| އާދިއްތަ, 20 ޑިސެމްބަރ 2009 10:58 |
| ގިނައިރުގެ މަޝްވަރާތަކަކަށްފަހު ދުނިޔޭގެ ލީޑަރުންނަށް ކޯޕަންހޭގަންގައި އެއްބަސްވުމަކަށް އާދެވިއްޖެ |
|
ކޯޕަންހޭގަންގެ ހަޤީގީ ބަޠަލަކީ، ރައީސް މުޙައްމަދު ނަޝީދު : ޑެންމާކުގެ ބޮޑުވަޒީރު ލާސް ރަސްމުސެން - ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންގެ މެދުގައި ބޭއްވުނު ގިނައިރުގެ މަޝްވަރާތަކަކަށްފަހު އެއްބަސްވުމަކާ ހަމައަށް ވާސިލުވެވިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަރަށް އިސްރޯލެއް އަދާކުރައްވައިގެން މިޙާޞިލްކުރެވުނު އެއްބަސްވުން، ރަސްމީކޮށް ހުރިހާ ޤައުމަކުން ޤަބޫލުކުރިކަން އިޢުލާނު ކުރެވުނީ، އިއްޔެ ޑެންމާކް ގަޑިން ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.މިއެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މިއެއްބަސްވުމުގައި ހުރިހާ ފަރާތްތަކަކުންވެސް އެދުނުގޮތްތަކާއި، ޤައުމުތަކުގެ މެދުގައިވާ ތަފާތުތައް ނައްތާލައްވަންވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެންމެނަށް އެއްބަސްވެވޭ އެއްބަސްވުމަކަށް އެންމެފަހުން އާދެވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއެއްބަސްވުން އެކުލަވާލަވާލައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމެރިކާގެ ރައީސާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި، ފަރަންސޭސިވިލާތުގެ ރައީސާއި، ޖަރުމަނުވިލާތުގެ ޗާންސެލަރާއި، އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި، ޗައިނާގެ ޕްރިމިއަރއާއި، އިންޑިޔާގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާ ގޮތަށް 25 ޤައުމެއްގެ އިސްވެރިން ބައްދަލުކުރައްވައިގެންނެވެ. އެއަށްފަހު، އިތުރު މަޝްވަރާތަކަށްފަހު 150 ޤައުމަކުން ވަނީ މިއެއްބަސްވުން ޤަބޫލުކޮށްފައެވެ. މަޝްވަރާތައް ފެއިލްވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި، ދުނިޔޭގެ މުސްތަޤްބަލަށާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްޓަކައި މިއެއްބަސްވުން ޤަބޫލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. ޖައްވަށް ވިހަގޭސް ބޭރުކުރުން މަދުކުރުމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އެންމެބޮޑު ޤައުމުތަކަށް މާލީ އެހީދިނުމަށް މިއެއްބަސްވުމުގައި ގޮވާލައްވާފައިވެއެވެ. މިއެއްބަސްވުން ނިންމަވާލެއްވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ކޯޕަންހޭގަންގެ ހަޤީގީ ބަޠަލަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމުގައި ޑެންމާކުގެ ބޮޑުވަޒީރު ލާސް ރަސްމުސެން ވަނީ ވިދާޅުވެފައެވެ. |
ކިޔުންތެރިންގެ ޚިޔާލް