ބުދަ, 13 މެއި 2009 16:02
ހިންނަވަރު ދާއިރާގެ އިންތިޚާބު ބާތިލުކޮށް އަލުން ވޯޓުލުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅައިފި
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި އާންމު އިންތިޚާބުގެ ޅ. ހިންނަވަރު ދާއިރާގެ ނަތީޖާ ބާތިލުކޮށް އަލުން އެ ދާއިރާގައި ވޯޓު ލުމަށް އެދި ރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މައްސަލަ ހުށަހެޅީ އެދާއިރާއަށް އަމިއްލަގޮތުން ކުރިމަތި އަޙްމަދު ޝަރީފް ( ހާޖިބޭގެ އަޙްމަދު ) އެވެ. ޅ. ހިންނަވަރުގައި ވޯޓު ލަމުންދިޔައިރު ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ވޯޓުލީ މައްސަލައެއްވަނީ ފެންމަތިވެފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއްގެ ނަމުގައިވެސް ވޯޓުލާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. ވޯޓުލަމުންދިޔައިރު މައްސަލަ ކުރިމަތިވެގެން ހިންނަވަރު ދާއިރާގައި އެތައް އިރެއްވަންދެން ވޯޓު ފޮށި ބަންދުކޮށްފައިވެސް ބެހެއްޓިއެވެ. އެފަހަރު މައްސަލަ ޖެހުނީ ބަލި މީހަކާއެކު ދިޔަ މީހަކަށް ވޯޓު ކަރުދާސް ދޫކުރަން އިން ކުއްޖަކު އިތުރު ވޯޓު ކަރުދާސް ކޮޅެއް ދިން މައްސަލައެއް ފެންމަތިވެގެންނެވެ. މި މައްސަލައިގައި ވޯޓު ދޫކުރި ކުއްޖަކީ ޢުމުރުން 18 އަހަރު ނުވާ ކުއްޖެކޭވެސް ހިންނަވަރު ތެރޭގައި އަޑު ފެތުރިފައިވެއެވެ. ވޯޓުލަމުން ދިޔައިރު އެ މައްސަލަ ޖެހިގެން އެކުއްޖާއާއި  ބަލިމީހަކު ގޮވައިގެންގޮސް ދެވަނަ ފަހަރަށް ވޯޓުލީކަމަށް ބުނާ މީހާ ފުލުހުން ހައްޔަރު ކުރިކަމަށްވެސް މަންޒަރުދުށް މީހަކު އެމްއެލްއަށް ކިޔައިދިނެވެ.

ހިންވަރު ދާއިރާގެ ގިނަ މައްސަލަތަކެއް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށްވެސް ވަނީ ހުށަހަޅާފައެވެ.  އިންތިޚާބުގެ ވަގުތީ ނަތީޖާއިން ހިންނަވަރު ދާއިރާގައި ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުވެސް ޅ. އަތޮޅު މެންބަރު އިބްރާހިމް މުހައްމަދު ޞޯލިޙް ( އިބޫ ) އެވެ.  ތިން ކެންޑިޑޭޓުން ވާދަކުރި ހިންނަވަރު ދާއިރާގެ ވަގުތީ ނަތީޖާއަކީ އަމިއްލަ ގޮތުން ކުރިމަތިލެއްވި އަޙްމަދު ޝަރީފަށް ލިބިވަޑައިގެންފައިވަނީ 1315 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބޫއަށް 1410 ވޯޓް ލިބިވަޑައިގެންފައިވެއެވެ. އަމިއްލަގޮތުން ކުރިމަތިލެއްވި ޒިޔާދު ރަޝާދަށް ލިބިވަޑައިގެންނެވީ 41 ވޯޓެވެ.