ބުރާސްފަތި, 11 މާރޗް 2010 01:56
މަޖިލީހުން ރުހުންނެތި ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް ވަކިނުކުރެވޭނެގޮތަށް، ރައްޔިތުންގެ މަޖިލިހުން ނިންމައިފި
 
ރައްޔިތުންގެ މަޖިލީހުން ރުހުންނެތި  ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް ވަކިނުކުރެވޭނެގޮތަށް،  ރައްޔިތުންގެ މަޖިލިހުން ނިންމައިފި އެވެ،


ކުޅުދުއްފުށީ ދެނުކު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ސިފައިންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް މިއިސްލާހް ގެންނަން ފާސްވީ، ވޯޓަށް އެހުމުން  ފެންނަ ކަމަށާއި ނުފެންނަކަމަށް 35 ވޯޓް ލިބި ޓައި ވުމާގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް އަބްދުﷲ ޝާހިދު އެއިސްލާހަށް ތާއީދުކުރައްވައި ވޯޓް ދެއްވުމުންނެވެ.  ވޯޓްގައި ބައިވެރި ނުވަނީ އެންމެ މެންބަރެކެވެ.

ޑީއާރްޕީގެ ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖްތާޒު ހުށަހަޅުއްވައި، ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސައިން މަނިކް ތާއީދުކުރެއްވި އިސްލާހުގައި ބުނެފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުވުމުން، މަޖިލީހުގެ ކޮމިޓީއަކުން އެނަން ދިރާސާކޮށް މަޖިލީހަށް ފޮނުވާ ޖަލްސާގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް، އެމަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ހުށަހެޅުމުން، މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ހުށަހަޅާ ރިޕޯޓްގެމައްޗަށް ބިނާކޮށް، މަޖިލީހުގައި ނަގާ ވޯޓުން ޗީފް އޮފް ޑިފެންސް ފޯސް މަގާމުން ވަކިކުރުމަށް ފެންނަކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން ތާއީދުކުރުމުންނެވެ. ޗީފް އޮފް ޑިފެންސް ފޯސް މަގާމުން ވަކިކުރަން ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފިނަމަ އޭނާ އެމަގާމުން ވަކި ނުކުރެވޭނެ ކަމަށާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާނަމެއް މަޖިލީހުގެ ތަޅުމުން ފާސްނުވެއްޖެނަމަ، ދެވަނަ ފަހަރަށް އެނަމެއް ނުފޮނުވޭނެކަމަށްވެސް އެއިސްލާހުގައިވެއެވެ.  

މިއިސްލާހު ފާސްވިނަމަވެސް، މިއަދުގެ ޖަލްސާގައި މުޅި ބިލްއެކީ ފާސްކުރުމަށް ވޯޓަކަށް އަހާފައެއް ނުވެއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މިހާރު ހުންނެވީ މޭޖަރޖެނެރަލް މޫސާ އަލީ ޖަލީލެވެ.