ބުރާސްފަތި, 12 ނޮވެމްބަރ 2009 10:44
ޖިހާދަކީކޮބާ؟

ލިޔުނީ: އިބްރާހީމް ރަޝީދު މޫސާ –


އިސްލާމްދީނުގައި ޖިހާދަކީ ތަފާތު ތަޞްވީރު ތަކެއްގައި ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ނަފްސުގެ ޖިހާދާއި ދީނަށް ގޮވައިލުމުގެ ޖިހާދާއި ދުޝްމަނުންގެ ޢަދާވަތްތެރިކަން ރައްދުކޮށް އެއިން ދިފާޢުވުމަށްޓަކައި ކުރެވޭ ޖިހާދު ހިމެނެއެވެ.

ހަނގުރާމައިގެ މައިދާނުގައި ޖިހާދުކުރަން އަންގަވާފައިވަނީ އަމިއްލަ ނަފްސުގެ ދިފާޢުގަ އެވެ. ޤައުމާއި މުޖްތަމަޢުގެ ދިފާޢުގަ އެވެ. ދިފާޢުގެ މަޤްޞަދަކީ ޞުލްޙަ މަސަލަސްކަން ޤާއިމު ކުރުމެވެ. އެހެންކަމުން ޖިހާދަކީ މަޤްޞަދަކަށް ވާޞިލުވުމަށްޓަކައި އޮތް ވަސީލަތެކެވެ. އެއީ އެއްގޮތަކަށް ވެސް ލަނޑުދަނޑިއެއް ނޫނެވެ.

ނަފްސުގެ ޖިހާދަކީ ނަފްސު ތަހްޛީބުކޮށް ރިވެތި އަޚްލާޤުގެ ވެރިއަކަށް ހެދުމެވެ. އެންމެ މުހިންމު ޖިހާދަކީ ނަފްސުގެ ޖިހާދެވެ. އެއީ މުޖްތަމަޢުގެ ދޭދޭ ފަރްދުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކޮށްދީ ހަރުދަނާކޮށްދޭ ބާރު ކަމުގައިވާތީއެވެ.
ޖިހާދުގެ ތެރޭގައި ޢުދްވާނު ( ނުވަތަ އެގްރެޝަން ) އާ ދެކޮޅަށް ރެސިސްޓްކުރުން ހިމެނެއެވެ. އޭގެ ތެރޭގައި ތިމާގެ ބިމަށް ބަޔަކު އަރައިގަތުމުން އެބަޔަކާ ދެކޮޅަށް ތެދުވާ ތެދުވުން ވެސް ހިމެނެއެވެ.

ޖިހާދުކުރަން ޖެހޭނީ ނުވަތަ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭނީ ސުލްޙަވެރި ވަސީލަތްތަކުން މަސައްކަތްކޮށް ތިމާގެ ޙައްޤު ނުލިބުމުންނެވެ. އެއީ އެންމެފަހުގެ ޚިޔާރެވެ. ރަސޫލުﷲގެފާނު ހަނގުރާމައަކަށް ލަޝްކަރު ފޮނުއްވާއިރު އެބަޔަކާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމުގެ ކުރިން އިސްލާމްދީން އެމީހުންނަށް ހުށައެޅުމަށް އެންގެވިއެވެ. އިސްލާމްދީން ޤަބޫލުނުކޮށްފިނަމަ އިސްލާމީ ދައުލަތުގެ އަމާންކަމުގެ ހިޔާވަހިކަމުގެ ދަށުގައި ތިބުމަށް ހުށައެޅެއެވެ. އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަން އަންގަވަނީ މި ދެކަންތަކުންކުރެ ކަމަކާ ޤަބޫލުނުވެ މުސްލިމުންނާ ހަތުރުވެރި ވުމުންނެވެ.

ޝަޚްޞީ ފައިދާއަކަށްޓަކައި ނުވަތަ އެހެންބައެއްގެ ބިމަށް ވެރިވެގަތުމަށްޓަކައި ނުވަތަ އެހެންބައެއްގެ މުދާތަކަށް އަރައިގަތުމަށްޓަކައި ނުވަތަ ބަޔަކު ދީނަށް ގަދަކަމުން ވެއްދުމަށްޓަކައި ހަނގުރާމަކުރުމަކީ އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ.

މި ޒަމާނުގައި ބައެއްމީހުން ނުވަތަ ބައެއްޖަމާޢަތްތަކުން ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތަކަކީ އިސްލާމްދީނުގައި އައިސްފައިވާ ޖިހާދާ އެއްވެސް ގުޅުން ހުރިކަމެއް ނޫނެވެ. އެއީ އެފަދަ ޢަމަލުތަކުގެ ސަބަބުން އިތުރު ލޭ ތަކެއް އޮހޮރިގެންދާތީއެވެ. ކުށެއް ނެތް މަޢުޞޫމު އެތައްބަޔަކު މަރުވެގެން ނުވަތަ ޒަޚަމުވެގެންދާތީއެވެ.

މި ޒަމާނުގައި މިފެންނަ ޓެރަރިޒަމުގެ ޢަމަލުތަކާ އިސްލާމްދީނުގައި އައިސްފައިވާ ޖިހާދާ އެއްވެސް ގުޅުމެއް ނެތެވެ. އެހެނީ ޓެރަރިޒަމަކީ ކުށެއްނެތް ބަޔެއްގެ ފުރާނަތައް ދުއްވައިލުމަށްޓަކައި ރާވައިގެން ހިންގޭ ޤާނޫނާ ޚިލާފު ހަރުކަށި ޢަމަލުތަކެވެ. މުސްލިމުންގެ މެދުގައި އުފެދޭ ސިޔާސީ ނުވަތަ މަޛްހަބީ ދެބަސްވުންތައް ޙައްލުކުރަން ޖެހޭނީ ސުލްޙަވެރި މަދަނީ ވަސީލަތް ތަކުންނެވެ. ހަޅުތާލުކުރުމާއި ޞުލްޙަވެރި ހިނގައިލުންތައް ބޭއްވުން ފަދަ ޤާނޫނު ހުއްދަކުރާ ގިޔުގަނޑުގެ ތެރޭގައެވެ.
އަނިޔާވެރިކަން ބަދަލުކުރުމަށްޓަކައި އަދި މުންކަރާތްތައް ނަހީކުރުމަށްޓަކައި ބާރުގެ ބޭނުންކުރުމުން ބޭނުންވާ ނަތީޖާއެއް ނުނުކުންނާނެއެވެ. އިސްލާމްދީނުގެ ފިޤްހީ ޤަވާޢިދުތައް ބުނާގޮތުގައި މުންކަރެއް މަނާކުރަން ޖެހޭނީ އެއަށްވުރެ ނުބައި މުންކަރަކަށް މަގުފަހި ނުވާނަމައެވެ.
ޖިހާދަކީ ވަރަށް ރީތި ބަހެކެވެ. މިބަހުގެ ބޭނުން ބައެއް ފަހަރަށް ނުރަނގަޅު ގޮތުގައި ބޭނުންކުރެވެއެވެ. ޖިހާދުގެ މާނަތަކުގެ ތެރޭގައި ޙައްޤު ދިފާޢުކުރުމާއި ދީނަށް ގޮވައިލުން ހިމެނެއެވެ.
ކޮންމެ ޖިހާދަކީ ހަނގުރާމައެއް ނޫނެވެ. އަދި ކޮންމެ ހަނގުރާމައަކީ ޖިހާދެއްވެސް ނޫނެވެ.

އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި އިސްލާމީ ހަނގުރާމަތަކަކީ ދިފާޢީ ހަނގުރާމަ ތަކެކެވެ. އޭނާ ވިދާޅުވާގޮތުގައި މުސްލިމުންނާ ޣައިރު މުސްލިމުންނާ ދެމެދުގައި އޮންނަންޖެހޭ ގުޅުމުގެ އަޞްލަކީ ސުލްޙަވެރިކަމެވެ. ވީމާ މުސްލިމުން ޣައިރުމުސްލިމުންނަށް ދީނުގެ ނަމުގައި ޢަދާވަތްތެރިވުމަކީ ދީން ހުއްދަކުރާކަމެއް ނޫނެވެ.
ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރުން އިޢުލާނު ކުރުމުގެ ބާރު ދީނުގައި ލިބިފައިވަނީ ޙާކިމަށެވެ. ޖިހާދު އިޢުލާނުކުރުމުގެ ބާރު އެއްވެސް ފަރްދަކަށް ނުވަތަ ޖަމާޢަތަކަށް ލިބިގެނެއް ނުވެއެވެ. އެމީހުންނަށް ޖިހާދަށް ނުކުންނަން ޖެހެނީ ސިފައިންނަށް ކަމަށް ވާތީއެވެ.

އިސްލާމްދީނުގައި ޖިހާދަކީ ހަމައެކަނި ޣައިރު މުސްލިމުންނާ ދެކޮޅަށް ކުރެވޭކަމެއް ނޫނެވެ. މީގެ އިތުރަށް ތިމާގެ އަނބިދަރިންނަށް ކާން ބޯން ދިނުމަށްޓަކައި މަސައްކަތް ކުރުމަކީވެސް ޖިހާދެކެވެ. ތިމާ ރިޒްޤު ހޯދުމަށްޓަކައި ތިމާގެ ގެއިން ނުކުތީއްސުރެ އެނބުރި ގެއަށް އަންނަންދެން އޭނާއަކީ ﷲގެ މަގުގައި ހުރި މީހެކެވެ. އެބަހީ އޭނާއަކީ ޖިހާދު ކުރާ މީހެކެވެ.

އިސްލާމްދީނުގައި ޖިހާދު ހުއްދަކުރައްވާ ސަބަބުތަކުގެ ތެރޭގައި ނިކަމެތީން ސަލާމަތްކުރުން ހިމެނެއެވެ. މި ޖިހާދު ވާން ޖެހޭނީ ޢުދްވާނަށްދެވޭ ރައްދަކަށެވެ. ޙައްދުފަހަނަޅާ ގޮސްގެން ނުވާނެއެވެ. ބާރުގެ ބޭނުންކުރުމުގައި ޙައްދުފަހަނަޅާ ގޮސްގެން ނުވާނެއެވެ.
އެއީ ސާފު ހަނގުރާމައެކެވެ. އެއް ކޮމާންޑަރެއްގެ އަމުރުވެރިކަމުގެ ދަށުން ކުރެވޭ ހަނގުރާމައެކެވެ. އެއީ ލޭ އޮހޮރުވުމުގެ ކުޅިގަނޑެއް ނޫނެވެ. އެއީ ޟަރޫރަތްތެރިކަމުގެ ހަނގުރާމައެކެވެ.

މާތްﷲ ހަނގުރާމައިގައި ނަޞްރުދެއްވަނީ ޝަރްޠުތަކެއްގެ މަތިންނެވެ. މީގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކަކީ:
* ޢަޤީދާގެ ހަރުދަާކަން:�
މައްކާގައި މުސްލިމުން ހޭދަކުރި 13 ވަރަކަށް އަހަރަކީ މިކަމަށް ދެވުނު ތަމްރީނެކެވެ. އަދި ތަރްބިޔަތެއް ވެސްމެއެވެ.
* މަޤްޞަދު ސާފުވުން
ވެރިމީހާއަށް ފުރިހަމައަށް ކިޔަމަންވުން (މުސްލިމުންގެ ޢަދަދު މަދުކަމާއެކުވެސް ބަދްރު ހަނގުރާމައިގައި ނަޞްރު ލިބިފައި، އުޙްދު ހަނގުރާމައިގައި ނާކާމިޔާބު ލިބުނީ ކީއްވެގެންތޯއެވެ. އުޙްދު ހަނގުރާމައިގައި ރަސޫލާގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުންނެވެ.
* އެއްބައިވަންތަކަން
* ރަނގަޅަށް ތައްޔާރުވުން
* މަޝްވަރާކުރުން

އިންސާނާ އޭނާގެ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރަނީ ނުވަތަ ޖިހާދުކުރަނީ އޭނާގެ މިނިވަންކަމަށްޓަކައެވެ. މިނިވަންކަމަކީ އިސްލާމްދީނުގައި އޭނާއަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާ ވަގުތުން ފަށައިގެން އޭނާއަކީ މިނިވަނެކެވެ. އިސްލާމްދީނުގައި މިނިވަންކަމަކީ އެހެން މީހުންނަށް އިޙްތިރާމުކުރުމާއި އެހެންމީހުންގެ އަމިއްލަ ކަންތައްތަކާ ނުބެހުން، އޭގައި ހިމެނޭކަމެކެވެ.
މިނިވަންކަމަކީ ޤައުމުތަކުގެ ރައްޔިތުންގެ އެންމެބޮޑު މަސްއަލައެވެ. ދައުލަތުގެ އެންމެ އިސްވާޖިބަކީ ޤައުމުގެ މިނިވަންކަން ރައްކައުތެރިކުރުމެވެ. އެކަން ޙިޔާމަތްކުރުމެވެ.
ފިލޯސަފަރުން ވިދާޅުވާ ގޮތުގައި މިނިވަންކަމަކީ ފިޠުރީކަމެކެވެ. ނަމަވެސް މިނިވަންކަމަކީ މުޠްލަޤު އެއްޗެއްނޫނެވެ. އެއީ ކޮންޓްރޯލް ކުރަންޖެހޭނެ އެއްޗެކެވެ. މިނިވަންކަން ކޮންޓްރޯލް ކުރަންޖެހެނީ އެހެންމީހުންގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައެވެ.

ނިމުނީ

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+3
 
 
 
ރައްދު ދެއްވުމަށް
އިބްރާހިމްބެމެން ކުރިން މިވާހަކަތައް ރަގަޅަށް ނުބުނީތީ ހިތާމަކުރަން.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+3
 
 
 
ރައްދު ދެއްވުމަށް
ގަބޫލު ކުރިޔަސް ނުކުރިޔަސް އެމީހުން އެކުރަނީ ޖިހާދު. އަހަރުމެން ފަދަ ފިނޑީންނަށް ޖެހޭނީ ހިޔުމަން ރައީޓްސް އޭ ނުވަތަ ޔޫއެން އޭ ކިޔާލަ ކިޔާލަ ތިބޭން. ނުވަތަ އެމީހުން ކަނާތުން ނުކާށޭ، ވާތުން ކާށޭ ބުނީމަ ވާތުން ކައިކައި ތިބެންޖެހޭނީ. ކާފަރުން ބުނިހައި ބަހެއް އަހައިގެން ހެދިހައި ގޮތެއް އޯކޭ ވެގެން މިތިބެނީ. އަހަރެން ޝުކުރު ކުރަން ދިވެހީންގެ ތެރެއިންވެސް ބަޔަކު ޖިހާދުކުރަން ދާތީވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަމަށް އެތަކެއް ދަންނަބޭކަލުން އިއުތިރާފުވާއިރު ހައްދުފަހަނަ އަޅާފައިވާ ޢަމަލުތަކަކަށް ޖިހާދޭ ކިޔަންވީތަ؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ޖިހާދުގެ މާނަ ތިހާ ފުޅާކޮށްފަ ކީދާނެ. އިއްޔެ މައުމޫނު އެޅިހާ ބަތަކަށް ރިހަ ކިޔައިގެން އުޅުނު މީހެއްގެ ފަތުވާއެއް މައި ސަފުހާގަ ޖަހައިގެން މިގޮތަށް ޕްރޮޕެގޭޓުކުރަނީ ކަލޭމެންގެ ކޮން އެދުމެއް ފުއްދަންކަމެއް ނޭނގޭ. މިކަމާބެހޭގޮތުން މަޝްހޫރު އިލްމުވެރިންގެ ފަތުވާއެއް ތަރުޖަމާކޮށްލިނަމަ ތަންކޮޅެއް ތާހިރުވީސް. އިސްލާމްދީނުގަ ޖިހާދުގެ މާނަ ކިތަންމެ ދުރަށް ދެމިޔަސް ފަރުލުކުރެއްވި ޤިތާލުގެ މާނަ އޮޅުވާލެވޭނީ ކިހިނެއް. މީޑިއާ ކިޔާހާއެއްޗެއް ޤަބޫލުކޮށްގެން މުސްލިމުން ލޭ ކުށެއްނެތް މީހުންގެ ލޭއޮހޮރުވަނީ އޭ ތިކިޔަނީ މާދަމާ ޒިންމާވާންޖެހޭނެކަން ހަނދާންނެތިގެން ދޯ. ދެން ތިބުނާ ހަރުތާލުކޮށް ހިއުމަން ރައިޓްސް އަށްތަ ރަސޫލަﷲ ވެސް ވަޑައިގަތީ. ކީއްވެތަ އެކަލޭގެފާނު ކަންކުރެއްވި ގޮތް ފުރިހަމައަށް ކިޔައިނުދޭން ތިއުޅެނީ. ކާފަރުން ޓެރަރިސްޓުންނޭ ކީމަ ޓެރަރިސްޓުވީ. ކާފަރުން މުސްލިމުންނޭ ކީމާ މުސްލިމުވެފަ. މީކާކުގެ ދީނެއްތަ؟ ކާފަރުންގެ ދީންތަ މީ؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީން.އެނޫންއެއްވެސް ދީނެއްނުވާނެ.އިސްލާމްދީން އައުމުން ކުރިން ﷲ ބާވާލެއްވި އެހެން ދީންތައްވަނީ މަންސޫޚްކުރަށްވާފަ. ޖިހާދުގެ ނަމުގައި މިހާރަކަށް އައިސް ބަޔަކު ވަކިބަޔަކު މިކުރާ ނުބައި ކަންތަކަކީ ޖިހާދެއްނޫން. ޖިހާދޭ ކިޔާފަ އަމިއްލަގައިގަ ބޮން ހަރުކޮށްގެންގޮސް ތިމާގެ އަމިއްލަ ނަފްސާއި އެތައްބަޔަކު މަރާލުމަކީ ޖިހާދެއްނޫން.އެއީ އަމިއްލަޔަށް މަރުވުން.އެއީ ކުފުރުމަރެއް. އެނޫންގޮތަކަށްވެސް އެކަން ކުރެވިދާނެ.މިސާލަކަށް ތިމާގެ ހަށިގަނޑު އަމިއްލަޔަށް ގޮއްވާލުމުގެ ބަދަލުގަ ތިމާވެސް ސޭފްސައިޑްގަ ހުރެ ކުށެއްނެތް އެހެން މީހުންނަށް ގެއްލުން ނުވާހެން އިސްލާމްދީނުގެ ދުޝްމަނުންނާ ހަނގުރާމަ ކުރެވިދާނެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
މިލިއުމުން ދޭހަވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ ޔަހޫދީންގެ ތަނެއްގެ ގޮތުގައި ރަޝީދު މޫސާ ގަބޫލުކުރާހެން. އެހެންޏާ ދެން ލިއުމުގައި .....ޝަޚްޞީ ފައިދާއަކަށްޓަކައި ނުވަތަ ''އެހެންބައެއްގެ ބިމަށް ވެރިވެގަތުމަށްޓަކައި'' ނުވަތަ އެހެންބައެއްގެ މުދާތަކަށް އަރައިގަތުމަށްޓަކައި......... މިހެން މީނަ ލިޔަންވީ ކީއްވެގެންތަ؟ ކީއްވެ ނުކެރުނީ އަމިއްލަ ދިފާޢުގައި ޖިހާދު ކުރުމަކީ ހުއްދަ ކަމެކޭ ބުނިއިރު މިސާލެއްގެ ގޮތުން ފަލަސްޠީނުގެ ޥާހަކަ ނުގެނައީ......
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...