|
އާދިއްތަ, 27 ޑިސެމްބަރ 2009 21:46 |
|
މަސްތުވާ ތަކެތި ކަމަށްބެލެވޭ 72 ޕަކެޓާއެކު މާޅެންދޫން މީހަކު ހައްޔަރުކޮށްފި |
|
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 72 ރަބަރު ޕަކެޓާއިއެކު ނ. މާޅެންދޫ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ ނ.މާޅެންދޫ، ފަރިމާގެ އުމުރުން 19 އަހަރުގެ މުޙައްމަދު ޙަސަން ކަމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވެއެވެ.
މިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ނ.އަތޮޅުގެ ރަށްރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރަމުންދާ މީހުން ހޯދުމަށް ނ.އަތޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރިއަށް ގެންދާ އޮޕްރޭޝަންގެ ދަށުން މި ޑިސެމްބަރ މަހުގެ 27 ވަނަދުވަހު ފުލުހުން ހިންގި އޮޕްރޭޝަނެއްގައެވެ. މީނާ މަނަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ކުޑަކަމުދާތަކެތި ޗެކުކުރުމުން މީނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި މީނާގެ އަތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭ -/2110ރ އާއި ބޭންކުން ފައިސާ ޓްރާންސްފަރ ކޮށްފައި 02 ސްލިޕްފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
|
ކިޔުންތެރިންގެ ޚިޔާލް