އަންގާރަ, 09 ފެބްރުއަރީ 2010 10:15
ހިންމަފުށީ އައްސޭރި ޖަލަށް ހިއުމަން ރައިޓް ކޮމިޝަނުން ކުރި ޒިޔާރަތުގެ ރިޕޯޓް ނެރެފި


މާލެއަތޮޅު ހިންމަފުށީގައި ޤާއިމްކޮށްފައިވާ ނުރައްކާތެރިކަން ކުޑަ ޤައިދީން ބައިތިއްބަމުން އަންނަ އައްސޭރި ޖަލު ނުވަތަ ލުއި ޖަލަށް ހިއުމަންރައިޓްސް ކޮމިޝަނުން ކުރި ޒިޔާރަތަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓް ކަމާއި ބެހޭ ސަރުކާރުގެ އިދާރާތަކާއިއެކު ހިއްސާކޮށްފިއެވެ.

2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެކޮމިޝަނުން އައްސޭރިޖަލަށް ކުރި މި ޒިޔާރަތައްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖަލުގެ ހާލަތާއި އަދި ޤައިދީންގެ ޕާސަނަލް ފައިލް ފަދަ ރަސްމީ ލިޔެކިއުންތައް ބެލެހެއްޓުމުގައި ހަރުދަނާ އުސޫލެއް ނެތުމާއި، ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ކަންކުރާނެ ރަސްމީ އުސޫލެއް ހަމަޖެހިފައި ނެތުން އަދި އަލިފާން ނިއްވާނެ ނިޒާމެއް ޤާއިމް ކުރެވިފައި ނެތުން ހިމެނެއެވެ.

 މީގެ އިތުރުން ޖަލު ބަލަހައްޓާ އޮފިސަރުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނެތުމާއި، އޮފިސަރުންގެ ޢަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކޮށްފައިވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން އައްސޭރި ޖަލަށްކުރި މި ޒިޔާރަތަށްފަހު ނެރުނު މި ރިޕޯޓް ފަހުގެ ތާރީޚެެއްގައި އާންމުކުރުމަށް ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ 2009 ނޮވެމްބަރު 22 ވަނަ ދުވަހު، ސ.ގަމުގައި ޤާއިމް ކޮށްފައިވާ ވަގުތީ ޖަލަށް ކުރި ޒިޔާރަތުގެ ރިޕޯޓު 2010 ޖެނުއަރީ 4 ވަނަ ދުވަހު އާންމުކޮށްފައެވެ.


.