ހުކުރު, 27 ނޮވެމްބަރ 2009 16:15
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކުމާ ދެކޮޅު ހެދުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ދިވެހި އެންމެހާ ރައްޔިތުން ދެކޮޅު ހެދުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުބާރީ އަރަފާތު ބިމުގައި ހުންނަވައިގެން ދިވެހިރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އަރަފާތު ބިމުގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވަމުން ދިވެހިރާއްޖޭގެ މިއަހަރުގެ އަމީރުލްހައްޖު ޑރ. މަޖީދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ރާއްޖޭގައި ފައްޅި އެޅުމަށް ބޭރުގެ އެކިއެކި ޖަމާޢަތްތަކުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ  އެކަމަށް މަސައްކަތް ކުރާ ރާއްޖެއިން ބޭރުގެ ބައެއް މީހުން ސީދާ އެމަނިކުފާނާއި އެޕޮއިންޓްމަންޓް ހަދައިގެން ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުބާރީ ރާއްޖޭގެ ހައްޖުވެރިން އަރަފާތު ބިމުގައި ތިބި ފޭލިގެތަކަށް ޒިއާރަތް ކުރައްވާ  ދެއްވި ތަގުރީރުތަކުގެ ތެރޭގައި އަތަމާ ގްރޫޕުގެ ޓެންޓުގައި ދެއްވި ތަޤުރީރުގައި ދިވެހި ރާއްޖޭގެ ދީނީ ޙާލަތަށް އަލިޢަޅުވާލެއްވިއެވެ. މިގޮތުން މުޖުތަމަޢުގެ ތެރޭގައި ރިބާކެއުމާއި ޒިނޭ ފަދަ ފާހިޝް އަމަލުތަށް ޢާއްމުފައިވާކަމާއި މިފަދަ ކަންތައްތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރައްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވަމުން މިއަދު މުޅި ދުނިޔެއަށާއި އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތި ވަމުން އަންނަ ތިމާވެށީގެ ނުރައްކާތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. ނަމަވެސް އަޅުގަނޑުމެން އެ ޖަޒީރާ ރަށްތަކުގައި ލެއްވެވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ހަނދާންނައްތާލައިގެން ނުވާނެކަމާއި ހުރިހާ ކަމެއްގައިވެސް ސަބަބުތަކުގައި ހިފެހެއްޓުމާއެކު އެއިލާހަށް ވަކީލުކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.