އެންމެ ނުރައްކާ ގޮތެވެ. އެހެނީ ޢަޤީދާއަކީ މީހާ ޤާބޫލުކުރާގޮތްކަމަށްވެފައި މީހާގެ ހުރިހާ ޢަމަލެއް ބިނާކުރާނީ އޭނާގެ ޢަޤީދާގެ މައްޗަށްކަމަށްވާތީއެވެ. އަދި އެ ޤަބޫލުކުރާމީހާ އެއީ ޙައްޤުކަމުގައި ދެކި އެކަމުގައި ޖާނާމަލުން ޤުރުބާންވާތީއެވެ. އިސްލާމީ އުންމަތުގެ ޢިލްމުވެރިން ފާފަކުރާމީހުންނަށްވުރެ ބޮޑަށް ބިދުޢަވެރިންގެ ކިބައިން ދުރުވެ ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފައިވަނީ މިސަބަބަށްޓަކައެވެ. އެއީ ފާސިދު ޢަމަލުކުރާމީހުންނަށްވުރެ ޢަޤީދާ ފާސިދުމީހުންގެ ފަރާތުން އަންނަ ނުރައްކާ މާ ބޮޑުވާތީއެވެ. ޢަޤަދީގޮތުން ޙައްދުފަނައަޅާ ގޮސްފައިވާ ޖަމާޢަތް ތަކުގެތެރޭގައި ޚަވާރިޖުންނަކީ ފާހަގަކުރެވޭ ، ހަމަ އެހާމެ ނުރައްކާތެރި ޖަމާޢާތެކެވެ. މިއަދު މިބައިމީހުންގެ ނުރައްކާތެރިކަން އިސްލާމީ އުންމަތަށް ފޯރާފައިވަނީ ހީވެސް ނުކުރާހާ ނުރައްކާތެރި ދަރަޖައަކަށެވެ. މިގޮތުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. ހ- ވެރިން ކުރާފާފައިގެސަބަބުން މުސްލިމުވެރިން ކާފަރުކޮށް މިއްލަތުން ބޭރުކުރުން. ށ- މުސްލިމުންގެ ވެރިންނާއި އެނޫންވެސް އެމީހުންކާފަރުކުރުމާއި މިކަމުގައި އެމީހުންނާ އެއްބަސްނުވާ އެންމެން ކާފަރުންކަމުގައި ނިންމައި ، މިޙުކުމުގައި އިސްލާމީ އުންމަތުގެ ޢާންމުން ކާފަރުންކަމުގައި ޤަބޫލުކުރުން. ނ- ވެރިންނަކީ ޠާޣޫތުންކަމުގައި ޤަބޫލުކޮށް ސަރުކާރުގެ މުވައްޒަފުން ކާފަރުކުރުން. ރ- ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ލެއާއި ، މުދާ ހުއްދަކޮށް މުސްލިމުންނާއި ، މުސްލިމުންގެ ވެރިންނާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން. މިގޮތުން އިސްލާމީ ޤައުމުތަކުގައި ތަންތަން ގޮއްވުމާއި، ތަނުގެ އަމަން އަމާންކަން ނަގާލައި މުޅި ޤައުމު ހަމަނުޖެހުމާއި ނާމާން ތަނެއްކަމުގައި ހެދުން . މިހުރިހާ ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވަނީ ޢަޤީދާގެގޮތުން އެބައިމީހުން މަގުފުރެދިފައިވާތީއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މިފަދަ ނުރައްކާތެރި ކަމެއްގެ އިންޛާރުވަނީ ދެއްވާފައެވެ. ففي صحيح ابن حبان عن جندب البجلي أن حذيفة حدثه قال : قال رسول الله صلى الله عليه وسلم : « إِنَّ مَا أَتَخَوَّفُ عَلَيْكُمْ رَجُلٌ قَرَأَ الْقُرْآنَ حَتَّى إِذَا رُئِيَتْ بَهْجَتُهُ عَلَيْهِ وَكَانَ رِدْءًا لِلْإِسْلَامِ ، غَيَّرَهُ إِلَى مَا شَاءَ اللَّهُ ، فَانْسَلَخَ مِنْهُ ، وَنَبَذَهُ وَرَاءَ ظَهْرِهِ ، وَسَعَى عَلَى جَارِهِ بِالسَّيْفِ ، وَرَمَاهُ بِالشِّرْكِ " قَالَ : قُلْتُ : يَا نَبِيَّ اللَّهِ ، أَيُّهُمَا أَوْلَى بِالشِّرْكِ ، الرَّامِي أَمِ الْمَرْمِيُّ ؟ قَالَ : " بَلِ الرَّامِي » . 6 މާނައީ " ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުގެން ވަޑައިގަންނަވަނީ މީހާ ޤުރްއާންކިޔަވައި އޭގެ އަސަރު އޭނާގެ ކިބައިން ފެނި، އިސްލާމް ދީނަށް ނަޞްރު ދިނުމަށް މަސައްކަތް ކުރާ މީހަކަށްވެ، ދެން އެއަށްފަހު އެދީނުން އޭނާ ފުރެދި ދީނުގެ ޙުކުމްތައް ރަނގަޅު ނޫންގޮތުގައި ޤަބޫލުކޮށް ދީނުގެ ތަޢުލީމާތުތަކާ ދުރަށް މާތް ﷲ އިރާދަފުޅާއެކު ގޮސް ދީން ފުރަގަހަށް އެއްލާލައި ( އެންމެ ފަހުން ) އޭނާގެ އަވައްޓެރިއާގެ މައްޗަށް ކަނޑި އުފުލައެވެ. އަދި އޭނާގެ މައްޗަށް ޝިރްކުގެ ޙުކުމްޖަހައެވެ. ތިމަން ދެންނެވީމެވެ. " އެ ދެމީހުންގެ ތެރެއިން ޝިރުކާ އެންމެ ގާތީ ކާކުހެއްޔެވެ؟ އެހެން އެބުނި މީހާހެއްޔެވެ؟ ނުވަތަ އޭނާ އެބަސް އެރައްދުކުޅަ މީހާހެއްޔެވެ؟ " ޙަދީޘްކުރެއްވިއެވެ. އަދި ކިއެއްތަ އެހެން އެބުނި މީހާއެވެ. 6- الإحسان في تقريب صحيح ابن حبان ، 1 / 282 ., الألباني في الصحيحة ( 3201 ) (ނުނިމޭ) |
ކިޔުންތެރިންގެ ޚިޔާލް