ހޮނިހިރު, 23 ޖެނުއަރީ 2010 01:49
ނ.ކެނދިކުޅުދޫ ދާއިރާގެ މެމްބަރާއި ދެކޮޅަށް އެރަށުގައި ފޮތިތަކެއް ދަމައިފި


ނ. އަތޮޅު ކެނދިކުޅުދޫއަށް ކޮށްދެއްވަން ވަޢުދުވެވަޑައިގެންނެވި ކަންތައްތަކެއް ނުވާ ކަމަށްބުނެ އެރަށު ބަޔަކު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު އީސާއާ ދެކޮޅަށް ބުދަ ދުވަހު ފޮތިތަކެއް ދަމައިފިއެވެ. ކެނދިކުޅުދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ކެނދިކުޅުދޫގައި މެމްބަރާއި ދެކޮޅަށް ފޮތިތަކެއް ދެމީ މިއަހަރުގެ ދިރާސީ އާ އަހަރު ކެނދިކުޅުދޫ ސްކޫލް ކުދިން ދަތުރުކުރަން ބަހެއް ހަމަޖައްސަވައި ދެއްވާނެކަމަށް އަޙުމަދު ވިދާޅުވުމާއި، އެއްއަހަރު ދުވަހުގެ ތެރޭގައި އަންހެނުންގެ ޑޮކްޓަރެއް ކެނދިކުޅުދޫއަށް ލިބޭނެކަމަށް ވިދާޅުވެ މިކަންތައްތައް ނުވެ ދިގުލައިގެން ދިޔުމާއި ގުޅިގެންކަމަށް އޭނާ ބުންޏެވެ.

ކެނދިކުޅުދޫގައި ދަމާފައިވާ ފޮތިތަކުގައިވެސް މިފަދަ ޢިބާރާތްތައް ލިޔެ އެބައިމީހުންގެ ޝުޢޫރު ފާޅުކޮށްފައިވެއެވެ. އަދި ގެވަޅު ދޫކުރާގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން '' ކަތީބުގެ ދެގެވަޅަށްފަހު މާކެނދިކޮޅުން ބިން ހުސްވެފައި'' ފަދަ ޢިބާރާތްތައް ލިޔެފައިވާ ފޮތިގަނޑުތައް ދަމާފައިވެއެވެ.

މިކަމާއިގުޅިގެން އެމްއެލްއާ ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު ބުރާސްފަތި ދުވަހު ވިދާޅުވީ، ސްކޫލަށް ބަހެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެގޮތުން ފަސްލައްކަ ރުފިޔާ އެކަމަށް ޚަރަދުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސިޓީއަކުން ސްކޫލްގެ މެނޭޖްމަންޓަށް އަންގަވާފައިވާ ކަމަށެވެ. އަދި ބަސް އެތެރެކޮށްދޭނެ ފަރާތެއް ހޯއްދެވުމުގެ މަސައްކަތް ބީލަން އުޞޫލުން ކުރައްވަމުން ގެންދަވާކަމަށް ވެސް އަޙުމަދު އީސާ ވިދާޅުވިއެވެ.

''ބަސްދަތުރު އިންތިޒާމް ކުރުމުގެ ހުއްދަ ސަަރުކާރުގެ ޤަވާޢިދާއި އެއްގޮތަށް އެއުޞޫލުން ފަސްލައްކަ ރުފިޔާ ޚަރަދު ކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްގެ މެނޭޖްމަންޓަށް ސިޓީއަކުން ދަންނަވާފައި އޮތީ. ދެންމިޖެހެނީ ސްކޫލުން އިޢުލާންކޮށްގެން ޖަޕާން ފަދަ ތަނަކުން ސްކޫލްބަހެއް އެތެރެކޮށްދޭނެ ފަރާތެއް ހޯދަން. އެކަންވެސް ސްކޫލުން ގެންދަވަނީ ކުރައްވަމުން. ސްކޫލް ބޯޑަށް ވެސް ރަނގަޅަށް އެނގޭނެ މިމަސައްކަތް ގޮސްފައި އޮތް ހިސާބު. މިއިން ކޮންމެ ކަމަކީވެސް އެކަމަށް ވަޤުތު ބޭނުންވާނެ ކަންކަން ދެއްތޯ.'' އަޙުމަދު އީސާ ވިދާޅުވިއެވެ.

އަންހެނުންގެ ޑޮކްޓަރެއް ނުލިބި ލަސްވަމުންދާ ދިޔުމާއި ބެހޭގޮތުން ކެނދިކުޅުދޫ މެންބަރު އަޙުމަދު ޢީސާ ވިދާޅުވީ، ކެނދިކުޅުދޫ ސިއްޙީމަރުކަޒަށް އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ހޯއްދެވުމުގެމަސައްކަތް ކުރެވެމުންދާކަމަށާއި، އެގޮތުން ޕުރޮވިންސް އޮފީހުގެ ހެލްތް ޑެސްކްގެ ބޭފުޅުންނާއިވެސް މިކަމާއި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ސިއްޙީ މަރުކަޒުގައި އަންހެނުންގެ ބަލިތައް ޑައިގްނޯސް ކުރެވޭނެ ގޮތްތަކެއް ނެތި އަންހެން ޑޮކްޓެއް ގެންދިއުން މުހިންމު ނޫންކަމަށް އެބޭފުޅުންވެސް ވިދާޅުވަމުން ގެންދަވާކަަށް އޭނާ ވިދާޅުވިއެވެ.

''އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ގެންދަން ބަލާއިރު، ސިއްޙީމަރުކަޒުގެ ހާލަތު އެހާ ރަނގަޅެއްނޫން. ފުރަތަމަ އެތަން ތަރައްޤީ ކުރަން މިޖެހެނީ . ޕްރޮވިންސް އޮފީހުގެ ހެލްތު ޑެސްކުން ވެސް ވިދާޅުވެފައިވަނީ ލެބޯޓްރީއެއް ވެސް ހުންނަން އެބަޖެހެއޭ އަދިހަމަ އެހެނިހެން ފެސިލިޓީ ވެސް ޤާއިމްކުރަން އެބަޖެހެޔޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅުން ސިއްހީމަރުކަޒު ތަރައްޤީކުރެއްވުމަށް ބައްލަވަންޖެހޭ ބެއްލެވުންތައް މިހާރުވަނީ ބައްލަވާފައި. ޑޮކްޓަރެއް މާދަމާ ގެންގޮސް ބެހެއްޓިޔަސް ސްކޭން ވެސް ކޮށްލެވޭނެ ގޮތެއް އެތަނުގައި ނެތް. އެހެންވީމާ މިކަންކަން ހަމަޖެހުނުހާ އަވަހަކަށް އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކު އިރާދަ ކުރެއްވިއްޔާ ކެނދިކުޅުދޫއަށް ހަމަޖެހިގެންދާނެ.''

އަޙުމަދު ޢީސާ ވިދާޅުވީ، ޑިމޮކްރަސީގައި ބިނާކުރުވަނިވި އުޞޫލުން ފާޑުކިޔުމަކުން މައްސަލައެއް ނެތް ކަމަށާއި، ކަން އޮތްގޮތް ނުބައްލަވާ ފާޑުކިޔުމަކީ ޒަތީ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ޑިކޮމްރަސީގެ ރޫޙާ ޚިލާފުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް އެމްއެލްގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވިއެވެ.

މިލިޔުމާއި ގުޅޭ އިތުރު ފޮޓޯތައް:


ކިޔުންތެރިންގެ ޚިޔާލް

ޝެޑޯ
0
 
 
 
ރައްދު ދެއްވުމަށް
ބަލަ ވައުދުތައް ވަމުން ދިޔައިރު މަރުކަޒު ހުރިހާލަތު ނޭންގެނީދޯ؟ ކަން އޮތްގޮތް ކޮންމެ ގޮތަކަށް ބެލިޔަސް ވީ ވައުދު ތަކެއް ނުފުއްދޭނު..ރީދޫ ހުރިހާ މެންބަރުންވެސް ކެނޑީ ހުސްފޮނި ..
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އަހުމަދަށް ހީވާކަހަލަ ، ވައުދުވެވިފަ ތިހިރަ ކަންތައްތަކަކީ ފުއްދަން ވަރަށް ފަސޭހަ ކަންތައްތަކޭ، ކިހިނެއްތަ ފަސްލައްކަ ރުފިޔާ އަށް ދެބަސް ގެންނާނީ، އަދި ވަޢުދިވި ކެނދިކުޅުދޫ ބޮޑު މަގުގަ ތާރު އަޅަންވެސް،،، އަހައްމަދަށްވާ ސާބަސް،
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...