އާދިއްތަ, 22 ނޮވެމްބަރ 2009 12:39
މ. އަތޮޅު މުލިން އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވްވި މީހާއަށް އޫރު ރޯގާ ޖެހިއްޖެ

 އޫރު ރޯގާގެ ހާލަތު ރާއްޖޭގައި ތިން ވަނަ ދަރަޖައަށް އަރައިފި
 

އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވެގެން މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މ. މުލީ ޢުމުރުން 27 އަހަރުގެ މީހާއަށްވެސް އޫރު ރޯގާ ޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ކަށަވަރުކޮށްދެއްވައިފިއެވެ. މިއަދު މި ރޯގާއަށް ޕޮޒިޓިވްވި މީހާއާއި އެކު މިހާރު ރާއްޖޭގައި އޫރު ރޯގާޖެހިފައިވާ މީހުންގެ ޢަދަދު ހަތަރަކަށް އެރީއެވެ.

ރޭ އިންޑިޔާއިން އައި ތިން އަހަރުގެ ދިވެހި އަންހެންކުއްޖަކު އިންފްލުއެންޒާގެ އަލާމާތްތަކަށް ޝައްކުކުރެވިގެން ކުރި ޓެސްޓުން އެކުއްޖާ އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައިވާތީ ކަރަންޓީން ފެސިލިޓީގައި ފަރުވާދެމުން އަންނަ ކަމަށާއި، މިދިޔަ ބުރާސްފަތި ވެސް ދުވަހު އިންޑިޔާއިން އައި ބޭރުމީހަކުވެސް އިންފްލުއެންޒާއަށް ޕޮޒިޓިވް ވެގެން  އެމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އެންމެ ފަހުން އޫރު ރޯގާ ޖެހިފައިވާކަން ޔަޤީންވި ހަތަރުމީހުންނާއި އެކު މިހާތަނަށް ރާއްޖެއިން އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޢަދަދު 12 އަށް އެރީއެވެ. ރާއްޖޭގައި މިހާތަނަށް މި ރޯގާ ޖެހިފައިވާ މީހުންގެ ތެރެއިން ފަސްމީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. އަދި ހަމީހަކަށް ވަނީ ފަރުވާދެވި ދޫކޮށްލެވިފައިވާއިރު، ރާއްޖޭގައި މި ރޯގާ ޖެހިގެން އެކަކު ވަނީ މަރުވެފައެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވި ގޮތުގައި އޫރު ރޯގާގެ ހާލަތު ވަނީ ތިން ވަނަ ދަރަޖައަށް އަރާފައެވެ. މި ދަރަޖައަކީ ވަކި ސަރަޙައްދެއްގައި މިބަލި ފެތުރެމުންދާއިރު، ދަރަޖަކުރެވޭ މިންގަޑު ކަމަށެވެ.