| އަންގާރަ, 22 ޑިސެމްބަރ 2009 18:21 |
| ދާޚިލީ ކޮމިޓީގެ ދައުރާއި ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް މަޖިލީހުން ރައްދުދެއްވައިފި |
ރައްޔިތުންގެ މަޖިލީހުގެ ދާޚިލީ ކޮމިޓީއާ ގުޅޭގޮތުން މިދެތިން ދުވަހު މީޑިއާގައި ޢާންމު ކުރެވެމުންދާ ބައެއް ވާހަކަތަކާ ގުޅޭގޮތުން ބައެއް އޮޅުންތައް އަރަމުންދާތީ، އެއޮޅުންތައް ސާފުކޮށްދިނުމުގެ ބޭނުމުގައި މަޖިލީހުން މިއަދު ނޫސް ބަޔާނެއް ނެރުއްވައިފިއެވެ. މިކަމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުއްވި ނޫސް ބަޔާން ތިރީގައި ހިމަނާލަމެވެ. '' ރައްޔިތުންގެ މަޖިލީހުގެ ދާޚިލީ ކޮމިޓީއަކީ، ޤާނޫނުއަސާސީއާއި ޤާނޫނުން އުފައްދަވާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމުތަކުން، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަވަން ބޭނުންފުޅުވާ މައްސަލަތައް މަޖިލީހާ ހަމައަށް ގެންނެވުމަށް އެކުލަވާލެވިފައިވާ ދާއިމީ ކޮމިޓީއެކެވެ. އަދި ހަމަ އެހެންމެ، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމުތަކުން ކުރައްވާ ކަންކަމާމެދު ޝަކުވާ އުފުއްލަވަން ބޭނުންފުޅުވާ ޢާންމު ފަރުދުންނާއި ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހާ ހަމައަށް ޝަކުވާތައް ހުށަހެޅުއްވުމަށް އޮންނަ 11 މެންބަރުންގެ ކޮމިޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އުޞޫލުތައް ނިޔާކުރާގޮތުން، ދާޚިލީ ކޮމިޓީގެ ދައުރުގެ ތެރޭގައި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމުތަކުގެ ހިންގުމުގައި ބަސްކިޔުމާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމުތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ދެންނެވުމާއި، މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމެއްނޯވެއެވެ. އެއީ، އެކޮމިޝަންތަކާއި މަޤާމުތަކުގެ މުސްތަޤިއްލު ކަމާއި މިނިވަންކަން ހިފެހެއްޓުމުގެ ގޮތުންނެވެ. އެހެންނަމަވެސް، މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމުތަކުގެ ތެރެއިން، ފަރާތަކުން ކުރައްވާ ކަމަކީ، އެފަރާތަކާ ގުޅޭ ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކާ ޚިލާފަށް ކުރައްވާ ކަމެއްކަމުގެ މައްޗަށް ހުށަހެޅޭ މައްސަލައެއް ބެއްލެވުމުގައި ޤާނޫނާއި ޚިލާފުކަމެއް ހިނގައިފިކަމަށް ދާޚިލީ ކޮމިޓީއަށް ފެނިވަޑައިގެންފިނަމަ، އެކަމެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ ޙައިޞިއްޔަތު އެކޮމިޓީއަށް ލިބިގެންވެއެވެ. އަދި އެކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދެވުމުގައި، ލިޔެ ކިޔުން ހޯދުމާއި، މީހުން ހާޒިރުކުރުމާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުން ހާޒިރުކުރުމާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް ހާޒިރުކުރުމުގެ ބާރާއި، އެކޮމިޝަންތަކާއި މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކާ ސުވާލުކޮށް މަޢުލޫމާތު ހޯދުމުގެ ބާރުވެސް އެކޮމިޓީއަށް ލިބިގެންވެއެވެ. ސިވިލް ސަރވިސްގެ ޚިދުމަތުގައި ހިމެނިގެންވާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާފައިވަނީ ޤާނޫނުގައި ބަޔާންވެގެންވާ ސަބަބުތައްނޫން އެހެން ސަބަބުތަކުގެ މައްޗަށް ކަމަށް ވިދާޅުވެ، މިހާތަނަށް، މަޖިލީހުގެ ދާޚިލީ ކޮމިޓިއަށް މައްސަލައެއް ހުށަހަޅުއްވާފައިވަނީ 21 ޑިސެމްބަރ 2009 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހެޅުއްވި މައްސަލަ އެކަންޏެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމުން އެކަން ހިނގާ ގޮސްފައިވާ ގޮތެއް ބައްލަވައިދެއްވުން އެދި ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު މީގެ ކުރިން ހުށަހެޅުއްވި މައްސަލައެއް ދާޚިލީ ކޮމިޓީން 7 އޮކްޓޯބަރ 2009 ވީ ބުދަދުވަހު އޮތް 19 ވަނަ ބައްދަލުވުމުގައި ބައްލަވާފައިވެއެވެ. އަދި އެކޮމިޝަންގެ މެންބަރުން އެދުވަހު ކޮމިޓީއަށް ހާޒިރުކުރައްވައި، ސުވާލުކުރައްވައި، ކަން އޮތްގޮތް ސާފުކުރައްވާފައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ދާޚިލީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ތެރެއިން، އެއް މިނިސްޓްރީއެއްގައި ދެ ޕަރމަނަންޓް ސެކްރެޓަރީން ތިއްބެވުމުގެ މައްސަލައާމެދު އެކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯއްދަވަން ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ބައްލަވާފައިވެއެވެ. އަދި، ރަށު އޮފީސްތަކަށް ޒިންމާދާރު އިސްވެރިން ޢައްޔަންކުރެއްވުމުގައި ސަރުކާރާއި ކޮމިޝަނާއި ދެމެދު އުފެދިފައިވާ މައްސަލައެއްވެސް ކޮމިޓީން ބައްލަވާފައިވެއެވެ. ކުރިންވެސް ދެންނެވިހެން، ދާޚިލީ ކޮމިޓީން މައްސަލައެއް ބެއްލެވޭނީ، ޝަކުވާއެއް ހުށަހެޅުމުން ކަމުގައިވާތީ، އެކޮމިޓީގެ މުޤައްރިރު އަމިއްލަފުޅަށް ވަކިކަމެއް ނުވަތަ މައްސަލައެއް ބެއްލެވުމަށް ކޮމިޓީގެ ބޭނުން ހިއްޕެވޭނެ އުޞޫލެއް މަޖިލީހުގެ ނިޒާމުގެ ތެރޭގައި ހަމަޖެހިފައެއް ނޯވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު 16 ޑިސެމްބަރ 2009 ވަނަ ދުވަހު ދިޓީވީ މެދުވެރި ކުރައްވައި ސިވިލް ސަރވިސް ކޮމިޝަނާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކައަކީ، އޭނާގެ ފަރުދީ ޙައިޞިއްޔަތުން ދައްކަވާފައިވާ ވާހަކައެކެވެ. ދާޚިލީ ކޮމިޓީގެ ފަރާތުން، ނުވަތަ ދާޚިލީ ކޮމިޓީގެ މުޤައްރިރުގެ ޙައިޞިއްޔަތުން ވާހަކަފުޅުދެއްކެވިނަމަ، އެކަން އިންތިޒާމްކުރާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި އެކަމުގައި އޭނާ ދެއްކެވީހީ އެކަމެއްގައި ދާޚިލީ ކޮމިޓީގެ ވިސްނުންފުޅު ހުރި ގޮތުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ވަކިކަމަކާމެދު އެމެންބަރަކު ފަރުދީ ހައިޞިއްޔަތުން ދެކެވަޑައިގަންނަވާގޮތް ހާމަކުރެއްވުމުގެ ފުރުޞަތު އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ލިބިވަޑައިގެންވެއެވެ. ވީމާ، ދާޚިލީ ކޮމިޓީގެ ދައުރާއި އެކޮމިޓީގެ މުޤައްރިރުގެ ދައުރާއި ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތައް، އެގޮތަށް ދެކެވެމުންދާތީ، ކަންއޮތްގޮތް ސާފުކޮށްދިނުމަށް މި ބަޔާން ނެރުނީމެވެ.'' |
ކިޔުންތެރިންގެ ޚިޔާލް