| ހޯމަ, 08 މާރޗް 2010 01:17 |
| ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި ޞައްޙަ ނޫން ޑޮލަރު ތަކާއި ބެހޭ މަޢުލޫމާތު މީޑިޔާއަށް ހާމަކޮށްފި |
|
މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހޯދި ގިނަޢަދަދެއްގެ ޞައްޙަނޫން ޑޮލަރުތަކާއި ބެހޭ މަޢުލޫމާތު މީޑިޔާއަށް ހާމަކޮށްފިއެވެ. ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ހެޑްއޮފް ޕްރޮޕަޓީ ކްރައިމް ޔުނިޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ވިދާޅުވީ މިޑޮލަރުތައް ފެނިފައިވަނީ ފުލުހުން އިއްޔެ ހަވީރު މއ.ފޯޗޫންގެ ޗެކްކުރަމުންދަނިކޮށް އެގޭ 2 ވަނަ ފަންގި ފިލާގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިން ކަމަށާއި މިދޮންނަ މެޝިންގެ ތެރޭގައި ހުރި ކަރުދާސް ފޮށި ގަނޑެއްގެ ތެރެއިން 398500 (ތިންލައްކަ ނުވަދިހަ އަށްހާސް ފައްސަތޭކަ) ޞައްޙަނޫން ޑޮލަރު ފެނިފައިވާ ކަމަށެވެ. އަދި މިޑޮލަރު ތައް ހުރީ މުޅިންވެސް 100 (ސަތޭކަ) ޑޮލަރުގެ ނޫޓުން ކަމަށެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖަމްޝީދު ވިދާޅުވީ މިމައްސަލައާއި ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އެމީހަކީ މއ.ފޯޗޫން ގައި ދިރިއުޅެމުންދާ ށ. ކަނޑިތީމް ދިލާސާގެ އިބްރާހިމް ޚަލީލް 26 އ. އެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ މިޑޮލަރުތައް މުޖުތަމަޢު ތެރޭގައި ދައުރުވެފައިވޭތޯ ބެލުމަށް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެވެމުން މިހާރު ދާ ކަމަށާއި ޑޮލަރު ގަންނަ ފަރާތްތަކުން ޞައްޙަ ޑޮލަރުތޯ ބެލުމަށްފަހު ނޫނީ އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އެންމެހާ ރައްޔިތުންނަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އިލްތިމާސް ކުރެއްވިއެވެ. |
ކިޔުންތެރިންގެ ޚިޔާލް