ބުރާސްފަތި, 12 ނޮވެމްބަރ 2009 09:01
ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!

ލިޔުނީ: އިބްނި އިބްރާހިމް -

މައުޟޫއާއިގެން ކުރިޔަށްދިޔުމުގެ ކުރިން ކުޑަ ވާހަކައެއް ދަންނަވާލާނަމެވެ. މާތްކަލާނގެ ކަލާމްފުޅު ކަމުގައި ޔަހޫދީންނާއި ނަސާރާއިން ދައުވާކުރަމުންދާ 'ބައިބުލް' އަކީ އެބައިމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ބަދަލުކުރެވިފައިވާ ފޮތެއްކަމުގައި އަޅުގަނޑުވެސް ކުޑައިރުއްސުރެ އަހަމުއެވެ. ނަމަވެސް އެއީކީ އަޅުގަނޑަކާ ބެހޭކަމެއް ކަމަކަށް ނުހަދަމެވެ. އަދި އެކަމަކަށް ސަމާލުކަމެއް ވެސް ނުދެމެވެ. ދުވަސްތަށް ފާއިތުވަމުންގޮސް، ކުރިސްޓިއަންދީނަކީ ޙައްޤު ދީނެއްތޯ ނުވަތަ ނޫންތޯ ބަލަން އަޅުގަނޑަށް މަޖުބޫރު ކުރުވީ އެކީގައި ކިޔަވަން އުޅުނު ނަސާރާދީނުގެ ކުއްޖެކެވެ. އެއީ އަވައްޓެރި ލަންކާގައި އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އެދީނުގެ ދައުވަތު އަޅުގަނޑަށް ދިނުމާހަމައިންނެވެ.

އޭނާގެ ބޮޑުދައްތައަކީ ރާއްޖޭގައި 20 އަހަރަށްވުރެ ގިނަދުވަހު ކުރިސްޓިއަން ދީނުގެ ދައުވަތު ދިނުމަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެއްކަމުގައި އޭނާ ބުނެއެވެ. ކޮންމެއަކަސް މީނާގެ ދައުވަތުގެ ސަބަބުން އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ އުދަގުލެއް ކުރިމަތި ވިއެވެ. ސަބަބަކީ އަޅުގަނޑަށް އޮތީ 2 ގޮތުންކުރެ 1 ގޮތެވެ. އެއީ އޭނާގެ ކިބައިން 'ރެކި'ގަތުމެވެ. ނުވަތަ އޭނާގެ ދައުވަތަކީ ބާޠިލު ދައުވަތެއްކަން ބާޔާންކޮށްދޭ ޢިލްމީ ޖަވާބެއް (ނުވަތަ ޒުވާބެއް) ދިނުމެވެ. އޭނާއަކީ 'ކުލާސްމޭޓް'އަކަށްވުމުން ރެކިގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އޭނާގެ ދައުވަތަކީ ބާޠިލު ދައުވަތެއްކަން އަމިއްލަ ނަފުޞު ޤަބޫލު ކުރިއަސް އޭނާގެ ވާހަކަ ތަކަށް ޢިލްމީ، އޮށްޓަރު ހުރި ރައްދެން ދޭން ބޭނުންވިއެވެ. އީމާންކަން ދިފާޢު ކުރުމަށެވެ. އިސްލާމްދީން ދިފާޢު ކުރުމަށެވެ. ޢީސާ ޢަލައިހިއްސަލާމްގެ ދަޢުވަތު ދިފާޢު ކުރުމަށެވެ. އެހެންކަމުން ކުރިސްޓިއަންދީނަކީ ކޮބައިތޯ ބަލަން އަޅުގަނޑަށް މަޖުބޫރުވިއެވެ. އޭގެފަހުން އަޅުގަނޑުގެ ކިބައިން ރެކެން މަސަތްކަތްކުރީ އޭނާއެވެ. އެވާހަކައިގެ ތަފްސީލު އެހެން ލިޔުމެއްގައި ﷲ އިރާދަކުރެއްވިއްޔާ ގެންނާނެމެވެ. ކޮންމެއަކަސް މައުޟޫއާއިގެން ކުރިޔަށްދާނަމެވެ.

ނަސާރާއިން މާތްކަލާނގެ ކަލާމްފުޅުކަމުގައި ދައުވާކުރާ ބައިބުލްއާއިމެދު އަޅުގަނޑު ކުރި ދިރާސާތަކުން އެންމެ ފުރަތަމަ ސާބިތުވީ ކަމަކީ، ބައިބުލްއަކީ ޙަޤީޤަތުވެސް ބަދަލުކުރެވިފައިވާ ފޮތެއްކަމެވެ. އެއީކީ ހަމައެކަނި މުސްލިމުން ޤަބޫލުކުރާ ގޮތެއް ނޫންކަންވެސް ސާބިތުވިއެވެ. އަދި ކިއެއް އެއީ ނަސާރާދީނުގެ ޢިލްމުވެރިންވެސް ޤަބޫލުކުރާ ކަމެކެވެ. ޢީސާއަލަހި ސަލާމް ވާހަކަފުޅު ދެއްކެވި އަސްލު ބަހަކީ ހިބުރޫ ބަސް ކަމުގައި ވާއިރު، ހިބުރޫ ބަހުން ނިއު ޓެސްޓްމެންޓްގެ އަސްލު ފަތްފޮތްތަށް ފެންނާކަށް ނެތެވެ. މިއަދު ނިއުޓެސްޓްމެންޓްގެ އަސްލުފަތްފޮތްތަށް ކަމުގައިބުނާ ފޮތްތައް ފެންނަންހުރީ ގުރީކް ބަހުންނެވެ. އަދި އެފޮތްތައް ލިޔެވިފައިވަނީ އެކަލޭގެފާނު އުޑަށް އުފުއްލެވިތާ އެތައް އަހަރެއްވީފަހުންނެވެ. އެޔަށްފަހު އެފޮތްތަކަށް ނަންދެވިފައިވަނީ އެހެން ބަޔަކަށް ނިސްބަތްވާ އެއްޗެއްގެ ގޮތުގައެވެ. މިސާލަކަށް 'ގޮސްޕެލް އޮފް ލޫކް' ނުވަތަ ލޫކްގެ ގޮސްޕެލް އަދި 'ގޮސްޕެލް އޮފް ޖޯން' ނުވަތަ ޖޯންގެ ގޮސްޕެލް މިފަދަ ގޮތަކަށެވެ. 'ގޮސްޕެލް އޮފް ޖީސަސް' ނުވަތަ އީސާގެފާނުގެ އިންޖީލު މިހެންނެއް ނޫނެވެ. ވިސްނަވާށެވެ! އިންޖީލަކީ ޢީސާ އަލަހި ސަލާމްގެ މައްޗަށް ބާވާލެއްވުނު ފޮތެކެވެ. އެހެންނަމަވެސް، އެކަލޭގެފާނު ވާހަކަފުޅު ދެއްކެވި ބަހުން އެފޮތުގެ އަސްލު ފެންނާކަށް ނެތެވެ. އަދި އެފޮތަށް ނަންވެސް ދެވިފައިވަނީ އެހެން މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ގޮތަށެވެ.

ބައިބުލްގެ އެތަށް ވާޝަންތަކެއް ވެއެވެ. ބައިބުލްގެ 'އޯލްޑް ޓެސްޓެމެންޓް' އަކާ 'ނިއު ޓެސްޓްމެންޓް' އެއް ވެއެވެ. އޯލްޑް ޓެސްޓްމެންޓްގައި ވަނީ ޢީސާ އަލައިހިސަލާމްގެ ކުރިން ޔަހޫދީންގެ ގާތަށް ވަޑައިގެންނެވި ރަސޫލުންގެ ވާހަކަފުޅުތަކެވެ. ނިއުޓެސްޓްމެންޓްއަކީ ޢީސާ އަލަހިސަލާމްގެ ވާހަކަފުޅުތަށް ބަޔާންކުރެވިފައިވާ ފޮތްތަކެވެ. މި ދެ ޓެސްޓްމެންޓްއާމެދުވެސް ނަސާރާ ދީނުގެ ބޮޑެތި ޢިލްމުވެރިންގެ މެދުގައި ދެބަސްވުމާއި ޚިލާފުވުންތައް ވެއެވެ. މިގޮތުން ބައިބުލްގެ ބަޔެއް ފޮތްތަކަކީ މާތްކަލާނގެ ކަލާމްފުޅުކަމުގައި ނަސާރާ ދީނުގެ ބަޔެއް ޢިލްމުވެރިން ޤަބޫލުކުރާއިރު، އަނެއްބައި ޢިލްމުވެރިން އެފޮތްތަކަކީ ސާބިތު ނުވާ ފޮތްތަކެއް ކަމުގައި ބުނަމުން ދެއެވެ.

މިސާލަކަށް، ކެތޮލިކު ނަސާރާއިން (ނަސާރާއިންގެ ޤުރޫޕެއް) ޤަބޫލުކުރާ ގޮތުގައި، މުޅި ބައިބުލްގައި 73 ފޮތް ވެއެވެ. އެއީ އޯލްޑް ޓެސްޓްމެންޓްގެ 43 ފޮތާ ނިއުޓެސްޓްމެންޓްގެ 27 ފޮތެވެ. އެހެންނަމަވެސް ޕްރޮޓެސްޓެންޓް ނަސާރާއިން (ނަސާރާއިންގެ ޤުރޫޕެއް) ޤަބޫލުކުރާގޮތުގައި މުޅި ޖުމްލަ ބައިބުލްގައިވަނީ 66 ފޮތެވެ. އެއީ އޯލްޑް ޓެސްޓެމެންޓްގެ 39 ފޮތާ، ނިއު ޓެސްޓެމެންޓްގެ 27 ފޮތެވެ. ޕްރޮޓެސްޓެންޓް ނަސާރާއިން ޤަބޫލުކުރާގޮތުގައި ކެތޮލިކު ނަސާރާއިން ޤަބޫލުކުރާ އިތުރު 7 ފޮތަކީ އެއީ އެ ފޮތްތަކާމެދު ޝައްކުހުރި ފޮތްތަކެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، އެއީ އިލާހީ ވަހީބަސްފުޅުކަން ސާބިތުކުރެވެން ނެތް ފޮތްތަކެވެ. އެޔަށްވުރެވެސް ސާފު އިބާރާތުން ދަންނަވާނަމަ އެއީ ހަދާފައިވާ ފޮތްތަކެވެ.

އަދި މީގެއިތުރުން މި ދެޓެސްޓްމެންޓްގައިވެސް އެކިކަހަލަ ކުށާއި، އެއް އާޔަތާއި އަނެއް އާޔަތް ފުށޫ އަރާ އެތަށް ތަނެއް ވެއެވެ. ލިޔުން ކުރުކޮށްލުމުގެ ގޮތުން އެހުރިހާ ތަފްސީލަކަށް ނުގޮސް މައުޟޫއާއިގެން ކުރިޔަށް ދާނަމެވެ.

މި ފަހުގެ ތާރީޚެއްގައި ބައިބުލްއަށް އެންމެ ބޮޑު ބަދަލެއްގެނެސްފައިވަނީ 1973 ގައި ޝާއިއުކުރި 'ނިއު އިންޓަނޭޝަނަލް ވާޝަން' ގައެވެ. ބައިބުލްގެ މިވާޝަންގެ އިމްލާ ކުށްތަށް ރަގަނޅުކުރުމަށްފަހު ރަސްމީކޮށް ޝާއިއުކޮށްފައިވަނީ 1978 ގައެވެ. އަދި އޭގެފަހުން 1983ގައިވެސް މުތާލިޔާ (ރިވައިޒްޑް) ކުރެވިފައި ވެއެވެ. އަދި މިއަހަރު، 2009 އަރުގެ ސެޕްޓެންބަރ މަހުގައިވެސް މިވާޝަން މުތާލިޔާ (ރިވައިޒްޑް) ކުރެވިފައި ވެއެވެ. ބައިބުލްގެ މިވާޝަން ވުޖޫދަށް ގެނައުމަށްޓަކައި، ނަސާރާއިންގެ ތަފާތު 20 ޑިނޯމިނޭޝަނަކުން (އަޤީދާގައި ކުދި ނުވަތަ ބޮޑެތި ތަފާތުތަށް ހުރި ނަސާރާއިންގެ 20 ޤުރޫޕަކުން) ބައިވެރިވެފައި ވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެގިނަ ނަސާރާއިންގެ ޢިލްމުވެރިން ބައިވެރިވެފައި ވެއެވެ. މުރާޖައާކުރުމަށް މައިގަޑު 15 ޢިލްމުވެރިންގެ ކޮމެޓީއެއް އެކުލަވާލާފައި ވެއެވެ.

ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ މި ނިޔު އިންޓަނޭޝަނަލް ވާޝަން ވުޖޫދަށްއައި އިރު، ކުރީގެ މަޝްހޫރު ބައިބުލްގެ ވާޝަންތަކުގައިވާ 17 އާޔަތް ވަނީ އެއްކޮށް ފުހެލެވިފައެވެ. ފުހެލެވުނު ސަބަބެއްކަމަށް ބައިބުލްގެ ޢިލްމުވެރިން ވިދާޅުވަނީ، ގުރީކުބަހުން ހުރި ބައިބުލްގެ އަސްލު ފަތްފޮތްތަކުން، އެ އާޔަތްތައް ސާބިތުވާން ނެތުމެވެ. އޭގެ މާނައަކީ އެއާޔަތްތަކަކީ ހަދައި އިތުރުކޮށްފައިވާ އާޔަތްތަކެކެވެ. ނުވަތަ ބައިތަކެކެވެ. މި ފުހެލެވުނު 17 އާޔަތުގެ ތެރޭގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ބައިބުލްގެ ބަޔެއް ކަމުގައިވާ ގޮސްޕެލް އޮފް ލޫކްގެ 2 އާޔަތް ވެއެވެ. އެއީ ލޫކާސް 17ވަނަ ބައިގެ 36ވަނަ އާޔަތާ، ލޫކާސް 23ވަނަ ބައިގެ 17ވަނަ އާޔަތެވެ.

ދިވެހިބަހަށް ތަރުޖަމާކުރެވިފައިވާ ލޫކާސްގެ ދިވެހި ތަރުޖަމާގެ، 17ވަނަ ބައިގެ 36ވަނަ އާޔަތް ފެނިލައްވާތޯ ބައްލަމާ ހިނގާށެވެ. ނުފެންނާނެއެވެ. 35ވަނަ އާޔަތާ ޖެހިގެން އިންނާނީ 37ވަނަ އާޔަތެވެ. ނިއުއިންޓަނޭޝަނަލް ވާޝަންގައިވެސް ވާގޮތަށް ދިވެހި ތަރުޖަމާގައިވެސް އެ އާޔަތްވަނީ ފުހެލެވިފައެވެ. އެއަށްފަހު ދެންފެންނަނީ އަދި އިތުރަށް ސުވާލު އުފެދޭފަދަ ކަމެކެވެ! އެއީ، ނިއު އިންޓަނޭޝަނަލް ވާޝަން އެކުލަވާލި ބައިބުލްގެ ޢިލްމުވެރިން، އޭގެއަސްލު ފެންނަންނެތް އަދި ހަދާ އިތުރުކޮށްފައިވާ އާޔަތެއް ކަމުގައި ބުނެ ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައިވާ، ލޫކަސް 23ވަނަ ބައިގެ 17 ވަނަ އާޔަތް ދިވެހިތަރުޖަމާގައި ހިމަނާފައި ވެއެވެ. ނިއު އިންޓަނޭޝަނަލް ވާޝަން އެކުލަވާލި ބައިބުލްގެ ޢިލްމުވެރިންނަށް މި ދަންނަވާ 2 އާޔަތަކީވެސް ހަދާފައިވާ 2 އާޔަތެވެ. ދިވެހިބަހަށް ތަރުޖަމާކުރި މީހުންގެ ގާތުގައިވެސް، އޭގެތެރެއިން 1 އާޔަތަކީ ހަދާ އިތުރުކޮށްފައިވާ އާޔަތެކެވެ. އެހެންނަމަވެސް، އަނެއް އާޔަތަކީ، ދިވެހި ތަރުޖަމާ އެކުލަވާލި މީހުންގެ ގާތުގައި ޞައްޙަ އާޔަތެކެވެ. މިވަނީ ކިހިނަކުން ބާއޭ ސުވާލު ނުއުފެދޭތޯއެވެ؟

ނަސާރާދީނަށް ވަންނަމުންދާ ދިވެހި ދަރީންނޭވެ! ޢީސާ އަލައިހި ސަލާމްގެ މައްޗަށް މާތްކަލާނގެ ބާވާލެއްވި ފޮތަކީ މީހަކު ލިޔުނު ތޯތޯ ވާހަކައެއް ނޫނެވެ. ނަސާރާއިން ބޭނުންވީމަ އުނިކޮށްފަ، އިތުކުރަން ބޭނުންވީމަ އިތުރުކުރާއިރު، މާތްކަލާނގެ ކިބައަށް ބިރުވެތިކަމެއް ހަމަ ނެތީތޯއެވެ؟ މާތްރަސްކަލާނގެ ބަސްފުޅުތަކަކީ އެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން އޮވެފައި، އަނެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން ނެތުން ނޫންކަން، ކިރިޔާވެސް ބުއްދިއެއްހުރި (ކަމުގެ ދެކޮޅުބަލާ) އިންސާނަކަށްވިއްޔާ އެގޭނެއެވެ. އެގޮތަށް އެއްދުވަހު އިތުރުކޮށްފައި އަނެއްދުވަހު އުނިކުރުމުން ސާބިތުކޮށްދެނީ އެއީ މާތްރަސްކަލާނގެ ފުރިހަމަ ކަލާމްފުޅެއް ނޫންކަމެވެ. މީހުން ހަދާފައިވާ އެއްޗެހިކަމެވެ. ޢިސާ އަލައިހިސަލާމް އެފަރާތަކަށް އަޅުކަންކޮށް ދުޢާދެންނެވި ފަރާތް ވަޙީކުރައްވާފައި ވެއެވެ.

"ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ މާތްކަލާނގެ ޙަޟުރަތުން ބާވާލެއްވި ފޮތެކޭ ބުނާމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެބައި މީހުން އެކަންކުރަނީ) ދުނިޔޭގެ ފަނާދަނިވި އެދުމަކަށް ޓަކައެވެ. އެމީހުންގެ އަމިއްލައަތުން އެލިޔުނު ބާތިލު ތަކެތީގެ ސަބަބުން އެމީހުނަށް ގެއްލުމާ ހަލާކު ހުއްޓެވެ. އަދި އޭގެބަދަލުގައި އެމީހުން ހޯދައިގަންނަ ތަކެތީގެ ސަބަބުންވެސް އެމީހުނަށް ހަލާކު ހުއްޓެވެ." (ސޫރަތުލް ބަގަރާ، 79ވަނަ އާޔަތް)

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+5
 
 
 
ރައްދު ދެއްވުމަށް
މިއީ އަޅުގަނޑު މިދަންނަވާ ވާހަކަޔަކީ! ނަސާރާ ދީނުގެ ވާހަކަ ދައްކާ ކޮންމެ ޗެނަލެއް، ކޮންމެ ފޮތެއް ހަމައެކަނި މަނާކުރަމުން ދިއުމަކުން މިކަން ޙައްލުވާކަން ނެތޭ. ދިވެހިންގެ އިސްލާމީ އަޤީދާ ވަރުގަދަކުރަން ވެއްޖެއޭ. ޙައްޤާއި ނުބައި ވަކިވާވަރުގެ ބަޔަކަށް ދިވެހިން ވާން ވެއްޖެއޭ. އިސްލާމުދީނަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން މިކަން ކުރައްވެއްޖެއޭ. ދުނިޔޭގެ އިސްލާމީ ޤާބިލް އިލްމްވެރިން ބައިބުލްއިން އާޔަތް ނަންގަވައިގެންވެސް އެބަ ސާބިތު ކުރައްވާ "އީސާގެފާނަކީ" ކަލަކު ނޫންކަމަށް. މިފަދަ ވީޑިއޯ ދިވެހި ބަހަށް އަޑުއަޅައި، ރައްޔަތުންނަށް ފޯރުކޮށްދެއްވާށޭ. ނަސާރާ ދީނަށް ދިވެހިން ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ މީހުން އެމީހުންގެ ހުނަރާއި އުކުޅު މިހާރު ދަނީ ބަދަލުކުރަމުން. އީމާންކަން ވަރުގަދަ ނޫން މުސްލިމުން ގެ ހިތްތަކާ ކުޅުމަށްޓަކައި ދިވެހިބަހުން އަޑުއަޅާ، ސަބްޓައިޓްލް އަރުވާފައިވާ އެތައް ވީޑިޔޯތަކެއް (ފިލްމްވެސް ހިމެނޭ) މިހާރުވެސް ޔޫޓިއުބްގައި އެބަހުރި. މިތަކެތީގައި އިސްލާމު ދީނުގެ ވާހަކަ ގެނެސްގެން މަގުފުރެއްދުމަށް މަސައްކަތް ކުރަނީ. އެހެންކަމުން، ދިވެހިންގެ އަޤީދާ ވަރުގަދަ ކުރުމަށްޓަކައި މިޒުވާނާ ރިސާރޗްކުރިފަދައިން ރިސާރޗްކޮށް ހަޤީޤަތް އޮޅުން ފިލުވައިދޭން ޖެހެއެވެ. މިހުރިހާ ކަމެއް އޮއްވާ އަޅުގަނޑުމެންނަށް މިއިވެނީ އެހެން ކަންތައްތަކެއްގެ ވާހަކައެވެ. މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިން ވާހަކައެވެ. މިކަންކަމާމެދު ހިތާމަ ކުރަމެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ވަރަށް ރަނގަޅު ވާހަކައެއް
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
ވަރަށް ފުރިހަމަ ލިޔުމެއް، މީގެ ދެވަނަބަޔަކަށް ވެސް އިންތިޒާރުކުރަން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...