| ބުރާސްފަތި, 18 ޖޫން 2009 15:20 |
| ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ( ފުރަތަމަ ބައި ) |
|
ޢަބްދުﷲ ޙަސީން - ލާމަރުކަޒީ އުސޫލަކީ އިދާރީގޮތުން ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ނުވަތަ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން އެމީހުން އަމިއްލައަށް ނިންމުމަށް މަގުފައިކުރާގޮތަށް ފަރުމާކުރެވިފައިވާ ހިންގުމުގެ ނިޒާމެކެވެ. މިނިޒާމު ދުނިޔޭގެ ތަފާތު ގައުމުތަކުގައި ތަފާތު ގޮތްގޮތަށް ޕަރެކްޓިސް ކުރަމުންދިޔަކަމުގައިވިޔަސް ގާނޫނީ ގޮތުން ލިބިދެވޭ ބާރުތަކުގެ މިންވަރު ފިޔަވާ މާބޮޑެތި ތަފާތުތަކެއް ފެންނާކަށް ނުހުރެއެވެ.ލާމާރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ބޭނުމަކީ އަތޮޅުތަކާއި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި، ސަގާފީގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މީގެ ސަބަބުން ގައުމީ ތަރައްޤީގެ ސްޕީޑަށް ވަރަށްބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ރަށްފުށުގައި މަޑުޖެހި ތާށިވެފައިވާ ވަރަށް ގިނަ މައްސަލަތައް ހައްލުވެ، އިޖްތިމާއީ ގުޅުންތައް ހަރުދަނާވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ. މިސާލަކަށް ދައްނަވާނަމަ ގެވަޅު ނުލިބުމުގެ މައްސަލަތަކާއި ކުނި ނައްތާލުންފަދަ މައްސަލަތައް ހައްލުވެގެންދާނެއެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުން ހަމަޖެހިފައިވާ ގަވާއިދު ތަކަކާއެކު ވަކި އޮނިގަނޑެއްގެ ތެރެއަށް ފެތިގެން ދާނެކަމަށް އުންމީދުކުރެވެއެވެ. ދިވެހި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ލާޒިމުކުރަނީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށެވެ. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކާ ބޭނުންވާ ގާނޫނުގެ ޑްރާފްޓެއް ސަރުކާރުން ފަރުމާކުރެއްވުމަށްފަހު މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައެވެ. ސަރުކާރުން ފަރުމާކުރައްވަވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއިބެހޭ ބިލް ފަރުމާކުރައްވާފައިވަނީ މުޅި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށް، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވެފައިވާ ވައުދާ އެއްގޮތަށެވެ. އެހެންކަމުން މި ބިލަށް ބަލާއިރު ރާއްޖޭގެ އިދާރީ ދާއިރާތައް ހަތް ޕްރޮވިންސަކަށް ބަހައި، މިއިން ކޮންމެ ޕްރޮވިންސަކަށް ނިސްބަތްވާ އިދާރީ ދާއިރާތައް ހިންގުމަށްޓަކާ އަތޮޅު ކައުންސިލެއް އުފެއްދޭނެއެވެ. ރަށްފުށުގެ ކަންކަން ހިންގުމަށްޓަކާ ކޮންމެ ރަށެއްގައި ރަށުކައުންސިލެއް އުފެއްދޭނެއެވެ. ބިލަށް ބަލާލުމުން ފެންނަނީ އަތޮޅު ކައުންސިލްގެ ގޮތުގައި ކޮންމެ ޕްރޮވިންސެއްގައި އެއްކައުންސިލް އޮންނާތީއެވެ. މިއީ ޕްރޮވިންސްގެ ކަންކަން ރާވާ ހިންގާ ކައުންސިލެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ގާނޫނު އަސާސީގައި ޕްރޮވިންސް ކައުންސިލްތަކުގެ ގޮތުގައި ކައުންސިލްތަކެއް އުފެއްދުމަށް ސީދާ ގާނޫނީ ބަލަދުވެރިކަން ދީފައިނުވާތީކަމަށް ލަފާކުރެވެއެވެ. ![]() ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކާ، އެމްޑީޕީން ވެފައިވާ ވައުދާ އެއްގޮތަށް ރާއްޖެ ހަތް ޕްރޮވިންސަކަށް ބަހާލައި މިއިން ކޮންމެ ޕްރޮވިންސެއްގައި "އަތޮޅު ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފެއްދެވުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. މިބިލުގައި ކަންސިލްތައް ތަރުތީބު ކުރެވިފައިވާ ގޮތަށްބަލާއިރު ނ.އަތޮޅު ހިމެނޭ ޕްރޮވިންސްގެ ނަމަކީ "އުތުރު ޕްރޮވިންސް" އެވެ. އުތުރު ޕްރޮވިންސްގައި ހަތަރު އަތޮޅު ހިމެނެއެވެ. އެއީ ނ.ރ.ބ އަދި ޅ އެވެ. ޑްރާފްޓް ކުރެވިފައިވާ ބިލަށް ބަލާލީމާ އެނގެނީ އުތުރު ޕްރޮވިންސްގައި ހިމެނޭ ކޮންމެ އިދާރީ ދާއިރާއަކުން ތިން މެންބަރުން އިންތިހާބުކޮށް، ޖުމްލަ ބާރަ މެންބަރުންގެ މައްޗަށް އެކުލެވޭ އަތޮޅު ކައުންސިލެއް އުތުރު ޕްރޮވިންސްގައި އޮންނާނެކަމެވެ. މިއީ މިޕްރޮވިސްގައި ހިމެނޭ ހަތަރު އަތޮޅުގެ ކަންތައްތައް ރާވާހިންގާ ކައުންސިލެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ރަށުކައުންސިލެއް އޮންނާނެއެވެ. އިސްވެ ދެންނެވުނު ބިލް ޑްރާފްޓްކޮފައިވާ ގޮތާ އިދިކޯޅު ހިޔާލުގެ ބޭފުޅުން ފާހަގަ ކުރައްވާ ނުކުތާއަކީ ގާނޫނު އަސާސީގެ ރޫހަކީ މިހާރުވެސް އިދާރީ ދާއިރާތައް ބަހާފައިވާ ގޮތަށް ކޮންމެ އަތޮޅެއް (އިދާރީ ދާއިރާއެއް)ގައި އަތޮޅުކައުންސިލެއް އުފައްދާ އެ އިދާރީ ދާއިރާެގެ ދަށުގައިވާ ކޮންމެ ރަށެއްގައި ރަށުކަންސިލެއް އުފެއްދެވުންކަމަށާއި ގާނޫނު އަސާސީގައި ޕްރޮވިންސްތަކުގެ ވާހަކަ ބަޔާންކޮށްފައި ނުވާކަމަށެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ވިހި ނުވަތަ އެކާވީސް އަތޮޅުގެ ގޮތުގައި ބާއްވައިގެން ލާމަރުކަޒީއުސޫލުން ގައުމު ހިންގުމަށްވުރެ ފައިދާ ބޮޑީ މުޅި ރާއްޖެ ހަތް ޕްރޮވިންސަކަށް ބަހާލައިގެން ލާމަރުކަޒީއުސޫލުން ހިންގުންތޯ އުފެދޭ ސުވާލެވެ. |
ކިޔުންތެރިންގެ ޚިޔާލް