| ބުދަ, 15 ޖުލައި 2009 18:12 |
| ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން. (2 ވަނަ ބައި) |
|
ލިޔުނީ: ޢަބްދުﷲ ޙަސީން -
ދިވެހި ރާއްޖެއަށް ތާރަފްކުރެވޭ ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުންގެ އުދާސްތަކާއި ޝަކުވާތަކަށް ފިނިކަން ގެނެސްދެވޭ ވަރުގެ ގާނޫނީ ގިޔޮގަނޑެއްގެ ތެރޭގައި ތަރުތީބުކުރެވިފައިވާ ފުށުއެރުމެއްނެތް މުސްތަގިއްލު ބާރަކަށް ވާންވާނެއެވެ. އެހެން އެކަން ނުވާނަމަ ޑިމޮކްރެޓިކް ވެރިކަމަކުން ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ ސިޔާސީ ބާރުތަކުގެ ދެބައިކުޅަ އެއްބައި އުނިވަނީއެވެ. މަރުކަޒުތަކަށް ޖަމާކުރެވިފައިވާ ހިންގުމުގެ ބާރުތައް އާބާދީއަށް ރިއާޔަތްކޮށް ބެހެފައިނުވާނަމަ ގައުމުގެ މުއްސަނދިކަން ހަގީގީ މާނައިގައި އިންސާފްވެރިކަމާއެކު ބެހިގެނެއް ނުދާނެއެވެ. އަދި ދައުލަތުގެ ބާރުތަކަށާއި ހާއްސަކޮށް އެގްޒެކެޓިވް ބުރާންޗަށް ޕްރެޝަރު ބޮޑުވެ، ގައުމުގައި ސިޔާސީ ހަލަބޮލިކަން އުފަންކުރުވުމަށް މަގުފައިކުރުވައެވެ. ދިވެހި ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ފަރުމާކުރައްވާފައިވާ ބިލަށް ޖުމުލަކޮށް ބަލާއިރު ކައުންސިލްތަކަށް ލިބިދެވިފައިވާ ބާރުތައް ރަނގަޅުކަމުގައި ފެނެއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާ ބާރުތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާކަން ދޭހަވެއެވެ. އެހެންނަމަވެސް ޔުނިޓަރީ ދައުލަތެއްގައި އެބާރުތައް އެގޮތުއް ޕްރެކްޓިސް ކުރުމުގައި ގާނޫނު ފުށުއެރުމުގެ މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އެބަ އޮތެވެ. ސަބަބަކީ ޔުނިޓަރީ ދައުލަތަކީ އެ ދައުލަތް ހިންގުމުގެ ބާރުތައް އެއް ސަރުކާރަކަށް ނިސްބަތްވާ، އަދި ޕްރޮވިންސްތަކަށް ބަހާލިކަމުގައިވިއަސް ގާނޫނީ ގޮތުން އެއްބަޔަކު އަނެއްބަޔަކާއި ތަފާތު ނުކުރެވޭ ދައުލަތަކަށްވާކަމެވެ. ޔުނިޓަރީ ދައުލަތެއްގައި އިގްތިސާދީ، އިޖްތިމާއީ އަދި ސަޤާފީ ގޮތުން އެއް ސަރަހައްދު އަނެއް ސަރަހައްދާ ހުންނަ ތަފާތުތަކާމެދު، ގާނޫނީ ގޮތުން އަމަލުކުރެވޭ އުސޫލު ތަފާތެއް ނުކުރެވޭނެއެވެ. ބިލްގައި ވިއްސަވުރެ ގިނަ ގަވާއިދު ކައުންސިލްތަކުން ހަދާ ހިންގިދާނެކަމަށް ބުނެފައިވާއިރު އުފެދޭ ސުވާލަކީ މިފަދަ ގަވާއިދުތަކުން އެއް އެއްސަރަހައްދު އަނެއް ސަރަހައްދާ ތަފާތު ކުރެވޭނީ ކިހާވަރަކަށްބާއެވެ؟ ސަރުކާރުން ފަރުމާކުރައްވާފައިވާ ލާމަރުކަޒީ އުސޫލުގެ ބިލް ކިޔާލުމުން ބައެއް މީހުންނަށް މޭރުންވަނީ ފެޑެރަލް ސިސްޓަމެއްގައި ލިބިދެވޭ ގާނޫނީ ބާރުތައް، ޔުނިޓަރީ ދައުލަތެއްގައި އެކްސަސައިޒް ކުރެވިދާނެކަމަށް ބަލައިގެން އެބިލް ފަރުމާކުރައްވާފައިވާކަމަށެވެ. ލާމަރުކަޒީ އުސޫލުގެ ބިލްގައި ބަޔާންކޮށްް އަދި މިހާރުވެސް އަމަލުކުރެވެމުންދާ ގޮތުން ޕްރޮވިންސްތަކުގައި ސަރުކާރު ތަމްސީލުކުރާ އިސް ވެރިއަކު ހުންނަވައެވެ. ވީމާ ކައުންސިލްތަކުގެ ގާނޫނީ ބާރުތަކާއި ޕްރޮވިންޝަލް މިނިސްޓަރުގެ ބާރުތަކުގެ ގާނޫނީ އިން ވީހާވެސް ބޮޑަށް ވަކި ކުރެވިފައި އޮންނަންޖެހޭނެއެވެ. ބޭނުމަކީ މީހާރުވެސް ބިލްގައި އޮތް މިންވަރުން މިނިސްޓަރުގެ ބާރުތައް ސާފުވާމިންވަރު ކުޑަވުމާއިއެކު، ގާނޫނީ އޮޅުންބޮޅުން ވީހާވެސް ކުޑަކުރުމެވެ. ކައުންސިލްތަކަށް އަންނާނީ އާންމު ރައްޔިތުންގެ ތެރެއިން ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާއިރު، ވިހާވެސް ބޮޑަށް ގާނޫނީ އޮނިގަނޑު ސާފްކޮށް ފެންނަން އޮތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ![]()
|
ކިޔުންތެރިންގެ ޚިޔާލް