ހުކުރު, 25 ޑިސެމްބަރ 2009 16:41
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ

 
ނ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމާއިގުޅިގެން ނ. އަތޮޅު ކައުންސިލަރ މުޙައްމަދު މާހިދު މިއަދު މަނަދޫލައިވް ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފެންބޮޑުވިރަށްތަކަށް ބޭނުންވާ ވަރަށް މާލެއިން ޕަމްޕް ގެނެއުމުގެ މަސައްކަތް ކުރައްވަނިކޮށް، ޅ. ފެލިވަރުންނާއި، އިރުފުށިން ފެންހިއްކުމަށް ބޭނުންވާ ޕަމްޕް ފަދަ އާލާތްތައް ލިބޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެންހިއްކުމުގެ މަސައްކަތް ވަރަށްބާރަށް އަތޮޅުގައި ކުރިއަށްދާ ކަމުގައި ވެސް ނ. އަތޮޅު ކައުންސިލަރ މުޙައްމަދު މާހިދު ވިދާޅުވިއެވެ.

މަނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ތާރިޤް މިއަދު ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި ގުޅިގެން ފެންހިއްކުމަށް ބޭނުންވާ ޕަމްޕާއި، ހޮޅި އަދި ކަރަންޓް ސަޕްލައި ސަރުކާރުން ހަމަޖެއްސަވައިގެން އެތަކެތި ނަންގަވަން މަސައްކަތް ކުރައްވަނިކޮށް، ޅ. ފެލިވަރުން 2 ޕަމްޕާއި، ހޮޅި ލިބޭގޮތަށް ހަމަޖެހުނު ކަމަށެވެ. އަދި އިރުފުށިން ވެސް  4 ޕަމްޕް ހަމަޖެހުމުން، މާލެއިން ފޮނުވަން ހަމަޖެހުނު ޕަމްޕްތައް ނުފޮނުވާ ގޮތަށް ނިންމީ ކަމަށެވެ.  މިހެން ހަދަންޖެހުނީ ޅ. އަތޮޅާއި ނ. އަތޮޅުން ވައިގެ މަގުންވެސް ޖާގައެއް ނުލިބުމުންނާއި، މޫސުމް ގޯސްވުމުގެ ސަބަބުން ލޯންޗެއްވެސް ހަމަނުޖެހުމާއި ގުޅިގެންކަމަށް ތާރިޤް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ވިދާޅުވީ، ނ. އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެނދިކުޅުދޫގައި ދެ ފޫޓަށް ފެންބޮޑުވެފައިވާއިރު، އެރަށުން ކަރަންޓްވެސް ކަނޑާލަން ޖެހުނު ކަމަށެވެ. އަހުމަދު ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން އާންމުންގެ މުދަލަށް ގެއްލުންވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، ހދ. ކުޅުދުއްފުށިން ވެސް ފެންހިއްކުމަށް ބޭނުންވާ ސާމާނު ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.  

މަނަދޫ ޕޮލިސް ސްޓޭޝަން ހިންގެވުމާއި ޙަވާލުހުންނެވި ކޯޕްރަލް އަޙްމަދު އާތިފް ފެންހިއްކުމުގެ މަސައްކަތުގައި ނ. ކެނދިކުޅުދޫގައި ހުންނަވައިގެން މިއަދު ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމާއިގުޅިގެން މަނަދޫ، ހެނބަދޫ، މިލަދޫ، ކެނދިކުޅުދޫ އަދި ވެލިދޫގައި ފެންހިކުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުންފަދަ މަސައްކަތް ރައްޔިތުންނާއި ގުޅިގެން ފުލުހުން ވަރަށްބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސިފައިން ވެސް ހެނބަދޫ އާއި މާޅެންދޫގައި ޕަމްޕް ޖަހައިގެން ފެންހިއްކުމާއި، ގޭގެއަށް ފެން ނުވަންނާނޭގޮތަށް ވެލިބަސްތާ ޖެހުމުގައި ޙަރަކާތްތެރި ވަމުން ގެންދަވާ ކަމަށް އާތިފް ވިދާޅުވިއެވެ. 

ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނ. އަތޮޅަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވި ރަށްތަކުގެ ތެރެއިން ގިނަ ރަށްރަށުގައި ޖަންކްޝަންތައް ފުރި ބޭރަށް ލީކް ވުމުގެ ސަބަބުން ފާޚާނާކުރުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ނ. ކެނދުކުޅުދޫ ކެނދުކޮޅު އަވަށުގެ ހުރިހާ ސަރަޙައްދެއްގައި ވެސް ފެންބޮޑުވެ ވަރަށް ގިނަ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނ. ކެނދިކުޅުދޫގައި ފެންބޮޑުވުމުގެ ހާދިސާގައި  ކާނު ކޮނެ، ޕަންޕް ބޭނުންކޮށްގެން ފެންގަނޑު މޫދަށް ބޭރުކޮށްލުމުގެ މަސައްކަތް އެރަށުގެ ހުރިހާ ރައްޔިތުންނާއި ޒުވާނުން ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމުގައި އެސޯސިއޭޝަން ފޯރ ކެނދިކުޅުދޫ ޔޫތް ޑިވެލޮޕްމެންޓް އެންޑް އެންވަޔަރަންމެންޓަލް އެވެޔާނަސް (އަކީޑިޔާ) އިން މަޢުލޫމާތު ދެއްވިއެވެ.

ނ. އަތޮޅުގައި ފެންބޮޑުވި ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުގެ ގިނަ އަދަދެއްގެ ގޭގެއަށް ފެންވަދެފައިވާއިރު އެރަށްރަށުގެ ބައެއް ސަރަޙައްދުތަކުގައި ދެފޫޓަށްވަނީ ފެންބޮޑުވެފައެވެ. މިހާދިސާގައި ފެންވަދެފައިވާ ގޭގޭގައި ހިފާގެންގުޅޭ ބައެއް ސާމާނަށްވަނީ ގެއްލުން ލިބިފައެވެ.

 
ކުއްލި ޚަބަރު

19:15 - 

ނ. ލަންދޫ ބައެއް ސަރަޙައްދުތަކުގައި ވެސް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯޓްކޮށްފިކަމަށް ދާދި ދެންމެ މަނަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވެއްޖެއެވެ. ޕޮލިސް ސްޓޭޝަނުން ވިދާޅުވީ، ލަންދޫގައި ފެންބޮޑުވި ސަރަޙައްދުން ފެން ހިއްކުމުގެ މަސައްކަތް އެރަށުގައި މިހާރު ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. 

  18:15 - 

ނ. މާފަރަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެންވަންނަ ކަމުގެ ރިޕޯޓް ލިބިއްޖެކަމުގައި ދާދި ދެންމެ މަނަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވެއްޖެއެވެ.  ނ. އަތޮޅަށް އަދިވެސް ހުއްޓާނުލާ ބޯކޮށް ވާރޭވެހެމުންދާކަމަށް  މަޢުލޫމާތު ލިބިފައި ވެއެވެ. މިޚަބަރާއި ގުޅޭ އިތުރު ތަފްޞީލާއި ފޮޓޯ މަނަދޫ ލައިވްއިން ގެނެސްދެވޭތޯ މިދަނީ މަސައްކަތް ކުރަމުންނެވެ. 

 16:20 -

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނ. އަތޮޅުގެ 7 ރަށެއްގައި މިއަދު ފެންބޮޑުވެއްޖެއެވެ. ފެންބޮޑުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ މަނަދޫ، ހެނބަދޫ، މިލަދޫ، ވެލިދޫ، ހޮޅުދޫ، މާޅެންދޫ އަދި ކެނދިކުޅުދޫއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނ. މާޅެންދޫގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން ފެންހިއްކުމުގެ ގޮތުން މިހާރުވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ނ. މިލަދޫގައި ފެންބޮޑުވުމާއިގުޅިގެން ނ. އަތޮޅުގައި ތިއްބަވާ ފުލުހުން އެރަށުގައި ފެންހިއްކުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

ނ. އަތޮޅަށް ކުރި ވިއްސާރައިގައި ބައެއް ރަށްރަށުން ލިބިފައި ހުރި ފޮޓޯތައް:

 


 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ފެންބޮޑުވުމާއި، ފުލުހުންނާ ވަރަށް ބޮޑަށް ގުޅުން ހުރި ކަމަށް ބެލެވޭ، މި ކަމުގައި ރަށުއޮފީސް ތަކާއި ކައުންސެލަރުންގެ ބަހެއް ނެތީތޯ؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ކޮންމެ ކަމެއް ސިޔާސީ ތިކުރައްވަނީ ކީއްވެގެންތޯ....؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ފެންބޮޑުވުމުގެ ސަބަބުން ވަރަށްގިނަ ޢާއިލާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވޭ. މީގެކުރިން މިފަދަ ހާދިސާތަކުގައި ރައްޔިތުންނަށް ލިބޭ ގެއްލުންތަކަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ އެހީއެއް ވެދެއްވާފަހުރީ. މިފަހަރު އެފަދަ އެއްވެސް އަޑެއް މިހާތަނަށް އިވިފައި ނުވާތީ މިސަރުކާރުގެ އޯގާތެރިކަމާމެދު ސުވާލުއުފެދޭ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...