| އަންގާރަ, 16 ޖޫން 2009 08:51 |
| ނޫސްވެރިން ބިރުގަންނުވަން ނޫޅުއްވާ!! |
|
ޢަބްދުﷲ ޙަސީން - ނޫސްވެރިންނަށް ބިރުދައްކާ، ނޫސްވެރިން ސައިޒަށް ކަނޑާލުމުގެ ބޭނުމުގައިފަތުރާ ޕްރޮޕެގެންޑާތަކަކީ ނޫސްވެރިން ޖެހިލުންވާންވީ ކަމެއްނޫނެވެ. ޚުދުމުޚުތާރު ސިޔާސަތުތައް ގެންގުޅޭ ހަރުކަށި މީހުންގެ ބަސްތަކާއި އިންޒާރުތަކަކަށް ބެލުމުގެ ބޭނުމެއް މާނައެއްނެތެވެ. ނޫސްވެރިން ލިޔަންވީ އެއްޗަކާއި ބުނަންވީ އެއްޗެއް އެނގޭނީ ސިޔާސީ ލީޑަރުންނަކަށް ނޫނެވެ. ނޫސްވެރިންނަށެވެ. ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮންނާނެ ގޮތް ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައި ބުނަނީ " ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި މަޢުލޫމާތާއި ފެންނަގޮތާއި ޚިޔާލުތައް ފާޅުކުރުމާއި ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. " މިހެންނެވެ. ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތާމަ ޤާނޫނު އަސާސީ އަށް ބޯލަނބަން ޖެހެއެވެ. އަހަރެމެންގެ ސުލޫކީ ބިންގަލުގެ މައިބަދައަކީ އިސްލާމްދީނެވެ. ދީނުގެ މަސްދަރުތަކަށްފަހު ދެން އޮތީ ޤާނޫނު އަސާސީއެވެ. ދެންހުރި ޤާނޫނު ތަކާއި ޤަވާޢިދުތައް އޮންނާނީ އޭގެ ދަށުގައެވެ. ނޫސްވެރިންނާ ދެކޮޅަށް ޖިނާޢީ އަބުރުގެ ދައުވާ ނުކުރެވޭނެ ކަމަށް ބުނަން ޖެހެނީ އެހެންވެއެވެ. ޤާނޫނެއްގައި ކަމަށްވިޔަސް އަދި ޤާނޫނުލް އުޤޫބާތުގައި ކަމަށްވިޔަސް އަދި ޤަވާޢިދެއްގައި ކަމަށްވިޔަސް ޤާނޫނު އަސާސީއާ ފުށުއަރާ އެއްޗެއް އޮތްނަމަ އެ ފުށުއަރާ މިންވަރެއްވާނީ ބާތިލު އެއްޗަކަށެވެ. ![]() ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާބެހޭ މާއްދާއެވެ. އެމާއްދާގައި ބުނެފައިވަނީ " މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެހެން މީހެއްގެ ބުއްދިއަށް ފެންނަ ގޮތަކަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި ނޫންވެސް ގޮތްހޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. " މިހެންނެވެ. ![]() ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އިސްލާމީ މުޖްތަމަޢެއްގައި ދޫކުރެވޭނެ އެންމެ ފުޅާ ދާއިރާއެއްގައި އެވަނީ ދޫކޮށްލާފައެވެ. ޤާނޫނު އަސާސީން ދީފައިވާ މިނިވަންކަމެއް ހަނިކުރުމަށް ދައްކާ ވާހަކަތަކާއި ކުރާ ކަންތައްތަކާއި ކުރާ އިންޒާރުތައްވެސްވާނީ ބާތިލު ކަންކަމަށެވެ. ޑިމޮކްރަސީއެއްގައި ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރެވެ. ވެރިކަން ކުރާ ބާރާއި، ޝަރުޢީ ނިޒާމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރުގެ އިތުރުން އިތުރުބާރެއްގެ ގޮތުގައި ބެލެވެނީ ނޫސްވެރިކަމުގެ ބާރެވެ. އެއީ ދައުލަތުގެ ތިންބާރު ޒިންމާދާރު ކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަރާކުރަންޖެހޭ ބާރެވެ. ދައުލަތުގެ ބާރުތަކުން އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވާ އެބައެއްގެ ބާރު ޤައުމުގައި ގަދަ ކުރުމަށް ކުރާ މަސައްކަތް ހިނގާގޮތް ފެނެއެވެ. ހަމަ އެގޮތަށް ޤައުމުގެ ހަތަރުވަނަ ބާރުކަމަށްވާ ނޫސްވެރިކަމުގެ ބާރު ކަނޑުވާލަން ނޫނީ ނޫސްވެރިން ބިރުގެންނެވުމަށް ސިޔާސީ ލީޑަރުން ކުރައްވާ މުޑުދާރު ޢަމަލުތައްވެސް ދަނީ ފެންނަމުންނެވެ. މިއީ ނޫސްވެރިން ޖެހިލުންވާންވީ ކަމެއްނޫނެވެ. އަދި ޖެހިލުންވާނެ ކަމެއްވެސް ނޫނެވެ. ނޫސްވެރިން ބިރުގަންނުވަން ނޫޅުއްވާށެވެ. |
ކިޔުންތެރިންގެ ޚިޔާލް