| ހޮނިހިރު, 19 ސެޕްޓޭމްބަރ 2009 01:59 |
| މުނާޖާ ގޮވުން، ކޮންކަހަލަ ކަމެއް؟ |
|
އައްޝައިޚް ޙަސަން މޫސާ ފިކުރީ - މުނާޖާ ގޮވުމަކީ ޒަމާނޫއްސުރެ މާލޭގައި ކުރެވެމުން އައިސްފައިވާ ކަމެކެވެ. އެކަމަކީ، ދަރުމަޔާ ސަވާބު ލިބޭކަމެއްގެ އިތުރުން އިސްލާމް ދީނުގެ މަތިވެރި ޝިޢާރެއްކަމުގާ މީސްތަކުން ޤަބޫލުކުރެއެވެ. އަދި މުނާޖާ ނުގޮވައިފިނަމަ ބޮޑެތި އާފާތްތަކާ މުޞީބާތްތަކާ ކުރިމަތިވާނޭކަމަށް ހަދައިގެން ބޮޑެތި ބުހުތާން ފުލޯކު ވާހަކަވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގާވަނީ ފެތުރިފައެވެ. އޭގެ ތެރެއިން އެއްވާހަކައަކީ މުނާޖާ ނުގޮވައިފިނަމަ، ރަންނަމާރި އަލުން އަރައިފާނޭކަމުގައި ކުރީގެ މީހުން ކުރި ހީކުރުމެވެ.ނަމަވެސް ސުވާލަކީ މުނާޖާ ގޮވުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް ތޯއެވެ؟ މިސުވާލަށް ޖަވާބު ދިނުމުގެ ކުރީގައި ޢަރަބިބަހުގައި މުނާޖާގެ މާނައަކީ ކޮބައިތޯ ދެނެގަތުން މުހިންމެވެ. ޢަރަބިބަހުގައި مناجاة ގެ މާނައަކީ ސިރުން ވާހަކަ ދެއްކުމެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް މިމޭރުން مناجاة ގެ މިލަފުޒު އެކަލޭގެފާނުގެ ޙަދީޘްފުޅުގާ ވަނީ ބޭނުން ފުޅުކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފާވެއެވެ. "إِذَا كَانَ ثَلاَثَةٌ فَلاَ يَتَنَاجَى اثْنَانِ دُونَ وَاحِدٍ" - متفق عليه މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ތިން މީހަކު ތިބެއްޖެނަމަ، އޭގެ ތެރެއިން އެކަކު ބާކީކޮށް ދެމީހުން ސިއްރު ވާހަކަ ނުދައްކާށެވެ." މިފަދައިން ސިއްރުވާހަކަ ދެއްކުން ނަހީކުރައްވާފައިވާ ސަބަބުވެސްވަނީ އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުގައި އަންގަވާފައެވެ. އެއީ އެ ބާކީވާ މީހާއަށް އެކަމުން ލިބޭ ހިތްހަމަނުޖެހުމާ ހިތާމައަކަށްޓަކައެވެ. مناجاة ގެ މިލަފުޒު ކީރިތި ޤުރްއާނުގައިވެސް ވާރިދުވެފައި ވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَى وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ" (المجادلة : 9) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސިއްރުން ސައްލާ ކުރަނީނަމަ، ފާފަވެރިކަމާ، ޢަދާވަތްތެރިވުމުގެ މައްޗަށާއި، ރަސޫލާއަށް ނުކިޔަމަންތެރިވުމުގެ މައްޗަށް ސައްލާ ނުކުރާހުށިކަމެވެ. އަދި ހެޔޮކަންތައްތައް ކުރުމުގައްޔާއި ތަޤްވާވެރިވުމުގައި ތިޔަބައިމީހުން ސައްލާކުރާށެވެ. އަދި ﷲ އަށް ތަޤްވާވެރިވާށެވެ. ތިޔަބައިމީހުން މަޙްޝަރުކުރައްވާހުށީ އެކަލާނގެ ޙަޟުރަތަށެވެ." މިއާޔަތުގާ مناجاة ގެ މިލަފުޒުގެ މުރާދަކީ ސިއްރުން ސައްލާކޮށް ވާހަކަ ދައްކާހެދުމެވެ. އިހުޒަމާނޫއްސުރެ ފުރަމާލޭގައި މުނާޖާ ގޮވައި، ކިޔަވާހެދި، ކިޔަވާހެދުމަކީ މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވައްސަމްގެ ސުންނަތުން ސާބިތުވެފައިވާ ކަމެއް ނޫނެވެ. އެހެނީ އަޅުކަން ކުރުމުގައި އަޅުގަނޑުމެން ތަބާވާން ޖެހޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ރަސުލާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވާފައިވާ ގޮތުގެ މައްޗަށެވެ. މިމާތް ދީން ފުރިހަމަ ކޮށްދެއްވާފައިވާކަން ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތުގައި އަންގަވައިދެއްވާފައެވެ. މާލޭގައި ގޮވާ މުނާޖާގައި ކިޔވާ ކިޔެވެލިތަކާއި ދުޢާތަކަކީ އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ ދުޢާކުރުމަކީ އެއީ އަޅުކަންކަމުގައި މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަވަނީ ޙަދީޘްކުރައްވާފައެވެ. ވީމާ، އަޅުކަމުގެ ތެރެއަށް އެއްވެސް ކަމެއް އިތުރުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. |
ކިޔުންތެރިންގެ ޚިޔާލް