ބުރާސްފަތި, 22 އޮކްޓޯބަރ 2009 00:51
މުސްލިމުންގެތެރެއަށް އަލަށް އައިސްގެން އުޅޭ ދީނީ ހަރުކަށި އުޞޫލުތަކާއި އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް 2
އަބޫ އުމާމާ އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން ، ކަރަންކާގެ ށ ފޯކައިދޫ -

އިސްވެދިޔަ ނަބަވީ އިރުޝާދަކީ އަޅުގަނޑުމެން ވަރަށް ސަމާލުވާންޖެހިފައިވާ ބަސްފުޅެކެވެ. މީހާ ދީނީކަންތަކަށް ލޯބިކުރުމަކުން ހަމައެކަނި ނުފުދެއެވެ. އަދި ހަމައެކަނި މީހާގެ ނިޔަތް ރަނގަޅުވުމަކުންވެސް ނުފުދެއެވެ. އަދި ކިއެއްތަ އޭނާޤަބޫލުކުރާ ޢަޤީދާއަކީ ސާފުސީދާ ޢަޤީދާއަކަށް ވާންޖެހޭނެއެވެ. އެ ޢަޤީދާއަކީ އުންމަތުގެ އިސްވެގޮސްފައިވާ ސަލަފުއް ޞާލިޙުންގެ ސާފުސީދާ ޢަޤީދާކަމުގައިވާން ޖެހޭނެއެވެ. އޭނާގެ ދީނަކީ އިތުބާރުހުރި ޢިލްމުވެރިންގެ އުޞޫލުތަކުގެ މަތީގައި ސާބިތުވެފައިވާ އެއްޗަކަށް ހަދަން ޖެހޭނެއެވެ. ފަހަރެއްގައިވެސް ޖޯޝާއި ފޯރިއާއި ،ބަދަލުހިފުމާއި، ހަވާ ނަފްސަށް ތަބާވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. 

2 -    ޢަމަލުގައި ޙައްދުފަހަނައަޅާދިޔުން.

ޢަމަލުގައި ޙައްދުފަހަނައަޅައި ދިޔުކަމީ އިސްލާމްދީނުގައި ޝަރްޢުކުރައްވާފައި ނުވާ ޢަމަލެއް ނުވަތަ ޢަމަލު އަދާކުރާ ގޮތެއް އޭނާގެ އަމިއްލަ ނަފްސުގެމައްޗަށް އަދި އެހެން މީހުންގެ މައްޗަށް ޝަރުޢީގޮތުން ލާޒިމުކަމެއްކަމުގައި ދެކުމެވެ. އަޅުކަމުގެ ގޮތުން ކުރެވޭނެ ކަންތައް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلم  ގެ ސުންނަތުގައި ވަނީ ބަޔާންވެގެންނެވެ.

    ޢަމަލުގައި ޙައްދުފަހަނައަޅައި ހިނގައިދާނެކަމުގެ ބިރަށްޓަކއި މާތް ނަބިއްޔާ صلى الله عليه وسلم   ވަނީ އެކަމުގެ ދޮރުބަންދުކުރައްވާފައެވެ. ބައެއް ފަހަރު ޢާންމުކޮށް އެކަން ރަނގަޅުނޫން ކަމަށް އިރުޝާދުދެއްވައެވެ. އަނެއްބައި ފަހަރު މިފަދަ ޙާދިޘާތަކަށް ސީދާ އިޝާރާތް ކުރައްވައެވެ.
سنن الترمذي   ގައި  عبد الله بن عباس رضي الله عنهما  ގެ ކިބައިން ރިވާވެގެންވެއެވެ. މީހަކު ސަލާމާއިޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ!  ތިމަން (އެއްގަމު ) މަސްކައިފިނަމަ އަންހެނުން ގާތަށް ދިޔުމުގެ އެދުންވެރިކަން އާދެއެވެ. އަދި ޝަހުވަތްތެރިކަން ގަދަވެއެވެ. އެހެންވެ ތިމަން ތިމަންނަގެ ނަފްސަށް މަސް ޙަރާމްކޮށްފީމެވެ. ދެން މާތް ﷲ އަންނަވި އާޔަތް ބާވައިލެއްވިއެވެ.) يَا أَيُّهَا الَّذِينَ آمَنُوا لا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ( المائدة: ٨٧  މާނައީ : އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި މާތް ﷲ ޙަލާލުކުރައްވާފައިވާ ހެޔޮރަނގަޅު ތަކެތި ތިޔަބައިމީހުން ޙަރާމް ނުކުރާށެވެ! "

    އިސްވެދިޔަ އާޔަތުން އެނގުނީ މާތް ﷲ ޙަލާލުކުރައްވާ އެއްވެސް އެއްޗެއް ޙަރާމްކަމުގައި ދެކި އެކަމުން ދުރުވެ ހުރުމަކީ ފަހަރެއްގައިވެސް ތަޤުވާވެރިކަން ނޫންކަމެވެ. الإمام الشاطبي رحمه الله    "الاعتصام "  ގައި ވިދާޅުވިއެވެ. " الاقتصار على البشع في المأكول من غير عذر تنطع . والاقتصار في الملبوس على الخشن من غير ضرورة ، من قبيل التشديد والتنطع المذموم ، وفيه أيضا من قصد الشهرة ما فيه .  "  ޢުޛުރަކާނުލައި ކާތަކެތީގެތެރެއިން ހަމައެކަނި އެންމެ ދަށް ތަކެތީގެ މައްޗަށް ކެއުން ބިނާކުރުމަކީ ޙައްދު ފަހައަޅާދިޔުމެވެ. އަދި ޢުޛުރަކާނުލައި ފޭރާމުގެ ގޮތުގައި ބައު ތަކެތި އިޚްތިޔާރުކުރުމަކީ ވެސް ޙައްދުފަހަނައަޅާ ދިއުމުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަމުގައި ( ޒާހިދެއްގެ ގޮތުގައި ) މަޝްހޫރުވުން ވެސް ހިމެނެއެވެ."

    ތަޤުވާވެރިކަމުގެ ނަމުގައި އަބަދު ރޯދަހިފުމާއި، ރޭގަނޑު ނުނިދާ ރޭ އަޅުކަމުގައި ހުރުމާއި ، މީހުންނާ ކައިވެނި ނުކުރުމަށް ޢަޒުމު ކަނޑައެޅި ބޭކަލުންނަށް ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވީ އެއީ ތަޤުވާ ނޫންކަމެވެ. ތިމަންކަލޭގެފާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤުވާވެރި މީހާކަމާއި ، ނަމަވެސް ތިމަން ކަލޭގެފާނު ރޭ އަޅުކަން ކުރައްވާފައި އަވާހާރަފުޅުވެސް ލައްޕަވަން ކަމާއި ، ރޯދަ ހިއްޕަވާފައި ރޯދަ ނުހިއްޕާވާވެސް ހުންނަވަންކަމާއި ، އަންހެނުންނާއި ކައިވެނި ކުރައްވަން ކަމަށް އިރުޝާދު ދެއްވިއެވެ. އަދި މިއީ އެކަލޭގެފާނުންގެ ސުންނަތް ކަމަށް ވިދާޅުވެ، އެސުންނަތުން މޫނު އަނބުރާލައިފި މީހަކީ އެކަލޭފެފާނުންގެ ޖަމާޢަތުގެ ތެރެއިން ވާ މީހެއް ނޫންކަމަށް ވިދާޅުވިއެވެ.

    ޢަމަލުގައި ޙައްދު ފަހައަޅާ ނުދިޔުމަށް އިސްލާމީ ޝަރުޢުވަރަށް ބޮޑަށް ބާރުއަޅައެވެ. އެހެނީ އެއީ ޝަރީޢަތަށް އިތުރުކުރެވޭ އިތުރު ކުރުމެކެވެ. އެއީ ވަރަށް ނުބައިވެގެންވާ ކަމެކެވެ. އިސްލާމް ދީނަކީ ލުއި ފަސޭހަ ދީންކަމުގައި ވީއިރު އެއްވެސް ކަމެއްގައި ދަތި އުނދަގޫ ކަމެއް މާތް ﷲ ޝަރްޢު ނުކުރައްވައެވެ. އަދި ކިއެއްތަ ތިމާ އަމިއްލައަށް ދަތި ކުރާކަމުގައިވާނަމަ އެކަން ތިމާގެ މައްޗަށް ގަދަވެގަންނާނެއެވެ. އަދި ދީނުގައި ހަރުކަށިވެ ޙައްދުފަހަނައަޅާ ދިޔުމަކީ އޭނާގެ އަމިއްލަ ނަފްސަށް ކުރާ އަނިޔާއެކެވެ. އެކަމުގެ އާޚިރު ނަތީޖާއަކީ އެކަން އޭނާއަށް ތަކުލީފަކަށްވެ ދީނާއި ދުރުވުމެވެ. އަދި ޝަރުޢީ ވާޖިބުތަކުން މުޅިން ހަށިފޮޅާލުމެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން އަލް އިމާމު ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.« إِنَّ هَذَا الدِّينَ يُسْرٌ ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ ، فَسَدِّدُوا وَقَارِبُوا وَأَبْشِرُوا » .   މާނައީ " ހަމަކަށަވަރުން މިދީނަކީ ލުއިފަސޭހަވެގެންވާ ދީނެކެވެ. ދީނުގައި ހަރުކަށިވެއްޖެ ކޮންމެ މީހެއްގެ މައްޗަށް އެދީން ގަދަވެ ގަންނާނެއެވެ. ފަހެ ތިޔަބައިމީހުނަށް ވީ އެންމެ ފުރިހަމައަކަށް ދީނަށް ޢަމަލުކުރާށެވެ. އަދި އުފާވެރިކަމުގެ ޚަބަރު ދޭށެވެ! "
    މި ހަދީޘް ފުޅުގެ ހަޤީޤަތް އަޅުގަންޑުމެންނަށް މިއަދު މިދަނީ ފެންނަމުންނެވެ. ތިމާމެންގެ އަމިއްލަ ވިސްނުމަށް ހަރުކަށި ޢަޤީދާ ޤަބޫލުކޮށް އޭގެމައްޗަށް އެބައިމީހުންގެ ޢަމަލުތައް ބިނާކޮށް އެބައިމީހުން ނޫން މީހުންނަކީ މަގުފުރެދިފައިތިބި ބައެއްކަމުގައި ޤަބޫލުކޮށް މީހަކު ކުރާ ފާފައަކުން އެމީހުން ކާފަރުކޮށް މުސްލިމުންގެ މުދަލާއި ލޭ ހުއްދަކޮށް މުސްލިމުންގެ ޤައުމުތަކަކީ ދާރުލް ޙަރްބި
( ހަނގުރާމަ އިޢުލާނުކުރެވިފައިވާ ތަންތަން )ކަމުގައި ހަދައި އުޅުނު މީހުން ދީނާއި ދުރުވެ ދީނުން ބޭރުވަމުން ދާތަން އަޅުގަނޑުމެންނަށް މިއަދު މިދަނީ ފެންނަމުންނެވެ. މިއީ ބަދަލުވުމެއް ނުވާ އިލާހީ ސުންނަތެވެ. އެފަދަ މީހުން އެގޮތަށް ޢަމަލުކުރަމުން ދިޔައީ ދީނަށް ނަޞްރު ދިނުމަށް އޮތް ޖޯޝާއި ފޯރިއެއްގެ ސަބަބުންނެވެ. ނަމަވެސް އެކަން ބިނާވެފައިވަނީ ބާޠިލު ޢަޤީދާއެއްގެ މަތީގައެވެ. މުސްލިމު ޒުވާނުން ހޭއަރާ ތިބޭށެވެ! 
 الحافظ ابن حجر - رحمه الله-  ވިދާޅުވިއެވެ. " މިޙަދީޘްފުޅުގެ މާނައަކީ  : " لا يتعمق أحد في الأعمال الدينية ويترك الرفق إلا عجز وانقطع ؛ فيغلب ."   ދީނުގައި އައިސްފައިވާ ލުއިގޮތް ދޫކޮށް އެ  ޢަމަލަކާމެދު ވިސްނުމުގައި ފުންވެގެން ޙައްދުފަހަނައަޅާގޮސް އެކަމުގައި ތިމާއަށް ތަކުލީފު ލިބޭމިންވަރަށް ވިސްނާ އެކަން ފުންކުރާ ކޮންމެ މީހެއްގެ މައްޗަށް އެކަމެއް ކުރަން އުނދަގޫވެ އެކަމުން ދުރުވާނެއެވެ.
 
3-    މީސްތަކުންގެ މައްޗަށް ޙުކުމްކުރުމުގައި ޙައްދުފަހަނައަޅައިދިޔުން.

މީސްތަކުންގެ މައްޗަށް ޙުކުމްކުރުމުގައި ޙައްދުފަހަނައަޅާދިއުމަކީ ، ވަކިބަޔަކީ  ނުވަތަ ވަކި މީހަކީ ކާފަރެއްކަމަށް ނުވަތަ ބިދުޢަވެރިއެއްކަމަށް ނުވަތަ ފާސިޤެއްކަމަށް ނިންމުމުގައި ޙައްދު ފަހަނައަޅާދިޔުމެވެ. އެއްވެސް މީހެއްގެ މައްޗަށް މިއިން އެއްވެސް ޙުކުމެއް ކަނޑައެޅުމަކީ މީހެއްގެ އަމިއްލަކަމެއް ނޫނެވެ. އަދިކިއެއްތަ އެއީ  މާތް ﷲ އާއި އެކަލާނގެ ރާސޫލާ صلى الله عليه وسلم  އަށް ރައްދުކުރަން ޖެހޭނެކަމެކެވެ. އަދި އެއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙައްޤެކެވެ. މާތް ﷲ ގެ ފޮތުންނާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން މިއިން ޙުކުމެއް ސާބިތުވާ މީހަކަށް ފިޔަވައި އެހެން މީހަކަށް މިފަދަ ޙުކުމެއް ކަނޑައެޅުމަކީ މާތް ﷲ ގެ ޙައްޤަށް އަރައިގަތުމެވެ. އެއީ މާތް ﷲ ކަނޑައަޅުއްވާފައިވާ ޙައްދު ފަހަނައަޅާ ދިޔުމެވެ. އަދި އެއީ ޢިލްމަކާއި ނުލާ މާތް ﷲ މެދު ބުނެވޭ ބަހެކެވެ.
    މިއަދު އިސްލާމީ އުންމަތް ވެއްޓިފައި މިވާ ވަޅުގަނޑަށް ވެއްޓުމުގެ މައިގަނޑު ސަބަބަކީ މުސްލިމުންގެ މައްޗަށް ޙުކުމް ކުރުމުގައި އުންމަތުގެ ބަޔަކު ޙައްދު ފަހަނައަޅާ ދިޔުމެވެ.  އަދި ކިއެއްތަ އެއީ މިއުންމަތުގައި ޙައްދުފަނަހައެޅުމުގެ ފެށުމެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ މައްޗަށް ޚަވާރިޖުން ކުފުރުގެ ޙުކުމް ޖެހިއެވެ. އަދި އެފިތުނައިގެ އެތައް އުނދަގޫތަކެއް ތަޙައްމަލުކުރައްވަން ޖެހިވަޑައިގަތެވެ. އެންމެފަހުން ޝަހީދުކޮށްލެވުނެވެ. އަދި މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެ ފާނުވެސް ޝަހީދުކޮށްލެވުނެވެ.  މިކަމުގެ ސަބަބުން އުންމަތުގެ އެއްބައިވަންތަކަން ވަނީ ރޫޅި ހަފުސް ވެފައެވެ. މިއަދު މުސްލިމުން އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާއަށް ބަލަންޖެހިފައި މިވަނީ ޝައްކުގެ ނަޒަރަކުންނެވެ. މުސްލިމުން މުސްލިމުންގެ ޤައުމުތަކުގައި ތަންތަން ގޮއްވައި ލޫޓުވައި ތަނުގެ އަމަން އަމާންކަން ނަގާލަނީއެވެ. މުސްލިމުންގެ މުދަލާއި ގެދޮރު ހަލާކުކުރަނީއެވެ. ދީނުގެ ނަމުގައެވެ . ކޮންމެ ދުވަހަކުހެން މިފަދަ އަނިޔާތަކުގައި މުސްލިމުން މަރުވަމުން ދާއިރު އޭނާއަކަށް އޭނާއަށް މިއަނިޔާ ލިބެންވީ އެއްވެސް ސަބަބެއް ނޭނގެއެވެ. އޭނާގެ ލެއާއި މުދާ ހުއްދަވެ، އަނބިދަރީން މެރެންވީ އެއްވެސް ސަބަބެއް އޭނާއަކަށް ފެންނާކަށް ނެތެވެ.

    އަޅުގަނޑުމެންގެ މިރާއްޖެއިންވެސް މިއަދު މިވަނީ މިކަމުގެ ކުލަވަރު ފެންނަން ފަށާފައެވެ. މުޖުތަމަޢުގައިވަނީ ވަކިވެގަތުމުގެ އުޞޫލުތައް ފެންމަތިވާން ފަށާފައެވެ. ދަންނަ މީހެއްކަމުގައި ވިޔަސް ނުދަންނަ މީހެއްކަމުގައި ވިޔަސް ސަލާމް ކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم އަމުރު ކުރައްވާފައިވާއިރު ، މިއަދު މީހުން ސަލާމްވެސް ކުރަނީ އޭނާ ޤަބޫލުކުރާ ގޮތް ޤަބޫލުކުރާ މީހުންނާ އެކަންޏެވެ. ނަމާދުގެ ޖަމާޢަތަށް އައުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާއިރު މުސްލިމުންގެ އެއްވެސް ޖަމާޢަތަކަށް ޙާޟިރު ނުވުން އެއީ ބައެއް މީހުންގެ ތަޤުވާވެރިކަން ކަމުގައި މިއަދު ހަދައިފިއެވެ.

    އަނެއްބަޔަކު މުސްލިމުން ބިދުޢަވެރިކޮށް އެމީހުން ތަފާތު ޖަމާޢަތްތަކަށް ނިސްބަތްކޮށް ހަދަނީއެވެ. އަދި އެންމެ ނުރައްކާކަމަކީ މިފަދަ މީހުން އެމީހުންގެ މި ކޮށިވިސްނުން އުންމަތުގެ ސަލަފުންގެ ބޮލުގައި އަޅުވާތީއެވެ. އުންމަތުގެ ސަލަފުން އަޅުގަނޑުމެންނަށް ދައްކާފައިވަނީ މި ނަމޫނާއެއް ނޫނެވެ. އެބޭކަލުން އުންމަތް ބައިބައި ކުރާކަށް އިރުޝާދެއް ނުދެއްވައެވެ.

    މީހެއްގެ މައްޗަށް މިފަދަ ޙުކުމެއް ޖެހޭނީ އެމީހެއްގެ މައްޗަށް އެޙުކުމް ޖެހުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައްހަމަވެ ، އެމީހެއްގެ މައްޗަށް އެޙުކުމެއް ޖެހުން މަނާވެދާނެ އެންމެހާކަންތަކުން ހުސްވެގެން ވާނަމައެވެ. މީހެއްގެ މައްޗަށް މިފަދަ ޙުކުމެއް ޖެހުމަކީ ޝަރުޢީ ކަމަކަށް ވާއިރު ދީނުގައި މޫލާފައި ތިއްބެވި ރައްބާނީ ޢިލްމުވެރިން ނޫން ބަޔަކު މިފަދަ ޙުކުމެއް ޖަހައިގެން ނުވާނެއެވެ. ކީރިތި ޤުރްއާނުގެ ތަފްސީރާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ޢިލްމާއި އިސްލާމީ ޝަރީޢަތުގެ މަޤާޞިދުތައް ދެފުށުން ދަންނަ ޢިލްމިވެރިޔަކު ނޫނީ މިފަދަ ކަމަކަށް ނުކުމެގެން ނުވާނެއެވެ. އެހެނީ މީހެއްގެ މައްޗަށް މިފަދަ ބަދުނާމެއް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެނީ އެއީ ﷲ އާއި އެކަލާނގެ ރަސޫލާގެ ޙައްޤެކެވެ. މުސްލިމެއްގެ ޙައްޤެކެވެ. އަދި އޭނާ އެކަނޑައެޅި ހުކުމުގައި އަނެކާއީ އެފަދަ މީހެއްކަމުގައި ނުވާނަމަ އެ ޙުކުމެއް އެނބުރި އަންނާނީ އެބުނި މީހަކާ ދިމާއަށެވެ.   އަންނަނިވި ނަބަވީ އިރުޝާދަށް ބައްލަވާށެވެ!  عن أبي هريرة رضي الله عنه : أن رسول الله صلى الله عليه و سلم قال ( إذا قال الرجل لأخيه يا كافر فقد باء به أحدهما )    މާނައީ މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ." މީހަކު އޭނާގެ އަޚާއާއި ދިމާއަށް އޭ ކާފަރު މީހާއޭ ބުނެފިނަމަ އެ ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ކާފަރުވާނެއެވެ. "
    ކަމަކީ މިހާ ނުރައްކާތެރި ކަމަކަށް ވީއިރު މިކަމުގައި އަވަސް އަރައިގަތުމަކީ ފަހަރެއްގައިވެސް ކޮށްގެން ވާނެކަމެއް ނޫނެވެ. އަދި މިއީ ޢާންމު ފަރުދުންގެ ކަމެއް ވެސް ނޫނެވެ. މިއީ ޢިލްމުވެރިންގެ ކަމެކެވެ. (ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+3
 
 
 
ރައްދު ދެއްވުމަށް
ޝޭޚް ސަމީރަށް ޝުކުރިއްޔާ! މިއީ ވަރަށް މުހިންމު ލިޔުމެއް! މިލިޔުން ފުރިހަމަ ކުރެއްވުމަށްފަހު، ޢާންމުންނަށް ލިބޭނޭގޮތަށް ޗާޕުކުރުންވެސް މުހިންމުކަމުގައި އަޅުގަނޑު ދެކެން! - ހަސަން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ދެވަނަ ލިޔުމަކަށް އިންތިޒާރުކުރަން ! : އަހުމަދު އމތޔޒ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...