ހޯމަ, 08 މާރޗް 2010 22:14
ބ.ގޮއިދޫގެ ގެއެއްގައި އަލިފާންރޯވެ އެގެ އެއްކޮށް އަނދައިފި

ބ.ގޮއިދޫ ގޯލްޑަންފުލާވާ ގޭގައި އަލިފާންރޯވެ އެގެ އެއްކޮށް އަނދައިފިއެވެ. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5:30 ހާއިރުއެވެ. އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކުރި މަސައްކަތުން މިރޭ ގާތްގަނޑަކަށް 7:00 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވިނަމަވެސް މިއަލިފާނުގެ ސަބަބުން އެގޭގައި ހުރި ހިފާގެންގުޅޭ ތަކެއްޗާއި ބައެއް އިލެކްޓޯނިކްސް ސާމާނުތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.

މިހާދިސާގައި އަނދާ ހުލިވެފައިވާ ގެއަކީ ޓިނުން ހިޔާކޮށް ވަށައިގެން ފަންޖަހާފައި ހުރި ގެއެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެގޭގައި ދިރިއުޅެމުންދަނީ މުޅިއެކު 3 މީހުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާދިސާ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤްކުރަމުންނެވެ.